[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الشرح ގެ ތަފްސީރު (2)

((وَوَضَعْنَا عَنكَ وِزْرَ‌كَ)) (އަދި ކަލޭގެފާނުގެ ކުށްތައް، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ދުރުކުރެއްވީމެވެ.) މި އާޔަތުގައި މިވާ “وَضَعْنَا” ގެ މުރާދަކީ ދުރުކުރެއްވުން، މަޢާފުކޮށްދިނުން، އެއްކިބާކޮށް ދިނުމުގެ މުރާދެވެ. އަދި “وِزْرَ‌كَ” ގެ މުރާދަކީ ކަލޭގެފާނުގެ ކުށްތަކެވެ. ((الَّذِي أَنقَضَ ظَهْرَ‌كَ)) އެބަހީ؛ އެ ކުށްތަކަކީ ކަލޭގެފާނުގެ ބުރަކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ. މި ތަނުގައި ބުރަކަށީގެ ވާހަކަ ގެންނަވާފައި އެވަނީ ބުރަކަށްޓަކީ ތަކެތި އުފުލުމަށް އެންމެ އެކަށީގެންވާ އަދި ބާރުގަދަ ގުނަންތައްވާ ހިސާބުކަމުގައިވާތީއެވެ. އެހެންކަމުން، އެ އެއްޗެއް އުފުލުމަށް ބުރަކަށްޓަށް ބުރަވެއްޖެނަމަ އެހެން ގުނަނަކުން އެ އެއްޗެއް އުފުލުމަށް މާ ބުރަވެގެންވާނެއެވެ. ނިކަން ވިސްނަވާ ބައްލަވާށެވެ! ބަސްތާއެއް ބުރަކަށިމަތީގައި އުފުލުމާއި އަތުން އުފުލުމާ ތަފާތު ހުންނާނެއެވެ.

ފަހެ، އާޔަތުގެ މާނައީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކުށްތައް ފުއްސަވައި ދެއްވާފައެވެ. އަދި އެކަލޭގެފާނަކީ ފާފަފުއްސެވިގެންވާ ބޭކަލެއްކަމުގައި ލައްވާފައެވެ. ﷲ تبارك وتعالى ވަޙީ ކުރައްވާފައިވެއެވެ. ((إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا ﴿١﴾ لِّيَغْفِرَ‌ لَكَ اللَّـهُ مَا تَقَدَّمَ مِن ذَنبِكَ وَمَا تَأَخَّرَ‌)) (الفتح: 1, 2) މާނައީ: “ފާޅުވެ ބަޔާންވެގެންވާ ފަތަޙައަކުން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފަތަޙަދެއްވީމެވެ. އެއީ ކަލޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަހުގެ ކަންތަކުގެފާފަ، ކަލޭގެފާނަށް ﷲ ފުއްސަވައިދެއްވުމަށްޓަކައެވެ.” އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ރޭގަނޑު ރޭއަޅުކަންކުރެއްވުމުގެ ސަބަބުންނާއި، އެ އަޅުކަމުގައި ޤިޔާމު ދިގުކުރެއްވުމުގެ ސަބަބުން އެކަލޭގެފާނުގެ ފައިންޕުޅު ދުޅަވެ، ފަޅައިގެންދާކަމުގައިވެއެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. ‘ކަލޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަހުގެ ކަންތަކުގެ ފާފަ، ކަލޭގެފާނަށް ﷲ ފުއްސަވައިދެއްވާފައިވާ ހިނދު، ކަލޭގެފާނު ތިހާ ބުރަކޮށް އަޅުކަން ކުރައްވަނީތޯއެވެ؟’ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((أَفَلَا أَكُونُ عَبْدًا شَكُورًا؟)) މާނައީ: “ޝުކުރުވެރިވާ އަޅެއްކަމުގައި ތިމަންކަލޭގެފާނު ނުވަންވީތޯއެވެ؟”(1) އެހެންކަމުން، އެކަލޭގެފާނުގެ އިސްވެގޮސްފައިވާ ކުށްތަކާއި، ފަހުގެ ކުށްތަކަށް ފުއްސެވުން ލިބިފައިވާކަން ޤުރުއާނާއި ސުންނަތުން ސާބިތުވެއެވެ. މިއީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޚާއްޞަވެގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ފިޔަވައި އެހެން އެއްވެސްމީހެއްގެ އިސްވެގޮސްފައިވާ ފާފަތަކާއި، ފަހުގެ ފާފަތަކަށް ފުއްސެވުން ލިބިފައެއްނުވެއެވެ. އެކަލޭގެފާނު ނޫން މީސްތަކުންޖެހޭނީ ފާފަފުއްސެވުން އެދި ތައުބާވާށެވެ. އަދި ޝިރުކުގެ ތެރޭގައި ނުހިމެނޭ ކޮންމެ ފާފައެއްވެސް ފަހަރެއްގައި ތައުބާވުމާނުލައި ﷲ ސުބުޙާނަހޫ ވަތަޢާލާ ފުއްސަވައި ދެއްވަފާނެއެވެ. މިއާއިޚިލާފަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އިސްވެގޮސްފައިވާ އަދި ފަހުގެ ފާފަތައްވެސް ފުއްސަވައިދެއްވާފައިވާކަމަށް އަހަރެމެން ޖެހޭނީ ކަނޑައެޅިގެން ޤަބޫލުކުރާށެވެ. މިސަބަބާހުރެ ﷲ ވަޙީ ކުރައްވާފައި އެވަނީ ((وَوَضَعْنَا عَنكَ وِزْرَ‌كَ * الَّذِي أَنقَضَ ظَهْرَ‌كَ)) މާނައީ: “އަދި ކަލޭގެފާނުގެ ކުށްތައް، ކަލޭގެފާނުގެ ކިބައިން ތިމަންރަސްކަލާނގެ ދުރުކުރެއްވީމެވެ. އެއީ ކަލޭގެފާނުގެ ބުރަކަށިފުޅަށް ބުރަކަންދީފައިވާ ކަންތަކެވެ.”

