[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

الله تبارك وتعالى ގެ މަތިވެރިކަމާއި އެއިލާހުގެ މުލްކުފުޅުގެ ތަނަވަސްކަން

AZOMATH

 

الحمد لله وحده، والصلاة والسلام على من لا نبي بعده، وبعد:
ﷲތަޢާލާއީ މަތިވެރިވެގެންވާ އިލާހެވެ. އެއިލާހުގެ މަތިވެރިކަމާއި ބާރުވެރިކަމަކީ ސިކުނޑިކަށް ތަޞައްވަރު ނުކުރެވޭހާ މަތިވެރިކަމެކެވެ. ހުރިހާ އެއްޗަކާއި ހުރިހާކަމެއްވަނީ އެއިލާހުގެ މުލްކުފުޅުގެ ދަށުގައެވެ. އެއިލާހު ހުރިހާ ޚަލްޤުތަކެއް ހެއްދެވިއެވެ. އަދި އެތަކެއްޗަށް ރިޒުޤުދެއްވާ އެތަކެތީގެ ކަންތައްތައް ބަލަހައްޓަވާ ތަދުބީރު ކުރައްވައެވެ. އަދި އެންމެހާ މަޚުލޫޤުންގެ ކިބައިން އެއިލާހު ފުދިވޮޑިގެންވެއެވެ. މަޚުލޫގެއްގެ އުރެދުމަކުން އެއިލާހަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި މަޚުލޫގެއް އެއިލާހަށްވާ ކިޔަމަންތެރިކަމަކުން، އެއިލާހަށް ކޮށްދެވޭނެ ފައިދާއެއްވެސް ނެތެވެ.

ﷲތަޢާލާގެ ވަޙީ ބަސްފުޅުގައިވެއެވެ.

تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿الملك: ١﴾

މާނައީ: “އެއިލާހުގެ އަތްޕުޅުގައި ވެރިކަންވާ އިލާހު މަތިވެރިވެ ވޮޑިގެންފިއެވެ. އަދި އެއިލާހީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ވޮޑިގެންވާ އިލާހެވެ.”

އަބޫ ޛައްރު رضي الله عنه، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު، އެކަލޭގެފާނުގެ ވެރި ރައްބު ވަޙީކުރެއްވިކަމަށް ޙަދީޘްކުރެއްވިއެވެ.

يا عِبَادِي إني حَرَّمْتُ الظُّلْمَ على نَفْسِي وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا فلا تَظَالَمُوا، يا عِبَادِي كُلُّكُمْ ضَالٌّ إلا من هَدَيْتُهُ فاستهدوني أَهْدِكُمْ، يا عِبَادِي كُلُّكُمْ جَائِعٌ إلا من أَطْعَمْتُهُ فاستطعموني أُطْعِمْكُمْ، يا عِبَادِي كُلُّكُمْ عَارٍ إلا من كَسَوْتُهُ فاستكسوني أَكْسُكُمْ، يا عِبَادِي إِنَّكُمْ تُخْطِئُونَ بِاللَّيْلِ وَالنَّهَارِ وأنا أَغْفِرُ الذُّنُوبَ جميعًا فاستغفروني أَغْفِرْ لَكُمْ، يا عِبَادِي إِنَّكُمْ لَنْ تَبْلُغُوا ضَرِّي فَتَضُرُّونِي، وَلَنْ تَبْلُغُوا نَفْعِي فَتَنْفَعُونِي، يا عِبَادِي لو أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا على أَتْقَى قَلْبِ رَجُلٍ وَاحِدٍ مِنْكُمْ ما زَادَ ذلك في مُلْكِي شيئا، يا عِبَادِي لو أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا على أَفْجَرِ قَلْبِ رَجُلٍ وَاحِدٍ ما نَقَصَ ذلك من مُلْكِي شيئا، يا عِبَادِي لو أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ قَامُوا في صَعِيدٍ وَاحِدٍ فَسَأَلُونِي فَأَعْطَيْتُ كُلَّ إِنْسَانٍ مَسْأَلَتَهُ ما نَقَصَ ذلك مِمَّا عِنْدِي إلا كما يَنْقُصُ الْمِخْيَطُ إذا أُدْخِلَ الْبَحْرَ، يا عِبَادِي إنما هِيَ أَعْمَالُكُمْ أُحْصِيهَا لَكُمْ ثُمَّ أُوَفِّيكُمْ إِيَّاهَا فَمَنْ وَجَدَ خَيْرًا فَلْيَحْمَدْ اللَّهَ، وَمَنْ وَجَدَ غير ذلك فلا يَلُومَنَّ إلا نَفْسَهُ” (رواه مسلم)

މާނައީ: “އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަންއިލާހު، ތިމަންއިލާހުގެ އަމިއްލަ ނަފްސުފުޅަށް އަނިޔާވެރިވުން ޙަރާމްކުރެއްވީމެވެ. އަދި ތިޔަބައިމީހުންގެ މެދުގައިވެސް އެއީ ޙަރާމްކަމެއްކަމުގައި ލެއްވީމެވެ. ތިޔަބައިމީނުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރި ނުވާށެވެ! އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަމަންއިލާހު އެއަޅަކަށް ތެދުމަގު ނުދައްކަވައިފި ކޮންމެ އަޅަކީ، މަގުވުރެދިފާ ވާނެ މީހެކެވެ. ތިޔަބައިމީހުން ތިމަންއިލާހުގެ ޙަޟްރަތުން ތެދުމަގަށް އެދޭށެވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް ތެދުމަގު ދައްކަވާހުށީމެވެ! އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިމަންއިލާހު އެއަޅަކަށް ކާންނުދެއްވައިފި ކޮންމެއަޅަކީ، ހުސްގޮހޮރާ ބަޑުހާކަންމަތީ ހުންނާނެ މީހެކެވެ. ތިޔަބައިމީހުން ތިމަންއިލާހުގެ ޙަޟްރަތުން ކާތަކެއްޗަށް އެދޭށެވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް ކާންދެއްވާހުށީމެވެ! އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިމަންއިލާހު އެއަޅެއްގެ އޮނުއޮރިޔާން ނިވާ ނުކޮށްދެއްވައިފި ކޮންމެ އަޅަކީ، އޮރިޔާން ހާލުގައި ހުންނާނެ މީހެކެވެ. ތިޔަބައިމީހުން ތިމަންއިލާހުގެ ޙަޟްރަތުން އޮނުއޮރިޔާން ނިވާކޮށްދެއްވުމަށް އެދޭށެވެ! ތިމަންއިލާހު ތިޔަބައިމީހުން އޮނުއޮރިޔާން ނިވާކޮށްދެއްވާހުށީމެވެ! އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ރޭގަނޑާއި ދުވާލުގައި ފާފަކުރަމެވެ. އަދި ތިމަންއިލާހު ތިޔަބައިމީހުން ކުރާ ހުރިހާ ފާފަތަކެއް ފުއްސަވާދެއްވަމެވެ. ތިމަންއިލާހުގެ ޙަޟްރަތުން ތިޔަބައިމީހުން ފާފަ ފުއްސެވުމަށް އެދޭށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާދެއްވާ ހުށީމެވެ! އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންނަކަށް ތިމަންއިލާހަކަށް ގެއްލުމެއް ނުދެވޭނެއެވެ.  އަދި ތިޔަބައިމީހުންނަކަށް ތިމަންއިލާހަކަށް މަންފާއެއްވެސް ނުކޮށްދެވޭނެއެވެ.  އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ އިސްވެގޮސްފައިވާ މީހުންނާއި އަދި ފަހުން އަންނާނެހާ ބަޔަކާއި، އަދި ތިޔަބައިމީހުންގެ ތެރެއިން ހުރިހާ އިންސިންނާއި ޖިންނިންނަކީ، ތިޔަބައިމީހުންގެ ތެރެއިންވާ އެންމެ ތަޤުވާވެރި މީހާއާއި އެއްވަރަށް ތަޤުވާވެރިންކަމުގައި ވިޔަސް، ތިމަންއިލާހުގެ މުލްކުފުޅަށް އެއްވެސް މިންވަރެއް އިތުރު ނުވާހުއްޓެވެ! އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ އިސްވެގޮސްފައިވާ މީހުންނާއި އަދި ފަހުން އަންނާނެހާ ބަޔަކާއި، އަދި ތިޔަބައިމީހުންގެ ތެރެއިން ހުރިހާ އިންސިންނާއި ޖިންނިންނަކީ، ތިޔަބައިމީހުންގެ ތެރެއިންވާ އެންމެ ފާޖިރު (ނުބައި ނުލަފާ) މީހާއާއި އެއްވަރަށް ފާޖިރުން (ނުބައި ނުލަފާ މީހުން) ކަމުގައި ވިޔަސް، ތިމަންއިލާހުގެ މުލްކުފުޅުން އެއްވެސް މިންވަރެއް އުނި ނުވާހުއްޓެވެ!  އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ އިސްވެގޮސްފައިވާ މީހުންނާއި އަދި ފަހުން އަންނާނެހާ ބަޔަކާއި، އަދި ތިޔަބައިމީހުންގެ ތެރެއިން ހުރިހާ އިންސިންނާއި ޖިންނިން އެއްތަނަކަށް އެއްވެ، އެމީހުންގެ ހުރިހާ ބޭނުންތަކަކަށް އެދި ދެންނެވުމުން، ތިމަންއިލާހު އެމީހުން އެބޭނުންވާ ހުރިހާކަމެއް ފުއްދަވާދެއްވިޔަސް، ތިނޯހެއް ކަނޑުގެތެރެއަށް ކޮށްޕާލާފައި ނެގުމުން އެއުނިވާ މިންވަރު މެނުވީ ތިމަންއިލާހުގެ މުލްކުފުޅުން އެއްވެސް މިންވަރެއް އުނި ނުވާހުއްޓެވެ. (އެބަހީ، އެއްވެސް މިންވަރެއް އެއިލާހުގެ މުލްކުފުޅުން އުނިނުވާހުއްޓެވެ. ތިނޯހެއް ކަނޑެއްގެ ތެރެއަށް ކޮށްޕާލާފައި ނެގިޔަސް އެއެކަނޑުން އެއްވެސް މިންވަރެއް އުނިނުވެއެވެ.) އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ޢަމަލުތައް ޙިސާބު ކުރައްވަމެވެ. ދެންއެއަށްފަހު އެޢަމަލުތަކަށް ތިމަންއިލާހު ޖަޒާދެއްވާހުށީމެވެ. (ޙިސާބު ބެއްލެވުމަށްފަހު) ހެޔޮކަމެއް ފެނިއްޖެމީހާ (ސުވަރުގެ ވަދެއްހެމީހާ) ﷲއަށް ޙަމްދު ކުރާށެވެ. އަދި އެނޫންގޮތެއް ފެނިއްޖެމީހާ، އޭނާގެ އަމިއްލަ ނަފްސައް މެނުވީ މަލާމަތް ނުކުރާހުށިކަމެވެ.”

وصلى الله وسلم على نبينا محمد.