އަޅުކަންތައް މާތް ﷲ ޤަބޫލުކުރައްވަނީ ދެ ޝަރުތެއް އަޅުކަމެއްގައި ފުރިހަމަ ވުމުންނެވެ. އެއީ ﷲ އަށް ކުރެވޭ ޢިޚްލާޞްތެރި އަޅުކަމަކަށް ހެދުމާއި ޝަރުޢު ކުރެވުނު ގޮތަށް އެ އަޅުކަމެއް އަދާކުރުމެވެ.
އިޚްލާޞްތެރި ނޫން ހިތަކަށް ޙަޤީޤީ މާނާގައި ޚުޝޫޢަތްތެރިއެއް ނުވެނޭއެވެ.
ޚުޝޫޢަތްތެރިކަމަކީ ކޮބައިތޯއެވެ؟ ލުޣަވީގޮތުން (ބަހަވީ ގޮތުން) ޚުޝޫޢަތްތެރި ކަމަކީ މަޑުމޮޅިކަމާއި މަޑުމައިތިރިކަމާއި ހިތް ޚަލާޞްކުރުން ކަމުގައި ބުނެވިދާނެއެވެ. އިޞްތިލާޙުގައިވެސް މި ކަލިމައިގެ މާނަ މިގޮތަށް ނެގިދާނެއެވެ. ނަމަވެސް ކުޑަ ބަދަލަކާއެކުއެވެ. އިޞްތިލާޙީ ގޮތުން (ޝަރުޢީ ގޮތުން) ޚުޝޫޢަތްތެރިވުމަކީ، ކުރާ އަޅުކަންތަކުގައި މާތް ﷲ އަށް ހިތް ނިޔަތް ޚަލާޞްކުރުމަށްފަހު މަޑުމޮޅިވެ އެ އިލާހު ޚަޟްރަތުގައި ނިކަމެތިވެ ޚުޟޫޢަތްތެރިވުމެވެ.
ޚުޝޫޢުގެ މަޤާމަކީ ދުލާއި އަތްފަޔާއި ހިތްކަމުގައިވެސް ބުނެވިދާނެއެވެ. ހިތް ޚުޝޫޢަތްތެރިވެއްޖެނަމަ، އަތްފަޔާއި ދޫ ޚުޝޫޢަތްތެރިވާނެއެވެ. ނަމާދުގައި އަޅުގަނޑުމެންނަށް އަމުރުކުރެވިގެންވަނީ މި ގުނަންތައް ޚުޝޫޢު ޚުޟޫޢުކަންމަތީގައި ބެހެއްޓުމަށެވެ.
މިއީ މާތް ﷲ ގެ ނިޢުމަތެކެވެ. އެކަލާނގެ ތައުފީޤުދެއްވާ އަޅަކަށް މެނުވީ ނުލިބޭނެ ދަރަޖައެކެވެ. މި ދަރަޖަ އަޅަކަށް ލިބޭނީ ނަމާދުން ބޭރުގައިވެސް އެ އަޅާ މާތް ﷲ އަށް ބިރުވެތިވާނަމައެވެ. ނަމާދުން ބޭރުގައިވެސް މާތް ﷲ ގެ އަމުރުތަކާއި ނަހީތަކަށް ޚުޝޫޢަތްތެރިވާނަމައެވެ. އޭރުން އެ އަޅަކަށް ނަމާދުގައިވެސް ފުރިހަމަ މާނާގައި ޚުޝޫޢަތްތެރި ވެވޭނެއެވެ. ނަމާދުގައި އޭނާއަށް ޚުޝޫޢަތްތެރިކަމުގެ ލައްޒަތާއި ފޮނިކަން އިހުސާސްކުރެވޭނެއެވެ. އޭނަގެ ލޯ ކަރުނައިން ފޭދޭނެއެވެ. ނަމަވެސް ނަމާދުން ބޭރުގައި މުންކަރާތްތަކަށް އަރައިގަންނަ އަޅަކަށް މި ލައްޒަތެއް އިހުސާސެއް ނުކުރެވޭނެއެވެ. އޭނަގެ ގުނަވަންތައް މާތް ﷲގެ ޙަޟްރަތާ ދުރުވެފައިވާ މިންވަރުންނެވެ. އެ ގުނަވަންތައް ނަމާދުގައިވެސް އޭނާއަށް ތަބާޢެއް ނުވާނެއެވެ. ޚުޝޫޢަތްތެރި ކުރަން އުދަނގޫ ވާނެއެވެ.
ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ވަޖީބެކެވެ. (( قَدْ أَفْلَحَ الْمُؤْمِنُونَ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ )) މާނައީ: ” މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެ އުރެންނީ އެއުރެންގެ ނަމާދުގައި ޚުޝޫޢަތްތެރިވެ ތިބޭ މީހުންނެވެ.” (އަލްމުއުމިނޫން 1-2)
ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ (ރަޙިމަހު ﷲ) އެކަލޭގެފާނުގެ މަޖުމޫޢު ފަތާވާގައި (254/22) މަތީގައި ބަޔާންކުރެވުނު އާޔަތް ގެނެސްދެއްވަމުން ވިދާޅުވަނީ ” މާތް ﷲ ގެ (މި) ބަސްފުޅުން ޚުޝޫޢަތްތެރިވުމުގެ ވުޖޫބިއްޔަތަށް ދަލީލުކޮށްދޭ” ކަމަށެވެ.
އެހެންކަމުން ނަމާދުގައި ޚުޝޫޢަތްތެރިކަން އިތުރު ވާނޭ އަސްބާބުތަކަށް ބަލައިލުން މިހިސާބުން މުހިއްމުވެއްޖެކަން ކަށަވަރެވެ.
ޚުޝޫޢަތްތެރިކަމަކީ ހިތުގެ ޞަލާޙަތާއި ގުނަވަންތަކުގެ ތަޤްވާވެރިކަމުގެ ފޮނި މޭވާއެވެ. މިމޭވާ ހާސިލުކުރެވޭނީ މާތް ﷲ ރަނގަޅަށް މަޢްރިފާކޮށް ދަންނަން އެނގޭ އަޅަކަށެވެ. އަދި އެކަލާނގެ އަމުރުކުރެއްވި ކަންތައް ދަނެ އެއަށް ޢަމަލު ކުރާ އަޅަކަށެވެ. އަދި އެކަލާނގެ ނަހީކުރެއްވި ކަންތައް ދަނެ، އެކަންކަމުން އެއްކިބާވެގެން ހުންނަ އަޅަކަށެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމް އަށް އީމާންވެ، އެކަލޭގެފާނަށް ފުރިހަމަ މާނާގައި އިއްތިބާޢުވާ މީހަކަށެވެ. ދެން މިހުރިހައި ކަންތަކާ އިޚްލާޞްތެރިކަން ގުޅުވުމުންނެވެ. ޚުޝޫޢަތްތެރިކަން ފައްކާވެ ތާޒާވަނީ މި ދެންނެވި ކަންތަކުގެ މައްޗަށެވެ.
1- މާތް ﷲ މަޢްރިފާކޮށް ދަނެގަތުން:
މާތް ﷲ މަޢްރިފާކޮށް ދަނެގަތުމަކީ އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތައް މަޢްރިފާކޮށް ދަނެގަތުމެވެ. މިސާލަކަށް އެކަލާނގެއީ އައްރައްޒާޤުކަން ދަނެގަތުމެވެ. އެހެން އެއްވެސް ފަރާތަކަށް އިންސާނެއްގެ ރިޒުޤު ނުހިފެހެއްޓޭނެކަމާއި އަދި މާތް ﷲ ހިފަހައްޓައިފި ރިޒުޤެއް ނުވެސް ދެވޭނެކަން ދަނެގަތުމެވެ. އެއީ އަލްމުދައްބިރު ކަން ދަނެގަތުމެވެ. ކައުނުގައި ހިނގާ އެއްވެސް ކަމެއް އެ އިލާހަށް ނޫނީ ބަދަލެއް ނުކުރެވޭނެކަން ދަނެގަތުމެވެ. އައްނާފިޢުކަން ދަނެގަތުމެވެ. މާތް ﷲ އަށް މެނުވީ އިންސާނަކަށް ފައިދާއެއް މަންފާއެއް ނުދެވޭނެކަން ދަނެގަތުމެވެ.
މިހެންގޮސް ވަރަށް ގިނަ އިސްމުފުޅުތަކާއި ސިފަފުޅުތައް ކީރިތި ޤުރުއާނާއި ތާހިރު ސުންނަތުން މާތް ﷲ އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވެއެވެ. އެއީ އަޅުގަނޑުމެން އެ އިލާހު މަޢްރިފާކޮށް ދަނެގަތުމަށެވެ. އެ އިލާހުގެ ހައިބުވަންތަކަމާއި މަތިވެރިކަމާއި ކުޅަދުންވަންތަކަން އަޅުގަނޑުމެން ދަނެގަތުމަށެވެ. އަދި ދުޢާ ކުރުމުގައްޔާއި ނަމާދު ކުރުމުގައްޔާއި އަދިވެސް އެހެނިހެން އަޅުކަންތައް ކުރުމުގައި އެ އިސްމުފުޅުތަކުގެ ބޭނުން އަޅުގަނޑުމެން ހިފުމަށެވެ. އެ އިސްމުފުޅުތަކުން އެކަލާނގެއަށް ޘަނާ ކިޔުމަށެވެ. އެ ސިފަފުޅުތަކުން އެކަލާނގެ ހައިބުވަންތަކަމާއި މަތިވެރިވަންތަ ކަން ދަނެގަތުމަށެވެ. ފުރިހަމަ ގޮތުގައި އެކަލާނގެއަށް ތަވައްކަލް ކުރުމަށެވެ. ފުރިހަމަ ގޮތުގައި އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. އެއްކައުވަންތަ ކުރުމަށެވެ.
މާތް ﷲ މަޢްރިފާކުރަން އެނގޭ އަޅަކު، އެ އިލާހުގެ މަތިވެރިކަމާއި ހައިބަވަންތަކަން ދަންނާނެއެވެ. އޭނަ ކުރާ ކޮންމެ ކަމެއްގައި މާތް ﷲ މުރާޤާބާ ކުރާނެއެވެ. އަދި ކޮންމެ ޢަމަލެއްގައި އިޚްލާޞްތެރިވާނެއެވެ. އޭނަގެ ހިތާއި އަތްފައި އެކަލާނގެއަށް ޚުޝޫޢަތްތެރިވާނެއެވެ.
2- ނަމާދުގެ ޤަދަރާއި މަތިވެރިކަން ހިތަށް ގެނައުން:
ނަމާދު ޤަދަރާއި މަތިވެރިކަން މުސްލިމަކަށް ހަޤީޤީ މާނާގައި އެނގޭނީ، އޭނާގެ ވެރި ރައްބުގެ މަތިވެރިކަމާއި ޤަދަރު އެނގިގެންނެވެ. ނަމާދުގައި އޭނާ ހުއްޓި ހުންނަ އިލާހަކީ ކޮން ފަރާތެއްކަން އޭނާގެ ހިތަށާއި ފިކުރަށް ގެނައުމުންނެވެ.
ނަމާދަށް މުސްލިމަކު ހުއްޓޭ އިރު އޭނާ އެ ހުއްޓެނީ މާތް ﷲ ގެ ކުރިފުޅު މަތީގައެވެ. މާތް ﷲ ގެ ވަޖުހު ފުޅު އޭނާގެ މޫނާ ދިމާކުރައްވައެވެ. ޢާލަމްތަކުގެ ވެރި އިލާހުގެ ޙަޟްރަތުގައި ހުންނައިރު އެއްވެސް މަޚްލޫޤަކަށް އެހެން ފަރާތަކަށް އެނބުރެން ކެރޭނެތޯއެވެ؟ އަދި އެހެން ފިކުރުތަކެއް ކުރަން ކެރޭނެތޯއެވެ؟ އިތުރު ހަރަކާތްތަކެއް ކުރަން ކެރޭނެތޯއެވެ؟
“إذا صليتم فلا تتلفتوا فإن الله ينصب وجهه لوجه عبده في الصلاة ما لم يلتفت” (رواه مسلم)
މާނައީ:” ތިޔަބައިމީހުން ނަމާދުކުރަން ފަށައިފިނަމަ، ފަރާތް ފަރާތަށް މޫނު ނައަނބުރާށެވެ. އެހެނީ ހަމަކަށަވަރުން މާތް ﷲ އެ އިލާހުގެ ވަޖުހުފުޅު އަޅާގެ މޫނާ ނަމާދުގައި ދިމާކުރައްވައެވެ. އޭނާ އެހެން ފަރާތަކަށް މޫނު އަނބުރާލުމަށް ދާންދެނެއެވެ”.
ނަމާދު ވަގުތު ކައިރިވުމުން އަޅުގަނޑުމެންގެ ސަލަފުންގެ ހާލުފުޅުތައް ތަޣައްޔަރު ވެގެންދެއެވެ. ޢަލީ އިންބު އަލްޙުސައިން ވުޟޫކުރައްވައިފިނަމަ މޫނުފުޅުގެ ކުލަ ރީނދޫ ކުލައަކަށް ބަދަލުވެގެންދެއެވެ. މިކަމުގެ ސުވާލު އެކަލޭގެފާނުގެ އަހުލުވެރިން ދަންނަވާފޫއެވެ. “ވުޟޫކުރާއިރު ކަލޭގެފާނަށް އެއަންނަ ތަޣައްޔުރުގެ އަސްލަކީ ކޮބައިތޯއެވެ؟” ޖަވާބުގައި ވިދާޅުވިއެވެ. ” ކާކުގެ އަރިހުގައި ކޮޅަށް ހުންނަން ކަން މިދަނީ، އެނގޭ ހެއްޔެވެ؟” ( މި އަޘަރު ރިވާކުރައްވާފައިވަނީ އިމާމު ތިރިމިޛީ އާއި އިމާމު އަޙްމަދުއެވެ.)
މުސްލިމް އިންބު ޔައްސާރު ނަމާދުގައި ހުންނަވަނިކޮށް މިސްކިތުގެ އެއް ފަރާތް ވެއްޓުނެވެ. ނަމަވެސް، ނަމާދުކޮށް ނިމުމަށްދާންދެން މިސްކިތުގައި ހިނގި ޙާދިޘާގެ އެއްވެސް ހިލަމެއް އެކަލޭގެފާނަކަށް ނުވެއެވެ.
މިއީ އަޅުގަނޑުމެންގެ ސަލަފުންގެ ފަރާތުން ނަމާދަށް ދެވިފައިވާ ޤަދަރުގެ ދެ ނަމޫނާއެކެވެ. ނަމާދަށް އެބޭކަލުން ދެއްވި އަހައްމިއްޔަތާއި ޤަދަރުގެ ވާހަކަތައް ބައިވަރެވެ. އެކަން ތާރީޚީ ފަތްފުށްތަކުގައި ރައްކައުކުރެވިފައިވެއެވެ.
އަޅުގަނޑުމެންގެ ސަލަފުންގެ ފަރާތުން މިހައި ވަރުގަދަ ޚުޝޫޢަތްތެރިކަމެއް ފެނިގެންދިޔައީ ކީއްވެތޯއެވެ؟ އެއީ ނަމާދުގެ މަތިވެރިކަމާއި ނަމާދުގައި ހުއްޓި ހުންނަން ޖެހޭ ފަރާތުގެ ހައިބުވަންތަކަމުގެ މަޢްރިފާ އެބޭކަލުންނަށް ކުރެވޭތީ ކަމާމެދު ޝައްކެއް ނެތެވެ.
(ނުނިމޭ)