މީހަކު ބުނެފާނެއެވެ. މިއާޔަތާއި އަދި މިއާޔަތަށް ބާރުދިނުމަށް ގެނެސްފައި އެވާ އާޔަތުން (އެބަހީ؛ އަލްފަތްޙު 1 ވަނަ އަދި 2 ވަނަ އާޔަތުން) ފަހަރެއްގައި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށްވެސް ފާފައަކަށް އަރައިގަނެވިދާނެކަމަށް ދަލީލުކުރެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށްވެސް ފާފައަކަށް އަރައިގަނެވިދާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ؛ އާއެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ފާފައަކަށް އަރައިނުގަނެވޭނެކަމަށް ހެދުމަށްޓަކައި އައިސްފައިވާ ނައްޞުތައް އަހަރެމެންނަކަށް ރައްދެއްނުކުރެވޭނެއެވެ. އިންސާނާގެ ދަރަޖައަކީ ކުށްނުކުރެވުމެކޭ އަހަރެމެން ނުބުނާނަމެވެ. އެހެނެއްކަމަކު، އިންސާނާގެ ދަރަޖައަކީ ފާފަފުއްސެވުން ލިބުމެވެ. މުހިއްމުކަމަކީ އޭނާއަށް ފާފަފުއްސެވުން ލިބުމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((كُلُّ بَنِي آدَمَ خَطَّاءٌ، وَخَيْرُ الْخَطَّائِينَ التَّوَّابُونَ)) މާނައީ: “ކޮންމެ އާދަމުގެ ދަރިޔަކީ ކުށްކުރެވޭނެމީހެކެވެ. އަދި ކުށްކުރެވޭމީހުންގެ ތެރެއިން އެންމެ ހެޔޮ ބަޔަކީ އެކުށްތަކަށް ތައުބާވާމީހުންނެވެ.”(2) މި ޙަދީޘުން ޝައްކެތްވެސްނެތްގޮތުގައި އެނގިގެންދަނީ އިންސާނެއްނަމަ ކުށަށް އަރައިގަނެވުމަކީ އެކަށީގެންވާކަމެއްކަމެވެ. ކަންމިހެންހުރިނަމަވެސް، ދޮގުހެދުމާއި ޚިޔާނާތްތެރިވުން ފަދަ ފާފަތަކަކީ ކަނޑައެޅިގެން ނަބީބޭކަލުންނަށް އަރައިގަނެވޭނެ ފާފަތަކެއް ނޫނެވެ. މިފަދަ ފާފައަކަށް އެބޭކަލުން ހުށަހެޅިވަޑައިނުގަންނަވާނެއެވެ. އެހެނީ، މި ފަދަ ފާފައަކަށް އެބޭކަލުންނަށް އަރައިގަނެވޭނެކަމަށް ޤަބޫލުކުރުމަކީ އެ ބޭކަލުންގެ ރަސޫލުކަމަށް އުނިކަން އަންނާނޭ ކަމެކެވެ. އެހެންކަމުން، މި ފަދަ ފާފައަކަށް އެއިގެން ބޭކަލަކަށް އަރައިގަނެވުމަކީ މުސްތަޙީލުކަމެކެވެ. ހަމަމިފަދައިން، ޒިނޭކުރުންފަދަ ނުބައި އަޚްލާޤުގެ ފާފަތަކަށްވެސް އެބޭކަލުންނަށް އަރައިނުގަނެވޭނެއެވެ. އެހެނީ، މި ފަދަ ނުބައި އަޚްލާޤީ ޞިފަތަކަކީވެސް ރަސޫލުކަމުގެ ދަޢުވަތުގެ އަޞްލު ނަފީކުރާނެކަމެކެވެ. ފަހެ، ރަސޫލުކަން ބާވާލެއްވިފައިވަނީ އަޚްލާޤީ މަތިވެރި ޞިފަތައް ފުރިހަމަކުރެއްވުމަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((إِنَّمَا بُعِثْتُ لأُتَمِّمَ مَكَارِمَ الأَخْلاَقِ)) މާނައީ: “ތިމަންކަލޭގެފާނު ރަސޫލުކަމައިގެން ފޮނުއްވިފައިވަނީ މަތިވެރި އަޚްލާޤު ފުރިހަމަކުރެއްވުމަށްޓަކައެވެ.”(3)

