[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިފްކުގެ ޙާދިޘާ 6

Ifku ge haadhisaa

 

ޢާއިޝާ رضي الله عنها އެހެން އިންނަވަނިކޮށް ނަބިއްޔާ صلى الله عليه  وسلم އެކަމަނާގެ ގެކޮޅަށް ވަޑައިގެން ސަލާމް ގޮވާލައްވައި އެކަމަނާގެ ޙާލުކޮޅާމެދު ސުވާލުފުޅުކުރެއްވުމުން އެއަށް ޖަވާބުދާރިވެވަޑައިގެންނެވުމަށްފަހު އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅުގެ އަރިހަށް ވަޑައިގަތުމުގެ އިޒުނަފުޅަށް އިތުރު އެކަލޭގެފާނުގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި އިޒުނަފުޅު ލިބިވަޑައިގަތުމުން އެދެބޭކަލުންގެ އަރިހަށް ވަޑައިގެން މަންމާފުޅުގެ އަރިހުން ސުވާލު ދެންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ: “އޭ މަންމާފުޅާއެވެ! މީސްތަކުން މިކިޔަނީ ކީކޭހެއްޔެވެ؟”. ޖަވާބުގައި މަންމާފުޅު ވިދާޅުވިއެވެ. “އޭ ދަރިފުޅާއެވެ! އެކަމާ އަޅާނުލާށެވެ. އެކަކަށް ވުރެ ގިނަ އަނބިން ގެންގުޅޭ ފިރިއެއްގެ ކައިރީ އެއިން އެކަކީ ގަދަރު އުފުލިގެންވާ އަންބެއް ކަމުގައިވާނަމަ ދެންތިބި އަނބީންގެ ފަރާތުން ޖެހޭ އުނދަގޫ ގިނަވުމަކީ ނުވެނުދާނެ ކަމެކެވެ”. އެހިނދު ޢާއިޝާ رضي الله عنها “ސުބްޙާނަﷲ އެވެ! މީސްތަކުން ހަމަކަށަވަރުން އެފަދައިން ވާހަކަ ދައްކަނީތާއެވެ”. މިހެން ވިދާޅުވެ ފަތިސް ވަންދެން ކީރިތިކުރެއްވުމުގައި އެރޭ އެއްކޮށް ހޭދަކުރެއްވިއެވެ.

މުނާފިޤުންގެ އިތުރުން ބައެއް މުއުމިނުންގެ ތުންތުން މަތިން މިވާހަކައިގެ ފޮލާތައް މަދީނާތެރޭގައި ހުއްޓުމެއްނެތި ދައުރުވެ ފެތުރެމުން ދިޔައެވެ. ހަމައެއާއެކު ނަބިވީ އާއިލާއަށް އެކަމުގެ ސަބަބުން ކުރިމަތިވަމުން ދިޔަ ބުރައާއި އުނދަގޫތައް ތަޙައްމަލު ކުރެއްވުމުގައި މާތް ނަބިއްޔާ صلى الله عليه  وسلم ވެސް ކެތްތެރިކަމާއެކު ހުންނެވިއެވެ. ނަމަވެސް މިގޮތުގައި އެތައް ދުވަހެއް ހޭދަކުރެއްވުމަށްފަހު އެކަން ހަމަމަގަށް އެޅުވުމަށް އެންމެ ފަހުން ނަބިއްޔާ صلى الله عليه  وسلم ނިންމެވިއެވެ. އަދި މިސްކިތްކޮޅަށް ވަދެވަޑައިގެން މިންބަރުކޮޅަށް އަރާވަޑައިގެން ޙަދީޘްފުޅު ކުރެއްވިއެވެ: “އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނުގެ ގޭގެ އަހުލުވެރިންނަށް ދާންދެން އެމީހެއް (އެމީހަކީ: މުނާފިޤުންގެ ވެރިޔާ ޢަބްދުﷲ ބުނު އުބައްޔު ބުނު ސަލޫލް) ގެ އުނދަގޫ ޖެހިފައިވާ މީހާގެ ކިބައިން ތިމަންކަލޭގެފާނަށް ޢުޛުރު (އެބަހީ: ނަޖާ) ހޯދައިދެއްވާނީ ކޮންބޭކަލެއް ހެއްޔެވެ؟”.

މާތް ނަބިއްޔާ صلى الله عليه  وسلم އެފަދައިން ހަމަ ހަދީޘްފުޅު ކުރެއްވުމާއެކު އެތަނުގައި ތިއްބެވި ޞަޙާބީންގެ ތެރެއިން އައުސްވަންހައިގެ ޞާހިބާ ސަޢްދު ބުނު މުޢާޛް رضي الله عنه އެއަށް ޖަވާބުދާރީވެޑައިގެން ވިދާޅުވިއެވެ: “އެމީހެއްގެ ކިބައިން ތިމަންކެލޭގެފާނު ޢުޛުރު ހޯއްދަވައިދެއްވާނަމެވެ. އެމީހަކީ އައުސްވަންހައިގެ މީހެއްކަމުގައިވާނަމަ އެމީހަކު ޤަތުލުކުރާހުށީމެވެ. އަދި އެމީހަކީ އަހަރެމެންގެ އަޚުން ކަމުގައިވާ ޚަޒްރަޖުވަންހައިގެ މީހެއްކަމުގައިވާނަމަ ތިމަންބޭކަލުންނަށް އަމުރުފުޅު ކުރައްވާށެވެ. ފަހެ ކަލޭގެފާނުގެ އަމުރުފުޅު ތަންފީޛުކުރާހުށީމެވެ. ފަހެ އެމީހަކީ އެމީހެއްގެ ކަނދުރާގައި ކަނޑިން އެތިފަހަރެއް ޖެހުން ޙައްޤުވެގެންވާ މީހެކެވެ”.

 

(ނުނިމޭ)