މާތް ﷲ އެދެބައިކަލުންނަށް ރުއްސުންލެއްވި ޢަބްދު ﷲ ބުން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާތީ ތިމަން އަޑު އެއްސެވީމެވެ. ” ތިޔަބައިމީހުންގެ ކުރީގެ އުއްމަތެއްގެ މީހުންކުރެ ތިން މީހަކު އެއްދުވަހަކު ދަތުރަކު ނިކުތެވެ. ދަތުރުމަތީ އިރުއޮއްސި އަނދިރިވާން ފެށުމުން ނިދުމަށްޓަކައި ފަރުބަދައެއްގެ ހޮހަޅައަކަށް އެބައިމީހުންވަނެވެ. އެހިނދު ފަރުބަދަމަތިން ފުރޮޅިގެންއައި ވަރަށް ބޮޑު ހިލައެއް އެހޮހަޅައިގެ ދޮރުމައްޗަށް ވެއްޓި ހޮހޮޅައިގެ ދޮރު ބަންދު ވެއްޖެއެވެ. އެހިނދު އެބައިމީހުން ހޮހަޅައިގެ ދޮރުމަތީ އޮތް ހިލަގަނޑު ދޮރުމަތީން އެއްކައިރި ކުރެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. އެހެނަސް އެބައިމީހުންގެ މަސައްކަތުގައި އެބައިމީހުންނަކަށް ކާމިޔާބު ވާގޮތެއް ނުވިއެވެ. ގިނަވަގުތު ތަކެއްގެ މަސައްކަތަށްފަހު އޭގެ ތެރެއިން އެކަކު ބުންޏެވެ. ” އަހަރުމެންނަށް ކުރެވިފައިވާ ޞާލިޙު ޢަމަލުތަކުން ދުޢާކޮށްގެން މި މުޞީބާތުން ސަލާމަތްކުރެވުން އެދި ﷲ އަށް ދަންނަވަމާ ހިނގާށެވެ. ” މިގޮތަށް ހުރިހާ މީހުން އެއްބަސްވެ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވިފައިވާ ހެޔޮ ޢަމަލަކުން ﷲ އަށް ދުޢާ ކުރިއެވެ.
ފަހެ އޭގެ ތެރެއިން ފުރަތަމަ މީހާ ދުޢާކޮށް ދެންނެވިއެވެ. [ އޭއަޅުގެ ވެރި އިލާހެވެ! މިއަޅާ ބަޔަކުލައްވައި ކުއްޔަށް މަސައްކަތް ކުރުވަން އެއްބަސްކުރުވައި އެބައިމީހުން ލައްވައި މަސައްކަތް ކުރުވީމެވެ. އަދި އެބައިމީހުންގެ ތެރެއިން އެކަކަށް ފިޔަވައި އެންމެންނަށް އެބައިމީހުންނަށް ޙައްޤުވެގެންވާ އުޖޫރަ ތިމަން ދިނީމެވެ. އޭނާއަށް ދިނުމަށް ކަނޑައެޅުނު އުޖޫރަ އަތުނުލައި އޭނާ އެނބުރި ދިޔައީއެވެ. ފަހެ ތިމަންއަޅާ އޭނާގެ އުޖޫރައިން މަސައްކަތްކޮށް އޭނަގެ އުޖޫރަ ގިނަކޮށް އިތުރު ކުރަމުން ދިޔައީމެވެ. އެންމެފަހުން އެއިން ވަރަށް ގިނަގުނަ މުދާތައް އިތުރުވެއްޖެއެވެ. ފަހެ ދުވަސްކޮޅެއް ފަހުން އޭނާ މިއަޅާއާ ބަދަލުކޮށް ބުނެފިއެވެ. ” އަހަރެން މިއައީ އަހަރެން ބަހައްޓާފައިދިޔަ އުޖޫރަތައް ބަލައެވެ. ” އެވަގުތު މިއަޅާ ބުނީމެވެ. ” ތިބާއަށް މިފެންނަން ތިބި ހުރިހާ މުދަލަކީ ( ޖަމަލާއި ، ގެރިބަކަރިއާއި ، އަޅުންނަކީ ) ތިބާގެ ތަކެއްޗެވެ. ” އެނާ އެތަކެތި ފެނުމުން ( ޙައިރާންވެގެން ) ބުންޏެވެ. ” އަހަރެންނާ ސަމާސާ ނުކޮށް އަހަރެންގެ އުޖޫރަ ދޭށެވެ. ” ތިމަން އަޅާ ބުނީމެވެ. ” އަހަރެން މިކުރަނީ ސަމާސާއެއް ނޫނެވެ. އެއީ މުޅިންވެސް