[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 54 “ޢަމާނާތްތެރިކަން ގެއްލިގެން ދިއުން.”

 

12. ޢަމާނާތްތެރިކަން[1] ގެއްލިގެން ދިއުން.

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((إِذَا ضُيِّعَتِ الْأَمَانَةُ؛ فَانْتَظِرِ السَّاعَةَ)). قَالَ: كَيْفَ إِضَاعَتُهَا يَا رَسُولَ اللَّهِ؟ قَالَ: ((إِذَا أُسْنِدَ الْأَمْرُ إِلَى غَيْرِ أَهْلِهِ؛ فَانْتَظِرِ السَّاعَةَ))[2] “‘އަމާނާތްތެރިކަން ގެއްލިއްޖެނަމަ ޤިޔާމަތަށް އިންތިޒާރު ކުރާށެވެ.’ ދެންނެވިއެވެ: އޭ ﷲގެ ރަސޫލާއެވެ. އެކަން ގެއްލޭނީ ކިހިނެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “ކަމުގެ އަހުލުވެރީން ނޫން މީހުންނާ ކަންކަން ޙަވާލު ކުރެވިއްޖެނަމަ ދެންފަހެ ޤިޔާމަތަށް އިންތިޒާރު ކުރާށެވެ.'”

ހިތްތަކުން އަމާނާތްތެރިކަން އުފުއްލެވޭނޭގޮތް ނަބިއްޔާ صلى الله عليه وسلم ވަނީ ބަޔާން ކޮށްދެއްވާފައެވެ. އަދި އޭގެ އަޘަރު ފިޔަވައި އިތުރު ކަމެއް ހިތްތަކުގައި ބާކީ ނޯންނާނެތެވެ.

