[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރުޅި އިސްނުކުރާށެވެ ! 5

rulhi

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ރުޅި އިސްކުރުމަކީ ނުރަނގަޅު ސިފައެކެވެ. އަދި އޭގެ ސަބަބުން ގެއްލުންތަކެއް ލިބެއެވެ. ކުރުގޮތަކަށް ދަންނަވާނަމަ އޭނާގެ އަމިއްލަ ނަފްސަށާއި އެހެން މީހުންނަށްވެސް އޭގެ ސަބަބުން ގެއްލުންވެއެވެ. ރުޅިއައިސްފައިވާ މީހާ ޒުވާބުކޮށް އަނެކާއާ ދިމާއަށް ހަޑި ހުތުރު ބަސްތައް ރައްދުކޮށް ހަދާފާނެއެވެ. އަދި އޭނާގެ އަތުންފައިން އަނެކާއަށް ގެއްލުން ދީފާނެއެވެ. އަދި އެކަން މައިތިރިނުވެ އަނެކާ ޤަތުލުކުރާ ހިސާބަށްވެސް ގޮސްދާނެއެވެ.

މިހާ ހިސާބުން ޢިބްރަތްތެރި ވާހަކައެއް ހިއްސާކޮށްލާނަމެވެ.

ޢަލްޤަމާ ބުން ވާއިލު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރައްވާފައިވެއެވެ.

قَالَ: إِنِّي لَقَاعِدٌ مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذْ جَاءَ رَجُلٌ يَقُودُ آخَرَ بِنِسْعَةٍ.

فَقَالَ: يَا رَسُولَ اللهِ، هَذَا قَتَلَ أَخِي

فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((أَقَتَلْتَهُ؟))

فَقَالَ: إِنَّهُ لَوْ لَمْ يَعْتَرِفْ أَقَمْتُ عَلَيْهِ الْبَيِّنَةَ  

قَالَ: نَعَمْ قَتَلْتَهُ،

قَالَ: ((كَيْفَ قَتَلْتَهُ؟))

قَالَ: كُنْتُ أَنَا وَهُوَ نَخْتَبِطُ مِنْ شَجَرَةٍ، فَسَبَّنِي، فَأَغْضَبَنِي، فَضَرَبْتُهُ بِالْفَأْسِ عَلَى قَرْنِهِ، فَقَتَلْتُهُ… [رواه مسلم ٤٧٢٧]

މާނައީ: އެކަލޭގެފާނުގެ ބައްޕާފުޅު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ނަބިއްޔާ ﷺ ގެ އަރިހުގައި ވަނިކޮށް، މީހަކު އެހެން މީހެއްގެ ކަރުގައި ވާފަށެއް އައްސައިގެން ދަމާފައި ގެނައެވެ.”

އެމީހާ ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. މިމީހާ އަޅުގަނޑުގެ އަޚާ ޤަތުލުކޮށްފިއެވެ.”

ފަހެ ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “ތިބާ އޭނާ ޤަތުލުކުރިން ހެއްޔެވެ؟”

އެމީހާ ބުންޏެވެ. “އޭނާ އެކަމަށް އިޢުތިރާފުނުވެއްޖެނަމަ އެކަމުގެ ހެކި ތިމަން ދައްކާނަމެވެ.”

އެމީހާ ދެންނެވިއެވެ. “އާއެކެވެ. ތިމަން އޭނާ ޤަތުލުކުރީމެވެ.”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިބާ އޭނާ ޤަތުލުކުރީ ކިހިނެއް ހެއްޔެވެ؟”

އެމީހާ ދެންނެވިއެވެ. “ތިމަންނައާ އޭނާ ގަހެއްގައި ތަޅަމުން ގެންދިއައީމެވެ. (އެއީ ޖަނަވާރު ކެއުމަށްޓަކައި ގަހުން ފަތް ބޭލުވުމަށެވެ.) ފަހެ އޭނާ ތިމަންނާއަށް އެއްޗެހި ކިޔުމުން، އެކަމާ ތިމަން ރުޅިއައެވެ. ދެން އޭނާގެ ބޮލުގެ އެއްފަރާތުގައި ކޯރާޑިން ޖަހައި އޭނާ ޤަތުލުކުރީއެވެ…”

ރުޅީގެ ސަބަބުން މީހަކު މަރު ނުވިޔަސް ހަށިގަނޑަށް ގެއްލުމެއް ލިބި ނުވަތަ އަތެއް، ފައެއް ބިނދި ދާނެއެވެ. ނުވަތަ ގޭގާ ހުންނަ ތަކެއްޗަށްވެސް ގެއްލުން ދެވިދާނެއެވެ. އަދި މިއަށްވުރެ ބޮޑެތި ކަންތައްތައްވެސް ވެދާނެއެވެ. އެގޮތުން އިޖުތިމާޢީ މައްސަލަތައްޖެހި ޢާއިލީ ގުޅުންތައް ކެނޑި ވަރިއާ ހަމައަށްވެސް ހިނގައިދާނެއެވެ. އެބައިމީހުންގެ އަނބިން ވަރިކޮށްފައިވާ މީހުންގެ ގާތު އެކަން އެއީ ކިހިނެތް، ކޮން ވަގުތެއްގައިވީ ކަމެއްތޯ އަހާލުމުން ގިނަ މީހުން ބުނާނީ އެއީ ރުޅި ގަދަވެފައި ހުރި ވަގުތެއްގައި ވީކަމެއް ކަމަށެވެ. އެވަރީގެ ސަބަބުން ދަރިންނަށް ނިކަމެތިކަން ލިބިގެން ދެއެވެ. އަދި ދިރިއުޅުމުގައި އެތައް ގޮންޖެހުންތަކަކާއި އެތައް އުނދަގުލެއް އުފުލަންޖެއެވެ. މިކަމުގެ ސަބަބަކަށް މިވަނީ ރުޅި މައިރިތި ނުކުރެވުމެވެ. އެބައިމީހުން ﷲ ތަޢާލާ ހަނދުމަކޮށް، އެމީހުންގެ ނަފްސުތަކުގެ މައްޗަށް ގަދަވެގަނެ ޝައިޠާނާގެ ކިބައިން ރައްކާތެރިކަމަށް އެދުންނަމަ އެހެން އެކަމެއް ނުވީހެވެ. ނަމަވެސް ޝަރީޢަތާ ޚިލާފުވުމުން ގެއްލުމެއް ނޫނީ ނުލިބެއެވެ.

މީހަކު ރުޅިއަންނަހިނދު އަމިއްލަ ނަފްސާމެދު ވިސްނަންވާނެއެވެ. ރުޅި އަތުވެއްޖެވަގުތެއްގައި އޭނާގެ ނަފްސު ލޯގަނޑު ފެނިއްޖެނަމަ އެހުރި ސިފައާމެދު ހިތްހަމަ ނުޖެހޭނެކަން ޔަޤީނެވެ. ހަށިގަނޑަށް އެއަންނަ ބަދަލުތައް ފެންނަ ނަމައެވެ. އަތް، ފަޔާއި ހަށިގަނޑު ތުރުތުރުއަޅާ، ދެލޯބޮޑުވެ، މީހާ ހަމައިންނެއްޓޭ ގޮތެވެ. އެމަންޒަރު ފެނިއްޖެނަމަ ހަމަ ޔަޤީނުންވެސް އަމިއްލަ ނަފްސާމެދު ލަދުގަންނާނެއެވެ. މިއީ ބޭރުފުށުން ފެންނަށްހުރި ހަށިގަނޑުގެ ހުތުރު ސިފައެވެ. އަދި އެތެރެފުށް މާ ހުތުރުކަން ބޮޑުވެގެންވެއެވެ. މިފަދަ ޙާލެއްގައިވާމީހަކާމެދު ޝައިޠާނާ ކިހާ އުފާކުރާނެ ހެއްޔެވެ! نعوذ بالله من الشيطان والخذلان .

 

ދުޢާއަކީ މުއުމިނުންގެ ހަތިޔާރެވެ. ރުޅީގެ ސަބަބުން ކުރިމަތިވާ ނުބައި ކަންތައްތަކާއި، އުނދަގޫތަކާއި، ނުރަނގަޅު އަޚްލާޤާއި، ބުނެވިދާނެ ކުފުރުގެ ބަހަކުން ރައްކާތެރިކޮށްދިނުމަށްއެދި އަބަދުވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަންޖެހެއެވެ.

ދުޢާއަކީ ޝައިޠާނާގެ ކެހިވެރި މަޅިތަކުން އެންމެހާ މުސްލިމުންނަށް ރައްކާތެރިކަން ދެއްވުމެވެ! އަދި އަޅުގަނޑުމެންނީ ޢިލްމު ލިބުމުން އެޢިލްމަށް ޢަމަލުކުރާ ބައެއްކަމުގައި ލެއްވުމެވެ!

=ނިމުނީ=

_________________________________

މަޞްދަރު: ޢަރަބި ބަހުން، އިނގިރޭސި ބަހުން

މިލިޔުމުގެ އެހެންބައިތައް