މަރާއި ދިރުންލެއްވުމުގެ އެންމެ ބޮޑު ޙިކުމަތަކީ އިމްތިޙާނުކުރުމެވެ.
މީސްތަކުން އާޚިރުގައި ބެހިގެންދަނީ ދެ ޖަމާޢަތަކަށެވެ. އެއީ ނަރަކައިގެ ޖަމާޢަތާއި ސުވަރުގޭގެ ޖަމާޢަތެވެ. ﷲ تعالى ގެ ވަހީ ބަސްފުޅުހައިވެއެވެ.
فَرِيقٌ فِي الْجَنَّةِ وَفَرِيقٌ فِي السَّعِيرِ ﴿الشورى: ٧﴾
މާނައީ:”އެއްބަޔަކުވަނީ ސުވަރުގޭގައެވެ. އަދި އަނެއްބަޔަކުވަނީ ނަރަކާގައެވެ.”
ސުވަރުގެއާއި ނަރަކައަކީ އެތަނެއްގެ އަހުލުވެރިން އެދެތަނަކަށް އަޅައި ފުރައިލެވޭނެ ދެ ތަނެވެ. ﷲތަޢާލާ އިންސިންނާއި ޖިންނިން ޚަލްޤި ކުރެއްވުމަށްފަހު އެހުރިހާ އިންސިންނާއި ޖިންނިން ސުވަރުގެ ވެއްދުމަށްވެސް އެއިލާހު ތަޢާލާ ކުޅަދުންވަންތައެވެ. އަދި އެހުރިހާ އިންސިންނާއި ޖިންނިން ނަރަކަ ވެއްދުމަށްވެސް އެއިލާހު ތަޢާލާ ކުޅަދުންވަންތައެވެ. ނަމަވެސް އެއިލާހު ކަނޑައަޅުއްވާ ނިޔާކުރައްވާފައިވަނީ އެހެނަކުން ނޫނެވެ. އެއިލާހު ކަނޑައަޅުއްވާފައިވަނީ އެހުރިހާ އަޅުތަކުން އިމްތިޙާނުކުރައްވާ ޢަދުލުވެރިކަމާއެކު އެދެތަނަށް މީސްތަކުން ވެއްދުމަށެވެ. މިލިޔުމުގައި ތަފްސީރުކުރެވެމުންމިދާ އާޔަތުގައި އެވަނީ އެކަން ބަޔާންކުރެވިގެންނެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައި ވެއެވެ.
” الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا وَهُوَ الْعَزِيزُ الْغَفُورُ ” ﴿الملك: ٢﴾
މާނައީ: “އެއިލާހީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލުތައް ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، ޚަލްޤުކުރެއްވި އިލާހެވެ. އަދި އެއިލާހީ، ޢިއްޒަތްވަންތަ، ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ.”
ﷲތަޢާލާއީ الحكيم އެވެ. އެންމެ ޙިކުމަތްތެރިވެގެންވާ އިލާހެވެ. އެއިލާހު އިންސިންނާ ޖިންނިން ޚަލްޤި ކުރައްވާ، ރިޒުޤުދެއްވާ، އެބައިމީހުންނަށްޓަކައި ދުނިޔޭގެ ކަންކަން އިންތިޖާމުކޮށްދެއްްވީ ބޭކަރުގޮތެއްގައެއް ނޫނެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައި ވެއެވެ.
أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ ﴿المؤمنون: ١١٥﴾
މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު ތިޔަބައިމީހުން ހެއްދެވީ، ބޭކާރުގޮތެއްގައި ކަމަށާއި، ތިޔަބައިމީހުން ތިމަން އިލާހުގެ ޙަޟުރަތަށް ރުޖޫޢަ ނުކުރެވޭނެކަމަށް. ފަހެ ތިޔަބައިމީހުން ހީކުޅައީ ހެެއްޔެވެ؟”
އަދި އެއިލާހު ބިމާއި އުޑާ އެދެމެދުގައި ވާހާތަކެއްޗެއް އުފައްދަވައި އަދި އެއިލާހުގެ އަޅުތަކުންނަށް އެތަކެތި ޚިދުމަތްތެރި ކުރެއްވީ ބާޠިލުގޮތެއްގައެއް ނޫނެވެ. އެއިލާހު ވަޙީ ކުރެއްވިއެވެ.
وَمَا خَلَقْنَا السَّمَاءَ وَالْأَرْضَ وَمَا بَيْنَهُمَا بَاطِلًا ذَٰلِكَ ظَنُّ الَّذِينَ كَفَرُوا فَوَيْلٌ لِّلَّذِينَ كَفَرُوا مِنَ النَّارِ ﴿ص: ٢٧﴾
މާނައީ: “ތިމަންއިލާހު އުޑާއި ބިމާއި، އެދެމެދުގައިވާހާ ތަކެތި ބާޠިލް ގޮތުގައި ނަހައްދަވަމެވެ. އެއީ ކާފަރުވީ މީސްތަކުން ހީކުރާ ގޮތެވެ. ފަހެ ކާފަރުވީ މީސްތަކުންނަށް ނަރަކައިގެ ޢަޛާބުން ހަލާކުހުއްޓެވެ.”
އެއިލާހު ވަޙީ ކުރެއްވިއެވެ.
وَهُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى الْمَاءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا وَلَئِن قُلْتَ إِنَّكُم مَّبْعُوثُونَ مِن بَعْدِ الْمَوْتِ لَيَقُولَنَّ الَّذِينَ كَفَرُوا إِنْ هَـٰذَا إِلَّا سِحْرٌ مُّبِينٌ ﴿هود: ٧﴾
“އަދި އެއިލާހުއީ، ހަދުވަހުގެ ތެރޭގައި އުޑާއި ބިން ހެއްދެވި އިލާހެވެ. އެއިލާހުގެ ޢަރުޝި އޭރުވަނީ (ހަތް އުޑުގެ މަތީގައިވާ) ފެންގަނޑެއް މަތީގައެވެ. (އެއީ) ތިަޔަބައިމީހުންގެ ތެރެއިން އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނުކުރެއްވުމަށެވެ. އަދި މަރުވުމަށްފަހު ހަމަކަށަވަރުން ތިޔަބައިމީހުން އަލުން ދިރުއްވައި، މަޙުޝަރަށް ފޮނުވޭނެއޭ ކަލޭގެފާނު ވިދާޅުވެއްޖެނަމަ، ހަމަކަށަވަރުން ކާފިރުވީ މީސްތަކުން ބުނާނެތެވެ. މިއީ ބަޔާންވެގެންވާ ސިހުރެއްކަމުގައި މެނުވީ ނުވެއެވެ.”
(ނުނިމޭ)