[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ނަޒަރަކުން ޖަނަވާރުތަކުގެ ޙައްޤުތައް

الحمد لله، والصّلاة والسّلام على نبيّنا محمّد وعلى آله وصحبه أجمعين. أمّا بعد!

ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހާ މީސްތަކުން އެންމެ ރިވެތި ސޫރާގައި އުފެއްދެވުމަށްފަހު، އެބައިމީހުން ދިރިއުޅުމަށްޓަކައި ބޭނުންވާނެ އެންމެހާ ވަޞީލަތްތަކެއް އެންމެ ފުރިހަމަ ގޮތުގައި ވަނީ މިކާއިނާތުގައި ލައްވަވާފައެވެ. އެބައިމީހުން ސާފުތާހިރުވުމަށާއި ބުއިމަށް ބޭނުންވާނެ ސާފުޠާހިރު ފެން ލިބޭނެ ގޮތުގެ އިންތިޒާމުވަނީ ހަމަޖައްސަވާ ދެއްވާފައެވެ. އެބައިމީހުންނަކީ ފިނިހޫނުމިނަށް ނާޒުކު ބައެއްކަމުން، އެފިނިހޫނުމިން އެއްވަރުކޮށްދޭނޭ ނިޒާމެއްވަނީ ލައްވަވާ ދެއްވާފައެވެ. މިފަދަ ގުނާ ޢަދަދުނުކުރެވޭފަދަ ނިޢުމަތްތަކެއް އެއިލާހު ވަނީ އެބައިމީހުންނަށްޓަކައި ދެއްވަވާފައެވެ. އެއިލާހު ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (( وَآتَاكُمْ مِنْ كُلِّ مَا سَأَلْتُمُوهُ وَإِنْ تَعُدُّوا نِعْمَةَ اللَّهِ لا تُحْصُوهَا إِنَّ الإِنسَانَ لَظَلُومٌ كَفَّارٌ)) إبراهيم: 34 މާނައީ: “އަދި އެއިލާހުގެ ޙަޟްރަތަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެއިލާހު ތިޔަބައިމީހުންނަށް ދެއްވިއެވެ. ﷲގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެނިޢުމަތްތައް ޢަދަދު ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، (ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ބަދަލުގައި) ކުފުރުވެރިވާމީހެކެވެ.”

މިގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެބައިމީހުންނަށް ޚިދުމަތްކޮށްދިނުމަށްޓަކައި، އަދި ކެއުމަށްޓަކައި ބޭނުންކުރެވޭނެ ޖަނަވާރުތަކެއް ލައްވަވާފައެވެ. މިތަކެއްޗަކީ އެއިލާހުގެ ރަޙުމަތާއި އޯގާވަންތަވެރިކަމުން މީސްތަކުންނަށްޓަކައި ހައްދަވާފައިވާ އެއިލާހުގެ މަޚްލޫޤުންނެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ((اللَّهُ الَّذِي جَعَلَ لَكُمْ الأَنْعَامَ لِتَرْكَبُوا مِنْهَا وَمِنْهَا تَأْكُلُونَ * وَلَكُمْ فِيهَا مَنَافِعُ وَلِتَبْلُغُوا عَلَيْهَا حَاجَةً فِي صُدُورِكُمْ وَعَلَيْهَا وَعَلَى الْفُلْكِ تُحْمَلُونَ * وَيُرِيكُمْ آيَاتِهِ فَأَيَّ آيَاتِ اللَّهِ تُنكِرُونَ)) غافر: 79-81 މާނައީ: “ﷲއީ، ތިޔަބައިމީހުންނަށްޓަކައި ނަޢަމްސޫފި ލެއްވި އިލާހެވެ. (އެއީ) ތިޔަބައިމީހުން އެއިން (ބައެއް ތަކެއްޗަށް) ސަވާރުވެ އަދި އެއިން ބައެއް ތަކެތި ކެއުމަށްޓަކައެވެ. އަދި އެތަކެތީގައި ތިޔަބައިމީހުންނަށް މަންފާތަކެއްވެއެވެ. އަދި އެތަކެތީގެ މަތީގައި (ދަތުރުކޮށް) ތިޔަބައިމީހުންގެ ހިތްތަކުގައިވާ ބޭނުންތަކަށް ފޯރުމަށްޓަކައެވެ. އަދި އެތަކެތީގެ މަތީގައްޔާއި، އުޅަނދުތަކުގައި ތިޔަބައިމީހުން (އެއްތަނުން، އަނެއްތަނަށް) އުފުއްލެއެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށް، އެއިލާހުގެ އާޔަތްތައް ދައްކަވަތެވެ. ފަހެ، ﷲގެ އާޔަތްތަކުގެ ތެރެއިން ތިޔަބައިމީހުން އިންކާރުކުރަނީ ކޮންއާޔަތަކަށް ހެއްޔެވެ؟”

