[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة التكاثر ގެ ތަފްސީރު 2

ދެން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(حَتَّى زُرْتُمُ الْمَقَابِرَ )

މާނައީ: “ތިޔަބައިމީހުންގެ ކައްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ.”

މީގެމުރާދަކީ މަރުވެއްޖައުމަށް ދާނދެނެވެ. ފަހެ އިންސާނާ މަރުވެއްޖައުމަށް ދާނދެން އިސްވެ ބަޔާންކުރެވުނު ކަންކަމާއިގެން އަވަދިނެތި އުޅެއެވެ. އަދި ކިއެއްހެއްޔެވެ. އިންސާނާގެ އުމުރުން ދުވަސްވީވަރަކަށް މުދަލާއި ދަރިންނާއި ޢިލްމު އިތުރުކުރުމުގައި އަވަދިނެތިވާލެއް ބޮޑެވެ. (މިކަންކަމާއި އިންސާނާގެ އުމުރާ ވަނީ ގުޅިފައެވެ. މީގެ މިސާލަކަށް ބަލާއިރު ނުވަދިހަ އަހަރުވެފައިހުރި މީހެއްގެ މަސައްކަތްތަކާއި އޭނާ މަސައްކަތް ކުރުމުގައި ދެމިހުންނަ ވަގުތާއި ފަނަރައަހަރުގެ މީހަކާއި އަޅާބަލާއިރު ޒުވާނާއަށްވުރެ މުސްކުޅިމީހާގެ މަސައްކަތްތައް ގިނަކަން ފެންނާނެއެވެ. މިއީ މިއާޔަތުގެ މާނައެވެ. އެބަހީ: ތިޔަބައިމީހުން މަރުވެއްޖައުމަށް ދާނދެން ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލި އާޚިރަތް މަތިން ހަނދުމަނެތިކޮށް އުޅުނީމުއެވެ.

(حَتَّى زُرْتُمُ الْمَقَابِرَ) މިއާޔަތުގެ މާނައެއްކަމުގައި އަންނަނިވި ގޮތަށް ބުނެވިފައިވެއެވެ.

މާނައީ : “ދުނިޔޭގައި ދިރިތިބީންގެ ގިނަކަމަށްޓަކައި ފަޚުރުވެރިވީ ފަދައިން މަރުވެގޮސްފައިވާ މީހުންނާ މެދުވެސް ފަޚުރުވެރިވެއްޖައުމަށް ދާނދެނެވެ.” ފަހެ އިންސާނާ އައިސް ބުނެތެވެ. ތިމަންނަގެ ގަބީލާ ތިބާގެ ގަބީލާއަށްވުރެ ބޮޑެވެ. ފަހެ ތިބާއެދޭނަމަ ގަބުރުސްތާނަށްގޮސް ބަލާށެވެ. އަދި ގުނާއަދަދުކޮށް ތިމަންމެންގެ ތެރެއިން ގިނައީ ކާކުގެ ގަބީލާތޯ ބަލާށެވެ.” އެހެނެއްކަމަކު މިމާނަޔަކީ އަސްލު މިއާޔަތުގެ މާނައެއްނޫނެވެ. އަދި ކިޔެއްހެއްޔެވެ. ސޫރަތުގައި ބަޔާންކުރެވިފައިވާ މާނައާއި ވަރަށް ދުރު މާނައެކެވެ. އަދި ބަޔާންކުރެވުނު ދެމާނައިގެ ތެރެއިން ރަނގަޅު ޞައްޙަގޮތަކީ ފުރަތަމަ ބަޔާންކުރެވުނު ގޮތެވެ.  (حَتَّى زُرْتُمُ الْمَقَابِرَ ) މިއާޔަތުން ދަލީލު ނަންގަވައިގެން ޢުމަރު ބިން ޢަބްދުލްޢަޒީޒް ރަޙިމަހުﷲ ވިދާޅުވެއެވެ. ތަނަކަށް ނުވަތަ ޤައުމަކަށް ޒިޔާރަތްކުރާމީހާ ހަމަކަށަވަރުން އޭނާގެ ވަތަނަށް އެނބުރިދާނެއެވެ. ހަމައެފަދައިން މަރުވުމުން ކައްވަޅަށް ގެންދެވޭމީހާ އެތަނުގައި ދާއިމަށް އޮންނާކަށް ނުޖެހޭނެއެވެ. އަދި ކިޔެއްހެއްޔެވެ. ޤިޔާމަތް ދުވަހުން އަލުންދިރުއްވައި ހިސާބު ބެއްލެވޭނެއެވެ. ހަމަ

