އަޅުގަނޑުމެން އެންމެންވެސް ނަމޫނާ އަކަށް ބަލަން ޖެހޭނީ ކީރިތި މާތް ނަބިއްޔާ އެވެ. އެކަލޭގެފާނަކީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތްﷲ ގެ ރަސޫލާއެވެ. އަލް އަމީނެވެ. އެކަލޭގެފާނު ދުނިޔެ ދޫކުރެއްވުމުގެ ކުރީން އެކަލޭގެފާނުވަނީ މާތްﷲ ގެ ފޮތާއި އަދި އެކަލޭގެފާނު ސުންނަނަތުގައި ބާރަށް ހިފަހައްޓައިގެންތިބުމަށް މީސްތަކުންނަށް ވަޞިއްޔަތް ކުރައްވާފައެވެ. އެކަލޭގެފާނުގެ ޞަޙާބާއިންނާއި، ތާބިޢީން އަދި ތަބާއައްތާބިޢީން ހިންގެވީ އެކަލޭގެފާނު ހިންގެވި މަގުންނެވެ. އަދި މީގެ އިތުރުން އުއްމަތުގެ ބޮޑެތި ޢިލްމުވެރީންނާއި މުޙައްދިޘުންނާއި މުޞްލިޙުންނާއި، މުޖުތަހިދުންނާއި، މިފަދަ ބޭބޭކަލުންވެސް ހިންގެވީ މާތް ނަބިއްޔާ ހިންގެވި މަގުންނެވެ. އެކަލޭގެފާނުގެ ސުންނަތާ ޚިލާފުވެ ދެކޮޅު ހަދަން އަޅުގަނޑުމެންމިއީ ކޮންބައެއްތޯއެވެ؟ ވީމާ އަޅުގަނޑުމެން ޖެހެނީ ކީރިތި ޤުރުއާނާއި މާތްނަބިއްޔާގެ ސުންނަތަށް ފުރިހަމައަށް ބޯލަނބާށެވެ. މި ފަނާވަނިވި ދުނިޔޭގައި އެންމެ ” ހިޓް ” މީހާއަށް ވުމުގެ ބަދަލުގައި ޤިޔާމަތްދުވަހުން މާތްﷲ ރުއްސަވާނޭ މީހަކު ކަމުގައި ވުމަށް އަޅުގަނޑުމެން ގަދަ އަޅައި މަސައްކަތް ކުރަންޖެހެއެވެ.
ކަންއޮތީ މިހެން ކަމުގައި ވީނަމަވެސް އަޅުގަނޑުމެންގެ މި ކުޑަކުޑަ އިސްލާމީ މުޖުތަމަޢުއިން ފެނިގެންމިދަނީ މުޅީން އެހެން މަންޒަރެކެވެ. އެންމެ ކުޑަ ކުއްޖާއިން ފެށިގެން އެންމެ މުސްކުޅި މީހާއާ ހަމައަށް ބަލައިލައިފި ކަމުގައި ވަނީނަމަވެސް ނަމޫނާ އަކަށް ދެކެނީ ކޮންމެވެސް އެހެން ޤައުމެއްގެ ނުވަތަ ރަށެއްގެ މީހެކެވެ. ކުޑަކުދީންނަމަ ކޮންމެވެސް ކާރޓޫން ކެރެކްޓާރ އަކަށް ތަބާވުމުން މެނުވީ އެކުދީން ހިތްހަމަ ޖެހޭ ކަމުގައިނުވެއެވެ. ފުރާވަރަށް އަރާފަތިބޭ ކުދީން ކޮންމެވެސް މޮޑެލް އަކަށް ނުވަތަ ފިލްމުސްޓާރ އަކަށް ތަބާވަމުންދާއިރު، ދެބައި އުމުރުގެ މީހުން ތަބާވަމުންދަނީ އެމީހުންގެ ފިކުރާއި ދާއިރާއާއި ގުޅޭ ދުނިޔަވީ ކޮންމެވެސް އެހެން ޝަހްސައްޔަތަކަށެވެ. ދަންނަވަންތޯއެވެ. ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅު މިސާލު ވަނީ މާތްނަބިއްޔާގެ ކިބައިގައެވެ. ކީރިތި ޤުރުއާނުގައި އިތުރު އެކަލޭގެފާނަށް ތަބާވުމަށް މާތްﷲ ވަނީ އެތަކެއް އާޔަތެއްފައި ވަޙީ ކުރައްވާފައެވެ.