ނަމަވެސް މިފަދަ ޖަނަވާރުތައް އެބައިމީހުންގެ ބާރުގެ ދަށުގައި ލައްވަވާފައިވާއިރުވެސް އެތަކެއްޗަށް އޯގާތެރިވުމަށާއި އެތަކެއްޗަށް އަނިޔާވެރިނުވުމަށް އެއިލާހު މީސްތަކުންނަށް އަމުރުކުރައްވައެވެ. އެއިލާހު މީސްތަކުންނަށް ހިދާޔަތެއްކަމުގައި ބާވާލެއްވި ދީނުގައި މިކަމަށް ވަރަށްބޮޑަށް ބާރުއަޅުއްވާފައިވެއެވެ. މިމަޒުމޫނުގައި ޖަނަވާރާމެދު ހެޔޮކޮށްހިތުމަށް އިސްލާމްދީނުގައި ބާރުއަޅާފައިވާ މިންވަރު ކުރުގޮތަކަށް ބަޔާންކުރެވޭ ހުއްޓެވެ. إن شاء الله.

އިސްލާމްދީނާ ޢަދާވާތްތެރި މީހުން ބުނެއުޅޭގޮތުގައި މިދީނުގައި ވަނީ އިންސާނުންނާއި، ޖަނާވާރުންގެ ޙައްޤުތަކެއް ނިގުޅައިގެންފައެވެ. ނަމަވެސް ޝައްކެއްނެތްގޮތުގައި މިދީނަށްވުރެ އިންސާނުންގެ ޙައްޤުތަކާއި، ޖަނާވާރުންގެ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ދީފައިވާ އެއްވެސް ދީނެއް ނެތެވެ. ޖަނަވާރުތަކަށް ހެޔޮކޮށް ހިތުމަށާއި، އެތަކެއްޗަށް އަނިޔާވެރިނުވުމަށް މިދީނުގައި ބާރުއަޅާފައިވާ މިންވަރު އެނގިއްޖެނަމަ، އެދީނުގައި އިންސާނީ ޙައްޤުތައް ދެވިފައިވާ މިންވަރު ތަސައްވުރުވެގެން ދާނެއެވެ. އިސްލާމްދީނުގައި، ކުދިކުދި ހިނިތަކުން ފެށިގެން ބޮޑުމަހާ ދެމެދުގައިވާ އެންމެހާ ޖަނަވާރުތަކަށް ވަނީ އެތަކެތީގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ދެއްވާފައެވެ. އެއިން ޖަނަވާރަކަށް ނުޙައްޤުން ގޯނާކުރުމާއި، އެތަކެއްޗަށް އަނިޔާވެރިވެ އުޅުމަކީ މިދީނުގައި މަނާކުރައްވާފައިވާކަމެކެވެ.

 ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ، އަޅުގަނޑުމެނަށް ބިމުގައިވާ އެންމެހާ ޙަލާލު ރަނގަޅުތަކެތިން ކައިބޮއެ އުޅުމަށް އިރުޝާދުދެއްވާފައެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ((يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الأَرْضِ حَلالاً طَيِّباً وَلا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُبِينٌ)) البقرة: 168 މާނައީ: ” އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން حلال ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބާ ނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ ޝައިޠާނާއީ، ތިޔަބައިމީހުންނަށްހުރި ކަނޑައެޅި ބަޔާންވެގެންވާ ޢަދާވާތްތެރިޔެކެވެ.”

