މާތްﷲ އިންސާނުން ޚަލަޤު ކުރެއްވީ މަށީންނެވެ. މާތްﷲ ވަޙީ ކުރައްވަނީ
وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ مِن سُلَـٰلَةٍ مِّن طِينٍ ﴿١٢﴾ سورة المؤمنون
މާނައީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މަށީގެ خلاصة އިން އިންސާނާ (އެބަހީ: آدم ގެފާނު) ހެއްދެވީމެވެ. “
އިންސާނާއަކީ މާތްﷲ ޚަލްޤު ކުރައްވާފައިވާ މާތް މަޚްލޫގެކެވެ. އިންސާނުން ޙަލްޤު ކުރައްވައި، އިޚްތިޔާރާއި ބާރު ދެއްވައި އަދި އެހެންމެ އިންސާނުންނަށް މާތްﷲ ވަނީ ވިސްނައި ފިކުރު ކުރުމުގެ ބާރުވެސް ދެއްވާފައެވެ. އިންސާނާގެ މުޅި ހަށިގަނޑަށް ބަލައިލި ކަމުގައިވީނަމަވެސް، އިންސާނާ ޚަލްޤު ކުރެވިފައިވަނީ ވަރަށް ފުރިހަމައަށްކަން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. ބޮލުގެ އިސްތަށިތަކުން ފަށައިގެން ފައިގެ ބޮޑުވާ އިނގިއްޏާއި ހަމައަށް ނަޒަރު ހިންގައިލލިކަމުގައިވީނަމަވެސް މިކަން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. ނިކަން ވިސްނަވާ ބައްލަވާށެވެ. ތިބާގެ އިނގިލިތަކުގެ ތެރެއިން އެންމެ އިނގިއްޏެއްވެސް ހަލާކުވެ ބުރިވެއްޖެކަމުގައިވަނީނަމަ އަލުން ތިބާއަށް ހަމަ އެކަހަލަ އިނގިއްޏެއް ލިބިދާނެތޯއެވެ؟ ޝައްކެތްވެސް ނެތްގޮތުގައި އެއީ ވާނޭ ކަމެއް ނޫނެވެ. މިޒަމާނުގެ ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ހަށިގަނޑުގެ ގުނަވަންތައް ނަކަލު ކޮށް މަސްނޫއީ ގުނަވަންތައް ސައިންޓިސްޓުން ހަދައި އުޅެއެވެ. އެހެންނަމަވެސް މި ގުނަވަންތަކަކީ އަޞްލު ގުނަވަނާ އަޅާބަލާއިރު ހަމަ އެއްވެސް އެއްޗަކަށް ވެގެންގޮސްފައެއް ނުވެއެވެ.
އެހެންނަމަވެސް އެތައްވައްތަރެއްގެ އަގުބޮޑު ލެބޯރަޓަރީ ތަހުލީލުތައްކުރުމަށްފަހު އަޅުގަނޑުމެންގެ ތެރެއިން ނުކުޅެދިފައިވާ އިންސާނުންގެ ހަށިގަނޑުތަކަށް ލައްވައިލާ މަސްނޫއީ ގުނަވަންތަކަކީ އިންސާނުން ނުކުޅެދޭކަމުގެ އަލިގަދަ ހެއްކެކެވެ. ނިކަން ވިސްނަވާށެވެ. މިގޮތަށް ހަށިގަނޑުގައި ހަރުކުރެވޭ އެއްވެސް ގުނަވަނެއްގެ ފުރިހަމަ ފައިދާ އެ ގުނަވަންތައް ބޭނުންކުރާ ފަރާތްތަކަށް ލިބޭތޯއެވެ؟ މަސްނޫއީ ގުނަވަންތަކުގެ ފުރިހަމަ ބޭނުން ހިފިދާނެކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ސައިންޓިސްޓުންނަށް މިފަދަ ގުނަވަންތައް އީޖާދު ކުރެވޭނެތޯއެވެ؟ މާތްﷲ އިންސާނާގެ ހަށިގަނޑުގައިވާ ހުރިހާ ގުނަވަނެއްވެސް ހެއްދެވީ އެއްވެސް އަގެއް ނެތް އެއްވެސް ބާރެއް އޭގައި އެކުލެވިގެންނުވާ އެއްޗެއްކަމުގައިވާ މަށީންނެވެ. އެހެނެއްކަމަކު މާތްﷲ މަށީން ޚަލްޤު ކުރެއްވި ގުނަވަންތަކުގެ އަގަކީ އަގު ނުކުރެވޭވަރުގެ އަގުބޮޑު އެއްޗަކަށްމިވަނީ ވެގެން ގޮސްފައެވެ. ނިކަން ވިސްނަވާށެވެ!
