﴿فَأَثَرْنَ بِهِ﴾ އެބަހީ ދުވެލި ބާރު މިއަސްތައް ޢަދުއްވުންނަށް އަޘަރު ފޯރުކުރެއެވެ. މިހަމަލާވަނީ ﴿نَقْعًا﴾ [އިންނެވެ.] އެއީ ގަދަފަދަ ދުވެލީގެ ސަބަބުން އަރައިގެންދާ ހިރަފުސްގަނޑެވެ. ފަހެ އަހަކީ ޢަދުއްވުން ބިމުގައި ގަދަވެގަނެއްޖެނަމަ އޭގެ ދުވުމުގައި އެބަޔަކު ތިބިތަނަށާއި ފިލައިދާނެހާ ތަނެއް ހިރަފުސްކޮށްލާ އެއްޗެކެވެ.
﴿فَوَسَطْنَ بِهِ﴾ އެބަހީ އަސްތައް މިހިރަފުސްގަނޑުގެ މެދަށް ވަދެތެވެ. ﴿جَمْعًا﴾ ޔަޢުނީ އެންމެހާ ޢަދުއްވުންގެ ތެރެއަށާއެވެ. އެބަހީ އެއަކަށް ވަކި އަމާޒެއް ނެތެވެ. އަދި ޢަދުއްވުންގެ މެދަށް [ވަދެވުމުން] މެނުވީ އޭގެ އަމާޒުގެ ނިމުން ނާދޭމެއެވެ. އަހުގައި ވަނީ މުޅީންވެސް ހެޔޮކަން ކަމުގައި ވުމާއެކު މިއީ އަހުން ލިބޭ ފައިދާ ތަކުގެ ތެރެއިން މުހިންމު ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. ((الْخَيْلُ مَعْقُودٌ فِي نَوَاصِيهَا الْخَيْرُ إِلَى يَوْمِ الْقِيَامَةِ))[1] މާނައީ: “ޤިޔާމަތަށް ދާންދެން އަހުގެ ނިތްކުރިތަކުގައި ހެޔޮކަން އެކުލެވިގެން ވެއެވެ.” ހަރުކޮށް ދުވާ -އޭގެ އަމާޒަށް ވާޞިލުކުރުވި މިއަސްތަކުން- އަދި އެއްވެސް ވަރުބަލިކަމަކާއި ބިރުގަތުމެއް އަދި ފަސްޖެހުމެއްނެތި ޢަދުއްވުންގެ މެދަށް ވަދެ ހަމަލާދޭ މިއަސްތަކުން ﷲ ތަޢާލާ ހުވައިގެ ބަސްފުޅު ވަޙީ ކުރެއްވިއެވެ.
ދެންފަހެ ހުވައި ކުރެވޭ ފަރާތް ދަންނައެވެ. ފަހެ އެއީ އިންސާނާއެވެ. ވަޙީ ކުރެއްވިއެވެ: ﴿إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ﴾ “ހަމަކަށަވަރުން، އިންސާނާއީ، އޭނާގެ ވެރިރަސްކަލާނގެއަށް ހަރާންކޯރުވުން ބޮޑު މީހެކެވެ.” މިތާނގައި އިންސާނާގެ މުރާދަކީ ނަސްލެވެ. އެބަހީ އިންސާނީ ނަސްލެވެ. ތެދުމަގު ލިބުމުގެ ތައުފީޤު ނުލިބިއްޖެނަމަ އޭނާއީ ﴿لَكَنُودٌ﴾: ﷲ ތަޢާލާގެ ނިޢުމަތްތަކަށް ޙަރާމްކޯރުވާ މީހެއް ކަމުގައި ވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ: ﴿وَحَمَلَهَا الإِنسَانُ إِنَّهُ كَانَ ظَلُومًا جَهُولًا﴾ [سورة الأحزاب: 72] މާނައީ: “އަދި އިންސާނާ އެއަމާނާތް އުފުލިއެވެ. ހަމަކަށަވަރުން، އެ އިންސާނާވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ.”