ޢާލަމްތަކަށް ރަޙުމަތެއްކަމުގައި، ﷲ ފޮނުއްވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ، އަޅުގަނޑުމެން ކެއުމަށްޓަކައި ޖަނަވާރެއް ކަތިލާކަމުގައިވާނަމަ، ރިވެތިގޮތުގައި ކަތިލުމަށް އިރުޝާދު ދެއްވާފައެވެ. ޝައްދާދު ބިން އައުސް ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ  ޙަދީޘްކުރެއްވިއެވެ. ” إِنَّ اللهَ كَتَبَ الإِحْسَانَ عَلَى كُلِّ شَيْءٍ، فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ، وَإِذَا ذَبَحْتُمْ فَأَحْسِنُوا الذَّبْحَ، وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ، فَلْيُرِحْ ذَبِيْحَتَهُ. ”  (رَوَاهُ مُسْلِمٌ) މާނައީ: “ހަމަކަށަވަރުން ﷲ ކޮންމެ އެއްޗަކަށްވެސް އިޙްސާންތެރިވުން ލިޔުއްވިއެވެ. (އެބަހީ: ފަރުޟުކުރެއްވިއެވެ.) ފަހެ، ތިޔަބައިމީހުން ޤަތުލުކުރާނަމަ ރިވެތިކޮށް ޤަތުލުކުރާށެވެ. އަދި ތިޔަބައިމީހުން ޛަބަޙަކުރާނަމަ ރިވެތިކޮށް ޛަބަޙަކުރާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަތިލަންގެންގުޅޭ ވަޅި ތޫނުކުރާހުށިކަމެވެ. އަދި ޛަބަޙަކުރާ އެއްޗަށް ވޭންނައަޅާ ގޮތަށް ޛަބަޙަކުރާށެވެ. (އެބަހީ، ޛަބަޙަކުރާއެތީގެ (ކަރުގައި) ވަޅި ކޭއްތުމުގައި އަވަސްކުރާހުށިކަމެވެ.)”

މިޙަދީޘުން ދޭހަވާގޮތުގައި، ޖަނަވާރުތަކަށް އޯގާތެރިވުމާއި އެތަކެއްޗަށް ހެޔޮކޮށް ހިތުމަކީ އިޙްސާންތެރިކަމުގެ ތެރެއިންވާ ކަމެކެވެ. އަދި އެއްޗެއް ކަތިލާކަމުގައިވާނަމަ، ނުވަތަ އެއްޗެއް މަރާކަމުގައިވާނަމަ ރިވެތިގޮތުގައި ކަތިލުމަށް ނުވަތަ މަރާލުމަށް އިރުޝާދުދެއެވެ. މިގޮތުން ބޭނުމެއް ނެތި، މަޖަލަކަށް އެތަކެތިމެރުމާއި، ކުދިއަނިޔާ ދީގެން މެރުމާއި، ކޮށި އެއްޗަކުން ކަތިލުން ނުވަތަ މަރާލުމާއި، އެތަކެތީގެ ޙާޟިރުގައި ވަޅި ތޫނުކުރުމާއި، އެހެން ޖަނަވާރެއްގެ ޙާޟިރުގައި ކަތިލުން ނުވަތަ މަރާލުން ފަދަ ކަންކަމަކީ މިޙަދީޘްގައި ބަޔާންވެގެންވާ ރިވެތިގޮތުގައި އެކަންކުރުމާ ޚިލާފުކަންކަމެވެ.

ހަމައެފަދައިން، ދިރިހުރި ޖަނަވާރެއްގެ ގައިން ވަކިކޮށްލެވޭ ގުނަނަކީ ކެއުން ހުއްދަނޫން އެއްޗެކެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. “مَا قُطِعَ مِنْ الْبَهِيمَةِ وَهِيَ حَيَّةٌ فَهِيَ مَيْتَةٌ” (أحمد، أبو داود، الترمذي- وصححه الشيخ الألباني) މާނައީ: “ޖަނަވާރަކުން އޭތި ދިރިއޮތް ޙާލު ކަނޑައިލެވޭ ކޮންމެ މަސްކޮޅަކީ، ފަހެ މަރުވެފައިވާ އެއްޗެކެވެ.”