ކޮންމެއަކަސް، މި އާޔަތްތަކުން ޙާޞިލުކޮށްދެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން އެކަލޭގެފާނުގެ ފާފަތައް ދުރުކޮށްދެއްވާފައެވެ. އަދި އެފާފަތަކަކީ އެކަލޭގެފާނުގެ ބުރަކަށިފުޅަށް ބުރަކަންދޭ ކަންތައްތަކެއްކަމަށް ވަނީ ބަޔާންކުރައްވާފައެވެ. މިއީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ފާފަތަކުގެ ބުރަކަންކަމުގައިވާއިރު، އެކަލޭގެފާނު ނޫން މީހުންގެ ފާފަތަކުގެ ބުރަކަން ކިހާވަރެއް ވާނެ ހެއްޔެވެ؟ އަހަރެމެންގެ ފާފައިގެ ސަބަބުން އަހަރެމެންގެ ބުރަކަށްޓަށް ބަރުކަމާއި ވަރުބަލިކަން ގެނެސްދޭނެއެވެ. އެހެންނަމަވެސް، އަހަރެމެން އެއްވެސް އެއްޗެއް ނުއުފުލާ ކަހަލައެވެ. ފާފައިގެ ބަރުކަން އަހަރެމެނަށް އިޙްސާސްނުކުރެވެނީ އަހަރެމެންގެ އީމާންކަން ބަލިކަށިވުމުގެ ސަބަބުންނެވެ. އަދި އަހަރެމެންގެ ޣާފިލުކަން ބޮޑުވުމުގެ ސަބަބުންނެވެ. ﷲ އަޅަމެނަށް ފާފަ ފުއްސަވާނދޭވެ!