ޙުޛައިފާ رضي الله عنه ރިވާ ކުރައްވާފައި ވެއެވެ. ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ތިމަންމެން ބޭކަލުންނަށް ދެކަމެއް ކިޔައިދެއްވިއެވެ. އެތަނުން އެއްކަންތައް ތިމަންކަލޭގެފާނު ދެކެވަޑައިގެންފީމެވެ. އަދި ތިމަންކަލޭގެފާނު އިންތިޒާރު މިކުރައްވަނީ އަނެއް ކަމަށެވެ. އަމާނާތްތެރިކަން ބާވައިލެއްވުނީ މީހުންގެ ހިތްތަކުގެ ބިންގަލެއްގެ ގޮތުގައިކަމަށް ކިޔައިދެއްވިއެވެ. އެއަށްފަހު އެކަމާ ބެހޭގޮތުން، ޤުރުއާނުން އެމީހުން އުނގެނުނެވެ. އަދި އެއަށްފަހު ސުންނަތުންނެވެ. އަދި އެކަންކަން އުފުއްލެވޭނޭ ގޮތްވެސް ކިޔައިދެއްވިއެވެ. ޙަދީޘް ކުރެއްވިއެވެ. ((يَنَامُ الرَّجُلُ النَّوْمَةَ، فَتُقْبَضُ الْأَمَانَةُ مِنْ قَلْبِهِ، فَيَظَلُّ أَثَرُهَا مِثْلَ أَثَرِ الْوَكْتِ، ثُمَّ يَنَامُ النَّوْمَةَ فَتُقْبَضُ، فَيَبْقَى أَثَرُهَا مِثْلَ أَثَرِ الْمَجْلِ، كَجَمْرٍ دَحْرَجْتَهُ عَلَى رِجْلِكَ، فَنَفِطَ، فَتَرَاهُ مُنْتَبِرًا، وَلَيْسَ فِيهِ شَيْءٌ، فَيُصْبِحُ النَّاسُ يَتَبَايَعُونَ، فَلَا يَكَادُ أَحَدُهُمْ يُؤَدِّي الْأَمَانَةَ، فَيُقَالَ: إِنَّ فِي بَنِي فُلَانٍ رَجُلًا أَمِينًا، وَيُقَالُ لِلرَّجُلِ: مَا أَعْقَلَهُ! وَمَا أَظْرَفَهُ! وَمَا أَجْلَدَهُ! وَمَا فِي قَلْبِهِ مِثْقَالُ حَبَّةِ خَرْدَلٍ مِنْ إِيمَانٍ، وَلَقَدْ أَتَى عَلَيَّ زَمَانٌ وَمَا أُبَالِي أَيَّكُمْ بَايَعْتُ، لَئِنْ كَانَ مُسْلِمًا؛ رَدَّهُ الإِسْلاَمُ، وَإِنْ كَانَ نَصْرَانِيًّا؛ رَدَّهُ عَلَيَّ سَاعِيهِ، فَأَمَّا اليَوْمَ؛ فَمَا كُنْتُ أُبَايِعُ إِلَّا فُلاَنًا وَفُلاَنًا))[3]  “މީހާ ނިދާފައި ވަނިކޮށް އޭނާގެ ހިތުން އަމާނާތްތެރިކަން އުފުއްލެވެއެވެ. ފަހެ ލައްގަނޑެއްގެ އަސަރު ކަހަލަގޮތަކަށް އޭގެ ހިޔަނި ވެއެވެ. އޭގެފަހުގައި އޭނާ ނިންޖަކުން ނިދައެވެ. ފަހެ [އަމާނާތް] އުފުއްލެވެއެވެ. ބަރުއެއްޗެއް އުފުލައިހެދުމުން ނަގާފައިވާ ފޮޅެއް ފަދައިން އޭގެ އަސަރު ހުރެއެވެ. ފައިގެ ތަނެއްގައި އަނގުރުކޮޅެއް ޖެހި ނަގައިފައިވާ ފެންފޮޅެއް ފަދައެވެ. ފަހެ ފެންތިއްކެއް ފަދައިން އުފުލިފައިވާތީ އެކަން ފެންނަން ހުރެއެވެ. އަދި އޭގައި އެއްވެސް ކަންފުޅެއް ނުވެއެވެ. ދެންފަހެ މީސްތަކުން ވިޔަފާރި ފަށައެވެ. އެއިން އެކަކުވެސް އަމާނާތް އަދާކުރާކަށެއް ނޫޅެތެވެ. ބުނެވެއެވެ. މިވެނި މީހެއްގެ ދަރީންގެ ތެރޭގައި އަމާނާތްތެރިއަކު ވެއެވެ. ދެން އެމީހާއާމެދު ބުނެވެއެވެ. އޭނާގެ ހެޔޮ ވިސްނޭކަމާއެވެ! އަދި އޭނާގެ ރަނގަޅުކަމާއެވެ! އަދި އޭނާގެ ކެތްތެރިކަމާއި ހިތްވަރުގަދަ ކަމާއެވެ! އީމާންކަމުގެ ކުޑަނަމަވެސް މިންވަރެއް އޭނާގެ ހިތުގައި އެބަވެއެވެ. އަދި ހަމަކަށަވަރުން ތިމަންނާ ވިއްކާހެދީ ތިޔައިގެ ތެރެއިން ކާކަށްތޯ ބަލައިވެސް ނުލާ ޒަމާނެއް އައެވެ. މުސްލިމެއް ކަމުގައި ވާނަމަ އިސްލާމްކަން އެކަން ކުރުވައެވެ. އަދި ނަޞްރާނިއްޔެއް ނަމަ ވެރިކަމުގެ ފަރާތުން ތިމަންނާއަށް އެކަން ފޯރުކުރުވައެވެ. ދެންފަހެ މިވެނި މިވެނި މީހުންނަށް މެނުވީ އަހުރެން މިހާރު ގަނެވިއްކާ ނުހަދަމުއެވެ.”

ދެންފަހެ މިޙަދީޘުން އެނގި ބަޔާންވާ ގޮތުގައި ހިތްތަކުން އަމާނާތް އުފުއްލެވޭނެއެވެ. އަމާނާތްތެރިއެއް ކަމުގައި ވީމީހާ ޚިޔާނާތްތެރިއަކަށް ބަދަލުވެއްޖައުމަށް ދާނދެނެވެ. އަދި މިކަން ހަމައެކަނި މިހިނގަނީ ﷲ ތަޢާލާއަށް ބިރުވެތިވުން ގެއްލިފައިވާ މީހުންގެ ކިބައިންނެވެ. އީމާންތެރިކަން ބަލިކަށިވެ ޚިޔާނާތްތެރިންނާ އެކުގައި އުޅުމުގެ ސަބަބުންނެވެ. ފަހެ އޭނާވެސް ޚާއިނަކަށް ބަދަލުވެއެވެ. އެހެނީ އެހެނީ އެކުގައި އުޅޭމީހާ އަބަދުވެސް އޭނާގެ އެކުވެރިޔާއަށް މަގުދައްކައެވެ.

