[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞައްޙަ ޢަޤީދާގެ މުހިއްމުކަން 2

ޞައްޙަ ޢަޤީދާ އުނގެނޭންވީ އިންސާނާ ޝިރުކުން ސަލާމަތްވުމަށްޓަކައެވެ. ޝިރުކުން އިންސާނާ ސަލާމަތްކޮށްދޭ ހަމައެކަނިވަސީލަތަކީ ޞައްޙަ ޢަޤީދާ ދެނެގަތުމެވެ. ޞައްޙަ ޢަޤިދާ އަށް ޖާހިލުވުމަކީ އެންމެ ގިނަ ބަޔަކު ޝިރުކުގެ ވަޅުގަނޑުގެ ތެރެއަށް ވެއްޓިގެންދާ ސަބަބެވެ.

ކުފުރާއި ޝިރުކުން ޢަޤީދާ ސަލާމަތްވެގެންވުމާއި ނުވުމަކީ އޭގެ މައްޗަށް އިންސާނާ ދާއިމީގޮތެއްގައި ނަރަކާގައި ވުމާ ނުވުން ބިނާވެފައިވާ ކަމެކެވެ. ނަރަކައިގެ ތާއަބަދަށްވުމާއި ނަރަކައިން ސަލާމަތްވުން ބިނާވެފައިވަނީ ޞައްޙަ ޢަޤީދާގެ މައްޗަށެވެ.

ޝިރުކު ކުރާމީހާ އެ ޝިރުކުގެ ފާފައިގެ މަތީގައި ހުރެ މަރުވެއްޖެނަމަ، ފާފަ ނުފުއްސަވައެވެ. އަދި ޝިރުކުކުރާމީހާގެ މައްޗަށް ސުވަރުގެ ޙަރާމްވެގެންވެއެވެ. ނަރަކައިގެ އަލިފާނުގައި ތާއަބަދަށް ދެމިގެންވާގޮތުގައި އޭނާވާނެއެވެ.

((إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ))-المائدة 72

“ހަމަކަށަވަރުން اللَّه އަށް ޝަރީކުކުރާ  މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه، އެމީހެއްގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: شريك ކުޅަ މީހުންނަށް) ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.”

((عَنْ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: مَنْ مَاتَ وَهُوَ يَدْعُو لِلهِ نِدًا دَخَلَ النَّارَ))- رواه البخاري

އިބްނު މަސްޢޫދު ރަޟިޔަ ﷲ ޢަންހުގެ ކިބައިން، ހަމަކަށަވަރުން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މިހެން ޙަދީޘްކުރެއްވިކަމަށް ރިވާވެގެންވެއެވެ. ” ﷲ އާ އެހެން ފަރާތެއް އެއްފަދަކޮށް އަޅުކަންކުރާ ޙާލު މަރުވާމީހާ، ވަންނަހުށީ ނަރަކައަށެވެ.”

އަދިވެސް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((مَنْ مَاتَ يُشْرِكُ بِاللهِ شَيْئًا دَخَلَ النَّارَ)) – رواه مسلم

” ﷲ އާ އެއްވެސް އެއްޗަކާ ޝިރުކުކުރާ ޙާލު މަރުވެއްޖެމީހާ، ނަރަކައަށް ވަންނަހުއްޓެވެ.”

((عَنْ جَابِرٍ رَضِيَ اللهُ عَنْهُ قَالَ : أَتَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ رَجُلٌ فَقَالَ: يَارَسُولَ اللهِ، مَا المُوْجِبَتَانِ ؟ فَقَالَ : مَنْ مَاتَ لاَ يُشْرِكُ بِاللهِ شَيْئًا دَخَلَ الْجَنَّةَ وَمَنْ مَاتَ يُشْرِكُ بِاللهِ شَيْئًا دَخَلَ النَّارَ)) – رواه مسلم

ޖާބިރު ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވާ ދެކަމަކީ ކޮބައިހެއްޔެވެ؟ ދެންފަހެ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” ﷲ އާ އެއްވެސްއެއްޗަކާ ޝަރީކުނުކޮށް، މަރުވެއްޖެމީހާ ސުވަރުގެއަށް ވަންނަހުއްޓެވެ. އަދި اﷲ އާ އެއްވެސް އެއްޗަކާ ޝަރީކުކުރާ ޙާލު މަރުވެއްޖެމީހާ، ނަރަކައަށް ވަންނަހުއްޓެވެ.”

ޢަޤީދާގެ ޢިލްމަކީ އެންމެ ޝަރަފުވެރި އަދި އެންމެ މަތިވެރި ޢިލްމެވެ. ޢިލްމެއްގެ މާތްކަމާއި މަތިވެރިކަން ބިނާވާނީ އެ ޢިލްމެއްގައި ކިޔެވޭ އެއްޗެއްގެ މާތްކަމާއި މަތިވެރިކަމުގެ މައްޗަށެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޛާތުފުޅާއި ޞިފަފުޅުތަކަށްވުރެ އެހެން އެއްވެސް ފަރާތެއް މާތްވެ މަތިވެރިވެގެން ނުވެއެވެ. އަހަރެމެން ޢަޤީދާގެ މި ޢިލްމުގައި މި ކިޔަވަނީ އެއިލާހުގެ ޛާތުފުޅާއި ޞިފަފުޅުތަކާ ބެހޭގޮތުންނެވެ.