ނިކަންވިސްނަވާ ބައްލަވާށެވެ! ޖަނަވާރު ކަތިލުމެއްނެތި ހަމައެކަނި ބޭނުންވާ މަސްކޮޅު ކަނޑައިގެން ކެއުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫނެވެ. އަދި ޖަނަވާރަށް އިޙްސާސްވާތަދު ކުޑަކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް އިސްލާމްދީނުގައި ދީފައިވާކަން މިޙަދީޘުން ސާބިތުވެއެވެ. މިކަމުން އިސްލާމްދީނަކީ އެތަކެތީގެ އިޙްސާސްތަކަށް އިޙްތިރާމުކުރާ، އެންމެހާ މީސްތަކުންނަށާއި ޖަނަވާރުތަކަށް އޯގާތެރި ދީނެއްކަން ދަލީލުކޮށްދެއެވެ.

  ހަމައެފަދައިން މީސްތަކުންނަށް ޚިދުމަތްކޮށްދޭ ޖަނަވާރުތަކަށްވެސް އޯގާތެރިވުމަށް އިސްލާމްދީނުގައި ނަޞޭޙަތްތެރިވެއެވެ. އެގޮތުން އެތަކެތީގެ މޫނުގައި ތެޅުމާއި، އެތަކެތީގެ މޫނުގައި ފާހަގަ ކަނޑައިނެގުމަކީ މިދީން ބަޔާންކޮށް ދެއްވުމަށް ފޮނުއްވެވުނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައިވާކަމެކެވެ. އެހެނީ އިންސާނުންނެކޭ އެއްފަދައިން ޖަނަވާރުތަކުގެވެސް މޫނަކީ އެތައް ގުނަނެއް އެތަނެއްގައިވާ، ނާޒުކު ތަނެކެވެ. އަދި މޫނުގައި ފާހަގަ ޖަހައިހެދުމަކީ އެތަކެތީގެ ބުރުސޫރަ ގެއްލޭނޭކަމެކެވެ. ޖާބިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “نَهَى رَسُولُ الله صَلَّى الله عَلَيْهِ وَسَلَّمَ عَن الضَّرْبِ فِي الْوَجْهِ، وَعَن الْوَسْمِ فِي الْوَجْهِ” (صحيح مسلم) މާނައީ: “މޫނުގައި ތެޅުމާއި، މޫނުގައި ފާހަގަ ކަނޑައިނެގުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ.”

ހަމައެއާއެކު އެތަކެއްޗަށް ސަވާރުވާއިރުވެސް ރިވެތިގޮތުގައި ސަވާރުވުމަށް އަންގަވާފައިވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “إيَّاكُم أنْ تَتَّخِذُوا ظُهُورَ دَوَابِّكُمْ مَنَابِرَ؛ فإنَّ اللهَ إنَّمَا سَخَّرَهَا لَكُم لِتُبَلِّغَكُم إلى بَلَدٍ لَمْ تَكُونُوا بالغِيهِ إلاَّ بِشِقِّ الأنْفُسِ، وَجَعَلَ لَكُم الأَرْضَ فَعَلَيْهَا فاقْضُوا حَاجَاتِكُم” (سنن أبي داود، وصححه الشيخ الألباني في صحيح الجامع) މާނައީ: “ސަވާރުވާ ޖަނަވާރުގެ ބުރަކަށްޓަކީ މިންބަރެއް ކަމުގައި ހެދުމުން ދުރުހެލިވުން ތިޔަބައިމީހުންގެ މައްޗަށްވެއެވެ. ފަހެ، ހަމަކަށަވަރުން ﷲ ވަނީ އެތަކެތި ތިޔަބައިމީހުންނަށް ޚިދުމަތްތެރިކޮށްދެއްވާފައެވެ. އެއީ ތިޔަބައިމީހުންގެ ނަފްސުތަކަށް ބުރަކަމާނުލައި ނުދެވޭ ރަށްތަކަށް ވާޞިލުވުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ޤަރާރުވެ ތިބޭ ތަނެއްކަމުގައި ބިން ލެއްވިއެވެ. އެބިންމަތީގައި ތިޔަބައިމީހުން ޤަރާރުވެ ތިބޭ ހުށިކަމެވެ. އަދި ތިޔަބައިމީހުންގެ ޙާޖަތްތައް އެތަނުގައި ފުއްދާހުށިކަމެވެ.”

 އަބޫ ދާވޫދުގެ ޝަރަޙަ، ޢަވްނުލް މަޢުބޫދުގައިވެއެވެ. “މިޙަދީޘްގެ މާނައަކީ ތިޔަބައިމީހުން ގަނެވިއްކުމާއި، ވާހަކަ ދެއްކުން ފަދަ ކަންތައްކުރަން އެތަކެތީގެ މައްޗަށް ސަވާރުވެ ނުތިބޭށެވެ. އެހެނެއްކަމަކު އެފަދަ ކަންތައްކުރަން އެތަކެތީގެ މަތިން ފައިބާށެވެ. ތިޔަބައިމީހުންގެ ޙާޖަތްތައްނިމި، (ދަތުރުކުރަންވީމަ) ސަވާރުވާށެވެ.”

އަދި އެތަކެއްޗަށް ރަނގަޅަށް ކާންދިނުމާއި، އެތަކެއްޗަށް ކުޅަދާނަނުވާވަރުގެ އެއްޗެހި އެތަކެތި ލައްވައި އުފުލުމަކީވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަޙީކުރައްވާފައިވާކަމެކެވެ. ޢަބްދުﷲ ބިން ޖަޢުފަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގެ މާނާގައި ވެއެވެ. “އަންޞާރީ ބޭކަލެއްގެ ދަނޑެއްގެ ތެރޭގައި ޖަމަލެއް ވަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެދަނޑަށް ވަދެވަޑައިގެންނެވިއެވެ. އެޖަމަލަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފެނުމާއެކު ގޮވަން ފަށައިފިއެވެ. އަދި އޭގެ ލޮލުން ކަރުނަ އުތުރިއްޖެއެވެ. ފަހެ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެޖަމަލުގެ ކައިރިއަށް ވަޑައިގެން، އޭގެ ކަރުގައި ފިރުމާލެއްވުމުން، އޭތީގެ އަޑު މަޑު ވެއްޖެއެވެ. އޭގެފަހުގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މިޖަމަލުގެ ވެރިޔަކީ ކާކު ހެއްޔެވެ؟ މީކާކުގެ ޖަމަލެއް ހެއްޔެވެ؟” އެހިނދު ޒުވާން އަންޞާރީ ބޭކަލަކު ވަޑައިގެން ވިދާޅުވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އެއީ ތިމަންގެ ޖަމަލެކެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މިޖަމަލާމެދު ﷲ އަށް ބިރުވެތި ނުވަނީތޯއެވެ؟ މިޖަމަލުގެ މައްޗަށް ﷲ ވަނީ ތިބާ ވެރި ކުރައްވާފައެވެ. ފަހެ ހަމަކަށަވަރުން، ތިބާ މީތި ބަނޑުހައިކޮށް، ވަރުބަލިކުރާކަމުގެ ޝަކުވާ ތިމަންކަލޭގެފާނަށް ކޮށްފިއެވެ.” (އަބޫ ދާވުދު، ޝެއިޚް އަލްބާނީ ޞަޙީޙް ވަ ޟަޢީފް އަބީ ދާވުދުގައި ޞައްޙަކަމަށް ވިދާޅުވެފައި )

