الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ރުޅި ހިފެހެއްޓުމަކީ ތަޤުވާވެރިންގެ ޢަލާމާތެކެވެ. ތަޤުވާވެރިންނަކީ ޤުރުއާނުގައި އަދި ރަސޫލުﷲ ﷺ ގެ ޙަދީޘްތަކުގައި ﷲ ތަޢާލާ މަދަހަކިޔުއްވާފައިވާ ބަޔެކެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿ الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّـهُ يُحِبُّ الْمُحْسِنِينَ﴾ [سورة آل عمران ١٣٤]
މާނައީ: “އެއުރެންނަކީ ތަނަވަސްކަމުގައްޔާއި ދަތި ޙާލުގައި (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.”
ރިވެތި އަޚްލާޤު ލިބިފައިވާ ހެޔޮލަފާ ޞާލިޙުންނާމެދު ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ:
﴿…وَإِذَا مَا غَضِبُوا هُمْ يَغْفِرُونَ﴾ [سورة الشورى ٣٧]
މާނައީ: “… އަދި އެއުރެންނީ ރުޅިއަތުވެއްޖެހިނދެއްގައި މާފުކުރާ ބަޔެކެވެ.”
ރުޅިއަކީ އިންސާނާގެ ޠަބީޢަތުގައިވާ ކަމެކެވެ. ބައެއް މީހުންނަށް ރުޅިނައިސް ހުރުމަކީ އުނދަގޫކަމަކަށް ވެދާނެއެވެ. ނަމަވެސް އިޚްލާޞްތެރި ތެދުވެރިންނަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށްދިނުމުން އެއިލާހު ހަނދުމަކުރާ މީހުންނެވެ. އަދި އެބައިމީހުންނީ ﷲ ތަޢާލާގެ ޙައްދުތަކުން ބޭރުނުވާ މީހުންނެވެ.
އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. މީހަކު ޢުމަރު ބުނުލްޚައްޠާބު رضي الله عنه ގެ އަރިހުގައި ވާހަކަ ދެއްކުމުގެ ހުއްދައަށް އެދުނެވެ. އަދި އެކަލޭގެފާނު ހުއްދަ ދެއްވިއެވެ.
قَالَ: يَا ابْنَ الخَطَّابِ، وَاللَّهِ مَا تُعْطِينَا الجَزْلَ، وَمَا تَحْكُمُ بَيْنَنَا بِالعَدْلِ.
فَغَضِبَ عُمَرُ، حَتَّى هَمَّ بِأَنْ يَقَعَ بِهِ.
فَقَالَ الحُرُّ: يَا أَمِيرَ المُؤْمِنِينَ، إِنَّ اللَّهَ تَعَالَى قَالَ لِنَبِيِّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
﴿خُذِ العَفْوَ وَأْمُرْ بِالعُرْفِ وَأَعْرِضْ عَنِ الجَاهِلِينَ﴾ [سورة الأعراف ١٩٩]،
وَإِنَّ هَذَا مِنَ الجَاهِلِينَ.
“فَوَاللَّهِ مَا جَاوَزَهَا عُمَرُ حِينَ تَلاَهَا عَلَيْهِ، وَكَانَ وَقَّافًا عِنْدَ كِتَابِ اللَّهِ”
މާނައީ: އެމީހާ ބުންޏެވެ. “އޭ ޚައްޠާބުގެ ދަރިއާއެވެ! ﷲ ގަންދީ ބުނަމެވެ. ކަލޭގެފާނު ތިމަންމެންނަށް ގިނައިން ނުދެއެވެ. އަދި ތިމަންމެންގެ މެދުގައި ޢަދުލުވެރިކަމާއެކު ޙުކުމް ނުކުރެއެވެ.”
ފަހެ، ޢުމަރުގެފާނު ކޯފާވެވަޑައިގަތްލެއް ބޮޑުކަމުން އެމީހާއާ ދިމާކުރައްވަން އުޅުއްވިއެވެ.
ފަހެ، ޙުއްރު (އެމަޖުލިހުގައި ތިއްބެވި ބޭކަލުންގެ ތެރެއިން ބޭކަލެއް) ދެންނެވިއެވެ. “އޭ މުއުމިނުންގެ އަމީރެވެ! ﷲ ތަޢާލާ، ނަބިއްޔާ ﷺ އަށް ވަޙީކުރެއްވިއެވެ.
﴿خُذِ العَفْوَ وَأْمُرْ بِالعُرْفِ وَأَعْرِضْ عَنِ الجَاهِلِينَ﴾ [سورة الأعراف ١٩٩]
(މާނައީ: “ކަލޭގެފާނު ޢަފޫކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!”)
އަދި މިއީ ޖާހިލުންގެ ތެރެއިންވާ މީހެކެވެ.”
“ފަހެ ﷲ ގަންދީ ބުނަމެވެ. ޢުމަރުގެފާނަށް މިއާޔަތް ކިޔައިދެއްވުނު ހިނދު އެކަލޭގެފާނު އެކަމުގައި ކުރިއަށް ވަޑައިނުގެންނެވިއެވެ. އަދި އެކަލޭގެފާނުވީ ﷲ ތަޢާލާގެ އާޔަތްތައް ހަނދާންކޮށްދެވުމުން ކިޔަމަންތެރި ބޭކަލެއްކަމުގައެވެ.”
މުސްލިމުން ވާން ޖެހޭނީ މިގޮތުގެ މަތީގައެވެ. ކީރިތި ޤުރުއާނާއި ރަސޫލުﷲ ﷺ ގެ ޙަދީޘްތަކަށް ފުރިހަމައަށް ކިޔަމަންވާންޖެހޭނެއެވެ.
=ނުނިމޭ=
_________________________________
މަޞްދަރު: ޢަރަބި ބަހުން، އިނގިރޭސި ބަހުން