ނެތުމުގެ ތެރެއިން އިންސާނާ އުފައްދަވާ އެއިންސާނާއަށް ރިޒުޤުދެއްވާ އެއިންސާނާއަށް އެންމެ ރަނގަޅުގޮތް ﷲ ތަޢާލާ ވަނީ ބަޔާންކުރައްވާ ކަނޑައަޅުއްވައިފައެވެ. އިންސާނާގެ ދިރިއުޅުމަށް ބޭނުންވާނެ އެއްމެހާ ޙުކުމްތަކާއި އުސޫލުތައްވަނީ، ޙުކުމް ކުރެއްވުމުގައި އެންމެ ޢަދުލުވެރި ﷲ ތަބާރަކަ ވަތަޢާލާ ހަތްއުޑުގެ މަތިން ބާވައިލައްވައިފައެވެ. އެގޮތުން ފަސާދައާއި ޖަރީމާތައް ހުއްޓުވައި މުޖުތަމަޢުގެ އެންމެންގެ މަޞްލަޙަތު އިސްލާމީ ޝަރީއަތުން ރައްކާތެރިކޮށްދެއެވެ.
ނަމަވެސް ހިތާމައަކީ ވިސްނުމުގައި އުނިކަން ލިބިގެންވާ މި ނިކަމެތި އިންސާނާ ﷲ ތައާލާގެ އަމުރުފުޅުތަކާއި ޚިލާފުވެ އޭގެ މައްޗަށް ގޮތްކިޔާ ހެދުމެވެ. ކާއިނާތުގެ ވެރި ރައްބުގެ އަމުރުފުޅުތަކަށް އެއްވެސް ޖެހިލުމެއްނެތި ފާޑުކިޔާ ދުނިޔޭގެ އެދުންތަކާއި ބޭނުންތަކަށް ﷲ ސުބުޙާނަހޫ ވަތައާލާގެ ދީނުގެ ޙުކުމްފުޅުތައް ބަދަލުކޮށް އެއަށް އެނގިގެންނާއި ނޭނގިނަމަވެސް ފުރައްސާރަ ކުރުމެވެ. މަލާމަތް ކުރުމެވެ. ތިބާ ނެތުމުގެ ތެރެއިން އުފައްދަވާ ރިޒުޤުދެއްވާ ގެންގުޅުއްވާ އިލާހަށް އުރެދެމުންދިޔުމެވެ.
މިއައްވުރެ ބޮޑު ހައިރާންކަމެއް ލިބެނީ މުސްލިމުން ކަމަށް ދަޢުވާކުރާ ބަޔަކު ﷲގެ ޙުކުމްފުޅުތަކާއި ދެކޮޅަށް ބަސްބުނެ އެފަދަ ޙުކުމްފުޅުތަކަކީ އެބައިމީހުން އަމިއްލަ އަތްތަކުން ހަދާފައިވާ ޤާނޫންތަކާއި ޚިލާފުވާ ޙުކުމެއްކަމަށް ބުނެ އިސްލާމީ ޝަރީޢަތަށް ގޮންޖަހަމުން ދިޔުމެވެ. ޓައީ އަޅާފައި ވަރުގަދަ ނަމެއްކިޔާ ކޯޓެއްގައި ތިއްބަސް ﷲގެ ބަސްފުޅާއި ދެކޮޅު ހަދާއިރު އެންމެ ފުރަތަމަ ތިބާއަކީ ކާކުތޯ ތިބާގެ އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ.
އެގޮތުން ޝައްކެއްނެތްގޮތުގައި ޒިނޭއަކީ ވެސް އެކަންކުރާ މީހާގެ މައްޗަށް ޝަރީޢަތުގައި ޙައްދުތަކެއް ބާވައިލައްވައިފައިވާ އެއްޗެކެވެ. އަދި ޒިނޭކުރާ މީހުންނަށް ދޭން އޮންނަ އަދަބާއި ބެހޭގޮތުން ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
(الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِنْهُمَا مِائَةَ جَلْدَةٍ وَلا تَأْخُذْكُمْ بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِنَ الْمُؤْمِنِينَ) (النور:2)
މާނަ: “ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި اللَّه އަށާއި آخرة ދުވަހަށް ތިޔަބައިމީހުން إيمان ވާކަމުގައިވަނީނަމަ، اللَّه ގެ دين ގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ ޢުޤޫބާތް، مؤمن ންގެ ބަޔަކު ދެކޭހުށިކަމެވެ!”
މީހަކާ ނުއިނދެ ތިބެ ޒިނޭ ކޮށްފިނަމަ އަދަބަކީ 100 އެތިފަހަރުން ޙައްދު ޖެހުމާއި 1 އަހަރު ދުވަހަށް އަރުވާލުމެވެ. އަދި މީހަކާ އިނދެފައިވާ މީހަކު ޒިނޭ ކޮށްފިނަމަ އޭނާގެ އަދަބަކީ ރަޖަމް ކުރުމެވެ. މިގޮތުން ޒިނޭގެ ޙައްދު ޖެހޭނީ 4 މީހުންގެ ހެކި ބަހުން ސާބިތުވުން ނުވަތަ ޒިނޭ ކުރިކަމަށް އިޢުތިރާފް ވުމުންނެވެ.
އެހެންކަމުން މިފަދަ ޙާލަތެއްގައި ޒިނޭކުރިކަމަށް އަމިއްލައަށް އިޢުތުރާފްވެފައިވާ މީހަކަށް އިސްލާމީ އުސޫލުތަކުގެ ތެރެއިން އަދަބު ދެވެން ޖެހޭނެއެވެ. އެއީ އެބައެއްގެ ޤާނޫންތައް ނުވަތަ ބައިވެރިވެފައިވާ ބޭރުގެ މުއާހަދާތަކާއި ޚިލާފުވި ކަމުގައިވިޔަސް މެއެވެ. އަޅުގަނޑުމެން ބޯލަނބަން ޖެހޭނީ ކާއިނާތުގެ ވެރި ރައްބަށެވެ. ﷲ ތަބަރާކަ ވަތަޢާލާއަށެވެ. ހަވާނަފްސުގެ އެދުންތަކަކަށެއް ނޫނެކެވެ.