ފާޅުކަން ބޮޑުގޮތެއްގައި އަމާނާތްތެރިކަން ގެއްލޭ ކަންކަމުގެ ތެރޭގައި، ވެރިކަމާއި ޚަލީފާކަމާއި ޤާޒީކަމާއި އެކިއެކި ވަޒީފާތަކާއި އަދި އެނޫންވެސް ކަންކަން، އެކަންކަން ފަސޭހަކޮށްދިނުމުގެ ކުޅަދާނަކަން ލިބިގެން ނުވާ އަދި އެކަމަށް ރައްކާތެރިވުމަށް އެކަށީގެންވެސް ނުވާ މީހުންނާ ޙަވާލުކުރެވުން ހިމެނެއެވެ. އެހެނީ މީސްތަކުންގެ ޙައްޤުތައް ގެއްލިގެން ދިއުން އެކަމުގައި ވެއެވެ. އަދި މީސްތަކުންގެ މަޞްލަޙަތުތައް ވަޅުލެވި، އެމީހުންގެ ހިތްތައް އެފުއްމިފުށަށްޖެހި އެބައިމީހުންގެ މެދުގައި ފިތުނަ އުފެދިގެން ދެއެވެ.[4]

މީސްތަކުން ތަބާވަނީ އެބައިމީހުންނަށް އަމުރުކުރަން އިސްކުރެވިފައިވާ ވެރީންގެ ގޮތަށް ކަމުގައި ވީހިނދު، އަމުރުވެރި ވެރީންގެ ކިބައިން އަމާނާތްތެރިކަން ގެއްލިއްޖެނަމަ އަމާނާތްތެރިކަން ނެތުމުގައި ދެން މީސްތަކުންވެސް ވާހުށީ އެމީހުންގެ މިސާލުގައެވެ. ފަހެ ވެރިންގެ ޙާލަތު ރަނގަޅުވުމަކީ މީސްތަކުންގެ ޙާލު ރަނގަޅުކުރުވާ ކަމެކެވެ. އަދި އެބައިމީހުން ނުބައިވެއްޖެނަމަ މީސްތަކުން ނުބައިވެގެން ދެއެވެ.

އެއަށްފަހު ކަމުގެ އަހުލުވެރީން ނޫން މީހުންނާ ކަންކަން ޙަވާލުވެވިއްޖެނަމަ އެކަމުން ސާފުކޮށް ދަލީލުކޮށްދެނީ މީސްތަކުން އެމީހުންގެ ދީނަށް ވަފާތެރި ނޫންކަމެވެ. އެބައިމީހުންގެ ކަންކަން ކުރުމަށް އެމީހުންގެ ދީނަށް ސަމާލުކަން ނުދޭ މީހުން ވެރިކުރުމާ ހަމައަށެވެ. މިބީދައިން މިކަން ވާހުށީ ޢިލްމު އުފުއްލެވި، މީސްތަކުންގެ މައްޗަށް ޖަހާލަތުގެ އަނދިރިކަން ވެރިވެގަތުމުންކަން ކަށަވަރެވެ. މިކަމަށްޓަކައި އިސްވެދިއަ އަބޫހުރައިރާގެ ޙަދީޘް [އަލްއިމާމު] ބުޚާރީ، كِتَابُ العِلْم ގައި ޛިކުރު ކުރައްވާފައި ވަނީ މިކަމަށް އިޝާރާތް ކުރެއްވުމުގެ ގޮތުންނެވެ.

