الحمد لله رب العالمين. والصلاة و السلام على حبيبنا محمد و آله و صحبه أحمعين و بعد:
ޢައްލާމާ އިބުނު އަލްޢުޘައިމީން ރަޙިމަހުﷲ ބަޔާންކުރައްވައެވެ.
“އިމާމުގެ ފަހަތުގައި ތިބޭ މައުމޫމުންގެ މައްޗަށް ކުށު ސަޖިދަޖެހުން
އިމާމު ކުށެއް ކޮށްފިކަމުގައިވާނަމަ، މައުމޫމުންގެ މައްޗަށް ކުށުސަޖިދަގައިވެސް އިމާމަށް ތަބާވާން ޖެހޭނެއެވެ. (އިމާމާގެ ފަހަތުން ކުށުސަޖިދަ ޖަހަން ޖެހޭނެއެވެ.) އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘް ބަސްފުޅުގެ މަތީންނެވެ.
(إِنَّمَا جُعِلَ الْإِمَامُ لِيُؤْتَمَّ بِهِ، فَلَا تَخْتَلِفُوا عَلَيْهِ)
މާނައީ: “ހަމަކަށަވަރުން އިމާމާ އައްޔަން ކުރެވިފައިވަނީ އޭނާއަށް ތަބާވުމަށެވެ. އިމާމުއާއި ޚިލާފުވެ ނުގަންނާށެވެ.”
މަތީގައިވާ ބަސްފުޅުން ފެށިގެން (وَإِذَا سَجَدَ فَاسْجُدُوا) މާނައީ: “އަދި އިމާމު ސަޖިދަޖެހުމުން، ތިޔަބައިމީހުން ސަޖިދަ ޖަހާށެވެ.” މިފަދައިން ޙަދީޡްކުރެއްވުމާއި ހިސާބަށެވެ.
މުއްތަފަޤުން ޢަލައިހި(2). އެއީ އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ޙަދީޘުންނެވެ.(3)
(ނަމާދު އެއްކޮށް ލައްވާނުލާ މީހުންނަށް ކުށު ސަޖިދައަށް އިމާމަށް ތަބާވާން ޖެހޭނެތަ؟)
ސަލާމްދިނުމުގެ ކުރިން އިމާމު ކުށުސަޖިދަ ޖެހިޔަސް، އަދި ފަހުން ޖެހިޔަސް، މައުމޫމުންގެ މައްޗަށް އިމާމަށް ތަބާވުން ވާޖިބުވެގެންވެއެވެ. އެއީ ނަމާދުު އެއްކޮށް ލައްވާނުލުމުގެ ސަބަބުން ލައްވާނުލި ބައި ފުރިހަމަކުރާ މީހުން މެނުވީއެވެ. ފަހެ އޭނާގެ މައްޗަކަށް (ސަލާމްދިނުމަށްފަހު ޖަހާ) ސަޖިދައަށް ތަބާވާކަށް ނުޖެހޭނެއެވެ. އެއީ އިސްވެދިޔަ ބައިން (އުނިވިބައި އަދާކުރަން) ލިބުނު ޢުޒުރުގެ ސަބަބުންނެވެ. އޭނާއަކަށް އިމާމުއާއި އެކީ ސަލާމެއް ނުދެވޭނެއެވެ. (އެއީ ނަމާދު ފެށިފަހުން އައިސް ނަމާދުން ލައްވާނުލި ހިސާބު އަދާކުރަން ތެދުވަން ޖެހުމުގެ ސަބަބުންނެވެ. ޢުޛުރުވަނީ މިޙާލަތުގައި އެކަންޏެވެ.) އެކަމުގެ ސަބަބުން (އޭނާގެ މައްޗަށް) ވަނީ ލައްވާނުލި ހިސާބު އަދާކޮށް ސަލާމްދިނުމެވެ. އެޔަށްފަހު ކުށު ސަޖިދަ ޖަހައި ސަލާމްދޭނީއެވެ.