މިގޮތުން:
މާތް ﷲ އެންގެވި ގޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތާ ޚިލާފް ޢަމަލަކީ މުޅީން ބާޠިލް ޢަމަލުތައްކަމުގައި އަންގަވައި މާތްﷲ ވަހީ ކުރައްވަނީ
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَلَا تُبْطِلُوٓا۟ أَعْمَـٰلَكُمْ ﴿٣٣﴾ سورة محمد
މާނައީ: ” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް ކިޔަމަންވާށެވެ! އަދި رسول އާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ عمل ތައް ތިޔަބައިމީހުން باطل ނުކުރާހުށިކަމެވެ! “
ޤިޔާމަތްދުވަހުގައި މީސްތަކުން މަހްޝަރު ކުރެވޭއިރު ކޮންމެ މީހަކުވެސް ވާނީ ދުނިޔޭގައި އެމީހަކު ތަބާވީ މީހަކާއިއެކުގައެވެ.
وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَـٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّـٰلِحِينَ ۚ وَحَسُنَ أُو۟لَـٰٓئِكَ رَفِيقًا ﴿٦٩﴾ سورة النساء
މާނައީ: ” اللَّه އަށާއި، رسول އާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، اللَّه އެބަޔެއްގެ މައްޗަށް نعمة ދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، صدّيق ންނާއި، شهيد ންނާއި، صالح ންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ. “
މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ފުރިހަމަ ގޮތުގައި ތަބާވާ މީހާގެ ޢަމަލުތައް މާތްﷲ އިޞްލާޙު ކޮށްދެއްވާނެތެވެ.
يُصْلِحْ لَكُمْ أَعْمَـٰلَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَن يُطِعِ ٱللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾ سورة الأحزاب
މާނައީ: ” (އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ عمل ތައް އެކަލާނގެ إصلاح ކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ نصيب ލިބުމަކުން އެމީހާއަށް نصيب ލިބިއްޖެއެވެ. “
މީގެ އިތުރުންވެސް މާތްﷲ ޠަޢާލާ ވަޙީ ކުރައްވަނީ:
ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِ وَٱلْمُؤْمِنُونَ كُلٌّ ءَامَنَ بِٱللَّهِ وَمَلَـٰٓئِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ وَقَالُوا۟ سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ ﴿٢٨٥﴾ سورة البقرة
މާނައީ: ” رسول އާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި قرآن އަށް) رسول އާއާއި مؤمن ން إيمان ވިއެވެ. އެ އެންމެންމެ اللَّه އާއި، އެކަލާނގެ ملائكة ންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި رسول ންނަށް إيمان ވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ رسول ންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ حضرة އަށެވެ. “
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَرَسُولَهُ وَلَا تَوَلَّوْا۟ عَنْهُ وَأَنتُمْ تَسْمَعُونَ ﴿٢٠﴾ سورة الأنفال
މާނައީ: ” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން (އެކަލޭގެފާނު ވިދާޅުވާ އެއްޗެއް) އަޑުއަހާންތިބެފައި، އެކަލޭގެފާނަށް ފުރަގަސްނުދޭށެވެ! “
وَأَطِيعُوا۟ ٱللَّهَ وَرَسُولَهُ وَلَا تَنَـٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ وَٱصْبِرُوٓا۟ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ ﴿٤٦﴾ سورة الأنفال
މާނައީ: ” އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ. “
މާތްﷲ އަޅުގަނޑުމެންނީ މާތް ނަބިއްޔާގެ ސުންނަތަށް ފުރިހަމައަށް ތަބާވާ އަދި ޢަމަލު ކުރާ ބަޔަކު ކަމުގައި ލައްވާށިއެވެ.