ޞައްޙަ ޢަޤީދާއަކީ އިންސާނާގެ ހިތުގައި ބިރުވެތިކަން އިތުރުކޮށްދޭ އެއްޗެކެެވެ. އަދި ފާފަތަކާ އޭނާ ދުރުކުރާ އެއްޗެެކެވެ. އަހަރެމެން ޞައްޙަ ޢަޤީދާ ކިޔަވަނީ اﷲ އާމެދު ބިރުވެތިވުމަށެވެ. ޢަޤީދާގެ ޢިލްމުގައި ﷲ މަޢުރިފާކޮށް ދެނެގަތުމުގެ ސަބަބުން، ﷲ އާ ލާއިޤުވެގެންވާ ކަންތައްތަކާއި އެއިލާހާ ލާއިޤުވެގެން ނުވާ ކަންކަން ދެނެގަތުމުގެ ސަބަބުން، ހިތުގައި ﷲ އާމެދު މަތިވެރިކަން އުފެދި ބިރުވެތިކަން އުފެދިގެން ދެއެވެ. އަޅަކު ﷲ މަޢުރިފާކޮށް ދެނަގަތުން ބޮޑުވި ވަރަކަށްއޭނާ  ﷲ އަށް ބިރުވެތިވާ މިންވަރު އިތުރުވެގެން ދާނެއެވެ.

ޞައްޙަ ޢަޤީދާ ކިޔެވުމުގެ އެއް ބޭނުމަކީ ޝަހުވަތްތަކުގެ ފިތުނައިން ސަލާމަތްވުމެވެ. އަދި ފާފަތަކާ ދުރުހެލިވުމެވެ. ﷲ ތަޢާލާ އީ ބައްލަވާވޮޑިގެންވާ އިލާހުކަން، އައްސަވާ ވޮޑިގެންވާ އިލާހުކަން، މުރާޤިބުވަންތަ އިލާހުކަން ދެނެހުރެ މީހަކު ފާފަ ކުރާނީ ކޮންފަދައަކުންތޯއެވެ؟

ޞައްޙަ ޢަޤީދާ އެނގުމަކީ މީހާ ޝުބުހަތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ. މުޅި ދުނިޔެ ފުރިފައިމިވަނީ ބާޠިލު ދީންތަކާއި، ފިރުޤާތަކާއި، ފިކުރުތަކާ ފާސިދު މަންހަޖުތަކުންނެވެ. މި މަޛުހަބުތަކާއި ފިކުރުތަކުގެ ކުރިމަތީގައި ޞައްޙަ ޢަޤީދާގެ ޢިލްމު ނެތް މީހަކު އެފަދަ ކަންތައްތަކުގެ ޝިކާރައަކަށް ވެގެންދާނެކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ. އޭނާއަށް ޞައްޙަގޮތުގައި ދީން ފަހުމުވުމަކީ ރަނގަޅާއި ނުބައި ޞައްޙައެއްޗިއްސާއި ޟަޢީފު އެއްޗެހި އަދި ޙައްޤާއި ބާޠިލު ވަކިކުރުމަށް ކޮންމެހެން ބޭނުން ކަމެކެވެ.

 

ޞައްޙަ ޢަޤީދާ އުނގެނުމުގެ ބައެއް ފައިދާތައް

1- މީސްތަކުންނަށް ޞައްޙަ ޢަޤީދާ އުނގަންނައިދިނުމުގައި ރަސޫލުން ދެއްކެވި ނަމޫނާގައި ހިފުން.

ﷲ ތަޢާލާ ހުރިހާ ރަސޫލު ބޭކަލުންވެސް ފޮނުއްވީ އެއް މަޤްޞަދައިގެންނެވެ. އެއީ ޞައްޙަ ޢަޤީދާ މީސްތަކުންނަށް ބަޔާންކޮށްދެއްވުމެވެ. ﷲ ފިޔަވައި އަޅުކަންވެވޭ އެންމެހާ ބާޠިލު އިލާހުންތަކަށް އަޅުކަންކުރުމުން ދުރުހެލިވުމަށާއި އަޅުކަން ހަމައެކަނި އެއްކައުވަންތަ ﷲ ތަޢާލާއަށް ޚާލިޞްކުރުމަށް ގޮވާލުމަށްޓަކައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ[النحل: 36]

މާނައީ: “އަދި ހަމަކަށަވަރުން ކޮންމެ އުއްމަތަކަށް ތިމަންއިލާހު ރަސޫލުބޭކަލަކު ފޮނުއްވީމެވެ. އެއީ ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރުމަށާއި އަދި ޠާޣޫތާ ދުރުހެލިވެގަތުމަށް އެންގެވުމަށެވެ.”
2- ޝިރުކާއި ބިދުޢައިން ސަލާމަތްވުން.

ކުފުރާއި ޝިރުކުން މީހާ ސަލާމަތްވުމަކީ މީހާ ނަރަކައިން ސަލާމަތްވުމުގެ އަޞްލެވެ. ނަޖާވުމުގެ ފުރިހަމަވުމަކީ މިހާގެ ޢަމަލާއި ބަސް ދީނުގެ ފިޤުހާ ސީދާކުރުމެވެ.
3- އެޢިލްމެއްގެ ސަބަބުން ޚުޝޫޢަތްތެރިކަމަށް ފޯރުކޮށްދޭ ﷲ ތަޢާލާއާ ބެހޭ ޢިލްމު އުނެގުން އަދި އެކަމުގެ ސަބަބުން ޚުޝޫޢަތްތެރިކަން ޙާޞިލްވުން.
4- ފާފަތަކުން ދުރުހެލިވުން.
5- ފިތުނައިން ސަލާމަތްވުން.
6- ބާޠިލު ފިކުރުތަކާ ބާޠިލު ދީންތަކާ ދެކޮޅުވެރިވުން.
7- އަހަރެމެންގެ ނަފްސުތަކުން ޖާހިލުކަން ފިލުވާލުން.

ޢަޤީދާގެ ޢިލްމު އުނގެނުމަކީ ޟަރޫރީ ކަމެކެވެ.
(ނިމުނީ)