ތިބާގެ ޙައްޤެވެ! ތިބާ އެތަކެތި ގެންދާށެވެ. ” ފަހެ އޭނާ އޭގެ ތެރެއިން އެއްވެސް އެއްޗެއް ދޫނުކޮށް އެހުރިހައި ތަކެތި އެކުގައި ގެންދިޔައީއެވެ. އޭ އަޅުގެ ވެރި އިލާހެވެ! މިއަޅާ މިކުޅަ ކަންތަކަކީ އިބައިލާހުގެ ވަޖުހުފުޅު އަދައިގެން ކުޅަކަމެއް ކަމުގައި ވަނީނަމަ އަޅަމެން މިތިބަ މުޞީބާތުން ސަލާމަތް ކުރައްވައި ފާނދޭވެއެވެ. ] އޭނަގެ ދުޢާ ނިމުމާއެކު ހޮހޮޅައިގެ ދޮރުމަތީ އޮތް ހިލަގަނޑު ކުޑަކޮށް އެއްފަރާތް ވެލިއެވެ. އެކަމަކު އެބައިމީހުންގެ ތެރެއިން އެކަކަށްވެސް ނިކުމެވޭ ވަރެއް ނުވިއެވެ.
ދެވަނަ މީހާ ﷲ އަށް ދުޢާކޮށް ދެންނެވިއެވެ. [ އޭއަޅުގެވެރި އިލާހެވެ! މިއަޅާގެ ބޮޑުބޭބެގެ އަންހެން ދަރިއަކުވިއެވެ. އޭނާ ދެކެ ހުރިހާ ބަޔަކަށްވުރެ ބޮޑަށް މިއަޅާ ލޯބިވީމެވެ. އަދި އޭނާގެ ހަށިގަނޑު މިއަޅާއަށް ހަދިޔާކުރުމަށް މިއަޅާ އެދުނީމެވެ. އެކަމަކު އެއަންހެން ކުއްޖާ މި ( ނުބައި ފާޙިޝް ) ޢަމަލު ކުރުމަށް އިންކާރުކޮށް ދެކޮޅުހެދިއެވެ. މިގޮތުން މިއަޅާގެ ކިބައިން އެތަށް ދުވަހަކު ދުރުހެލިވެގެން ހުރުމަށްފަހު އެއްދުވަހަކު މިއަޅާގެ ގާތަށް އައެވެ. ފަހެ، މިއަޅާ އޭނާއަށް 120 ދީނާރު ދިނީމެވެ. އެއީ މިއަޅާ ބޭނުންވާ ކަންތައް ކުރުމަށްޓަކައި އޭނާގެ ހަށިގަނޑު މިއަޅާއަށް ހަދިޔާ ކުރޭތޯއެވެ. މިއަޅާގެ ހިތުގެ އެދުމަށް އޭނާ ހުރަސްނައަޅާތޯ، އެކަމުގެ އެދުމުގައެވެ. ފަހެ މިއަޅާ އެދުނު އެދުން އޭނާ ޤަބޫލުކުރިއެވެ. ދެން އޭނާއާއެކު މިއަޅާ ހިތްއެދޭ ފާޙިޝް ކަންތަކަށް އަރައިގަންނަން ތައްޔާރުވެ ދެމީހުން އެކަމަށް ތައްޔާރުވީ ހިނދު އޭނާ ބުނެފިއެވެ. ” ބަންދުވެފައިވާ މިސިލް އޭގެ ޙައްޤު ފުރިހަމައަށް އަދާނުކޮށް ކަނޑައިލުމަކީ ތިބާކުރުން ޙަލާލުވެގެންވާ ކަމެއް ނޫނެވެ. ” ހަމައެވަގުތު މިއަޅާ އޭނާއާއެކު ކުރަން އުޅުނު ބޮޑުވެގެންވާފާފަނުކޮށް އޭނާގެ ކިބައިން ދުރުހެލިވެގަނެގެން ހިނގައްޖައީމެވެ. އޭރުވެސް މީސްތަކުންކުރެ މިއަޅާ އެންމެބޮޑަށް ލޯބިވާމީހަކީ އެއީއެވެ. އަދި އޭނާއަށް މިއަޅާ ދިން ފައިސާތައްވެސް އަތުނުލައި ދޫކޮށްލީމެވެ. އޭއަޅުގެ ވެރި އިލާހެވެ. މިއަޅާގެ މިފަދައިން ޢަމަލުކުރީ ހަމައެކަނި އިބައިލާހުގެ ވަޖުހުފުޅަށްޓަކައި ކަމުގައިވަނީ ނަމަ އަޅަމެން މިތިބަ މުޞީބާތުން މިންޖުކުރައްވައި ސަލާމަތް ކުރައްވާދޭނވެ! ] ފަހެ އޭނާގެ ދުޢާ ނިމުމާއެކުވެސް ހިލަގަނޑު ދޮރުމަތީން ކުޑަކޮށް އެއްފަރާތް ވެލިއެވެ. އެހެނެއްކަމަކު އަދިވެސް އެކަކަށްވެސް އެތަނުން ބޭރަށް ނިކުމެވޭވަރެއް ނުވެއެވެ.