ތިބާގެ ބޮލުގައި ސިކުނޑިއެއްވޭތޯއެވެ؟ ސިކުނޑިއެއް ވާކަމުގެ އިޙްސާސް ތިބާއަށްވަނީ ކިހާ ވަރަކަށްތޯއެވެ؟ ތިބާގެ ސިކުނޑީގެ ބޭނުން ކެނޑި ތިބާ މޮޔަވެއްޖެނަމަ އަލުން އެކަހަލަ ސިކުނޑިއެއް ކުރިއަރާފައިވާ ޒަމާނީ އާލާތްތަކުގެ އެޙީގައި އީޖާދު ކުރެވިދާނެތޯއެވެ؟ މިކަހަލަ މަސައްކަތެއް ކުރަން ފަށައިގަތުމަކީވެސް މިލިއަނުން ޑޮލަރު ހޭދަވެގެންދާނޭކަމެވެ. އެހެނެއްކަމަކު ތިބާގެ ބޮލުގައިވާ ސިކުނޑި މާތްﷲ ޚަލްޤު ކުރެއްވީ މާށީންކަން ތިބާ ހަނދާނުގައި ބަހައްޓަވާށެވެ.
ތިބާގެ ހަށިގަނޑުގައި ހިތެއްވޭތޯއެވެ؟ އެހެންކަމަށް ވާނަމަ ތިބާގެ ހަށިގަނޑުގައިވާ ހިތް ކޮންޓްރޯލް ކުރަނީ ތިބާތޯއެވެ؟ ފަޅި ސިކުންތަކަށް ވިޔަސް އެއްވެސް ކަހަލަ އަރާމެއްނެތި ތިބާގެ ހިތް މަސައްކަތް ކުރަމުންދާއިރު ތިބާއަށް އެކަން ރޭކާ ލަނީ ކިހާ ވަރަކަށްތޯއެވެ؟ ހިތަކީ އާދައިގެ ކުޑަކުޑަ ގުނަވަނެކެވެ. ހިނދުކޮޅަކަށް ތިބާގެ ހިތް ހުއްޓިއްޖެ ކަމުގައިވީނަމަވެސް ތިބާގެ ފުރާނައަށް އެކަމުގެ ސަބަބުން ނުރައްކާވެއެވެ. ތިބާގެ އަތް މުއްކަވާފައި ބަލައިލި ކަމުގައިވަނީނަމަ އެ މުއްކަވާލި އަތަށްވުރެ ވަކީން ތިބާގެ ހިތް ބޮޑެއް ނުވާނެއެވެ. އެހެނަސް އިންސާނާއަށް ހަމަ އެކަހަލަ ކުޑަކުޑަ ގުނަވަނެއް އުފެއްދިދާނެކަމުގެ ކުޅަދާނަކަން ލިބިގެންވޭތޯއެވެ؟ އެހެނެއްކަމަކު ތިބާގެ ހިތް މާތްﷲ ޚަލްޤު ކުރެއްވީ މާށީންކަން ތިބާ ހަނދާނުގައި ބަހައްޓަވާށެވެ.
ތިބާގެ ލޮލަށް ނަޒަރެއް ހިންގަވާ ބައްލަވާށެވެ. ލޮލަކީ ވެސް ވަރަށް އާދައިގެ އެހާމެ ނާޒުކު ގުނަވަނެކެވެ. އެހެންނަމަވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދުނިޔޭގެ ސައިންޓިސްޓުންނަށް ލޮލާ އެއްފެންވަރަށް ކެމެރާއެއްހާތަންވެސް އީޖާދުކުރުމުގެ ކުޅަދާނަކަން ލިބިގެންވޭތޯއެވެ؟ އަދި ކިއެއްތޯއެވެ. ލޯ އަނދިރި ވެއްޖެކަމުގައިވަނީނަމަ، ނުވަތަ ލޮލުގެ ފެނުން ގެއްލިއްޖެ ކަމުގައިވަނީނަމަ އިންސާނުންނަށް އެ ލޮލުގެ ފެނުން ކުރީގައި ހަމައެހުރިގިތަށް އަނބުރައި ދެވިދާނުކަމުގެ އެއްވެސް ގެރެންޓީއެއް އަދުގެ ސައިންޓިސްޓުންނަށް ދެވިދާނެތޯއެވެ؟ އެހެނެއްކަމަކު ތިބާގެ ލޯ މާތްﷲ ޚަލްޤު ކުރެއްވީ މާށީންކަން ތިބާ ހަނދާނުގައި ބަހައްޓަވާށެވެ.
ތިބާގެ އެންމެ އިސްތައްޓަކަށް ނަޒަރު ހިންގަވާ ބައްލަވާށެވެ. އެ އިސްތަށްޓާއިމެދު ތިބާ އަޖާއިބުނުވެ ހިނގައިދާނެއެވެ. އެހެންނަމަވެސް އިސްތައްޓަކީ ކިހާ އާދައިގެ އެއްޗެއްތޯއެވެ؟ ތިބާގެ ބޮލުން އެންމެ އިސްތައްޓެއް އުފުރައިލުމަށްފަހު އެ އިސްތަށި ހަމަ ހުރިގޮތަށް އުފެއްދުމުގެ ކުޅަދާނަކަން ތިބާއަށް ލިބިގެންވޭތޯއެވެ. ތިބާގެ ގައިން ފަޅާ އިސްތައްޓެއްފިޔަވައި ދެން ތިބާ އިސްތައްޓެއް ހޯދައިގަންނާނީ ކޮންތަނަކުންތޯއެވެ؟ ޒަމާނީ އާލާތްތަކުގެ އެހީގައި އަޅުގަނޑުމެންނަށް މިކަން ކުރެވިދާނެތޯއެވެ؟ އެހެނެއްކަމަކު ތިބާގެ ހަށިގަނޑުގައިވާ އިސްތަށިތައް މާތްﷲ ޚަލްޤު ކުރެއްވީ މާށީންކަން ތިބާ ހަނދާނުގައި ބަހައްޓަވާށެވެ.
ތިބާގެ ދުލާމެދު ވިސްނައިލީމުތޯއެވެ؟ ތިބާގެ އަނގަޔަށް އެއްޗެއްލާއިރަށް އެއެއްޗެއްގެ ރަހަ ތިބާގެ އަނގަޔަށް ދެނީ ދުލުންކަން ތިބާ ހަނދާނުގައި ބަހައްޓާށެވެ. ދުލަކީ ތަފާތު އެތައް “ޓޭސްޓް ބަޑް” އޭ ކިޔާ ކުޑަ ކުޑަ ސެންސަރުތަކެއް އެކުލެވިގެންވާ ގުނަވަނެކެވެ. ތިބާގެ ދުލާ އެއްގޮތަށް ހަމަ އެފަދަ ގުނަވަނެއް އުފެއްދުމުގެ ކުޅަދާނަކަން ތިބާއަށް ނުވަތަ އަދުގެ ސައިންޓިސްޓުންނަށް ލިބިގެންވޭތޯއެވެ؟ ތިބާގެ ދުލަކީ އެއްވެސް ކަށްޓެއްނެތް އާދައިގެ ކުޑަކުޑަ މަސްކޮޅެކެވެ. އެހެނެއްކަމަކު ތިބާގެ ދޫ މާތްﷲ ޚަލްޤު ކުރެއްވީ މާށީންކަން ތިބާ ހަނދާނުގައި ބަހައްޓަވާށެވެ.
ތިބާގެ ކަންފަތާމެދު ތިބާ ވިސްނައިލީމުތޯއެވެ. ތިބާގެ ކަންފަތުން އުވުމުގެ ކުޅަދާނަކަން ގެއްލިއްޖެކަމުގައިވަނީނަމަ ތިބާގެ ކަންފަތަށް އިވުން ގެނެސްދޭނީ ކޮން ޑޮކްޓަރެއްތޯއެވެ؟ ކޮން ސައިންސްވެރިއެއްތޯއެވެ؟ ކަންފަތަށް އަޑު އިވެނީ ކަންފަތުގައިވާ ވަރަށް ކުޑަ ކުޑަ ގުނަވަނެއްކަމުގައިވާ “އިއާރ ޑްރަމް” އޭ ކިޔާ ގުނަވަނެއްގެ އެހީގައެވެ. މި ކުޑަކުޑަ ގުނަވަނަށް މިހާ ފުރިހަމައަށް އިވުމުގެ ބާރު ލިބިގެންވީހިނދު އަދުގެ ސައިންޓިސްޓުންނަށް މިހާ ފުރިހަމަ އެއްޗެއް އީޖާދު ކުރެވުނުތޯއެވެ؟ އެހެނެއްކަމަކު ތިބާގެ ކަންފަތް މާތްﷲ ޚަލްޤު ކުރެއްވީ މާށީންކަން ހަނދާނުގައި ބަހައްޓަވާށެވެ.