- މީސްތަކުންގެ މުދާ ބާޠިލްގޮތުގައި ކެއުން.
މީސްތަކުންގެ މުދާ ބާޠިލްގޮތުގައި ކެއުމަކީ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. އަދި އެފާފައެއް ކުރުމުން ނަރަކަޔަށް ދާންޖެހޭނެ ކަން ބަޔާން ކުރެވިފައިވާ ފާފައެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّـهَ كَانَ بِكُمْ رَحِيمًا ﴿٢٩﴾ وَمَن يَفْعَلْ ذَٰلِكَ عُدْوَانًا وَظُلْمًا فَسَوْفَ نُصْلِيهِ نَارًا ۚ وَكَانَ ذَٰلِكَ عَلَى اللَّـهِ يَسِيرًا ﴿٣٠﴾) [سورة النساء]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ބާޠިލްގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ.[29] ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެ ގޮތުން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކު ނަރަކަޔަށް ވައްދަވާހުށީމެވެ. އަދި، އެކަންތައް އެއީ، ﷲ އަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ.[30]”
ޔަތީމުންގެ މުދާ ނަހަމަ ގޮތުގައި ކެއުންވެސް ހިމެނިގެންދަނީ މީސްތަކުންގެ މުދާ ބާޠިލް ގޮތުގައި ކެއުމުގެ ތެރެއިންނެއެވެ. އެހެން ނަމަވެސް އެކުދިންގެ ނިކަމެތިކަމާއި އަދި އެކުދިންގެ މުދާ ފަސޭހައިން ބޭނުންކުރަން ލިބިފައި އަދި މި ބޮޑު ޖަރީމައިގެ ނުބައިކަމުން ﷲ އެކުދިންގެ ވާހަކަ ވަކިން ޚާއްޞަ ކުރެއްވިއެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ.
(إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَارًا ۖ وَسَيَصْلَوْنَ سَعِيرًا ﴿١٠﴾) [سورة النساء]
މާނައީ: “ހަމަކަށަވަރުން، އަނިޔާވެރިކަމުގެގޮތުން يتيم ންގެ މުދާ ކައިއުޅޭ މީހުން (ދަންނާށެވެ!) އެއުރެން ކައިއުޅޭކަން ކަށަވަރީ (ނަރަކައިގެ) އަލިފާނެވެ. އަދި، އަނދަ އަނދާ ހުންނަ ނަރަކަޔަކަށް އެއުރެން ނިކަންހުރެ ވަންނާނެތެވެ.”
=ނުނިމޭ=