[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަވްޙީދު ފިލާވަޅު 1 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. أما بعد

ﷲގެ އިރާދަފުޅާ އެކު، މިފިލާވަޅުތަކުގައި ޝަރަޙަކުރެވޭތޯ އަޅުގަނޑު ބަލާނީ، ތަވްޙީދުގެ މަޝްހޫރުފޮތް ކިތާބުއްތަވްޙީދެވެ. ޝަރަޙަކުރުމުގައި އަޞްލަކަށް ބަލާނީ ޝައިޚު މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން ލިޔުއްވާފައިވާ ‘އަލް ޤައުލުލް މުފީދް ޢަލާ ކިތާބިއްތަވްޙީދް’ އާއި ޝައިޚް މުޙައްމަދު ބިން ޢަބްދިލްޢަޒީޒް އަލްޤަރްޢާވީ ލިޔުއްވާފައިވާ ‘އަލްޖަދީދް ފީ ޝަރްޙި ކިތާބިއްތަވްޙީދް’ އެވެ. ކޮންމެ ފިލާވަޅަކުންވެސް ވިސްނުނު މިންވަރު ދެނެގަތުމަށްޓަކައި، އެފިލާވަޅުގެ ފަހަތުގައި ސުވާލުތަކެއް ބަޔާންކުރެވޭނެއެވެ.
ދުޢާއަކީ ކިތާބުއްތަވްޙީދް ނިމެންދެން، މިފިލާވަޅުތައް ކުރިޔަށް ގެންދިއުމުގެ ތަވްފީޤްދެއްވުމެވެ. އަދި މި މަސައްކަތުގައި ބަރަކާތްލައްވައި، މިކަމުގައި އިޚްލާޞްތެރިކަން ދެއްވައި، ކިޔުންތެރިންނަށް މަންފާކުރާނެ މަސައްކަތެއްކަމުގައި ލެއްވުމެވެ.

_______________________________________

كِتَابُ التَّوْحِيْدِ

ލުޣަވީގޮތުން(ބަހުގެގޮތުން) ތަވްޙީދަކީ އެކައްޗަށް ހެދުމެވެ. އެހެންކަމުން ބައިބައިވެފައިވާ ޖަމާޢަތެއްގެ ޞަފުތައް އެކަތިގަނޑަކަށް ހެދުމަށް ޢަރަބި ބަހުން ކިޔާނީވެސް ‘ތަވްޙީދުއްޞުފޫފް’ އެވެ.

ޝަރުޢީގޮތުން ނުވަތަ އިޞްޠިލާޙީގޮތުން ތަވްޙީދަކީ ރުބޫބިއްޔަތާއި، އުލޫހިއްޔަތާއި، އަސްމާއު ވައްޞިފާތުގައި ﷲ ތަޢާލާ އެއްކައުވަންތަ ކުރުމެވެ. އެހެން ޢިބާރާތަކުން ބުނާނަމަ ﷲތަޢާލާއަށް ޚާއްޞަވެގެންވާ ހުރިހާ ކަމެއްގައި އެއިލާހު އެއްކައުވަންތަ ކުރުމެވެ.

ތަވްޙީދު ބެހިގެންވަނީ 3 ބަޔަށެވެ.

1-  ތަވްޙީދުއްރުބޫބިއްޔާ

2-  ތަވްޙީދުލް އުލޫހިއްޔާ

3-  ތަވްޙީދުލް އަސްމާއި ވައްޞިފާތި

رَبُّ السَّمَاوَاتِ وَالأرْضِ وَمَا بَيْنَهُمَا فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ هَلْ تَعْلَمُ لَهُ سَمِيًّا (مريم : 65) ” (ﷲއީ) އުޑުތަކާއި ބިމާއި އެދެމެދުގައި ވާހައިއެއްޗެއްގެ ވެރިއިލާހެވެ. ފަހެ އެއިލާހަށް އަޅުކަންކުރައްވާށެވެ! އަދި އެއިލާހަށް އަޅުކަންކުރުމުގައި ދެމިހުންނަވައި ކެތްތެރިވެވަޑައިގަންނަވާށެވެ! އެއިލާހާއި އެއްފަދަ އެއްވެސް އެއްޗެއް ވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ (ޔަޢުނީ، އެއިލާހާއި އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ.)” މި އާޔަތުން ތަވްޙީދުގެ 3 ބަޔަށްވެސް ދަލީލުލިބެއެވެ.

رَبُّ السَّمَاوَاتِ وَالأرْضِ وَمَا بَيْنَهُمَا “(ﷲއީ) އުޑުތަކާއި ބިމާއި އެދެމެދުގައި ވާހައިއެއްޗެއްގެ ވެރިއިލާހެވެ.” މިބައިން ތަވްޙީދުއްރުބޫބިއްޔާއަށް ދަލީލުލިބެއެވެ.

فَاعْبُدْهُ وَاصْطَبِرْ لِعِبَادَتِهِ “ފަހެ އެއިލާހަށް އަޅުކަންކުރާށެވެ! އަދި އެއިލާހަށް އަޅުކަންކުރުމުގައި ދެމިހުންނަވައި ކެތްތެރިވެވަޑައިގަންނަވާށެވެ!” މިބައިން ތަވްޙީދުލް އުލޫހިއްޔާއަށް ދަލީލުލިބެއެވެ.

هَلْ تَعْلَمُ لَهُ سَمِيًّا “އެއިލާހާއި އެއްފަދަ އެއްވެސް އެއްޗެއް ވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ (ޔަޢުނީ، އެއިލާހާއި އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ.)” މިބައިން ތަވްޙީދުލް އަސްމާއި ވައްޞިފާތަށް ދަލީލުލިބެއެވެ.

މިފިލާވަޅުގެ ސުވާލުތައް

  1. ތަވްޙީދުގެ ލުޣަވީމާނައަކީ ކޮބާ؟
  2. ތަވްޙީދުގެ އިޞްތިލާޙީ މާނައަކީ ކޮބާ؟
  3. ތަވްޙީދު ބެހެނީ ކިތައްބަޔަށް؟
  4. މަރްޔަމް ސޫރަތުގެ 65 ވަނަ އާޔަތުން ތަވްޙީދުގެ 3 ބަޔަށް ދަލީލުލިބޭގޮތް ބަޔާންކޮށްދީ!
ކުރީގެ ބައިތައް