އެއްވެސް އަޅުކަމަކަށް ދެވިފައިނުވާ މަޤާމެއް އިސްލާމްދީނުގައި ނަމާދަށްދެވިފައިވެއެވެ. ކީރިތި ރަސޫލާ ޞައްލައްޣ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވައެވެ.
” ދީނުގެ އަޞްލަކީ ނަމާދެވެ. އަދި އޭގެ ތަނބުތަކަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ﷲގެ މަގުގައި ޖިހާދު ކުރުމެވެ. ” ( ރަވާޙު އައްތިރްމިޒީ ).
ނަމާދަކީ އަޅުކަންތަކުގެތެރެއިން އެންމެ ފުރަތަމަ ﷲ ވާޖިބު ކުރެއްވި އަޅުކަމެވެ. ކީރިތި ރަސޫލާ މިޢުރާޖަށް އަރައިވަޑައިގެންނެވި ރޭގައި އެއްވެސް ވާހިޠާއެއްނެތި އެކަލޭގެފާނުގެ މައްޗަށް މާތްﷲ އެނަމާދު ފަރުޟު ކުރެއްވިއެވެ. މާތްﷲ ރުއްސުންލެއްވި އަނަސްގެފާނު ވިދާޅުވިއެވެ.
” ކީރިތި ރަސޫލާ މިޢުރާޖަށް އަރައިވަޑައިގަތް ރޭގައި އެކަލޭގެފާނުގެ މައްޗަށް ފަންސާސް ނަމާދު ފަރުޟު ކުރެއްވުނެވެ. ދެން މަދު ކުރެވެމުންގޮސް ފަސް ނަމާދަށް ހެދުނެވެ. ދެން ނިދާ އިއްވެވުނެވެ. އޭ މިޙައްމަދެވެ! ހަމަ ކަށަވަރުން ތިމަން ﷲގެ ޙަޟްރަތުގައި އިއްވިއްޖެ ބަސްފުޅެއް ބަދަލެއް ނުވާނެއެވެ. އަދި ކަލޭގެފާނަށް މި ފަސް ނަމާދު ދަންސާސް ނަމާދު ފަސް ނަމާދު ފަދައެވެ. ( އެބަހީ ފަސް ނަމާދުން ފަންސާސް ނަމާދުގެ ޘަވާބު ލިބޭނެއެވެ ) ” ( ރަވާޙު އަޙްމަދު، ވައްނަސާއީ ).
އަދި ނަމާދަކީ ﷲ ގެ ޙައްޤު ތަކުގެ ތެރެއިން ޤިޔާމަތްދުވަހު އެންމެ ފުރަތަމަ އަޅާގެ ޙިސާބު ބެއްލެވޭނެ ޢަމަލެވެ. މާތްﷲ ރުއްސުންލެއްވި އަނަސްގެފާނު ކިބައިން ރިވާވެގެން ވެއެވެ. ކިރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ.
” ޤިޔާމަތް ދުވަހުން އެކަމުން އަޅާގެ އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ ޢަމަލަކީ ނަމާދެވެ. ފަހެ ނަމާދު ރަގަޅު ވެއްޖެނަމަ އޭނާގެ އެހެން ހުރިހާ ޢަމަލެއް ރަގަޅުވާ ހުއްޓެވެ. އަދި ނަމާދު ފާސިދު ވެއްޖެނަމަ އޭނާގެ އެހެން ހުރިހާ ޢަމަލެއް ފާސިދުވާ ހުއްޓެވެ. “
އަދި ނަމާދަކީ ކީރިތި ރަސޫލާ ދުނިޔެދޯކޮށް ވަޑައިގަންނަވަމުން އެކަމަށް ވަޞިއްޔަތްކުރި އެންމެ ފަހުގެ ވަސްޞިއްޔަތެވެ. އެކަލޭގެފާނުގެ އެންމެ ފަހުގެ ނޭވާ ފުޅުގައި ހާދީޘް ފުޅު ކުރައްވަމުން ދިޔައެވެ.
” ތިޔަބައިމީހުން ނަމާދަށް ރައްކާތެރި ވާށެވެ. ތިޔަ ބައިމީހުން ނަމާދަށް ރައްކާތެރިވާށެވެ. އަދި ތިޔަބައިމީހުންގެ އަޅުމީހުންނަށްވެސް ރައްކާތެރިވާށެވެ. ” ( ރަވާހު އަބޫ ދާއޫދު ވަ އަޙްމަދު )
ކީރިތި ޤުރުއާނުގައި ނަމާދާއިބެހޭގޮތުން އައިސްފައިވާ އާޔަތްތަކަށް ބެލި ކަމުގައިވީނަމަވެސް ނަމާދުގެ މަޤާމާއި ނަމާދުގެ އަހައްމިއްޔަތުކަން ވަރަށް ސާފުކޮށް ބަޔާންވެގެންދެއެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ ﴿٤٥﴾ سورة العنكبوت
މާނައީ: ” ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. “
إِنَّنِي أَنَا اللَّـهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي ﴿١٤﴾ سورة طه
މާނައީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ اللَّه އެވެ. ތިމަންރަސްކަލާނގެ މެނުވީ، إله އަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު قائم ކުރައްވާށެވެ! “
އަދި ބައެއްފަހަރު ޒަކާތާއިގުޅިގެން ނަމާދުގެ ވާހަކަ އައިސްފައިވެއެވެ. މާތްﷲ ވަޙީ ކުރައްވަނީ
وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ۚ ﴿١١٠﴾ سورة البقرة
މާނައީ: ” އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިމީހުން زكاة ދޭށެވެ! “
އަދި ބައެއްފަހަރު ކެތްތެރިކަމާއި ގުޅިގެން ނަމާދުގެ ވާހަކަ އައިސްފައިވެއެވެ. މާތް ﷲ ވަޙީ ކުރައްވަނީ
وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ ﴿٤٥﴾ سورة البقرة
މާނައީ: ” އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ). “
އަދި ބައެއްފަހަރު ޤުރުބާނީ އާއި ގުޅިގެން ނަމާދު އައިސްފައިވެއެވެ. މާތްﷲ ވަޙީ ކުރައްވަނީ
قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ ﴿١٦٢﴾ سورة الأنعام
މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ. “
އިސްލާމްދީނުގައި ޝަރިޢުކުރެވިގެންވާ އަޅުކަންތަކަށް ބަލާއިރު އެދީން ނަމާދަށް ދީފައިވާ އަހައްމިއްޔަތުކަން އެހެން ހުރިހާ އަޅުކަމަކަށް ދީފައިވާ އަހައްމިއްޔަތުކަމަކަށްވުރެ ބޮޑެވެ. ތަށުގައި ޤާއިމުވެ ހުންނަ މީހާ ނަމާދު ކުރަން ޖެހެއެވެ. ކޮއްޅަށް ހުންނަން ނުކުޅެދިގެންވާމީހާ އިށީނގެ އިނދެގެން ނަމާދުކުރަން ޖެހެއެވެ. އިށީނދެ އިނުމަށް ނުކުޅެދިގެންވަމީހާ އޮށޯވެ އޮވެގެން ނަމާދު ކުރަންޖެހެއެވެ. އަދި ކިއެއްތަ! އެންމެ ނުރައްކާތެރި ވަގުތު ކަމުގައިވާ ހަނގުރާމައިގެ ވަގުތުގައިވެސް ނަމާދު ދޫކޮށްލުން ހުއްދަ ވެގެނެއްނުވެއެވެ.
ނަމާދަށް ފަރުވާކުޑަ ކުރުމުގެ މައްޗަށް މާތްﷲ ޥައީދުގެ ބަސްފުޅުތައްވަޙީ ކުރައްވާފައިވެއެވެ.
فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا ﴿٥٩﴾ سورة مريم
މާނައީ: ” ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައޫއެވެ. އެއުރެން ނަމާދު ދޫކޮށްލޫއެވެ. އަދި هوى نفس ގެ އެދުންތަކަށް تبع ވޫއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ. “
فَوَيْلٌ لِّلْمُصَلِّينَ ﴿٤﴾ الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴿٥﴾ سورة الماعون
މާނައީ: ” އަދި مسكين ންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާއެވެ. ފަހެ، އެއުރެންގެ ނަމާދާމެދު غافل ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. “
ސޯސް: ކިތާބުއްޞަލާޙް/ މުޙައްމަދު އިބްރާހީމް