ހަމައެހެންމެ، މަސްޓޭންކުތަކުގައި މަސްގެންގުޅޭ ފަރާތްތަކުންނާއި، ކޮށިތަކުގައި ދޫނި ނުވަތަ އެހެންވެސް ޖަނަވާރެއް ގެންގުޅޭނަމަ، އެތަކެއްޗާމެދު ސަމާލުވެލެއްވުން ހުއްޓެވެ. އެތަކެއްޗަށް ބޭނުންވާނެ ޟަރޫރީ އެންމެހާ ކަންތައްތަކެއް ފުއްދައިދިނުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައެވެ. އެގޮތުން އެތަކެއްޗަށް ރަނގަޅަށް ކާންބޯންދިނުމާއި، އެތަކެތި ބައިތިއްބާފައިތިބޭ ކޮށްޓަކީ އެތަކެއްޗާ އެކަށީގެންވާ ކޮށްޓަކަށް ވާންޖެހޭނެއެވެ. އެހެނީ އެތަކެތީގެ ޤުދުރަތީ މާހައުލުން އެކަހެރިކޮށް، އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ބާރުގެ ދަށަށް އެތަކެތި ގެނެސްފައިވާއިރު، އެތަކެއްޗަށް އޯގާތެރިވުމަކީ ވާޖިބުކަމެކެވެ. އެކަމަށް ފަރުވާ ކުޑަކޮށްފިނަމަ، އެއީ އަޅުގަނޑުމެން ﷲ އަށް ބިރުވެތިވާންޖެހޭނޭ ކަމެކެވެ. އިބުން ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “دَخَلَت امْرَأَةٌ النَّارَ فِي هِرَّةٍ رَبَطَتْهَا فَلَمْ تُطْعِمْهَا وَلَمْ تَدَعْهَا تَأْكُلُ مِنْ خَشَاشِ الأَرْضِ ” (صحيح البخاري) މާނައީ: “ބުޅަލެއްގެ ސަބަބުން އަންހެނަކު ނަރަކައަށް ވަނެވެ. އެއަންހެންމީހާ އެބުޅާ ބަނދެ، އެއަށް ކާކަށްނުދެއެވެ. އަދި ބިންމަތީގައިވާ ތަކެތި ކައި އުޅުމަށް ދޫކޮށެއްވެސް ނުލައެވެ.”

  އަދި އިސްލާމްދީން ބާރުއަޅުއްވާފައިވަނީ ހަމައެކަނި ޖިސްމާނީގޮތުން އެތަކެއްޗަށް ގޯނާކުރުމުން ދުރުހެލިވުމަށް އެކަންޏެއްނޫނެވެ. ހަމައެހެންމެ ނަފްސާނީގޮތުން އެތަކެއްޗަށް ގެއްލުންވާ އެންމެހާ ކަމަކުން އެއްކިބާވުމަށް އަންގަވާފައިވެއެވެ. އެގޮތުން އެއްޗެއް ކަތިލާއިރު އެހެން އެއްޗެއްގެ ޙާޟިރުގައި ކަތިނުލުމާއި، އެތަކެއްޗަށް ކުދިއަނިޔާ ނުދިނުމާއި، އެތަކެތީގެ ޅަދަރިން ބޭނުމެއްނެތި ނުމެރުމާއި، އެތަކެތީގެ ޅަދަރިންގެ މައިން ބޭނުމެއް ނެތި ނުމެރުން ހިމެނެއެވެ. ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. “كُنَّا مَعَ رَسُولِ الله صَلَّى الله عَلَيْهِ وَسَلَّمَ فِي سَفَرٍ فَانْطَلَقَ لِحَاجَتِهِ, فَرَأَيْنَا حُمَّرَةً مَعَهَا فَرْخَانِ فَأَخَذْنَا فَرْخَيْهَا, فَجَاءَت الحُمَّرَةُ فَجَعَلَتْ تَفْرِشُ, فَجَاءَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّمَ فَقَالَ: مَنْ فَجَعَ هَذِهِ بِوَلَدِهَا؟ رُدُّوا وَلَدَهَا إِلَيْهَا.” (سنن أبي داود، وصححه الشيخ الألباني في صحيح و ضعيف سنن أبي داود) މާނައީ: “ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއެކު ދަތުރެއްގައި ވީމެވެ. އެކަލޭގެފާނު ޙާޖަތެއް ފުއްދެވުމަށްޓަކައި ވަޑައިގެންނެވިއެވެ. ފަހެ، ތިމަންމެނަށް ޙުއްމަރާއެއް (ފެންފޯއްދޫނި ވަރުގެ ދޫންޏެއް) ދެދަރިންނާއެކު ވާތަން ފެނުނެވެ. އެހިނދު ތިމަންމެން އޭގެ ދެދަރިން ނެގީމެވެ. އެދޫނި އައިސް ހިތާމަޔާއެކު ފިޔަތަޅުވަމުން ތިމަންމެންގެ ބޯމަތީ އުދުހެމުން ދިޔައެވެ. ފަހެ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަޑައިގެން ވިދާޅުވިއެވެ. “ދަރިންތައް ވަކިކުރުމުގެ ސަބަބުން މިދޫންޔަށް ހިތާމަ ކުރިމަތި ކުރުވީ ކާކު ހެއްޔެވެ؟ އޭގެ ދަރިންތައް އެއަށް ރައްދުކުރާށެވެ.”