މިތާނގައި އިންސާނާގެ މުރާދަކީ ކާފިރު މީހާ ކަމުގައިވެސް ބުނެވެއެވެ. މިހެންކަމަށް ވާނަމަ ޢާންމުކަމަކުން ޚާއްޞަ ކަމެއް އެދެނީއެވެ. އަދި ފާޅުވެ ފެންނަންއޮތީވެސް ޢާންމު މާނައެވެ. އެހެނީ އިންސާނީ ނަސްލަށް ﷲ ތަޢާލާގެ ހިދާޔަތު ނުލިބިއްޖެނަމަ އެބައިމީހުން ވާހުށީ އެބައިމީހުންގެ ވެރިރައްބަށް ޙަރާމްކޯރުވާ ބައެއް ކަމުގައެވެ. އެއީ ކާފިރުކަމެވެ. އެބަހީ ﷲ ތަޢާލާގެ ނިޢުމަތްތަކަށް ކާފިރުވެގަންނަ މީހެއް ކަމުގައެވެ. ﷲ ތަޢާލާ އޭނާއަށް ރިޒުޤު ދެއްވައި ގުނަގުނަޔަށް އިތުރުކޮށްދެއްވައެވެ. ފަހެ އެތަކެތި ފެންނަހިނދު ﷲ ތަޢާލާގެ މަތިން ހަނދުމަނެތި ހައްދުފަހަނައަޅާ ދާބަޔަކު މީސްތަކުންގެ ތެރެއިން ވެއެވެ. އަދި އާދަމުގެ ދަރީންގެ ތެރެއިން ގިނަބަޔަކު ފަސާދަވެގެންދާކަން ކަށަވަރީ ފަހެ އެބައިމީހުންނަށް ﷲ ތަޢާލާ ދެއްވި ނިޢުމަތްތަކަށް ކުފުރުވެރި ވުމުގެ ސަބަބުންނެވެ. ﷲ ތަޢާލާގެ ނިޢުމަތްތަކަށް އިންކާރުކޮށް އަދި އެކަމަށް ޝުކުރު އަދާކުރުމެއް ނެތި އަދި އެކަލާނގެއަށް ކިޔަމަންތެރި ވެގަތުމަށް އިސްކަމެއް ނުދިނުމީ ﷲ ތަޢާލާގެ ނިޢުމަތްތަކަށް ޙަރާމްކޯރު ވުމެވެ.
﴿وَإِنَّهُ عَلَىٰ ذَٰلِكَ لَشَهِيدٌ﴾ [މިތާނގެ] ﴿وَإِنَّهُ﴾ ގައިވާ ޟަމީރު (އެބަހީ هـ) ރައްދުވަނީ ﷲ އަށް ކަމުގައި ބުނެވެއެވެ. އެބަހީ ﷲ ތަޢާލާގެ ނިޢުމަތްތަކަށް އަޅާ ކާފިރުވާ ކާފިރުވުމަށް ﷲ ތަޢާލާ ހެކިވެވޮޑިގަންނަވައެވެ. އަދި ބުނެވެއެވެ: އެޟަމީރު ރައްދުވަނީ އިންސާނާގެ ނަފްސަށެވެ. އެބަހީ ﷲ ތަޢާލާގެ ނިޢުމަތްތަކަށް ކުފުރުވެރި ވީކަމުގެ މައްޗަށް އިންސާނާގެ އަމިއްލަ ނަފްސު ހެކިވެއެވެ.
އަދި ރަނގަޅުގޮތަކީ ދެގޮތްވެސް މިއާޔަތުގައި ޝާމިލުވެގެން ވުމެވެ. ފަހެ އާދަމުގެ ދަރިޔާގެ ހިތުގައިވާ ކަންކަމާއި އޭނާގެ ޢަމަލުތަކަށް ﷲ ތަޢާލާ ހެކިވެވޮޑިގަންނަވައެވެ. އަދި އިންސާނާއީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ހެކިވެރިއެކެވެ. އެހެނެއްކަމަކު މިހެކިވެރިވުމަށް ދުނިޔޭގައި އެއްބަސްވެދާނެއެވެ. އަދި ޤިޔާމަތް ދުވަހުގައި އެކަންކަމުގެ މައްޗަށް އޭނާ އެއްބަސް ނުވެދާނެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ.﴿يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا يَعْمَلُونَ﴾ [سورة النور: 24] މާނައީ: “އެއުރެންގެ މައްޗަށް އެއުރެންގެ ދޫތަކާއި، އަތްތަކާއި ފައިތައް، އެއުރެން ކޮށްއުޅުނު ކަންތައްތަކާމެދު ހެކިވާ ދުވަހެވެ.”
-ނުނިމޭ-
________________________________________________________
[1] أخرجه البخاري كتاب الجهاد باب ما الخيل معقود في نواصيها الخير إلى يوم القيامة (2850) . ومسلم كتاب الأمارة باب فضيلة الخيل وأن الخير معقود بنواصيها ..
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العاديات ގެ ތަފްސީރުގެ ތަރުޖަމާއެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް