[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަޙްމަދު: أحمد بن حنبل – إمام أهل السنة – 3

imaam ahmed

 

ކިޔަވާވިދާޅުވުން

أبو نعيم ވިދާޅުވިއެވެ. އިމާމު އަޙްމަދުގެ ދަރިކަލުން أبو الفضل ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ބައްޕަ ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނުގެ އުމުރުން ސޯޅަ އަހަރުގައި ޙަދީޘް ކިޔަވަން ފެށީމެވެ. އަދި ހުޝައިމު[1] އަވަހާރަވީ ތިމަންކަލޭގެފާނުގެ އުމުރުފުޅުން ވިހި އަހަރުގައެވެ. ތިމަންކަލޭގެފާނު އެންމެ ފުރަތަމަ ހުޝައިމުގެ އަރިހުން ޙަދީޘް އަޑުއެއްސެވީ ހިޖުރައިން [ސަތޭކަ] ހަތްދިހަ ނުވަވަނަ އަހަރުގައެވެ. އަދި އެއީ ابن المبارك ވަޑައިގެންނެވި އަހަރެވެ. އެއީ އިބުނުލް މުބާރަކް މިރަށަށް ވަޑައިގެންނެވި ފަހު ފަހަރެވެ. ދެންފަހެ ތިމަންކަލޭގެފާނު އެކަލޭގެފާނުގެ މަޖުލީހަށް ދިޔައީމެވެ. އެތަނުގައި ތިއްބެވި ބޭފުޅުން ވިދާޅުވިއެވެ. ޠަރުޠޫސްއަށް ދިޔުމަށްޓަކައި އެކަލޭގެފާނު ނުކުމެވަޑައިގެންފިއެވެ. ދެން އެކަލޭގެފާނު ހިޖުރައިން އައްޑިހަ އެއްވަނަ އަހަރުގައި އަވަހާރަވިއެވެ.”[2]

“المنهج الأحمد فى تراجم أصحاب الإمام أحمد” މި ފޮތުގައި އިމާމު އަޙްމަދު ޢިލްމު ޙާސިލްކުރެއްވުމާ ބެހޭގޮތުން ވިދާޅުވެފައިވާ ބަސްފުޅުތަކުގެ ކުރު ހުލާސާއެއް މިތަނުގައި ލިޔެލަމެވެ.

އަދި މާތްކަމާއި ވިސްނުންފުޅުގެ ތޫނުކަން ތުއްޕުޅުއިރު އެކަލޭގެފާނުގެ ކިބައިން ފާޅުވެ ހުއްޓެވެ. އަދި އެކަލޭގެފާނު ޢިލްމު ހިތުދަސް ކުރުމުގައި އެޒަމާނުއްސުރެ އިތުރަށް ކުރިއަރަމުން ދިޔައެވެ. އަދި ފަހަރެއްގައި ޙަދީޘް ޢިލްމު ދަސްކުރުމަށް ފަތިހު ފަތިހާ ފައްޓަން އުޅެފާނެއެވެ. ދެން އެކަލޭގެފާނުގެ މައިކަމަނާ އެކަލޭގެފާނުގެ ހެދުންކޮޅުގައި ހިއްޕަވާފައި ވިދާޅުވެއެވެ. “ދަރިފުޅާއެވެ. ބަންގި ގޮވަންދެން ނުވަތަ މީސްތަކުން ހެނދުނުކުރަންދެން މަޑުކޮށްލާށެވެ.”

އަދި އެކަލޭގެފާނު ޢިލްމު ޙާޞިލްކުރެއްވުމަށްޓަކައި އެކި ޤައުމުތަކަށް އެތައް އެތައް ދަތުރުތަކެއް ކުރެއްވިއެވެ. އެގޮތުން ކޫފާއަށާއި ބަޞަރާއަށާއި ޙިޖާޒަށާއި މައްކާއަށާއި މަދީނާއަށާއި ޔަމަނަށާއި ޝާމަށާއި ޘުޣޫރަށާއި ސުވާޙިލްއަށާއި މަޣްރިބަށާއި ޖަޒާއިރަށާއި ދެފުރާތަށްވެސް ދަތުރު ކުރެއްވިއެވެ. އަދި ފާރިސީންގެ ބިންތަކަށްވެސް ދަތުރުކުރެއްވިއެވެ. އަދި ޚުރާސާނުގެ ރައްތަކަށްވެސް ދަތުރުކުރެއްވިއެވެ. އަދި ހޮރުހޮރާއި އަތިރިމަތިތަކާއި ފަރުބަދަތަކުގެ ކަންކޮޅުތަކަށާއި އަދި މީނޫންވެސް އެކިތަންތަނަށް ޢިލްމު ޙާޞިލްކުރުމަށްޓަކައި ދަތުރުކުރެއްވިއެވެ.

ދެން އެއަށްފަހުގައި ބަޛުދާދަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ދުވަސްވަރުވީ އެންމެ މޮޅު ބޭކަލަކަށް އެކަލޭގެފާނު ވެލެއްވިއެވެ. އަދި ﷲ ތަޢާލާ އެކަލޭފެފާނުގެ ފުށުން ދީނަށް ނަޞްރުދެއްވިއެވެ. އެންމެފަހުން އިސްލާމުންގެ އެންމެ ބޮޑު އެއް ޢިލްމުވެރިއަކަށް ވެވަޑައިގަތެވެ.

އެކަލޭގެފާނުގެ އުމުރުފުޅުން ސޯޅައަހަރުގައި ޙަދީޘް ކިޔަވަން ފެއްޓެވިއެވެ. އަދި (އެކަލޭގެފާނު އެބޭކަލެއްގެ އަރިހުން އެންމެފުރަތަމަ ޢިލްމު އުނގެނެމުން އައި އުސްތާޛު) ހުޝައިމު އަވަހާރަވި އަހަރުގައި ކޫފާއަށް ދަތުރު ކުރެއްވިއެވެ. އެއީ ހިޖުރައިން އައްޑިހަ ތިންވަނަ އަހަރުގައެވެ. އެއީ ޢިލްމު ޙާޞިލްކުރެއްވުމަށްޓަކައި އެކަލޭފެފާނު ކުރެއްވި ފުރަތަމަ ދަތުރެވެ. އަދި ހިޖުރައިން އައްޑިހަ ހަވަނައަހަރުގައި ބަޞަރާއަށް ދަތުރު ކުރެއްވިއެވެ. އަދި ހިޖުރައިން އައްޑިހަ ހަތްވަނަ އަހަރުގައި سفيان بن عيينة ގެ އަރިހަށް ޢިލްމު ޙާޞިލްކުރެއްވުމަށްޓަކައި މައްކާއަށް ވަޑައިގެންނެވިއެވެ. އެއީ فضيل بن عياض އަވަހާރަވި އަހަރެވެ. އަދި އެއީ އެކަލޭގެފާނު އެންމެ ފުރަތަމަ ޙައްޖުވިއަހަރެވެ. އަދި ހިޖުރައިން ނުވަދިހަ ހަތްވަނަ އަހަރުގައި عبد الرزاقގެ އަރިހަށް ޢިލްމު ޙާޞިލްކުރެއްވުމަށްޓަކައި ޔަމަނުގެ ޞަންޢާއަށް ދަތުރު ކުރެއްވިއެވެ. އޭރު އެކަލޭގެފާނުގެ އެކުވެރިއެއްގެ ގޮތުގައި يحيى بن معين ވިއެވެ.

يحيى بن معين ވިދާޅުވިއެވެ. ” ތިމަންބޭކަލުން عبد الرزاقގެ އަރިހަށް ޔަމަނަށް ދިޔުމަށްޓަކައި ދިޔަ ދަތުރުގައި ޙައްޖުވީމެވެ. ދެންފަހެ ތިމަންކަލޭގެފާނު ތޮވާފުކުރަމުން ދަނިކޮށް عبد الرزاق ތޮވާފުކުރަނިކޮށް ފެނުނެވެ. ދެން ތިމަންކަލޭގެފާނު އެކަލޭގެފާނާ ސަލާމް ކުރެއްވީމެވެ. އަދި ވިދާޅުވީމެވެ. މިހުރީ  އަޙްމަދު ބުން ޙަންބަލްއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ﷲއެކަލޭގެފާނަށް ދިގުއުމުރެއް ދެއްވާށިއެވެ. އަދި އެކަލޭގެފާނު ޘާބިތުކުރައްވާށިއެވެ. ފަހެ ހަމަކަށަވަރުން ހުރިހާ ރިވެތިކަމެއްގެ ޚަބަރު ތިމަންކަލޭގެފާނަށް ފޯރައިފިއެވެ.”

(މައްކާއިން عبد الرزاق އާއި ބައްދަލުވުމުން) ތިމަންކަލޭގެފާނު އިމާމު އަޙްމަދަށް ދެންނެވީމެވެ. “ﷲ އަހަރެމެންގެ ފިޔަވަޅުތައް ކައިރި ކުރައްވައިފިއެވެ. އަދި ދަތުރުގެ ޚަރަދު ސަލާމަތް ކުރައްވާފިއެވެ. އަދި އެއްމަސްދުވަހުގެ ރާސްތާއިން އަހަރެމެން އަރާމުކުރުވާފިއެވެ.”

ދެން އެކަލޭގެފާނު ދެންނެވިއެވެ. “ހަމަކަށަވަރުން ތިމަންކަލޭގެފާނު ބަޣުދާދުގައި ހުރެފައި ނިޔަތްގަތީ عبد الرزاق ގެއަރިހުން ޞަންޢާގައި އަޑުއެހުމަށެވެ. ﷲގަނދީބުނަމަވެ. ތިމަންކަލޭގެފާނުގެ ނިޔަތް ބަދަލު ނުކުރަމެވެ.”

ދެން ތިމަންބޭކަލުން ޞަންޢާއަށް ދަތުރުކުރެއްވުމަށްޓަކައި ނުކުތީމެވެ. ފަހެ އެކަލޭގެފާނުގެ އަތުން ފައިސާ ހުސްވިއެވެ. ދެން عبد الرزاق ތިމަންބޭކަލުންނަށް ވަރަށް ގިނަ ދިރުހަމު ދިނުމަށް ހުށައެޅުއްވިއެވެ. އެހެންނަމަވެސް އިމާމު އަޙްމަދު ޤަބޫލެއްނުކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. ބޭނުންފުޅުވަނީ ދަރަންޏެއްގެ ގޮތުގައެވެ. عبد الرزاق އެކަމާ އިންކާރުކުރެއްވިއެވެ. ދެން ތިމަންބޭކަލުންގެ ފައިސާ އެކަލޭގެފާނަށް ހުށައެޅީމެވެ. އެވެސް އެކަލޭގެފާނު ޤަބޫލެއް ނުކުރައްވައެވެ. 

ދެން އެކަލޭގެފާނު ޖަމަލު ގެންގުޅޭ މީހުންނަށް ކުއްޔަށް މަސައްކަތް ކޮށްދިނެވެ. އަދި އެކަލޭގެފާނު ފަސް ޙައްޖު ކުރެއްވިއެވެ. އޭގެތެރެއިން ތިން ޙައްޖު ކުރެއްވީ ފައިމަގައެވެ. އަދި ދެ ޙައްޖު ކުރެއްވީ ސަވާރީގައެވެ. އެކަލޭގެފާނު ބައެއް ޙައްޖުތަކުގައި ހޭދަކުރެއްވީ ވިހި ދިރުހަމެވެ.

އަދި އެކަލޭގެފާނު، އިމާމު ޝާފިޢީގެފާނުގެ އެންމެ ގާތް ބޭކަލުންގެ ތެރޭގައި ވިއެވެ. އިމާމު ޝާފިޢީގެފާނު މިޞްރަށް ވަޑައިގަންނަވަންދެން އެކުވެރިއެއްގެ ގޮތުގައި ހުންނެވިއެވެ. އަދި ޝާފިޢިގެފާނު އިމާމު އަޙްމަދަށް ރިވެތިވެގެންވާ ޘަނާތައް ކިޔުއްވާކަމުގައި ވެއެވެ.

حرملة ވިދާޅުވިއެވެ. ޝާފިއީގެފާނު ޢިރާޤުން މިޞްރަށް ވަޑައިގެންނެވި ހިނދު ވިދާޅުވިއެވެ.

“އަޙްމަދު ބުން ޙަންބަލް ފަދަ ބޭކަލެއް ތިމަންކަލޭގެފާނު ޢިރާޤުގައި ދޫނުކުރައްވަމެވެ.”[3]

أحمد الدورقي ވިދާޅުވިއެވެ.

” عبد الرزاق ގެ އަރިހުން އަޙުމަދު ބުން ޙަންބަލް އެނބުރި ވަޑައިގެންނެވި ހިނދު މައްކާއިން އެކަލޭގެފާނު ދެކިވަޑައި ގަތީމެވެ. އެހިނދު އެކަލޭގެފާނުގެ މޫނުފުޅުގެ ކުލަވަރު ބަދަލުވެ ވަރުބަލިކަން ފާޅުވެ ހުއްޓެވެ. ދެން ތިމަންކަލޭގެފާނު އެކަލޭފާނާ ވާހަކަދައްކަވަން ފެއްޓެވީމެވެ. ދެން ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. ” عبد الرزاق ގެ އަރިހުން ތިމަން ބޭކަލުން ހޯދި ފައިދާގެ ގިނަކަމުން ވަރުބަލިވެއްޖެއެވެ.”[4]

(ނުނިމޭ)


[1]  ހުޝައިމަކީ އެކަލޭގެފާނުގެ ޝައިޚެކެވެ.

[2]  حلية الأولياء, وطبقات الأصفياء للحافظ ابن نعيم الأصبياني  (9/ 163) مطبعة اسعادة

[3]  الأولي تخصيص الترضي بالصحابة الكرام, والترحم علي العلماء

[4]  سير أعلام النبلاء (1/7,8,9)

މިލިޔުމުގެ އެހެންބައިތައް