ބައެއް އާޘާރުތަކުގައި އައިސްފައިވެއެވެ. މުއުމިނަކަށް ފާފައެއް ކުރެވިއްޖެނަމަ، އެ މުއުމިނުމީހާއަށް އެ ފާފައިގެ މިސާލަކީ އެމީހާގެ ބޯމަތީގައިވާ ބޮޑު ފަރުބަދައެއްފަދަ އެއްޗެއްގެ މިސާލެވެ. އަދި މުނާފިޤަކު ފާފައެއް ކޮށްފިނަމަ، އެމީހަކަށް އެ ފާފައިގެ މިސާލަކީ ނޭފަތުކުރީގައި ޖައްސާ މެއްސެއްގެ މިސާލެވެ. އަތް ހޫރާލުމުން އެ މެހި އުދުހިގެން ދެއެވެ.(4) އެބަހީ، އެފަދަ މީހެއްކައިރީގައި ފާފައަކީ ބޮޑު އެއްޗެއް ނޫނެވެ. އަދި ފާފަކުރެވުމަކީ އެމީހާ އަޅައިވެސް ލާކަމެއް ނޫނެވެ. އެހެންނަމަވެސް، ފާފައަކީ މުއުމިނުމީހާއަށް ބޮޑުކަމަކަށްވެ، ތައުބާވެ އިސްތިޣުފާރު ކުރެވެންދެން ނުވަތަ ހެޔޮކަމެއްކޮށްގެން އެފާފަ ފޮހެވެންދެން އެއިގެ ސަބަބުން ކަންބޮޑުވުމާއި ހާސްކަން ގެނުވައެވެ. ތިބާގެ ފާފައިގެ ސަބަބުން ހިތުގައި ޣާފިލުކަން ވާކަން އެނގިއްޖެނަމަ، ތިބާގެ ހިތް އެވަނީ ބަލިވެފައިކަމުގައި ދަންނާށެވެ. އެހެނީ، ދިރުން ހުރި ހިތެއްނަމަ ބައްޔަކަށް ނުރުހޭނެއެވެ. ހިތުގެ ބައްޔަކީ ފާފަތަކެވެ. ޢަބްދުﷲ ބުން މުބާރަކު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

رَأيتُ الذنوبَ تُمِيتُ القُلوبَ  ***     وَقَدْ يُورِثُ الذُّلَّ إدْمَانها
وتركُ الذنوبِ حياة ُالقلوبِ  ***     وخيرٌ لِنَفْسِكَ عِصْيانُها

މާނައީ: “ފާފައިގެ ސަބަބުން ހިތްމަރުވާކަން ތިމަންނައަށް އެނގެއެވެ. އަދި ފާފަކުރުމަށް ދެވިހިފުމަކީ އިހާނެތިކަން ގެނުވާކަމެކެވެ. އަދި ފާފަކުރުން ދޫކޮށްލުމަކީ ހިތުގެ ދިރުމެވެ. އަދި ފާފައަށް އުރެދުމަކީ (އެބަހީ؛ ފާފަކުރުން ދޫކޮށްލުމަކީ) ތިބާގެ ނަފްސަށް އެންމެ ހެޔޮވެގެންވާ ގޮތެވެ.”

________________

(1) أخرجه البخاري، كتاب التهجد، باب قيام النبي صلّى الله عليه وسلّم (1130)، ومسلم، كتاب صفات المنافقين، باب إكثار الأعمال والاجتهاد في العبادة (2820) (81).

(2) أخرجه الترمذي، كتاب صفة القيامة، باب استعظام المؤمن ذنوبه (2449)، وقال: حديث غريب. وحسّنه شيخ الألباني في صحيح وضعيف سنن الترمذي (2499).

(3) أخرجه بهذا اللفظ البخاري في “الأدب المفرد” (273)، وحسّنه الألباني في سلسلة الصحيحة (45).

(4) أخرجه البخاري، كتاب الدعوات، باب التوبة (6308) عن ابن مسعود رضي الله عنه.

މިލިޔުމުގެ އެހެނިހެން ބައިތައް