الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ރުޅިއަންނަހިދު އެރުޅި މައިތިރިކޮށްފި މީހަކަށް ގިނަގުނަ ހެޔޮކަން ޤިޔާމަތް ދުވަހުންވެއެވެ.
ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވެއެވެ.
((وَمَنْ كَظَمَ غَيْظًا وَلَوْ شَاءَ أَنْ يُمْضِيْهِ أَمْضَاهُ مَلأ اللهُ قَلْبَهُ رِضًا يَوْمَ القِيَامَةِ)) [حسنه الألباني في صحيح الجامع الصغير وزيادته ١٧٦]
މާނައީ: “ރުޅިއައިސްގެން ކަމެއް ކުރެވެން އޮއްވާ، އޭނާގެ ރުޅި ހިފަހައްޓައިފިނަމަ، ޤިޔާމަތްދުވަހު ﷲ ތަޢާލާ އޭނާގެ ހިތް ރުއްސެވުމުން ފުރުއްވައެވެ.”
ރުޅި އަންނަހިނދު އެރުޅި ހިފަހައްޓާމީހާގެ ޤަދަރުވަނީ އުފުލިގެންނެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް ގިނަގުނަ ފައިދާތަކެއް ލިބެއެވެ.
ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވެއެވެ.
((لَيْسَ الشَّدِيدُ بِالصُّرَعَةِ، إِنَّمَا الشَّدِيدُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الغَضَبِ)) [متفق عليه]
މާނައީ: “ބާރުގަދަ މީހާއަކީ އޭނާގެ ހަށިގަނޑުގެ ބާރުގަދަމީހާއެއް ނޫނެވެ. އެހެނެއްކަމަކު ބާރުގަދަ މީހަކީ ރުޅިއަންނަ ހިނދު އޭނާގެ ނަފްސުގެ މައްޗަށް ބާރުފޯރުވާ މީހާއެވެ.”
ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން ނަމޫނާއަކަށް ބަލަންޖެހެނީ ރަސޫލުﷲ ﷺ އެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައިވެސް ރުޅިއަންނަފަދަ ކަންކަންވަނީ ކުރިމަތިވެފައެވެ. ނަމަވެސް އެކަލޭގެފާނުވަނީ ނަފްސުގެ މައްޗަށް ބާރު ފޯރުވުމުގައި މިޘާލު ދައްކަވާފައެވެ. އަނަސް رضي الله عنه ރިވާކުރައްވާފައިވެއެވެ.
قَالَ: كُنْتُ أَمْشِي مَعَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَعَلَيْهِ بُرْدٌ نَجْرَانِيٌّ غَلِيظُ الحَاشِيَةِ، فَأَدْرَكَهُ أَعْرَابِيٌّ فَجَبَذَهُ بِرِدَائِهِ جَبْذَةً شَدِيدَةً، حَتَّى نَظَرْتُ إِلَى صَفْحَةِ عَاتِقِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَدْ أَثَّرَتْ بِهَا حَاشِيَةُ البُرْدِ مِنْ شِدَّةِ جَبْذَتِهِ»، ثُمَّ قَالَ: “يَا مُحَمَّدُ مُرْ لِي مِنْ مَالِ اللَّهِ الَّذِي عِنْدَكَ”، فَالْتَفَتَ إِلَيْهِ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ثُمَّ ضَحِكَ، ثُمَّ أَمَرَ لَهُ بِعَطَاءٍ. [صحيح البخاري ٥٨٠٩]
މާނައީ: “އަނަސް رضي الله عنه ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ރަސޫލުﷲ ﷺ އާއެކު ހިންގަވާފައި ވަޑައިގަތީމެވެ. އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވީ ބޯ ގިރުވާނެއްވާ، ނަޖުރާނީ ހެދުންކޮޅެކެވެ. ފަހެ އަޢުރާބީއަކު އައިސް ވަރަށް ބާރަށް އެކަލޭގެފާނުގެ ހެދުންކޮޅުގައި ހިފިއެވެ. ހިފިލެއް ބާރުކަމުން ގިރުވާނުގެ އަޘަރު އެކަލޭގެފަނުގެ ކަނދުރާކޮޅުގައި ހުއްޓާ ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އެއަށްފަހު (އެބަދަވީ މީހާ) ބުންޏެވެ. ކަލޭގެފާނުގެ އަތުގައިވާ ﷲގެ މުދަލުން ތިމަންނާއަށް ދޭށެވެ. ފަހެ ރަސޫލުﷲ ﷺ އެމީހާއާ ދިމާއަށް އެނބުރިވަޑައިގަތުމަށްފަހު ހިނުފުޅުވެޑުވިއެވެ. އެއަށްފަހު އޭނާއަށް ދިނުމަށް އަމުރުކުރެއްވިއެވެ.”
ރަސޫލާ ﷺ ދައްކަވާފައިވާ ނަމޫނާއަކީ ﷲ ތަޢާލާއަށްޓަކައި ކޯފާ އިސްކުރެއްވުމެވެ. ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާކަމަކަށް އަރައިގަތުމުން އެކަލޭގެފާނު ކޯފާއިސްކުރައްވައެވެ.
އިމާމަކު ނަމާދުގައި ދިގުކޮށް ކިޔެވުމުގެ ސަބަބުން މީސްތަކުންނަށް އުނދަގޫވެ ޖަމާޢަތުގެ ނަމާދު ދޫކޮށްލާ ޚަބަރު ރަސޫލުﷲ ﷺ އަށް ލިބިވަޑައިގަތުމުން އެކަލޭގެފާނު ކޯފާއިސްކުރެއްވިއެވެ. އަދި ޢާއިޝާ رضي الله عنها ގެ ކޮޓަރިކޮޅުގައި ފުރާނަލައްވާފައިވާ އެއްޗެއްގެ ސޫރަހުރި ދޮރު ފޮތިގަނޑެއް ފެނިވަޑައިގަތުމުން އެކަލޭގެފާނު ކޯފާއިސްކުރެއްވިއެވެ. އަދި ވައްކަންކުރި މަޚްޒޫމީ އަންހެނެއްގެ އަދަބާމެދު އުސާމާ ބިން ޒައިދު رضي الله عنه ރަސޫލުﷲ ﷺ އާ ވާހަކަދެއްކެވުމުން ޙަދީޘްކުރެއްވިއެވެ.
((أَتَشْفَعُ فِي حَدٍّ مِنْ حُدُودِ اللَّهِ)) [صحيح البخاري ٦٧٨٨]
މާނައީ: ” ﷲގެ ޙައްދުތަކުން ޙައްދަކާމެދު ކަލޭގެފާނު ޝަފާޢަތްތެރިވަނީ ހެއްޔެވެ!”
އަދިވެސް އެކަލޭގެފާނު ނުރުހުންތެރިވެވަޑައިގަންނަވާ ކަންކަމާމެދު ސުވާލުކުރުމުން ކޯފާއިސްކުރައްވައެވެ. ފަހެ، އެކަލޭގެފާނު ކޯފާއިސްކުރައްވަނީ ﷲ ތަޢާލާއަށްޓަކައެވެ.
=ނުނިމޭ=
_________________________________
މަޞްދަރު: ޢަރަބި ބަހުން، އިނގިރޭސި ބަހުން