[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަދި އެމީހުންނަށް އެނގޭ ނަމަ… 1

Ebadat0048

عن أبي هريرةرضي الله عنه أن رسول الله صلى الله عليه وسلم قال )  لَوْ يعْلمُ النَّاسُ مَا في النِّداءِ والصَّفِّ الأَولِ ثُمَّ لَمْ يَجِدُوا إِلاَّ أَنْ يسْتَهِموا علَيهِ لاسْتهموا علَيْهِ، ولوْ يعْلَمُونَ مَا فِي التَّهْجِير لاسْتبَقوا إَليْهِ، ولَوْ يعْلَمُون مَا فِي العَتَمَةِ والصُّبْحِ لأتوهمُا ولَوْ حبوًا(   متفق عليه.

ހަދީސްގެ ޖުމްލަ މާނަ: އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން އައިސްފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރެއްވިއެވެ. (( ބަންގިއާއި ފުރަތަމަ ސަފުގެ މަތިވެރިކަމާއި ސަވާބު މީސްތަކުންނަށް އެނގޭނަމަ، އެކަން ޙާސިލްކުރުމަށްޓަކައި ( މީސްތަކުން ވާދަކުރުމުގެ ސަބަބުން ) ޤުރުއަތުލުން ނޫންގޮތެއް ނެތުމުގެ ސަބަބުން، އެކަން ޙާސިލްވާ މީހުން ކަނޑައެޅުމަށްޓަކައި ޤުރުއަތު ލާނެތެވެ. އަދި ނަމާދަށް އަވަސްވެގަތުމުގެ ހެޔޮކަން އެނގޭނަމަ އެކަން ހާސިލްކުރުމަށް އެމީހުން އަވަސްވެގަތީހެވެ. އަދި ޢިޝާ ނަމާދާއި ފަތިސްނަމާދުގައިވާ ހެޔޮކަން އެނގޭ ނަމަ އެމީހުން އެ ދެނަމާދަށް، ފިރުކިފައިވެސް އަންނާނެތެވެ. )) متفق عليه

ހެޔޮ ޢަމަލުތައް ކުރުމުގައި އަވަސްވެގަތުމާއި އެކަމުގައި ވާދަކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިއްވަރު ދެއްވާފައިވާ މި މަތިވެރި ޙަދީސްގައި، އެކަޅޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މައިގަނޑު ހަތަރު ކަމެއްގެ ވާހަކަ އުއްމަތަށް ބަޔާންކޮށްދެއްވާފައި ވެއެވެ. އެއީ ބަންގިއާއި ފުރަތަމަ ސަފާއި ނަމާދަށް އަވަސްވެގަތުމާއި ފަތިސްނަމާދާއި ޢިޝާނަމާދުގެ މަތިވެރި ކަމެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ބަސްފުޅު :)  لَوْ يعْلمُ النَّاسُ مَا في النِّداءِ والصَّفِّ الأَولِ ثُمَّ لَمْ يَجِدُوا إِلاَّ أَنْ يسْتَهِموا علَيهِ لاسْتهموا علَيْهِ ) (( ބަންގިއާއި ފުރަތަމަ ސަފުގެ މަތިވެރިކަމާއި ސަވާބު މީސްތަކުންނަށް އެނގޭނަމަ، އެކަން ޙަސިލްކުރުމަށްޓަކައި ( މީސްތަކުން ވާދަކުރުމުގެ ސަބަބުން ) ޤުރުއަތުލުން ނޫންގޮތެއް ނެތުމުގެ ސަބަބުން، އެކަން ޙާސިލްވާ މީހުން ކަނޑައެޅުމަށްޓަކައި ޤުރުއަތު ލާނެތެވެ. )

(( النِّداءِ )) އަކީ ބަންގިއެވެ.

(( الِاسْتِهَامُ )) އަކީ ގުރުއަތުލުމެވެ.

(( އެބަހީ، ﷲ ތަޢާލާގެ ހަޟްރަތުގައި ބަންގިއަށް ދެވިފައިވާ ޤަދަރާއި ބަންގީގެ މާތްކަމާ އޭގެ ސަވާބުގެ މަތިވެރިކަން މީސްތަކުންނަށް އެނގޭނަމަ، ( ބަންގި ގޮވަން ބޭނުންވާ މީސްތަކުން ގިނަވެ، އެކަން ކުރާނެ މީހަކު ކަނޑަނޭޅި ލަސްވެ) ބަންގި ގޮވާ ވަގުތު ކުޑަތަންވަމުންދާތީ ނުވަތަ މިސްކިތެއްގައި ބަންގި ގޮވާ މީހަކީ އެއްމެ މީހެއްކަމުގައި ވުމުގެ ސަބަބުން، އެކަމުގެ ހެޔޮކަމާއި މަތިވެރި ސަވާބު ލިބިގަންނާނެ މީހަކު ކަނޑަ އެޅޭނެ ހަމައެކަނި މަގަކީ، އެކަމަށް ބޭނުންވާ މީހުންގެ މެދުގައި ގުރުއަތުލުން ކަމުގައި ވާތީ، އެމީހުން އެކަން ހާސިލްކުރުމަށް ގުރުއަތުލާނެތެވެ. އަދި ފުރަތަމަ ސަފުގެ ހެޔޮކަމާއި ސަވާބު އެބައިމީހުންނަށް އެނގޭނަމަ އިސްވެ ބަޔާންކުރެވުނު ފަދައިން އެމީހުން ކަންތައްކުރާނެތެވެ. އަދި ފުރަތަމަ ސަފުން ޖާގައެއް ހޯދުމަށްޓަކައި މީސްތަކުން އެކީއެކަށްޗަކަށް އުޅެގަތުމުގެ ސަބަބުން، ސަފުގައި ޖާގަ ދަތިވެ، އެކަކު އަނެކަމަށް ޖާގަ ދޭން ބޭނުން ނުވުމުގެ ސަބަބުން އެމީހުން އެކަމަށް ގުރުއަތު ލާނެތެވެ. އަދި މީގެ އިތުރުންވެސް، އެ ހައްޤުތަކެއް ( ހޯދުމަށްޓަކައި) ޖަމާވާ މީސްތަކުން ގިނަވެ، ދެބަސްވުން އުފެދޭ ހައްޤު ތަކުގައި ގުރުއަތު ލެވޭނެކަން މިޙަދީސުން ސާބިތުވެއެވެ. )) – الإمام النووي – رحمه الله –  في  شرح صحيح مسلم –

ލޮބުވެތި އަޚުންނޭވެ! ބަންގިއާއި ފުރަތަމަ ސަފުގެ  މާތްކަމެއް އެއްމެ ފުރިހަމަ ގޮތުގައެއް އަޅުގަނޑުމެންނަކަށް ނޭންގެއެވެ. އަޅުގަނޑުމެންނަށް ނޭންގުނު ނަމަވެސް، އަޅުގަނޑުމެންނަށް އެކަން އެނގޭނެނަމަ އަޅުގަނޑުމެންގެ ޢަމަލުތައް ހުންނާނެ ގޮތް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަގުހުރި މި ބަސްފުޅުގައި މިވަނީ ބަޔާން ކޮށްދެއްވާފައެވެ. އެހެންކަމުން މިދެކަމުގައިވާ ސަވާބާއި އަޖުރު ކިހާ މަތިވެރި ވާނެތޯއެވެ؟  ލޮބުވެތި އަޚުންނޭވެ!  ހެޔޮކަން ކަމުގައި ވާދަކުރާށެވެ. އަދި ކުރި އަރައިދާށެވެ.


ނުނިމޭ