[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الشرح ގެ ތަފްސީރު (5)

((فَإِذَا فَرَ‌غْتَ فَانصَبْ ﴿٧﴾ وَإِلَىٰ رَ‌بِّكَ فَارْ‌غَب ﴿٨﴾)) މާނައީ: “ފަހެ، ކަލޭގެފާނު އަވަދިވެވަޑައިގެންފިނަމަ، ފަހެ، ކަލޭގެފާނު (އަޅުކަން ކުރެއްވުމުގައި) ވަރުބަލިވެ ވަޑައިގަންނަވާށެވެ! އަދި ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް، ފަހެ، ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ!” އެބަހީ؛ ކަލޭގެފާނުގެ މަސައްކަތްޕުޅުން ކަލޭގެފާނު އަވަދިވެވަޑައިގެންފިނަމަ އެހެން ޢަމަލުކުރެއްވުމަށް އަވަސްވެވަޑައިގަންނަވާށެވެ. އެހެން ޢަމަލުތައް ކުރެއްވުމުގައި ވަރުބަލިވެ ވަޑައިގަންނަވާށެވެ. ދުނިޔެ ކަލޭގެފާނަށް ދަތިކުރުވަނިވި ތަނެއްކަމުގައި ނަހައްދަވާށެވެ. މިއީ ވިސްނުންތެރި އިންސާނެއްގެ ޙަޔާތުގައި ކަންކަން ވާންޖެހޭނެ ގޮތެވެ. އޭނާގެ ޙަޔާތަކީ ގަދައަޅައި މަސައްކަތްކުރުމެވެ. ދުނިޔޭގައި މަންފާ ލިބެނިވި ޢަމަލުން އަވަދިވެއްޖެނަމަ، ޢާޚިރަތުގެ ޢަމަލުތައްކުރުމަށް އަވަސްވެގަނެއެވެ. އެހެނީ، އިންސާނާއަށް ކަނޑައެޅިފައިވާ ޒަމާނަކީ ހޭލާހުންނައިރުގައްޔާއި، ނިދާފައި އޮންނައިރުވެސް ފާއިތުވެގެންދާނެ ޒަމާނެކެވެ. ހަމައެހެންމެ، އަވަދިނެތި އުޅޭއިރުގައްޔާއި، ހުސްވަގުތުތަކުގައިވެސް ޒަމާން ކުރިއަށް ދާނެއެވެ. އެއްވެސްމީހަކަށް ޒަމާން ކުރިއަށް ދިޔުން ނުހިފެހެއްޓޭނެއެވެ. އެންމެހާ ޚަލްޤުތަކެއް އެއްވެ، ދުވާލު ދިގުކުރުމަށްޓަކައި އިރު ހިފަހައްޓަން އުޅުނުކަމުގައިވީނަމަވެސް، އެބައިމީހުންނަށް އެކަމަށް ކުޅަދާނަވެގެންނުވެއެވެ. ފަހެ، އެއްވެސްމީހަކަށް ޒަމާނެއް ނުހިފެހެއްޓޭނެއެވެ. ކަންހުރީމިހެންކަމުގައި ވީހިނދު، ތިބާގެ ޙަޔާތަކީ ގަދައަޅައި މަސައްކަތްކުރުމުގެ ޙަޔާތެއްކަމުގައި ހަދާށެވެ. ދުނިޔޭގެ ޢަމަލުތަކުން ތިބާ ހުސްވެއްޖެނަމަ، އާޚިރަތުގެ ޢަމަލުތައް ކުރުމަށް އަވަސްވެގަންނާށެވެ. އާޚިރަތުގެ ޢަމަލުތައް ކުރުމުން ހުސްވެއްޖެކަމުގައިވާނަމަ، ދުނިޔެވީ ޢަމަލުތައް ކުރުމަށް އަވަސްވެގަންނާށެވެ. ފަހެ، ހުކުރުދުވަހުގައި ހުކުރުނަމާދުން އަވަދިވެއްޖެނަމަ، މަސައްކަތްތައް ކުރުމަށް ބިމުގައި ފެތުރިގަންނާށެވެ. އަދި ﷲ ގެ ފަޟްލުވަންތަކަމުން އެދޭށެވެ. ހުކުރުނަމާދުކުރުން އަންނަނީ ދުނިޔެވީ ދެ ޢަމަލުގެ ތެރެއިންނެވެ. ((يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ)) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު…” އެބަހީ؛ ތިޔަބައިމީހުން މަސައްކަތްކުރުމުގައި ވަނިކޮށް ހުކުރުނަމާދަށް ގޮވައިލާހިނދެވެ. ((فَاسْعَوْا إِلَىٰ ذِكْرِ‌ اللَّـهِ وَذَرُ‌وا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ‌ لَّكُمْ إِن كُنتُمْ تَعْلَمُونَ * فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُ‌وا فِي الْأَرْ‌ضِ وَابْتَغُوا مِن فَضْلِ اللَّـهِ)) (الجمعة: 9، 10) މާނައީ: “ފަހެ، ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙަޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން ﷲގެ ފަޟްލުވަންތަކަމުން (ދެއްވުމަށް) އެދޭށެވެ!” ފަހެ، މިއާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މިއަންގަވަނީ އަޅުގަނޑުމެން އެއް ޢަމަލަކުން އަވަދިވުމަށްފަހު އަނެއް ޢަމަލަކާ ދިމާލަށް ދިޔުމަށެވެ. (އެބަހީ؛ މަސައްކަތުގައި އުޅުމަށްފަހު ހުކުރުނަމާދަށް ދިޔުމަށެވެ.) އަދި އެ ޢަމަލަކުން ނިމުމުން އަނެއްކާވެސް އެހެން ޢަމަލެއްކުރުމަށް ދިޔުމަށެވެ. (އެބަހީ؛ ހުކުރުނަމާދުކޮށް ނިމުމުން އަނެއްކާވެސް ޙަޔާތުގެ މައިދާނަށް ނުކުތުމަށެވެ.) އެހެންކަމުން، އިންސާނާ ވުން އެންމެ އެކަށީގެންވަނީ އަބަދުވެސް ގަދައަޅާ މަސައްކަތްކުރާމީހެއްކަމުގައެވެ.

