މުސްލިމަކަށްވުމަކީ ﷲ ދެއްވި ވަރަށް ބޮޑު ނިޢުމަތެކެވެ. އެއީ އަޅުގަނޑުމެންނަށް ތަޞައްވަރުކުރެވޭ ވަރަށްވުރެވެސް ބޮޑު ކަމެކެވެ.އެކަމަކީ އަޅުގަނޑުމެން އެޔަށްޓަކައި ޝުކުރުކުރަން ޖެހޭ އަދި އެކަމަށްޓަކައި ޙައްޤުތަކެއް އަދާކުރަން ޖެހޭ ކަމެކެވެ. އެހެންނޫންނަމަ އެކަމަށް ރައްކާތެރިނުވެވި އަތުން ދޫވެގެން ބީވެގެން އެކަން ހިނގައިދާނެއެވެ. އެކަމުގެ މަތިވެރިކަމާއި ޢިއްޒަތާއި ޝަރަފުގެއްލިގެން ހިނގައިދާނެއެވެ. އެދީނުގެ މަތިވެރިކަން އެންމެ ހެޔޮގޮތުގައި ބެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ތެރޭން، މުސްލިމު ނޫންމީހުންނަށް ޚާއްޞަކަންކަމުން ދުރުވެގަތުން ހިމެނެއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިންޒާރުދެއްވާފައިވެއެވެ.
” لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ”. قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ ” فَمَنْ ”. رواه البخاري و مسلم.
މާނައީ: ” ތިޔަބައިމީހުންގެ ކުރީގެ މީހުންގެ ގޮތްތަކަށް ތިޔަބައިމީހުން ކާވަތުން ކާވަތުން ތަބާވާނެއެވެ. އެޔަށްފަހު މުށްމުށުން ތަބާވާނެއެވެ. އެއީ އެބައިމީހުން ސަޙަރާގެ އުޅޭ ބޮނޑެއްކަމަށްވާ ޟައްބުގެ ޙަރަށް ވަންކަމުގައިވިޔަސް އެމީޙުންގެ ފަހަތުން ގޮސްވަންނާނެއެވެ. ދެން ތިމަންބޭކަލުން(ޞަޙާބީ ބޭކަލުން) ދެންނެވީމެވެ. އޭ ރަސޫލުﷲއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިންހެއްޔެވެ؟ ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. “ދެން ކޮންބައެއްހެއްޔެވެ؟”
މިތަނުގައި މިވަނީ ހަމައެކަނި ޚަބަރެއްނޫނެވެ. އެފަދައިން ކަންކަމުގެ ބޮޑުކަމާއި ނުބައިކަމުގެ މައްޗަށް އިންޒާރުވެސް ދެއްވާފައެވެ. ވީމާ މީ މުސްލިމެއްކަމުގައި ވުމަށްޓަކައި ގަދައަޅާކުރަން ޖެހޭކަމެކެވެ. މިފަދަ ކަންތައްތަކަކީ ކޮބައިތޯ ބަލާ ހޯދަން އެބަޖެހެއެވެ. އެހެނީ ދީނުގައި އޮންނަ މިފަދަ ކަންކަން އެނގިގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟުވެގެންވާ ކަމެކެވެ. ޢިލްމުވެރިންނާއި ސުއާލުކޮށް ދެނެގަނެ އޮޅުން ފިލުވާންޖެހެއެވެ. އާޚިރަތުގެ ގޮވަތި ކާމިޔާބުވާނީ އޭރުންނެވެ.
ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އާޚިރަތުގެ ދާއިމީ ގޯތިކާމިޔާބު ކުރާ ބަޔެއްކަމުއި ލައްވައި ހެޔޮލަފާ ޞާލިޙުގޮތުގައި ޙަޔާތްހޭދަކުރާ ބައެއްކަމުގައި ލެއްވުމެވެ.
وصلى الله وسلم على محمد و آله صحبه.