ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިބަސްފުޅު (( ولوْ يعْلَمُونَ مَا فِي التَّهْجِير لاسْتبَقوا إَليْهِ )) މާނަ (( އަދި ނަމާދަށް އަވަސްވެގަތުމުގައިވާ ހެޔޮކަން އެނގޭނަމަ އެކަން ހާސިލްކުރުމަށް އެމީހުން އަވަސްވެގަތީހެވެ. ))
((التَّهْجِير )) އަކީ (( التَّبْكِيرُ إِلَى الصَّلَاةِ أَيِّ صَلَاةٍ كَانَتْ )) – الإمام النووي – رحمه الله – في شرح صحيح مسلم – މާނައަކީ : (( ނަމާދު އަދާކުރުމަށް އަވަސްވެގަތުވެ. އެއީ ކޮންމެ ނަމާދެއްވިޔަސް މެއެވެ. ))
ނަމާދަށް އަވަސްވެގަތުމުގެ ބައެއް ފައިދާ:
1 – ނަމާދުގެ އިންތިޒާރުގައި ހުންނަ މީހާ، ނަމާދުގެ އިންތިޒާރުގައި ހުންނަހާ ހިނދަކު އެހުނންނަނީ ނަމާދުގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަަމަ ޙަދީޘްކުރައްވާފައި ވެއެވެ. (( ތިޔަބައިމީހުންގެ ތެރެއިން މީހަކު ހަމައެކަނި ނަމާދަށްޓަކައި އިންތިޒާރުގައި ހުންނަހާ ހިނދަކު އޭނާ އެވަނީ ނަމާދުގައެވެ. އޭނާގެ އަހުލުވެރިންގެ ގާތަށް އެނބުރި ދިޔުން، މަނާކުރަނީ ނަމާދު ފިޔަވައި އެހެން ކަމެއް ނޫނެވެ. )) – متفق عليه –
2 – ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (( އެކަމަކުން ތިޔަބައިމީހުންގެ ފާފަތައް ފުހެވިގެެންދާ އަދި ދަރަޖަތަކަކަށް ތިޔަބައިމީހުން އުފުލިގެންދާ ކަމަކަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް މަގުދައްކަވަދެއްްވަން ހެއްޔެވެ! )) ސަހާބީން ދެއްނެވިއެވެ. އާނ އެކެވެ. ﷲގެ ރަސޫލާއެވެ. ދެން އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. (( ނަފްސު ނުރުހުންތެރިވާ ދަތި އުނދަގޫ ހާލަތްތަކުގައި ( އެބަހީ ގަދަ ފިނީގައާއި އަދި ހަށިގަނޑުގައި ތަދު އިޙްސާސްވުންފަދަ ހާލަތްތަކުގައި ) ފުރިހަމަ ގޮތުގައި ވުޟޫކޮށްގެން ( މިސްކިތާއި ގެ ދުރުވުމުގެ ސަބަބުން ) މިސްކިތަށް އައުމަށް އަޅާ ފިޔަވަޅު ގިނަކޮށް، އެއްނަމާދަށްފަހު އަނެއް ނަމާދަށް އިންތިޒާރުކުރުމެވެ. ރިބާޠަކީ އެއީ އެވެ. ( ރިބާޠުގެ އަސްލަކީ ކަމެއްގައި ބަންދުވެ ހައްޔަރުވެ ހުރުމެވެ. އޭނާގެ މި މާތް އަޅުކަމަށްޓަކައި ކިޔަމަންތެރިކަންމަތީގައި ނަފްސު ބަންދުކޮށްލާ ފަދައެވެ. ) – رواه مسلم –
3 – ނަމާދަށް އަވަސްވެ ގަންނަ މީހާއަށް އިމާމާއާއި އެކު ތަކްބީރަތުލް އިޙްރާމް ހާސިލްވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (( އިމާމްމީހާއެކު ފުރަތަމަ ތަކްބީރު ލިބޭގޮތަށް މީހަކު ޖަމާޢަތުގައި ސާޅީސް ދުވަސް ވަންދެއް ނަމާދުކޮށްފި މީހާއަށް ދެ ބަރީއަވުމެއް ލިޔެވެއެވެ. ނަރަކައިން ބަރީއަވުމާއި ނިފާޤުކަމުން ބަރީއަވުމެވެ. ))– رواه الترمذي ، وحسنه الألباني –
4 – ނާމަދަށް އަވަސްވެގަންނަ މީހާއަށް ފުރަތަމަ ސަފު ހާސިލްކުރުމުގެ ފުރުސަތު ލިބެއެވެ. ފުރަތަމަ ސަފުގެ މާތްކަމާއި މަތިވެރިކަމުގެ ވާހަކަ ކޮންމެވެސް މިންވަރަކަށް މި ލިޔުމުގެ ކުރީބައިގައި އިސްވެ ހިނގައްޖެއެވެ. އަދި އިމާމް ނަސާއީ އާއި އިބްނި މާޖާ ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. (( ހަމަކަށަވަރުން ﷲ އާއި މަލާއިކަތުން ފުރަތަމަ ސަފަށް ޞަލަވާތްލައްވައެވެ. )) – صححه الألباني –
މިއީ ނަމާދަށް އަވަސްވެގަތުމުގެ ބައެއް ފައިިދާއެވެ. އަދި މިނޫނަސް އަޖުރުގެ ގޮތުންނާއި އިޖްތިމާޢިގޮތުންވެސް ނަމާދުގެ ވަގުތުގައި ނަމާދު ފުރިހަމަގޮތުގައި އަދާކުރުމަށް މިސްކިތައް ހާޒިރުވުމުގައި ހުރި ފައިދާތައް ވަރަށް ގިނައެވެ. ހާސިލްކުރަން ފަސޭހަ ނަމަވެސް ގިނަ ބަޔަކު މަހްރޫމްވެފައިވާ މި މަތިވެރި ނިޢުމަތަށް އަވަސްވެގެންނަ ބައެއްކަމުގައި ﷲ ތަޢާލާ އަޅުގަނޑުމެން ލައްވާށި! އާމީން.
– ނުނިމޭ –