ތިންވަނަމީހާ ދުޢާކުރަން ފެށިއެވެ. [ އޭއަޅުގެ ވެރި އެންމެ އޯގާވަންތަ އިލާހެވެ! އަޅުގެ މައިންބަފައިންނަކީ ވަރަށް މުސްކުޅި ބަލިކަށި ބައެކެވެ. އެދެމީހުން ރޭގަނޑުގެ ކެއުން ކައިފުމަށްދާންދެން މިއަޅާ އާއި މިއަޅާގެ އަނބިދަރީންނެއްވެސް ކައިބޮއެ ނަހަދައެވެ. އެއްދުވަހަކު މިއަޅާގެ ބަކަރިތައް ހުއިހެއްޕުމުގައި މާދުރު ހިސާބަކަށް ދާންޖެހުނެވެ. އަދި މިއަޅާގެ މައިންބަފައިން ނިދުމުގެ ކުރިން އެދުވަހު ގެއަކަށް ނާދެވުނެވެ. ފަހެ އެދެމީހުންނަށް ރޭގަނޑަށް ބޭނުންވާ ކިރު މިއަޅާގެ ބަކަރިތަކުން ފެލީމެވެ. އަދި އެދެމީހުން ނިދާފައި ތިބުމުގެ ސަބަބުން އެދެމީހުންނަށް ކިރު ނުބޮވުނީތީ މިއަޅާވެސް އަދި މިއަޅާގެ އަނބިދަރީންވެސް ރޭގަނޑުގެ ކެއުންނުކައި ލަސްކުރީމެވެ. އަދި އެދެމީހުންނަށް ތައްޔާރުކުރި ކިރުތަށި ހިފައިގެން އެދެމީހުން ހޭލާފާނެކަމުގެ އިންތިޒާރުގައި އެދެމީހުންގެ ގާތުގައި މިއަޅާ ހޭލާ ކޮޅަށް ހުރީމެވެ. އޭރު މިއަޅާގެ ދަރިންގެ ތެރެއިން ކުޑަދަރިފުޅު ބަނޑުހައިވެގެން ކިރުފޮދެއް ދިނުމަށްއެދި މިއަޅާގެ ފައި ދޮށަށް ވެއްޓި ރޮއި އާދޭސް ކުރަމުން ދިޔައެވެ. މިހެންހުއްޓާ އެދެމީހުން ފަތިސްވީފަހުން ހޭލައި އެދެމީހުންގެ ކިރުތަށި ބޮއެފިއެވެ. އޭއަޅުގެ ވެރި އިލާހެވެ. އަޅުގެ މިޢަމަލަކީ އިބައިލާހުގެ ވަޖުހުފުޅަށްޓަކައި މިއަޅާ ކޮށްފައިވާ ހެޔޮކަމެއް ކަމުގައި ވަނީނަމަ އަޅަމެންނަށް މިދިމާވެފައިވާ މުޞީބާތުން ސަލާމަތްކޮށްދެއްވާނދޭވެ. ] ފަހެ އެންމެ ފަހު މީހާގެ ދުޢާ ނިމުމާއެކު ހޮހޮޅައިގެ ދޮރުމަތީ އޮތް ހިލަގަނޑު މުޅިން އެއްފަރާތް ވެއްޖެއެވެ. އަދި އެބައިމީހުންނަށް ދިމާވެފައިވާ މުޞީބާތުން އެބައިމީހުން މިންޖުވެ ސަލާމަތްވެއްޖެއެވެ. “
( ރިވާކުރެއްވީ ބުޚާރީ އާއި މުސްލިމް )
الله أكبر! މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ މަތިވެރިކަމާއެވެ.