[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 39

womens rights

ވާރުތަ މުދާ ނުވަތަ ތަރިކަ މުދާ:

ކުރީގެ ބައެއް މުޖުތަމަޢުތަކުގައި ފިރިން މަރުވުމުން އެމީހުންގެ މުދަލުގެ ގޮތުގައި އަންހެނުންނީވެސް ވާރުތަ ވެގެންދާ ފަދަ ވާރުތަ މުދަލަކަށް ހެދި ބައެއް މުޖުތަމަޢުތައްވެސް އިސްވެ ގޮސްފައިވެއެވެ. ފަހެ، އިންސާނުންނީ މިފަދައިން ޢަމަލުކުރެވިގެންވާނޭ ބައެއް ނޫންކަން ކަނޑައަޅައި، ﷲ ސުބްޙާނަހޫ ވަތަޢާލާ އަންހެނުން މިފަދައިން ވާރުތަކޮށްގަތުން މަނާކުރެއްވިއެވެ. އެއީވެސް ހަމަ އިންސާނެއްކަމާއި، ވާރުތަވުމަށް އެއީ މުދަލެއް ނޫންކަން ކަނޑައަޅައި، އަދި ވާރުތަމުދަލުން ބައެއް ޙައްޤުވާ މީހެއްކަމުގައި ބަޔާންކުރެއްވިއެވެ. އެހެންކަމުން ﷲ ތަޢާލާ، އަންހެނާ މިމަތިވެރިކުރެއްވީ، ވާރުތަމުދަލެއްގެ ޙައިޞިއްޔަތުން ވާރުތަ މުދާ ލިބޭ މީހެއްގެ ޙައްޞިއްޔަތަށެވެ.

لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ وَلِلنِّسَاءِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ ۚ نَصِيبًا مَّفْرُوضًا ﴿٧﴾ [سورة النساء]

މާނައީ: “މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބައެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށްވެސް ބައެއް ވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުންވެސް ކަނޑައެޅިގެންވާ ބައެއްގެ ގޮތުގައެވެ.”

ކީރިތި ޤުރުއާނުގައި މިކަން މިވަނީ ވަރަށް ސާފުކޮށް އެއްވެސް ޝައްކެތް ނުވާނޭހެން ބަޔާންކޮށްދެއްވާފައެވެ. އަދި މިވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ މިމަޢުޟޫއު ނިންމަވާލެއްވީއެއް ނޫނެވެ. މިމުދާ ޢަދުލުވެރިކަމާއި އެކު ބެހޭނެގޮތް ވަނީ ބަޔާންކުރައްވާފައެވެ. އެގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ.

يُوصِيكُمُ اللَّـهُ فِي أَوْلَادِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ ۚ فَإِن كُنَّ نِسَاءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ وَإِن كَانَتْ وَاحِدَةً فَلَهَا النِّصْفُ ۚ وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ مِمَّا تَرَكَ إِن كَانَ لَهُ وَلَدٌ ۚ فَإِن لَّمْ يَكُن لَّهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ ۚ فَإِن كَانَ لَهُ إِخْوَةٌ فَلِأُمِّهِ السُّدُسُ ۚ مِن بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ ۗ آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا ۚ فَرِيضَةً مِّنَ اللَّـهِ ۗ إِنَّ اللَّـهَ كَانَ عَلِيمًا حَكِيمًا ﴿١١﴾ [سورة النساء]

މާނައީ: “ތިޔަބައިމީހުންގެ ދަރިންނާމެދު، اللَّه ތިޔަބައިމީހުންނަށް އަންގަވަތެވެ. އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ ބަޔެއް ފިރިހެން ދަރިޔަކަށް ވެއެވެ. އެ ދަރިންނަކީ ދޭކަށްވުރެ މަތީ ޢަދަދެއްގެ އަންހެނުން ކަމުގައިވާނަމަ، މަރުވި މީހާ ދޫކުރި މުދަލުގެ ތިންބައިކުޅަ ދެބައި އެކަނބަލުންނަށެވެ. އަދި، އެއީ އެންމެ އަންހެން ދަރިޔަކު ކަމުގައި ވެއްޖެނަމަ، ފަހެ، އެކަނބުލޭގެޔަށް ދެބައިކުޅަ އެއްބަޔެވެ. އަދި، މަރުވިމީހާގެ ދަރިޔަކު ހުރިނަމަ، އޭނާގެ މަންމަޔާއި، ބައްޕަޔާއި، ދެމީހުންކުރެ ކޮންމެ މީހަކަށްމެ، އެ މަރުވި މީހާ ދޫކުޅަ މުދަލުގެ ހަބައިކުޅަ އެއްބަޔެވެ. ފަހެ، އޭނާޔަށް ދަރިޔަކު ނުވާނަމަ، އަދި، (ހަމައެކަނި) އޭނާގެ މަންމަޔާއި ބައްޕަޔަށް ވާރުތައަރާނަމަ، ފަހެ، އޭނާގެ މަންމަޔަށް ތިންބައިކުޅަ އެއްބަޔެވެ. (ދެންހުރި އެއްޗެއް ބައްޕަޔަށެވެ.) ފަހެ، އެ މަރުވި މީހާޔަށް އަޚުންނާއި، އުޚުތުން (އެކަކަށްވުރެ ގިނައިން) ތިބިނަމަ، ފަހެ، އޭނާގެ މަންމަޔަށް ހަބައިކުޅަ އެއްބަޔެވެެ. ކުރާ ވަޞިއްޔަތެއް ވާނަމަ، އެ ވަޞިއްޔަތެއް ތަންފީޛު ކުރުމަށްފަހުގައެވެ. ނުވަތަ، ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށް ފަހުގައެވެ. ތިޔަބައިމީހުންގެ މައިންބަފައިންނާއި، ތިޔަބައިމީހުންގެ ދަރިންކުރެ މަންފާކުރުމުގެ ގޮތުން ތިޔަބައިމީހުންނާ ގާތްކަންބޮޑީ ކޮންބަޔެއްކަން ތިޔަބައިމީހުންނަކަށް ނޭނގެއެވެ. (ބަޔާންވެ ދިޔަގޮތަށް މުދާ ބެހުންއޮތީ) اللَّه ގެ ޙަޟުރަތުން ކަނޑައަޅުއްވައި އަންގަވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ރަސްކަލާނގެއެވެ.”

وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ إِن لَّمْ يَكُن لَّهُنَّ وَلَدٌ ۚ فَإِن كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ ۚ مِن بَعْدِ وَصِيَّةٍ يُوصِينَ بِهَا أَوْ دَيْنٍ ۚ وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُن لَّكُمْ وَلَدٌ ۚ فَإِن كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُم ۚ مِّن بَعْدِ وَصِيَّةٍ تُوصُونَ بِهَا أَوْ دَيْنٍ ۗ وَإِن كَانَ رَجُلٌ يُورَثُ كَلَالَةً أَوِ امْرَأَةٌ وَلَهُ أَخٌ أَوْ أُخْتٌ فَلِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ ۚ فَإِن كَانُوا أَكْثَرَ مِن ذَٰلِكَ فَهُمْ شُرَكَاءُ فِي الثُّلُثِ ۚ مِن بَعْدِ وَصِيَّةٍ يُوصَىٰ بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ ۚ وَصِيَّةً مِّنَ اللَّـهِ ۗ وَاللَّـهُ عَلِيمٌ حَلِيمٌ ﴿١٢﴾ [سورة النساء]

މާނައީ: “ތިޔަބައިމީހުންގެ އަނބިން ދޫކުޅަ މުދަލެއްގެ ދެބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެކަނބަލުންނަށް ދަރިޔަކު ނުވާނަމައެވެ. ފަހެ، އެކަނބަލުންނަށް ދަރިޔަކުވާނަމަ، އެކަނބަލުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެކަނބަލުން ކުރާ ވަޞިއްޔަތެއް ވާނަމަ، އެ ވަޞިއްޔަތެއް ތަންފީޛު ކުރުމަށްފަހު، ނުވަތަ ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. އަދި، ތިޔަބައިމީހުންނަށް ދަރިޔަކު ނުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި އެކަނބަލުންނަށެވެ. ފަހެ، ތިޔަބައިމީހުންނަށް ދަރިޔަކުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ އަށްބައިކުޅަ އެއްބައި އެކަނބަލުންނަށެވެ. އެއީ، ތިޔަބައިމީހުންކުރާ ވަޞިއްޔަތެއް ވާނަމަ، އެ ވަޞިއްޔަތެއް ތަންފީޛު ކުރުމަށްފަހު، ނުވަތަ، ދަރަންޏެއްވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. ކަލާލަތުގެ ގޮތުން (އެބަހީ:އަޞްލެއް ފަރުޢު އެއްނެތި) ފިރިހެނަކު ނުވަތަ އަންހެނަކު (ކިބައިން) ވާރުތަކުރެވޭނަމަ، އަދި، އޭނާޔަށް އަޚަކު ނުވަތަ އުޚްތަކު ހުރިނަމަ، ފަހެ، އެއިން ކޮންމެ މީހަކަށް ހަބައިކުޅަ އެއްބަޔެވެ. ފަހެ، އެ އަޚުންންނާއި އުޚުތުން އެއަށްވުރެ ގިނަނަމަ، އެއުރެންވަނީ ތިންބައިކުޅަ އެއްބައިގައި (ހަމަހަމަޔަށް) ބައިވެރިވެގެންނެވެ. އެއީ، (ވާރުތަވެރިންނަށް) ގެއްލުން ނުދޭގޮތުގައި ކުރާ ވަޞިއްޔަތެއް ވާނަމަ، އެ ވަޞިައްޔަތެއް ތަންފީޛު ކުރުމަށްފަހު، ނުވަތަ، ދަރަންޏެއްވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. اللَّه ގެ ޙަޟުރަތުން އަންގަވާފައިވާ އެންގެވުމެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ ޙަލީމްވަންތަ ރަސްކަލާނގެއެވެ.”

އަދިވެސް މިކަމުގެ އިތުރު ތަފްޞީލްތައް ވަނީ ވަރަށް ފުރިހަމައަށް ދީނުގެ އަޞާޞްތަކުގައި ބަޔާންކުރެވިގެންނެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް