-
ތަޢާރަފު
- ޢުރްފަކީ:
ބަހުގެ ގޮތުން: – އެއީ النّكر (މާނައީ: އެއްޗެއް ނޭނގުމާއި ވަކިނުވުމުގެ) އިދިކޮޅުސިފައެވެ.
– އަދި الاعتراف (މާނައީ: އިޢުތިރާފުވުން) މިލަފްޒުން ނެގޭ އިސްމެވެ.
އަދި އުސްތަންތަނަށްވެސް މިފަދައިން ކިޔައެވެ.
– އަދި ބުއްދިން ނުވަތަ ޝަރުޢީ ގޮތުން އެއްޗެއްގެ ރަނގަޅުކަން އެނގޭ ކަންމެ އެއްޗަކަށްވެސް “ޢުރްފު” ނުވަތަ “މަޢުރޫފު” މިފަދައިން ކިޔައެވެ. [1]
އިޞްޠިލާޙީ ގޮތުން: އެއީ ބުއްދީގެ ގޮތުން ނަފްސުގައި ޤަރާރުވެފައިވާ އަދި ޠަބީޢަތް ސަލާމަތުން ތިބިމީހުން ބަލައިގަންނަ ކަންކަމެވެ. [2]
- ޢާދަ:
ބަހުގެ ގޮތުން: އެއީ އާދަކޮށް ކޮށްއުޅޭ ކަންތައްތަކެވެ. [3]
އިޞްޠިލާޙީ ގޮތުން: އެއީ ބުއްދީގެ ވަކިހަމަތަކުން ގުޅުމެއް ނެތި ތަކުރާރުވާ ކަންތައްތަކެވެ. [4]
- ޢުރްފާއި ޢާދައިގެ ތަފާތު:
ޢާދައަކީ ޢާންމު ލަފްޒެކެވެ. ޢުރްފަކީ އެއަށްވުރެ ޚާއްޞަ ލަފްޒެކެވެ. ޖަމާޢީކޮށް މީސްތަކުން ޢާދަވެފައިވާ ކަންކަމަކީ ޢުރްފެވެ.
ކޮންމެ ޢުރުފަކީ ޢާދައެކެވެ. ނަމަވެސް ކޮންމެ ޢާދައެއް ޢުރްފަކަށް ނުވާނެއެވެ. އެއީ ބައެއް މީހުންގެ ފަރުދީ ޢާދަތައްވެސް ހުންނާނެއެވެ. އެއީ ޢުރްފެއް ނޫނެވެ. [5]
- މީސްތަކުން ވާހަކަދެއްކުމުގައި ބޭނުންކުރާ ބަސްތަކުގައްޔާ އަދި ޢަމަލުގައިވެސް ޢުރުފު ހިމެނޭ:
ބަހުގެ ޢުރުފުގެ މިސާލަކީ: ހަމައެކަނި ފިރިހެން ކުދިންނަށް “الوَلَدَ” މިބަސްބޭނުންކުރުމެވެ. [ނަމަވެސް ޢަރަބި ބަހުގައި ދެޖިންސުގެ ކުދިންނަށްވެސް މިބަސް ބޭނުންކުރެވިދާނެއެވެ.]
ޢަމަލީ ޢުރުފުގެ މިސާލަކީ: ވިޔަފާރިކުރާއިރު “ވިއްކައިފިން” ނުވަތަ “ގަނެފިން” މިފަދަ ޞީޣާތައް ބޭނުންނުކޮށް ވިޔަފާރިކުރުމެވެ. އެއީ ގަންނަމީހާ މުދާ ނަގާފައި ވިޔަފާރިވެރިއާއަށް ފައިސާ ދީފައި ދިޔުމެވެ. [6]
-
ޙުއްޖަތެއްކަމުގެ ދަލީލުތައް
ޞައްޙަ ޢުރްފަކީ ޙުއްޖަތެއްކަމުގައި ފިޤުހުވެރިންވަނީ އިއްތިފާޤުވެފައެވެ. އެކަމުގެ ބައެއް ދަލީލުތަކަކީ:
- ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ ﴿١٩٩﴾ [الأعراف: ۱٩٩] މާނައީ: “ކަލޭގެފާނު ޢަފޫކުރެއްވުމުގައި ހިއްޕަވާށެވެ! އަދި (އެންމެހާ މީސްތަކުންގެ މެދުގައި ތަޢާފަރުވެފައިވާ) ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! “
- އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ. وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا ﴿١١٥﴾ [النساء: ۱۱٥] މާނައީ: “އަދި، އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު، ރަސޫލާއާ ދެކޮޅުވެރިވެ، މުއުމިނުންގެ މަގު ނޫން މަގަކަށް ތަބާވާމީހާ (ދަންނައެވެ!) އެމީހާ އިޚްތިޔާރުކުރި މަގަކަށް ތިމަންރަސްކަލާނގެ އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަންރަސްކަލާނގެ އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ.”
މިއާޔަތުން ދަލީލު ނަންގަވާ ގޮތަކީ: “މުއުމިނުންގެ މަގު” އެއީ އެބައިމީހުންގެ މެދުގައި ތަޢާރަފުވެ އެގޮތަށް ހޭނިފައިވާ އަދި އެއީ ރަނގަޅުގޮތްކަމުގައި އެބައިމީހުން ދެކޭ ކަންކަމެވެ.
-
ބާވަތްތައް
އޭގެ ދެ ބާވަތަކީ: ޞައްޙަ ޢުރްފާއި ފާސިދު ޢުރްފެވެ.
ޞައްޙަ ޢުރްފަކީ: މީސްތަކުންގެ މެދުގައި ތަޢާރަފުވެ އެންމެން ދަންނަ ކަންތައްތަކުގެ ތެރެއިން ޝަރުޢީ ދަލީލަކާ ޚިލާފުނުވާ އަދި ޙަރާމްކަމެއް ހުއްދަނުކުރާ އަދި ވާޖިބުކަމެއް ބާޠިލުނުކުރާފަދަ ކަންތައްތަކެވެ.
އެއީ މިސާލަކަށް މީހަކާ ކައިވެނި ކުރުމަށް ޚިޠުބާކުރާމީހާ (އެދޭމީހާ) އެއަންހެނާއަށް ކައިވެނީގެ ކުރިންދޭ ގަހަނާއާ ފޭރާމަކީ ކައިވެނީގެ ރަންކަމުގައި ނުބަލައި، އެއީ ހަދިޔާއެއްކަމުގައި ބެލުމެވެ.
ފާސިދު ޢުރްފަކީ : މީސްތަކުންގެ މެދުގައި ތަޢާރަފުވެ އެންމެން ދަންނަ ކަންތައްތަކުގެ ތެރެއިން ޝަރީޢަތާ ޚިލާފުވާ ނުވަތަ ޙަރާމްކަމެއް ހުއްދަކުރާ ނުވަތަ ވާޖިބުކަމެއް ބާޠިލުކުރާފަދަ ކަންތައްތަކެވެ.
އެއީ މިސާލަކަށް އެކިވައްތަރުގެ ރިބާކެއުމާއި ޖުވާގެ އެކިއެކި ޢަޤުދުތައް ކުރުމެވެ. [7]
-
ޝަރުޠުތައް
ޢުރްފަށް ޢަމަލުކުރުމުގައި ޝަރުޠުތަކެއް ވެއެވެ. އެއީ:
- ދީނުގެ އަޞްލަކާ ނުވަތަ ޝަރުޢީ ނައްޞަކާ ނުވަތަ އިއްތިފާޤުވެފައިވާ ޤަވާޢިދަކާ ނުވަތަ އިޖުމާޢުއަކާ އެޢުރުފު ޚިލާފުނުވުން.
- ޢުރުފުގަ އޮންނަ ގޮތާ ޚިލާފަށް އެއްބަސްވެފައިނުވުން. އެއީ މިސާލަކަށް ބާޒާރެއްގެ ޢުރްފަކީ އިންސްޓޯލްމަންޓަށް އެއްޗެތި ދޫކުރުމުންކަމުގައި ވިޔަސް ގަންނަމީހާއާއި ވިއްކާމީހާ ޞަރީޙަކޮށް އެއާ ޚިލާފަށް އެއްބަސްވުމެވެ.
- އެއީ މެދުކެނޑުމެއް ނެތި އަބަދުވެސް ކަންކުރެވޭ ގޮތަށްވުން. ބައެއްފަހަރު ކުރެވޭ ކަންތައްތައް ޢުރްފަކަށް ނުވާނެއެވެ. އެ ބެލެވޭނީ ޢާދައަކަށެވެ.
- އެކަމާ ގުޅުންހުރި ކަންތަކުގައި ތަޞައްރުފުކުރަން ފަށާއިރު އެއުރްފު ވުޖޫދުގައިވުން. އެގޮތުން އަލަށް ހިނދާކަމަކުން ކުރީގައި ފަށާފައިވާ ކަމެއްގައި ޢުރްފެއްކަމަށް ނުބެލެވޭނެއެވެ.[8]
ލިޔެ ޖަމާކުރީ
އައްޝައިޚް ޔާމީން ނާޞިރު
އައްޝައިޚް ޢިމްރާން މުޙައްމަދު
_____________________________________
[1] لسان العرب لابن منظور مادة (عرف)، قاموس المحيط للفيروز آبادي مادة (عرف).
[2] العرف والعادة في رأي الفقهاء: أحمد أبو سنة ص٨ .
[3] انظر: لسان العرب (٤/۳۱۱)، قاموس المحيط: (۱/۲۱٩)
[4] التقرير والتحبير )۱/۳٤٠)
[5] انظر: العرف وأثره في الشريعة والقانون للأستاذ الدكتور أحمد سير مباركي ص٤٤-٥٤.
[6] انظر: علم أصول الفقه للخلاف
[7] انظر: علم أصول الفقه للخلاف
[8] الوجيز في أصول الفقه، الدكتور عبد الكريم زيدان، ص۲٥۲-۲٥۳