[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަރާއި ދިރުމާއި އޭގެ ޙިކުމަތް 2

11798431_738216596288478_1704504603_n

އާޔަތުގެ ތަފްސީރާއި ބަޔާން

ފުރަތަމަ ބާބު: (خلق الموت والحياة) މަރާއި ދިރުން ޚަލްޤު ކުރެއްވުން

މަރަކީ ކޮބާ؟ އަދި ޙަޔާތަކީ ކޮބާ؟

މަރާއި ދިރުމަކީ ﷲތަޢާލާ ޚަލްޤު ކުރައްވާފައިވާ ދެ މަޚުލޫޤުންނެވެ. ތަފްސީރުލް މުނީރުގައި މަރާއި ޙަޔާތުގެ ތަޢުރީފުގައި ލިޔުއްވާފައި ވެއެވެ.

“والمَوتُ: انْقَطَاعُ تعلق الروح بالبدنِ ومفارقتها له، والحياة: تعلق الروح بالبدن واتصالها به، وإيجاد الحياة معناه: خلق الروح في الكائنات الحية، ومنها إيجاد الإنسان.”[1]

މާނައީ: “މަރަކީ ހަށިގަނޑަށް އެޅިފައިވާ ރޫޙު ކެނޑިގެން ދިއުމެވެ. އަދި ހަށިގަނޑާއި ރޫޙު ވަކިވުމެވެ. ޙަޔާތަކީ ހަށިގަނޑަށް ރޫހު އެޅިފައި ވުމެވެ. އަދި ހަށިގަނޑާ ރޫޙު ގުޅިފައިވުމެވެ. ޙަޔާތް އުފެދުމޭ ބުނެވޭ ބަހުގެ މާނައަކީ، ކާއިނާތުގެ ދިރުމަށް ރޫޙޫ (ފުރާނަ) ޚަލްޤުވުމެވެ.”

އަލް އިމާމުލް ޤުރުޠުބީ رحمه الله ވިދާޅުވިއެވެ:

“أن الموت ليس بعدم محض ولا فناء صرف، وإنما هو انقطاع تعلق الروح بالبدن ومفارقته، وحيلولة بينهما، وتبدل حال وانتقال من دار إلى دار.”[2]

މާނައީ: “މަރަކީ އެއްކޮށް ނެތިދިޔުމެއް ނޫނެވެ. އަދި އެއްކޮށް ފަނާވެދިޔުމެއްވެސް ނޫނެވެ. އަދި ކިއެއްޔެއްޔެވެ. އެއީ ފުރާނައާއި ހަށިގަނޑާއި ދެމެދުވާ ގުޅުން ކެނޑި ފުރާނައާއި ހަށިގަނޑު ވަކިވެގެން ދިއުމެވެ. އަދި އެދެމެދުގައި ހުރަހެއް ލެވިގެން ދިއުމެވެ. އަދި ޙާލަތް ބަދަލުވެ އެއް ގޮވެތިން އަނެއް ގޮވެއްޗަށް ބަދަލުވެގެން ދިއުމެވެ.”

ދިރިހުރުމުގެ މައްޗަށް މަރު އިސްކުރެވިފައި ވުން.

މިއާޔަތުގައި ﷲތަޢާލާ އެވަނީ ޙަޔާތުގެ ކުރިއަށް މަރު އިސްކުރައްވާފައެވެ. ޙަޔާތުގެ ކުރިއަށް މަރު އިސްކުރެވިފައިވާ ޙިކްމަތާއި މެދު ތަފްސީރު ޢިލްމުވެރިން ވާހަކަ ދައްކަވާފައިވެއެވެ.

އަލް އިމާމުލް ޤުރުޠުބީ އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ.

” (الَّذِي خَلَقَ الْمَوْتَ وَالْحَياةَ) قيل: المعنى خلقكم للموت والحياة، يعني للموت في الدنيا والحياة في الآخرة وقدم الموت على الحياة، لان الموت إلى القهر أقرب كما قدم البنات على البنين فقال: يَهَبُ لِمَن يَشَاءُ إِنَاثًا وَيَهَبُ لِمَن يَشَاءُ الذُّكُورَ‌ ﴿الشورى: ٤٩﴾”[3]

މާނައީ: “(އެއިލާހީ މަރާއި ދިރުން ޚަލްޤު ކުރެއްވި އިލާހެވެ.) ބުނެވެއެވެ. މީގެ މާނައަކީ، ތިޔަބައިމީހުން ހެއްދެވިފައިވަނީ މަރުވުމާއި ދިރި ތިބުމަށެވެ. އެބަހީ ދުނިޔޭގައި މަރުވުމަށްޓަކައެވެ. އަދި އާޚިރަތުގައި ދިރި ތިބުމަށްޓަކައެވެ. އަދި މަރުވަނީ ދިރިއުޅުމުގެ މައްޗަށް އިސްވެފައެވެ. އެހެނީ މަރަކީ ގަދަވެގަތުން ކައިރި އެއްޗެކެވެ. (ޤުރުއާނުގައި) ފިރިހެން ދަރިންގެ މައްޗަށް އަންހެން ދަރިން އިސްކުރެވިފައިވާ ފަދައިންނެވެ. ﷲތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ” يَهَبُ لِمَن يَشَاءُ إِنَاثًا وَيَهَبُ لِمَن يَشَاءُ الذُّكُورَ‌ ﴿الشورى: ٤٩﴾” މާނައީ: ” އެއިލާހު އިރާދަކުރައްވާ މީހަކަށް އަންހެންދަރިން ދެއްވަތެވެ. އަދި އެއިލާހު އިރާދަކުރައްވާ މީހަކަށް ފިރިހެންދަރިން ދެއްވަތެވެ.””

މަރަކީ މަޚުލޫޤުން ނުރުހޭ އެއްޗެކެވެ. އެހެން ނަމަވެސް މަރު އައިސް އެމަޚުލޫޤުން ނުރުހުނަސް އެމީހުންގެ މައްޗަށް ގަދަވެގަނެއެވެ. ހަމައެއާއި އެކު މައްކާގެ މުޝްރިކުން އަންހެންދަރިން ލިބުމަށް ނުރުހެތެވެ. އެހެންނަމަވެސް ﷲ އިރާދަ ކުރެއްވުމުން އެމީހުންނަށް އަންހެން ދަރިން ލިބެއެވެ.

އަލް އިމާމުލް ޤުރުޠުބީގެ އެ ބަސްފުޅުން ދޭހަވަނީ، އެއާޔަތުގައި ހަޔާތުގެ މައްޗަށް މަރު އިސްކުރެވިފައި ވަނީ މަޚުލޫޤުން ނުރުހުނަސް މަރު އައިސް އެމީހުންގެ މައްޗަށް ގަދަވެގަންނާތީއެވެ. އަދި ފިރިހެން ދަރިންގެ މައްޗަށް އަންހެން ދަރިން އިސްކުރެވިފައި ވަނީ، މުޝްރިކުން ނުރުހުނަސް ﷲ އިރާދަ ކުރެއްވުމުން އެމީހުންނަށް އަންހެން ދަރިލިބޭނެތީއެވެ. والله أعلم

އަދިވެސް އަލް އިމާމުލް ޤުރުޠުބީ رحمه الله ވިދާޅުވިއެވެ.

“އަދި ބުނެވެއެވެ. މަރު އިސްކުރެވިފައިވަނީ މަރަކީ އެންމެ ކުރިންވާ އެއްޗެވެ. އެހެނީ އެއްޗެހީގެ ފެށުން ވަނީ މަރުވެފައިވާ އެއްޗެއްގެ ޙުކުމުގެ ގޮތުގައެވެ. މިޘާލަކަށް ނުޠުފާ އާއި ވެލި ފަދަ އެއްޗެއްސެވެ. ޤަތާދާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

” إنَّ اللَّه تعالى أذلَّ بَنِي آدَمَ بالموتِ ، وجَعلَ الدُّنْيَا دَار حياةٍ ثُمَّ دَارَ مَوْتٍ ، وجَعَل الآخِرةَ دَارَ جزاءٍ ، ثُمَّ دَارَ بَقَاءٍ”[4]

މާނައީ: “ހަމަކަށަވަރުން ﷲތަޢާލާ އާދަމުގެ ދަރިޔާ މަރުން ނިކަމެތި ކުރެއްވިއެވެ. އަދި ދުނިޔެ ދިރިއުޅުމުގެ ގޮވައްޖެއްގެ ގޮތުގައި ލެއްވިއެވެ. ދެން އެއަށްފަހުގައު ވަނީ މަރުގެ ގޮވައްޗެވެ. އަދި އާޚިރަތް ޖަޒާދެއްވުމުގެ ގޮވައްޖެއްގެ ގޮތުގައި ލެއްވިއެވެ. ދެން އެއަށްފަހުގައި ވަނީ ދެމިއޮތުމުގެ ގޮވައްޗެވެ.””[5]

ޤުރުޠުބީ رحمه الله ގެ އެބަސްފުޅުން ދޭހަވަނީ، އެއާޔަތުގައި ހަޔާތުގެ މައްޗަށް މަރު އިސްކުރެވިފައި ވަނީ އެއްޗެހީގެ ފެށުންވަނީ މަރުވެފައިވާ އެއްޗެހީގެ ޙުކުމުގައި ކަމުގައި ވާތީއެވެ. އެގޮތުން އިންސާނުން އުފެދުމުގެ އެންމެ ފުރަތަމަ މަރުހަލާ ތަކުގެ ތެރޭގައި ނުޠުފާއެއްގެ ގޮތުގައި ވުން ހިމެނެއެވެ. އަދި އާދަމުގެފާނުގެ ފެށުންވީ ވެލިންނެވެ. ﷲތަޢާލާ އިންސާނުން އުފައްދަވާފައި ވަނީ މަރުވެފައިވާ ބައެއްގެ ގޮތުގައިކަން ބަޔާންކުރައްވާ އެއިލާހު ވަޙީ ކުރެއްވިއެވެ.

” كَيْفَ تَكْفُرُ‌ونَ بِاللَّـهِ وَكُنتُمْ أَمْوَاتًا فَأَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْ‌جَعُونَ ﴿البقرة: ٢٨﴾”

މާނައީ: ” ތިޔަބައިމީހުން ﷲއަށް ކާފިރު ވެގަންނަނީ، ކޮންގޮތަކުންހެއްޔެވެ؟ ތިޔަބައިމީހުން މަރުވެފައިވާ ބަޔެއްގެ ގޮތުގައި ތިއްބައި، ފަހެ އެއިލާހު ތިޔަބައިމީހުން (އުފައްދަވައި) ދިރުއްވިއެވެ. އެއަށްފަހު، އެއިލާހު ތިޔަބައިމީހުންގެ (އަޖަލު ހަމަވުމުން) މަރުގަންނަވާނެތެވެ. ދެން (ޤިޔާމަތް ދުވަހުން) ތިޔަބައިމީހުން ދިރުއްވާނެތެވެ. ދެން އެއިލާހުގެ ޙަޟުރަތަށް ތިޔަބައިމީހުން ރުޖޫޢަ ކުރައްވާނެތެވެ.”

ގިނަމީހުންނަށް ދުނިޔެވީ ޒީނަތްތެރިކަން ފެނިފައި، މަރު މަތިން ހަނދާން ނެތެއެވެ. އަދި އެއީ މާދުރުގައިވާ އެއްޗެއްކަމަށް ހީކުރެވެއެވެ. ނަމަވެސް ކަންހުރީ އެހެނަކުން ނޫނެވެ. މިއާޔަތުގައި ދިރިހުރުމުގެ ކުރިއަށް މަރު އިސްކުރައްފާފައި ވުމުން މަރަކީ ކައިރީގައިވާ އެއްޗެއްކަން ދޭހަކޮށްދެއެވެ.

والله أعلم

(ނުނިމޭ)


[1]التفسر المنير في العقيدة والشريعة والنهج / خزء 29 / صفحة 10

[2] الجامع أ لحكام القرآ ن )تفسير القرطبي( / خزء 18 / صفحة 206

[3]الجامع أ لحكام القرآ ن )تفسير القرطبي( / خزء 18 / صفحة 206

[4] رواه ابن أبى حاتم ورواه الطبري في تفسيره (29/2) من طريق معمر، عن قتادة، ومن طريق سعيد، عن قتادة به مرسلاً

[5]الجامع أ لحكام القرآ ن )تفسير القرطبي( / خزء 18 / صفحة 206

މިލިޔުމުގެ އެހެންބައިތައް