ސުބްޙާނަﷲ! ކޮންފަދަ މާތް އިންސާނެއްތޯއެވެ؟ އޯގާތެރިވުމުގައި މިފަދަ އިންސާނެއް ފެންނާނެތޯއެވެ؟ ﷲގެ ވަޙީ ބަސްފުޅުތައް ތެދުކަމާއެވެ! އެއިލާހު، މުޙައްމަދުގެފާނު ފޮނުއްވާފައިވަނީ ރިވެެތި ޚުލުޤާއިގެން، ޢާލަމްތަކަށް ހެޔޮރަޙުމަތެއްކަމުގައެވެ. ކޮންމެ މަޤާމެއްގައިވެސް، އަދި ކޮންމެ ވަގުތެއްގައިވެސް އެކަލޭގެފާނު ގެނެސްދެއްވި ގޮތްކޮޅު ފިޔަވައި މޮޅު އިތުރު ގޮތެއް އޮންނާނެތޯއެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ޞަލަވާތާ ސަލާމް ލައްވާށިއެވެ!

ހަމައެފަދައިން، ޖަނަވާރަށް ހެޔޮކޮށް ހިތުމަކީ އިސްލާމްދީނުގައި އެކަމަށް އަޖުރުލިބޭ ކަމެކެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގެ މާނައިގައިވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މީހަކު މަގެއްގެމަތިން ހިނގާފައި ދަނިކޮށް، އޭނާގެ ކަރު ހިއްކުން ވަރަށް ބޮޑަށް އިތުރު ވެއްޖެއެވެ. އެހިނދު އޭނާއަށް ވަޅެއްފެނިގެން، އެވަޅަށް ފައިބައި، ފެންބޮއެގެން ވަޅުން އަރައިފިއެވެ. އެވަގުތު ކުއްތާއެއް، އެއަށް ލިބިފައިވާ ކަރުހިއްކުމުގެ ބޮޑުކަމުން ދޫނެރެ ވެލިކާން އިންތަން ފެނުނެވެ. އެމީހާ ބުންޏެވެ. ‘ތިމަންނައަށް ކަރުހިއްކުން ޖެހުނުވަރަށް މިކުއްތާއަށްވެސް މިވަނީ ކަރުހިއްކުން ކުރިމަތިވެފައެވެ.’ ފަހެ، އެމީހާ ވަޅަށް ފައިބައި، އޭނާގެ ޚުއްފު (އެބަހީ: ހަމުންހަދާފައިވާ އިސްޓާކީން) ފުރެންދެން ފެންއަޅައިފިއެވެ. އަދި އެޚުއްފު އެމީހާގެ އަނގައިން ހިފައިގެން ވަޅުން އަރައި، އެކުއްތާއަށް ފެން ދީފިއެވެ. (މިޢަމަލަށް) ﷲ އޭނާއަށް ޝުކުރުވެރިވެވޮޑިގަންނަވާ، އޭނާގެ ފާފަފުއްސަވާ ދެއްވިއެވެ. ރަސޫލާއަށް ދެންނެވުނެވެ. ‘އޭ ﷲ ގެ ރަސޫލާއެވެ! ޖަނަވާރުތަކުގައި ތިމަންނަމެނަށް އަޖުރު ވޭތޯއެވެ؟’ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ‘އާއެކެވެ. ތެތް މެއެއްވާ ކޮންމެ އެއްޗެއްގައި އަޖުރުވެއެވެ. (އެބަހީ: ކޮންމެ ދިރޭއެއްޗެއްގައި އަޖުރުވެއެވެ.)”(ޞަޙީޙުލް ބުޚާރީ)