ފަހަރެއްގައި މީހަކު ބުނެފާނެއެވެ. އަހަރެންގެ ޙަޔާތުގެ ހުރިހާ ވަޤުތެއްގައި ގަދައަޅައި މަސައްކަތްކޮށްފިނަމަ، އަހަރެން ވަރުބަލިވެދާނެއެވެ.

ތިމަންމެން މިކަމުގައި ދޭނެ ޖަވާބަކީ؛ ހަށިގަނޑު ހީވާގިކުރުވައި، އާރޯކަން ގެނެސްގަތުމަށްޓަކައި ކުރެވޭ ޢަމަލުތައްވެސް ވެގެންދާނީވެސް ޢަމަލެއްކަމުގައެވެ. ޙަރަކާތްތެރި ޢަމަލުތަކުގައި އަބަދުމެ އަޅުމަކީ ލާޒިމުކަމެއް ނޫނެވެ. އެހެން ޢަމަލެއްކުރުމަށްޓަކައި ހަށިގަނޑު ހީވާގިކުރުވުގެ ގޮތުން ކުރެވޭ ކަންކަންވެސް ބެލެވޭނީ ފައިދާކުރަނިވި ޢަމަލެއްގެގޮތުގައެވެ. އެހެންކަމުން، މުހިއްމުކަމަކީ ގަދައަޅައި މަސައްކަތްކުރުމުގެ ވަޤުތުތަކެއްކަމުގައި ތިބާގެ ޙަޔާތް ހެދުމެވެ.