އޭގެ މިޘާލެއް: މީހަކު އިމާމުގެ ފަހަތަށް (ޖަމާޢަތަށްވަނީ) ފަހު ރަކުޢަތުގައެވެ. އޭރު އިމާމުގެ މައްޗަށް ސަލާމްދީފައި ކުށު ސަޖިދަ ޖެހުމެއް އެބަވެއެވެ. ނަމާދުން ފަހު ރަކުޢަތް ލައްވާލި މީހާގެ މައްޗަށްވަނީ، އިމާމު ސަލާމްދިނުމުން ތެދުވެ، އޭނާއަށް (ނަމާދުން) ލައްވާނުލި ބައި އަދާކުރުމެވެ. އޭނާގެ މައްޗަކަށް އިމާމުއާއި އެކުގައި (ސަލާމްދީ ކުށު) ސަޖިދަޖެހުމެއް ނެތެވެ. ދެން އޭނާ ލައްވާނުލި ބައި އަދާކުރުމަށްފަހު (ނަމާދު ނިންމައި) ސަލާމްދޭނީއެވެ. ކުށުސަޖިދަ ޖަހާނީ ސަލާމްދީފައެވެ.
(އިމާމު ކުށެއްނުކޮށް ހުއްޓައި މައޫމޫމަށް ކުށެއް ކުރެވިއްޖިއްޔާ ހަދާނީ ކިހިނެއް؟)
އިމާމު ކުށެއްނުކޮށް ހުއްޓާ(ނަމާދުގައި) ކުށްކުރެވުނީ މައުމޫމަށް ކަމުގައިވާނަމަ، އެޔާއެކުގައި ނަމާދުން އެއްވެސް މިންވަރެއް އުނިނުވާނަމަ، އޭނާގެ މައްޗަށް ކުށުސަޖިދަ ޖެހުމެއްނުވެއެވެ. އޭނާ ކުށުސަޖިދަ ކޮށްފިކަމުގައިވާނަމަ، އިމާމުއާ ޚިލާފުވެވި އަދި އިމާމަށް ތަބާނުވެވޭނެތީއެވެ. އެހެންކަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފުރަތަމަ އައްތަޙިއްޔާތުގައި އިށީނދެ ވަޑައިގަތުމަށް ހަނދުމަފުޅު ނެތިގެން ތެދުވެ ވަޑައިގަތުމުން، ޞަޙާބީ ބޭކަލުންވެސް ފުރަތަމަ އައްތަޙިއްޔާތު ދޫކުރައްވައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަހަތުން ތެދުވެ ވަޑައިގަތީއެވެ. އެބޭކަލުން އިށީނދެވަޑައިނުގަތީ އެކަލޭގެފާނަށް ތަބަޢަވެ ވަޑައިގަތުމަށާއި، އަދި އެކަލޭގެފާނާއި ޚިލާފުނުވުމަށްޓަކައެވެ.
ދެން އޭނާގެ ނަމާދުން ބައެއް ލައްވާނުލިމީހާ، އޭނާ އިމާމުއާއެކީ ކުށުސަޖިދަ ޖަހަންޖެހޭ ކުށެއްކޮށްފިނަމަ، ނުވަތަ ފަހުން ލައްވާނުލި ބައި އަދާކުރަނިކޮށް ކުށެއް ކުރެވިއްޖެނަމަ، އޭނާގެ މަތިން ކުށު ސަޖިދަ ޖެހުން ނުދާހުއްޓެވެ. (ކުށު ސަޖިދަ ޖަހަންޖެހޭނެއެވެ.) ނަމާދުން ލައްވާނުލި ބައި އަދާކުރުމަށްފަހު، އިސްވެދިޔަ ތަފްޞީލުގެ އަލީގައި ސަލާމްދިނުމުގެ ކުރިން ނުވަތަ ސަލާމްދިނުމުގެ ފަހުން ކުށު ސަޖިދަޖަހާނީއެވެ.
