ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވަނީ:
(وَإِن تَعُدُّوا نِعْمَةَ اللَّـهِ لَا تُحْصُوهَا ۗ .. ﴿١٨﴾ (سورة النحل)
މާނައީ:”ތިޔަބައިމީހުން ﷲ ގެ ނިޢުމަތްތައް ހިމަނައި ޢަދަދު ކުރަން އުޅުނަސް ތިޔަބައިމީހުންނަށް އެނިޢުމަތްތަކެއް ގުނާ އަދަދު ނުކުރެވޭނެއެވެ.”
ހަމައެއާއިއެކު އެއިލާހު ދެއްވާފައިވާ ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޅުގަނޑުމެންނަށް ވަނީ އަންގަވާފައެވެ. އަދި އެނިޢުމަތްތައް ހެޔޮގޮތުގައި ބޭނުންކުރާ އަޅުތަކުންނަށް އެއިލާހުގެ ނިޢުމަތްތައް އިތުރުކުރައްވާނެކަންވެސް ވަނީ އަންގަވާފައެވެ. ނިޢުމަތްތަކަށް ޝުކުރު އަދާކުރެވިދާނެ ތިން ގޮތެއް ވެއެވެ. އެއީި ހިތުން ޝުކުރު ކުރުމާއި ދުލުން ޝުކުރުކުރުމާއި ޢަމަލުން ޝުކުރުކުރުމެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދުލާއި ހިތުން ޝުކުރުކުރަން އެނގޭ ފަދައިން ޢަމަލުން ޝުކުރުކުރެވޭނެ ގޮތް އަޅުގަނޑުމެންނަށް އެނގެން ޖެހެއެވެ. އެގޮތަކީ އެއިލާހު ދެއްވާފައިވާ ނިޢުމަތްތައް ﷲ ތަޢާލާ ރުހިވޮޑިގެންވާ ގޮތުގައި ބޭނުން ކުރުންނޫންތޯއެވެ!
ﷲ ތަޢާލާ ޤުރުއާނުގައި ވަޙީ ކުރައްވާފައިވަނީ:
(اعْمَلُوا آلَ دَاوُودَ شُكْرًا ۚ .. ﴿١٣﴾ (سورة سبإ)
މާނައީ: ”ދާވޫދު އަލައިހިއްސަލާމުގެ އަޙުލުވެރިން ހެޔޮ ޢަމަލުތަކުން ޝުކުރުކުރާށެވެ.”
ޙަޤީގަތުގައިވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ނިޢުމަތްތައް ބީވުމުގެ ކުރިން އެނިޢުމަތްތަކުގެ އަގު ވަޒަންކުރެވޭ ބައެެއް ނޫނެވެ. މިސާލަކަށް އަޅުގަނޑުމެންގެ ފެނުމުގެ ނިޢުމަތަށް ނަޒަރު ހިންގާލި ކަމުގައިވިޔަސް މިޒަމާނުގެ ޓެކްނޮލޮޖީން އީޖާދުކޮށްފައިވާ ކެމެރާ ވީޑިއޯ ފަދަ ތަކެތި އުފައްދާފައިވަނީ އިންސާނާގެ ދެލޯ އަސްލަކަށް ބަލައިގެންނެވެ. ނަމަވެސް ﷲ ތަޢާލާ ޚަލްޤުކޮށްފައިވާ މިދެލޮލުގެ ފެނުމުގެ ކުޅަދާނަކަމާއި ގާތަށްވެސް ދުނިޔޭގެ ސައިންޓިސްޓުންގެ އުފެއްދުންތައް ނާދެއެވެ. ފޯކަލްޕޮއިންޓާއި ޒޫމްއިން ފަދަ ފަސޭހައިން ބަލާލުމުގެ ފައިދާތައް މިކެމެރާތަކުގައި ހުރިކަމުގައި ވިޔަސް އަޅުގަނޑުމެންގެ ދެލޮލުން ބަލާލުމުގެ އަވަސްކަމާއި ސާފުކަން މިތަރައްޤީވެފައިވާ އަދުގެ ޓެކްނޮލޮޖީއަށް ލިބިގެނެއްނުވެއެވެ.
