ފަހެ ތިބާގެ ރައްބު ދެނެގަތީ ކިހިނެއްތޯ އެހިއްޖެނަމަ ބުނާށެވެ. އެއިލާހުގެ އާޔަތްތަކާއި (އެބަހީ ހެކިތަކާއި)، އެއިލާހުގެ މަޚުލޫޤުތަކުންގެ ޛަރީޢާއިންނެވެ. އެއިލާހުގެ އާޔަތްތަކުގެ ތެރޭގައި ރޭގަނޑާއި ދުވާލާއި އިރާއި ހަނދު ވެއެވެ. އަދި އެއިލާހުގެ މަޚުލޫގުތަކުންގެ ތެރޭގައި ހަތްއުޑާއި ހަތްބިމާއި އެތަންތަނުގައްޔާއި އެދެމެދުގައި ވާހައި ތަކެތި ހިމެނެއެވެ. ދަލީލަކީ ﷲގެ ބަސްފުޅެވެ.
وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ ۚ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّـهِ الَّذِي خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ([1])
މާނައީ: “އަދި އެއިލާހުގެ އާޔަތްތަކުގެ (ހެކިތަކުގެ) ތެރޭގައި ރޭގަނޑާއި ދުވާލާއި އިރާއި ހަނދުވެއެވެ. ފަހެ، ތިޔަބައިމީހުން އިރަށާއި ހަނދަށް ސަޖިދަ ނުކުރާށެވެ. އަދި އެތަކެތި ހެއްދެވި ﷲއަށް ސަޖިދަ ކުރާށެވެ. އެއީ ތިޔަބައިމީހުން ހަމައެކަނި އެއިލާހަށް (އެއްކައުވަންތަކަމާއެކު) އަޅުކަން ކުރާކަމުގައި ވާނަމައެވެ.”
އަދި ﷲ ގެ މިބަސްފުޅެވެ.
إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّـهُ رَبُّ الْعَالَمِينَ([2])
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބަކީ ﷲއެވެ. އެއިލާހީ ހަ ދުވަހުން އުޑުތަކާއި ބިން ހެއްދެވި އިލާހެވެ. ދެން ޢަރުޝިއަށް އިސްތިވާވެ ވޮޑިގެންނެވިއެވެ. އަދި އެއިލާހު ރޭގަނޑުން ދުވާލު ފޮރުއްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި ހަނދާއި ތަރިތައް އެއިލާހުގެ އަމުރަށް ކިޔަމަން ވެގެންވެއެވެ. ދަންނާށެވެ. އުފެއްދެވުމާއި އަމުރުތައް ވަނީ އެއިލާހަށެވެ. ޢާލަމްތަކުގެ ވެރި ރައްބުގެ ހެޔޮކަންއިތުރުކަމާއި މަތިވެރިކަމާއެވެ.”
ފިލާވަޅުގެ އިރުޝާދުތައް
* ބުއްދިވެރި އިންސާނުން ކައުނަށް ބަލާ ހަދާނީ ޣާފިލުކަމުގައެއް ނޫނެވެ. އެއާ ޚިލާފަށް މަތިވެރިވެގެންވާ މަޚުލޫޤާތުތަކާ މެދު އެފަދަ މީހުން ވިސްނާފިކުރުކޮށް، އޭގައިވާ ﷲ ގެ މަތިވެރިކަމާއި ކުޅަދުންވަންތަކަމަށް ވިސްނާފިކުރު ކުރާނެއެވެ. ފަހެ އޭގެ ސަބަބުން ޚާލިޤުވަންތަ އިލާހު މަތިވެރިކުރާޙާލު، އެބައިމީހުންގެ ހިތްތައް މަޑުމޮޅިވެގެންދެއެވެ.
* ﷲ ގެ އާޔަތްތަކާއި މަޚްލޫޤުތަކުންނާމެދު ވިސްނާ ފިކުރުކުރުމަށް އެއިލާހުވަނީ ކީރިތި ޤުރުއާނުގައި އަންގަވާފައެވެ. ފަހެ މުސްލިމުންނަށް އެކަށީގެންވަނީ ޤުރުއާން ކިޔަވާއިރާއި ކައުނުގެ ހެކިތަކަށް ބަލާއިރު ޣާފިލުނުވުމެވެ.
ސުވާލުތައް
- އަހަރެމެންގެ ރައްބު ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟
- ﷲ ގެ ބައެއް އާޔަތްތަކާއި މަޚްލޫޤުތަކުން ބަޔާންކުރާށެވެ.
- މަތީގައި ބަޔާންކުރެވިފައިވާ އާޔަތްތަކުން ﷲ ގެ ކުޅަދުންވަންތަކަށް ދަލާލަތުކުރާ ކަންތައްތައް ބަޔާންކުރާށެވެ.
- އަންނަނިވި އާޔަތްތަކާމެދު ވިސްނާފިކުރުކުރުމަށްފަހު އޭގެން ދަލާލަތުކުރާ ކަންތައްތައް ބަޔާންކުރާށެވެ.
އިރު ، ބިން ، ރޭގަނޑު ، ހަނދު.
- އަންނަނިވި މަޚްލޫޤުތަކާމެދު ވިސްނާ ފިކުރުކުރުމަށްފަހު އޭގައިވާ ނިޢުމަތްތައް ބަޔާންކުރާށެވެ.
އިންސާނާގެ ހަށިގަނޑު، ދުވާލުގެ ވަޤުތު، ވާރޭ، ތަރިތައް
_____________________________________________
[1])) [فصلت: ٣٧]