((وَإِلَىٰ رَ‌بِّكَ فَارْ‌غَب)) މާނައީ: “އަދި ހަމައެކަނި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް، ފަހެ، ކަލޭގެފާނު އެދިވަޑައިގަންނަވާށެވެ!” އެބަހީ؛ ކަލޭގެފާނު އެއް ޢަމަލެއް ނިންމާލެއްވުމަށްފަހު އަނެއް ޢަމަލަކަށް އެނބުރިވަޑައިގެން ތިޔަ ކުރައްވަވާ ޢަމަލުތަކުގައި، ފަހެ، ﷲ عزّ وجلّ ޙަޟްރަތުން ޘަވާބާއި، ދަރުމައަށާއި، ވާގިވެރިކަމަށް އެދިވަޑައިގަންނަވާށެވެ. ޢަމަލެއްކުރުމުގެ ކުރިންނާއި، އަދި ޢަމަލަކުން އަވަދިވުމަށްފަހުގައިވެސް ތިބާ ﷲއާއެކު ވާށެވެ. ޢަމަލެއްކުރުމުގެ ކުރިން ﷲ عزّ وجلّ ޙަޟްރަތުން ވާތްގަށް އެދޭށެވެ. އަދި އެ ޢަމަލަކުން އަވަދިވުމަށްފަހު، އެކަލާނގެ ޙަޟްރަތުން ޘަވާބަށް އެދޭށެވެ.

ﷲ ގެ ވަޙީ ބަސްފުޅު ((وَإِلَىٰ رَ‌بِّكَ فَارْ‌غَب)) މި ބަސްފުޅުގައި ބަލާޣާތްތެރިކަމުގެ ގޮތުން ފައިދާއެއް އެކުލެވިފައިވެއެވެ. މި އާޔަތުގައި ((إِلَىٰ رَ‌بِّكَ)) ގުޅިފައި އެވަނީ ((ارْ‌غَب)) މި ކަލިމައާއެވެ. އެހެންނަމަވެސް ((ارْ‌غَب)) އަށްވުރެ ކުރިއަށް ((إِلَىٰ رَ‌بِّكَ)) ގެނެސްފައިވުމުން ދޭހަކޮށްދެނީ ވަކި ފަރާތަކަށް ހަމައެކަނި ޚާއްޞަވުމަށެވެ. އެހެންކަމުން، އާޔަތުން ދޭހަކޮށްދޭ މާނައަކީ؛ ކަލޭގެފާނުގެ އެންމެހާ ކަމެއްގައި ހަމައެކަނި އެދިވަޑައިގަންނަވާ ފަރާތަކީ ﷲ ކަމުގައި ހެއްދެވުމަށެވެ. ތިބާ ﷲ عزّ وجلّ އަށް ކަންކަމުގައި އެދުމުގައި ދާއިމުވެ ހުންނާށެވެ. އެއިރުން ﷲ ތިބާގެ ކަންކަން ލުއިފަސޭހަކޮށްދެއްވާނެތެވެ. އެހެންނަމަވެސް، މީސްތަކުންގެ ތެރެއިން ގިނަމީހުން ވަނީ ﷲ ޙަޟްރަތުން ވާތްގަށް އެދުމުގައާއި، އެއިލާހަށް ކަންކަމުގައި އެދުމުގައި ފަރުވާކުޑަކޮށްފައެވެ. ނަތީޖާއަކަށްވެފައިވަނީ، އެބައިމީހުން ކުރާ ޢަމަލުތައް ނާކާމިޔާބުވެގެން ވަކި ހިސާބަކުން ހުއްޓާލަންޖެހުމެވެ. ސަބަބަކަށްވެފައިވަނީ އެބައިމީހުންގެ ޢަމަލުތަކުގައި، އެބައިމީހުންނާއި ﷲއާ ދެމެދުގައިވާ ގުޅުން ކެނޑިފައިވުމެވެ.

އަހަރެމެން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެދި ދަންނަވަނީ، އަހަރެމެންނަކީ އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންގަންނަ ބައެއްކަމުގައި ލެއްވުމަށެވެ. އަދި އެއިލާހުގެ ޙަޟްރަތުން އައިސްފައިވާ ޚަބަރުތައް ތެދުކުރާ ބައެއްކަމުގައި ލެއްވުމަށެވެ. ހަމަކަށަވަރުން، އެކަލާނގެއީ ހުރިހާކަމަކަށް ކުޅަދުންވަންތަ ކަލާނގެއެވެ. (ނިމުނީ)

މިލިޔުމުގެ އެހެނިހެން ބައިތައް