އިބްނު ޙަޖަރު ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “މިޙަދީޘް ބަސްފުޅު كِتَابُ العِلْم އާ ގުޅުވާލާފައި ވަނީ އެއީ ކަމުގެ އަހުލުވެރީން ނޫންމީހުނާ ކަންކަން ޙަވާލު ވާކަން ކަށަވަރީ އިލްމު އުފުއްލެވި ޖާހިލުކަން ވެރިވުމުން ކަމުގައި ވާތީއެވެ. އަދި އެކަން ހިމެނިގެންވަނީ [ޤިޔާމަތްވުމުގެ] ޢަލާމާތެއް ކަމުގައެވެ.”[5]

ދެންފަހެ ކަންކަން އެފުއްމިފުށަށް ޖެހިފައިވާ ނުކިޔަމަންތެރި އަހަރުތަކެއް އަންނާނޭކަމުގައި ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޚަބަރުދެއްވާފައި ވާކަން ކަށަވަރެވެ. އޭރުން ދޮގުވެރިޔާ ތެދުވެރިއެއް ކަމުގައި ބެލެވި، ޚިޔާނާތްތެރިޔާ އަމާނާތްތެރިއެއްކަމުގައި ބެލެވި އަދި ޚިޔާނާތްތެރިޔާއާ އަމާނާތް ޙަވާލުކުރެވޭނެއެވެ. ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި އެންމެ ނުބައި މީހުން މަތިވެރިވެގެންދިޔުން ބަޔާންކުރާއިރު މިވާހަކަތައް އަންނަ ހުށްޓެވެ.

=ނުނިމޭ=

__________________________________________

[1] (الأمانة): [އެއީ] ޚިޔާނާތްތެރިކަމުގެ އިދިކޮޅެވެ. ކީރިތި ޤުރުއާނުގެ މިއާޔަތުގައި މާތް ﷲ މިކަލިމަ ޛިކުރު ކުރައްވާފައި ވެއެވެ: ﴿إِنَّا عَرَضْنَا الْأَمَانَةَ عَلَى السَّمَاوَاتِ وَالْأَرْضِ وَالْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا الْإِنسَانُ إِنَّهُ كَانَ ظَلُومًا جَهُولًا﴾ [الأحزاب: 72] މާނައީ: ” ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަންރަސްކަލާނގެ އަމާނާތް (އެބަހީ: ތަކުލީފުތައް) ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެކަމާމެދު އެތަކެތި ބިރުވެތިވިއެވެ. އަދި އިންސާނާ އެއަމާނާތް އުފުލިއެވެ. ހަމަކަށަވަރުން، އެ އިންސާނާވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ.”

މިކަލިމައިގެ މާނައާމެދު ޢިލްމުވެރީންގެ ތަފާތު ބަސްފުޅުތައް ވެއެވެ. އަދި އެ ދެބައަކަށް ބެހިގެން ވެއެވެ:

ހ. ތައުޙީދު (ﷲ އެއްކައުވަންތަ ކުރުން): ފަހެ އެއީ އަޅާގެ ކިބާގައި، ހިތުގައި ފޮރުވިފައިވާ އަމާނާތެކެވެ.

ށ. ޢަމަލު: ޝަރީޢަތުގެ އެންމެހާ ބައިތަކެއް ވަންނަނީ މީގެ ތެރެއަށެވެ. އަދި އެހުރިހާ ކަމަކީ އަޅާގެ ކިބާގައިވާ އަމާނަތެވެ. ދެންފަހެ އަމާނާތަކީ އެއީ [ޝަރުޢީ] ތަކުލީފެވެ. އަމުރުތައް ބަލައިގަނެ ނަހީތަކުން ދުރުވެގަތުމެވެ.

ބައްލަވާ: ((أحكام القرآن)) لابن العربي (3 / 1588 – 1589) تحقيق علي محمد البجاوي، و ((شرح النووي لمسلم)) (2 / 168)، و ((تفسير ابن كثير)) (6 / 477)، و ((فتح الباري)) (11 / 333).

[2]   ((صحيح البخاري))، كتاب الرقاق، باب رفع الأمانة، (11 / 333 – مع الفتح).

[3] ((صحيح البخاري))، كتاب الرقاق، باب رفع الأمانة، (11 / 333 – مع الفتح)، وكتاب الفتن، باب إذا بقي في حثالة من الناس، (13 / 38 – مع الفتح).

[4]  ބައްލަވާ: ((قبسات من هدي الرسول الأعظم صلى الله عليه وسلم / في العقائد)) (ص 66) لعلي الشربجي، الطبعة الأولى، (1398 هـ)، ط. دار القلم، دمشق.

[5] [ބައްލަވާ:] ((فتح الباري)) (1 / 143).