އެހެންމެ ބައެއް އަޢުރާބީން ބުނެފައިވާކަމަށްވެއެވެ. މީހަކު (أَلْهَاكُمُ التَّكَاثُرُ (1) حَتَّى زُرْتُمُ الْمَقَابِرَ ) މިއާޔަތް ކިޔަވާއަޑު އަޢރާބީ މީހާއަށް އިވުމުން ބުންޏެވެ. “ﷲގަންދީ ބުނަމެވެ. ޒިޔާރަތްކުރާމީހަކީ ޤާއިމުވެ ހުންނަމީހެއްނޫނެވެ. އަދި ﷲގަންދީ ބުނަމެވެ. ޤިޔާމަތްދުވަހުން އަލުން ދިރުއްވޭނެއެވެ.” އެހެނީ އޮޅުމެއްނެތި އިނގޭފަދައިން ޒިޔާރަތްކުރާމީހާ ޒިޔާރަތްކުރުމަށްފަހު އެނބުރިދާނެއެވެ. އެހެންވެ، “ﷲގަންދީ ބުނަމެވެ. ޤިޔާމަތްދުވަހުން އަލުންދިރުއްވޭނެއެވެ.” މިފަދައިން އަޢުރާބީމީހާ ބުނީއެވެ. މިއީ މިތަނުގެ އަސްލު މާނައެވެ.  މިކަމުން އެނގެނީ ބައެއްމީހުން މީހަކު މަރުވެއްޖެނަމަ އެންމެފަހުގެ މަންޒިލަށް ދަތުރުކުރީއޭ ބުނާބަހުގެ ދޮގުކަމެވެ. ނުވަތަ އެބުނާވާހަކައިގެ ބާޠިލުކަމެވެ. އެހެނީ މަރުވުމަކީ އެއީ އެންމެފަހުގެ މަންޒިލަށް ވާސިލުވުމެއްނޫނެވެ. އަދި ކިޔެއްހެއްޔެވެ. މީހަކު މިފަދަވާހަކައެއް ހިތުންތެދުކޮށް ޤަބޫލުކޮށްފިނަމަ އެމީހަކަށް މަރުވުމަށްފަހު އަލުންދިރުއްވޭނެކަމަށް ކާފިރުވެވުނީއެވެ. އަދި މަރުވުމަށްފަހު އަލުންދިރުއްވޭނެކަމަށް އިންކާރުކޮށް އެކަމަށް ކާފިރުވެއްޖެމީހާ އިސްލާމްދީނުންވެސް ބޭރުވެދެއެވެ. އެހެންނަމަވެސް ވަރަށް ގިނަބަޔަކަށް ނޭންގިތިބެ މިފަދަ ޢިބާރާތްތައް ބޭނުން ކުރެއެވެ. މިފަދަ ޢިބާރާތްތައް އުފެދިގެން އައިސްފައިވަނީ މަރުވުމަށްފަހު އަލުންދިރުއްވޭނެކަމަށް އިންކާރުކުރާ މުލްހިދުންގެ ފަރާތުންކަމަށް ލަފާކުރެވެއެވެ. އެހެންކަމުން އަޅުގަނޑުމެނަށް ވާޖިބުވެގެންވަނީ މިފަދަ ޢިބާރާތްތަކާއި ދުރުހެލިވުމެވެ. އެހެނީ އިންސާނާގެ ދާއިމީ ގޯއްޗަކީ ސުވަރުގެ ނުވަތަ ނަރަކައެވެ.

=ނުނިމޭ =

މިލިޔުމުގެ އެހެނިހެން ބައިތައް