ހަމައެހެންމެ ބުއްދީގެ ނިޢުމަތަށް އަޅުގަނޑުމެން ބަލާލިކަމުގައިވިޔަސް ﷲ ތަޢާލާ އިންސާނާ މަތިވެރިކުރައްވާފައިވާ މިންވަރު އަޅުގަނޑުމެންނަށް ދޭހަވާނެއެވެ. ބުއްދީގެ ސަބަބުން އިންސާނާ ދުނިޔެ އާރާސްތުކޮށް އަރާމާއި ހިތްހަމަޖެހުމުގައި ދިރިއުޅޭނެ ފަސޭހަ މަގުތައްްވަނީ ހޯދާފައެވެ. ކޮމްޕިއުޓަރާއި ފަހުގެ ޓެކްނޮލޮޖީގެ އުފެއްދުންތަކުގައި ބުއްދީގެ މަސައްކަތް ހިނގަމުންދާ ގޮތް އަސްލަކަށް ބަލައިގެން އިންސާނުން ބޮޑެތި އީޖާދުތައް ވަނީކޮށްފަވެއެވެ. އަދުގެ ދުނިޔޭގައި ކޮންމެ ހިސާބެއްގައި ކޮންމެ ތަނެއްގައި ހުރި މީހަކާވެސް ގުޅާ ވާހަކަދައްކާ ހެދުމުގެ މަގުވަނީ ތަނަވަސްވެފައެވެ. ނަމަވެސް މިހުރިހާ ބާރަކާއި ކުޅަދާނަކަމެއް އިންސާނާއަށް ދެއްވި ފަަރާތަށް ޝުކުރުކުރަނީ އިންސާނުންގެ ތެރެއިން މަދުބައެކެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ:
(وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ ﴿١٣﴾ (سورة سبإ)
މާނައީ:”އަދި ތިމަން އިލާހުގެ އަޅުތަކުންގެ ތެރެއިން ގިނަގިނައިން ޝުކުރުވެރިވާ މީހުން ވަރަށް މަދެވެ.”
ކޮންމެ ނިޢުމަތަކީވެސް އިމްތިޙާނެކެވެ. އިންސާނާއަށް ދުނިޔޭގައި ލިބިފައިވާ ކޮންމެ އެއްޗަކީ އެއާއި މެދު ސުވާލުކުރެވޭނެ އެއްޗެކެވެ. ފެނުމާއި އިވުމާއި ބުއްދީގެ ނިޢުމަތްތައް، މިއަދު އަޅުގަނޑުމެން އޭގެ ބޭނުން ހެޔޮގޮތުގައި ނުހިފައިފިނަމަ ޤިޔާމަތްދުވަހުން އަޅުގަނޑުމެންނާއި ދެކޮޅަށް ހެކިދޭނެއެވެ. އެކަން ބަޔާންކުރައްވާ ﷲ ތަޢާލާވަނީ އަންގަވާފައެވެ.
(حَتَّىٰ إِذَا مَا جَاءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَارُهُمْ وَجُلُودُهُم بِمَا كَانُوا يَعْمَلُونَ ﴿٢٠﴾ (سورة فصلت)
މާނައީ: ”އެނަރަކައަށް އެއުރެން ޙާޟިރު ވެއްޖެއުމަށް ދާންދެނެވެ. އެހިނދު އެއުރެންގެ ކަންފަތާއި، އެއުރެންގެ ލޯތަކާއި، އެެއުރެންގެ ހަންތައް، އެއުރެން ކޮށް އުޅުނު ޢަމަލުތަކަށް ހެކިދޭނެތެވެ.”
އެހެންކަމުން އަޅުގަނޑުމެންނަށް ލިބިފައިވާ ގިނަގުނަ ނިޢުމަތްތަކަކީ ﷲ ތަޢާލާ ހުއްދަކޮށްފައިވާ ގޮތުގައި ބޭނުންކުރާ ނިޢުމަތްތަކެއްކަމުގައި ހަދަންޖެހެއެވެ. ދުޢާއަކީ އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ ހެޔޮބަހާއި އެއްގޮތަށް ޢަމަލުކުރާ ބައެއްކަމުގައި ލެއްވުމެވެ. އަދި ﷲ ތަޢާލާއަށް ގިނަގިނައިން ޝުކުރުވެރިވާ ބައެއްކަމުގައި ލެއްވުމެވެ.