އަދި ކުޅިވަރަށް، އެތަކެއްޗަށް އަމާޒުކޮށް އެއްޗެހިއުކައި އުޅުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ލަޢުނަތް އެމީހަކަށް ލިބޭނެކަމެކެވެ. ސަޢީދު ބިން ޖުބައިރު ރަޙިމަހުﷲ ވިދާޅުވިއެވެ. “مَرَّ ابْنُ عُمَرَ بِنَفَرٍ قَدْ نَصَبُوا دَجَاجَةً يَتَرَامَوْنَهَا فَلَمَّا رَأَوْا ابْنَ عُمَرَ تَفَرَّقُوا عَنْهَا. فَقَالَ ابْنُ عُمَرَ مَنْ فَعَلَ هَذَا إِنَّ رَسُولَ اللَّهِ -صلى الله عليه وسلم- لَعَنَ مَنْ فَعَلَ هَذَا.” (متفق عليه) މާނައީ: “ކުކުޅެއް ބަނދެގެން އެކުކުޅަށް އަމާޒުކޮށް އެއްޗެހި އުކާ ބައެއްގެ ކައިރިން އިބުން ޢުމަރު ވަޑައިގެންނެވިއެވެ. އެބަޔަކަށް އިބުން ޢުމަރު ފެނުމާއެކު ފިލައިފިއެވެ. އެހިނދު އިބުން ޢުމަރު ވިދާޅުވިއެވެ. “މިކަންކުރީ ކާކު ހެއްޔެވެ؟ ހަމަކަށަވަރުން މިކަންކުރި މީހަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޢުނަތް ލެއްވިއެވެ.” އެހެން ރިވާޔަތެއްގައިވެއެވެ. “إِنَّ رَسُولَ الله صَلَّى الله عَلَيْهِ وَسَلَّمَ لَعَنَ مَن اتَّخَذَ شَيْئًا فِيهِ الرُّوحُ غَرَضًا” (صحيح مسلم) މާނައީ: “(އިބުން ޢުމަރު ވިދާޅުވިއެވެ.) ހަމަކަށަވަރުން ރޫޙެއްވާ އެއްވެސް އެއްޗެއް އަމާޒުފަތްގަނޑެއްކަމުގައި ހަދައިފިމީހަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޢުނަތް ލެއްވިއެވެ.”

 މިފަދަ އެތައް ހަދީޘްތަކެއްގައި ޖަނަވާރަށް ހެޔޮކޮށް ހިތުމަށާއި، އެތަކެއްޗަށް އޯގާތެރިވުމަށާއި، އެތަކެއްޗަށް ގޯނާކުރުމުން ދުރުހެލިވުމަށް އިރުޝާދު ދެއްވާފައިވެއެވެ.

މަތީގައި ބަޔާންވެދިޔައީ ޖަނަވާރާމެދު ހެޔޮކޮށްހިތުމަށް އިސްލާމްދީނުގައި ބާރުއަޅާފައިވާ މިންވަރު ކުރުގޮތަކަށެވެ. އެއިން، ވިސްނާފިކުރު ހިންގާލައިފިމީހަކަށް ޔަޤީންކުރެވޭނީ ޖަނަވާރުތަކުގެ ޙައްޤުތައް ހޯދައިދިނުމަށް އިސްލާމްދީން ބާރުއަޅާ މިންވަރެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގައި އެތަކެއްޗަށް މިމިންވަރަށް ޙައްޤުތައް ދީފަނުވާކަމެވެ. އިސްލާމްދީނުގައި ޖަނަވާރުތަކުގެ ޙައްޤުތައް ހޯދައިދިނުމަށް މިހާ ތަފްޞީލުކޮށް އައިސްފައިވާއިރު، އިންސާނުންގެ ޙައްޤުތައް ހޯދައިދިނުމަށް މިއަށްވުރެ ބޮޑަށް އަދި ތަފްޞީލުކޮށް އައިސްފައިވާނެކަމީ ޝައްކެއްހުރިކަމެއްނޫނެވެ. ޙައްޤުތައް ހޯދައިދިނުމުގެ ނަމުގައި ހުޅަނގުގެ ޤައުމުތަކުން ގެންގުޅޭ ދެފުށްދެގޮތް ސިޔާސަތަށް ބޯލަނބައި ހެދުމަކީ ހިތާމަޔާއި، ގެއްލުން މުޅިމުޖުތަމަޢަށާއި، އުޅޭ މާހައުލަށް ކުރާނެކަމެކެވެ. ވިސްނާފިކުރުކުރާ ބުއްދިވެރިންނަށް މިކަމުގައި ޢިބްރަތްތަކެއް ވެއެވެ.

وصلّى الله وسلّم على محمّد وعلى آله وصحبه أجمعين، والحمدلله ربّ العالمين.