ފަސްވަނަ ޙުކުމް
ރަޖުޢީވަރި
ރަޖުޢީ ވަރިއަކީ، ފިރިހެނުން އެބައިމީހުންގެ އަނބިން ވަރިކުރުމަށްފަހު، އާ ޢިއްދައަކާއި، އާރަނަކާ ނުލާ ކައިވެނި އަނބުރާ ގެނައުމުގެ ޙައްޤު ލިބިގެންވާ ވަރިއެވެ. އަދި ކައިވެނި ރުޖޫޢަކުރާކަށް އަނބިމީހާގެ ރުހުމެއް ބޭނުމެއްނުވާނެއެވެ. ފަހެ، ޢިއްދައިގެ މުއްދަތު ހަމަވެއްޖެނަމަ ރުޖޫޢަކުރުމުގެ ޙައްޤެއް ފިރިމީހާއަކަށް ލިބިގެން ނުވެއެވެ. ފިރިހެނުންނަށް އެމީހުންގެ އަނބިން ރުޖޫޢަކުރުމުގެ ޙައްޤު ލިބިގެންވާކަން ބަޔާންކުރަށްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَلِكَ﴾ [سورة البقرة:228]
މާނައީ: “އަދި އެކަނބަލުންގެ ފިރިންނަށް ކައިވެނި ރުޖޫޢަކުރުން ޙައްޤުކަން ބޮޑެވެގެންވެއެވެ.”
އެއާޔަތުގައި އެވާ ރުޖޫޢަކުރުމުގެ ޙައްޤު ފިރިމީހާއަށް ލިބިގެންވަނީ އަންހެނުން ޢިއްދަައިގައި އިންނަ ދުވަސްތަކުގައެވެ. ރަޖުޢީ ވަރިއަކުން ވަރިކުރެވިފައިވާ ޙާލުގައި އެކައިވެނި ރުޖޫޢަކުރުމަކަށް، އެކަނބަލުންނަށް އެނގުމެއް އަދި އެކަނބަލުންގެ ރުހުމެއް ޝުރުޠުކުރެވިގެން ނުވެއެވެ. އަދި ކައިވެނީގެ ވަލީއެއްވެސް ބޭނުމެއްނުވާނެއެވެ. އަދި އެކަމުގައި ހެކިވެރިން ވުމަކަށްވެސް ޝަރުޠުކުރެވިގެން ނުވެއެވެ. އަދި ރުޖޫޢަކުރުމަކީ މުޞްތަޙައްބުވެގެންވާ ގޮތެވެ. އަދި އަންހެނުން އެކަމަށް އިންކާރު ނުކުރާށެވެ.
ޢިއްދައިގެ މުއްދަތުގެ ތެރޭގައި ރުޖޫޢަ ކުރުމަށްޓަކައި މިޘާލަކަށް “އަހަރެންގެ އަނބިމީހާގެ ކައިވެނި ރުޖޫޢަކޮށްފީމެވެ.” މިފަދައިން ބުނެވިދާނެއެވެ. އަދި أبو حنيفة އާއި مالك ގެ އަރިހުގައި، ކުރާ ޢަމަލަކުންވެސް ރުޖޫޢަކުރެވިދާނެއެވެ. އެއީ މިސާލަކަށް ބޮސްދިނުން ނުވަތަ ޝަޙުވަތްތެރިކަމާއެކު ބީހިހަދައިގެން ރުޖޫޢަކުރެވިދާނެއެވެ. އަދި ޖިމާޢުވެގެންވެސް ރުޖޫޢަކުރެވޭނެއެވެ. އެހެންނަމަވެސް އިމާމު ޝާފިޢީގެ އަރިހުގައި ޞަރީޙަ ބަހަކުން މެނުވީ ކައިވެނި ރުޖޫޢަކުރުން ޞައްޙަވެގެން ނުވެއެވެ. ޖިމާޢުވެގެން ރުޖޫޢަކުރުން ޞައްޙައެއް ނުވާނެއެވެ. އެހެނީ ވަރީގެ ސަބަބުން ކައިވެނީގެ އަގުދު ރޫޅެއެވެ.
شوكاني ވިދާޅުވިއެވެ. “އާޔަތުން އެނގޭގޮތުގައި ވަކިގޮތަކަށް ރުޖޫޢަކުރުމަކަށް އައިސްފައެއްނެތެވެ. ޢިއްދައަށްވަނީ މުއްދަތެއް ކަނޑައެޅިފައެވެ. ބަހަކުންވިޔަސް ޢަމަލަކުންވިޔަސް ރުޖޫޢަކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ.
﴿وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَلِكَ﴾ [سورة البقرة:228]
މާނައީ: “އަދި އެކަނބަލުންގެ ފިރިންނަށް ކާވެނި ރުޖޫޢަކުރުން ޙައްޤުކަން ބޮޑެވެގެންވެއެވެ.”
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
((مُرْهُ فَلْيُرَاجِعْهَا))[1]
މާނައީ: “ފަހެ، މުއްދަތުގެ ތެރޭގައި ( އެބަހީ ޢިއްދައިގެ މުއްދަތުގެ ތެރޭގައި) އެކަނބުލޭގެ ރުޖޫޢަކުރާށެވެ.”
އެހެންކަމުން ޢަމަލަކުން ރުޖޫޢަކުރުން ހުއްދަވެގެން ވެއެވެ. އެހެނީ ހަމަކަށަވަރުން ޢަމަލުގެ މައްޗަށް ބަހެއްވުމަށް ޚާއްޞަކުރައްވާފައެއްނެތެވެ. އަދި ޢަމަލަކުން ރުޖޫޢަކުރެވިދާނެކަމަށް ދަލީލުކުރެވެއެވެ.”[2]
=ނުނިމޭ=
____________________________
[1] سنن أبي داود تحقيق الألباني:صحيح
[2] نيل الأوطار للشوكاني