އޭގެ މިޘާލެއް:
މައުމޫމަށް ރުކޫޢުގައި (سُبْحَانَ رَبِّيَ الْعَظِيمِ) ކިޔަން ހަނދާން ނެތުނީއެވެ. އޭނާގެ ނަމާދުން އެއްވެސް ބައެއް އުނިނުވެއެވެ (ނަމާދު ފުރިހަމައަށް ލައްވާލިއެވެ). އޭރުން އޭނާގެ މައްޗަށް އެއްވެސް ކުށުސަޖިދަޖެހުމެއް ނުވެއެވެ. ދެން ރަކުޢަތެއް ނުވަތަ އެޔަށްވުރެ ގިނައިން ލައްވާނުލި ކަމުގައިވާނަމަ، އެބައި އަދާކުރުމަށްފަހު، ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަ ޖަހާނީއެވެ.
އެހެން މިޘާލެއް:
މައުމޫމަކު އިމާމުގެ ފަހަތުގައި މެންދުރު ނަމާދުކުރަނީއެވެ. އިމާމު ހަތަރުވަނަ ރަކުޢަތަށް ތެދުވުމުން މައުމޫމު އެއީ ފަހު ރަކުޢަތް ކަމަށް ހީކޮށް (އައްތަޙިއްޔާތަށް) އިށީނދެވުނީއެވެ. ދެން އިމާމު ތެދުވިކަން އެނގުމުން ތެދުވެއްޖެއެވެ. ދެން އޭނާގެ ނަމާދުން (އެއްވެސް ބައެއް) އުނިނުވާކަމުގައިވާނަމަ، އޭނާގެ މައްޗަށް ކުށު ސަޖިދަޖެހުމެއް ނުވެއެވެ. އެހެންނަމަވެސް އޭނާއަށް ރަކުޢަތެއް ނުވަތަ އެޔަށްވުރެ ގިނައިން ލައްވާނުލިކަމުގައިވާނަމަ، އެބައި އަދާކޮށްފައި ސަލާމްދޭނީއެވެ. އެޔަށްފަހު ކުށުސަޖިދަ ޖަހައި ސަލާމްދޭނީއެވެ. ކުށުސަޖިދަ ޖަހަން ޖެހެނީ އިމާމު ހަތަރުވަނަ ރަކުޢަތަށް ތެދުވިއިރު އޭނާއަށް އިތުރަށް އިށީނދެވުނު އިށީނދެވުމުގެ ސަބަބުންނެވެ.
ނުނިމޭ.
ދެން އަންނަ ބައެއްގައި ( މި ރިސާލާގެ ޚުލާޞާ)
މި ލިޔުމުގެ އިތުރު ބައިތައް ވިދާޅުވެލައްވާ.
_______________
- މުއްތަފަޤުން ޢަލައިހި މިބަހުގެ މުރާދަކީ ޙަދީޘެއް، އެއް ޞަޙާބީ ބޭކަލެއްގެ ކިބައިން ޞަޙީޙް ބުޚާރީ އަދި ޞަޙީޙް މުސްލިމުގައި ރިވާވެފައިވުމެވެ. އެއީ އެއްލަފުޒަކުން ވިޔަސް ނުވަތަ އެޙަދީޘުން ކައިރި ކުރާ ލަފުޒަކުންވިޔަސް (ދޭހަވާ ލަފުޒު، ނުވަތަ މާނައިން ކަމުގައިވިޔަސް) މެއެވެ.
- 2. رواه البخاري في الجماعة، باب إنما جعل الإمام ليؤتم به (657)، و مسلم في الصلاة، باب ائتمام المأموم بالإمام (412)، و زيادة: ((وإذا قرأ فأنصتوا)) عند أبي داود في الصلاة، باب الإمام يصلي من قعود (604)، و النسائي في الافتتاح (920) و ابن ماجه (846)، و الإمام أحمد (2/420).