[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިންސާނާގެ މަރު 1

ހިނގާ ކޮންމެ ސިކުންތަކާއެކު ތިމާގެ އުމުރު ކުރުވަމުން އަންނަކަން އިޙްސާސް ކުރެވޭ ހެއްޔެވެ؟ ޝައްކެއްވެސް ނެތެވެ. މި ދުނިޔެއަށް އުފަންވާ ކޮންމެ މީހަކީ މަރުގެ ރަހަ ދެކޭނެ މީހެކެވެ. މިގޮތުން އެތަށް ބަޔަކު މިހާރު މަރުވެއްޖެއެވެ. އެމީހުންގެ ތެރޭން ވަރަށް މަދު ބައެއްގެ ފިޔަވާ ނިޝާންވެސް ފެންނާކަށް ނެތެވެ. މިހާރު މި ދުނިޔޭގައި ތިބި އެންމެންވެސް، އަދި އުފަންވާން ތިބި އެންމެން ވެސް ކަނޑައެޅިފައިވާ ވަގުތެއްގައި މަރުވާނެއެވެ. ނަމަވެސް އަހަރުމެން މިދުނިޔޭގައި އުޅޭއިރު، އެކަމުގެ މައްޗަށް މާބޮޑު ސަމާލުކަމެއް ނުދެމުއެވެ.

މަރު ހަނދާން ނުކޮށް ވޭތޯ ވެސް ވަރަށް ގިނަ މީހުން ބަލައެވެ. އިރުއަރައި، އިރުއޮއްސި ދަނީ ދުންޔަވީ އެތައް އެތައް ކަމެއްގައި މަޝްޣޫލުވެ، އެތައް އެތައް ކަމަކަށް ފިކުރު ކޮށްކޮށް ހުއްޓިއެވެ. ވަންނާނީ ކޮން ކޮލެޖަކަށް ކަމެއް، މަސައްކަތް ކުރާނީ ކޮން ކުންފުންޏެއްގައި ކަމެއް، މާދަމާ ހެނދުނު އަޅާނީ ކޮން ކުލައެއްގެ ހެދުމެއް ކަމެއް، މިރޭ ކައްކާނީ ކޯއްޗެއް ކަމެއް ކަނޑައެޅުން އެއީ، ބޮޑެތި މުހިއްމު ކަންތައް ކަމުގައިވެއެވެ. މަރު އައުމުން ދުނިޔޭގެ [ ޙަޤީޤަތްތައް ] އެހިސާބުން އެނިމުނީއެވެ. ދެން ހަމަކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ނަމަވެސް މަރުވުމަށް ފަހުގައި ތިބާގެ ހަށިގަނޑަށް ވާނީ ކިހިނެއް ހެއްޔެވެ؟

އެންމެފަހު ނޭވާލާ ވަގުތުން ފެށިގެން ތިބާ ވަނީ ހަމައެކަނި [ މުޅަ މަސްގަނޑެއް ] ކަމުގައެވެ. ތިބާގެ ހަށިގަނޑު، ކަފުން ކޮށްގެން އޮއްވާ ސަހަރާއަށް ގެންދާނެއެވެ. އަދި ވަޅުގަނޑެއް ކޮނެފާ ވަޅުލާނެއެވެ. ދެން ޖަނާޒާގައި ބައިވެރިވި މީހުން ހިނގައިދާނެއެވެ. އެކަނި ކޮށްލާފައެވެ. ފިލާކޮޅެއްގައި ނަން ޖަހާފައި އޮވެދާނެއެވެ. ފުރަތަމަ ދުވަސްކޮޅު މަހާނަ ކައިރިއަށް ގާތްތަމާގެ މީހުން ޒިޔާރަތްކޮށް ހަދާފާނެއެވެ. ނަމަވެސް ޒިޔާރަތް ކުރުން ދާނީ ފަހަރަކަށްވުރެ ފަހަރެއް މަދުވަމުންނެވެ. ތިބާ މަރުވާ ވަގުތު ގާތްތިމާގެ މީހުން އެކަމާ ވަރަށް ހިތާމަކޮށް ހަދާނެއެވެ. މިކަންވެސް ދުވަސްވީވަރަކަށް ދާނީ މަޑުމަޑުން ފޮހެވެމުންނެވެ. އަދި ތިބާގެ ޖީލު ފިޔަވައި އެހެން ޖީލެއްގެ ބަޔަކު ދުނިޔެގައި އުޅެމުންދާއިރު، ތިބާގެ މަތީން ހަނދާންވިޔަސް ވާނީ ވަރަށް މަދު ފަހަރަކުއެވެ.

ސަންދޯކަށް ލައިގެން ގޮސް ތިބާ ވަޅުލުމާއެކު، ތިބާގެ ހަށިގަނޑަށްވެސް ވަރަށް ބޮޑު ބަދަލުތަކެއް އާދެއެވެ. ހަށިގަނޑުގެ އެތެރޭގައިވާ ޖަރާސީމުތައް ހަރަކާތްތެރިވާން ފަށައެވެ. އަދިއެސޮރުމެން ބޭރުކުރާ ގޭސްތަކުގެ ސަބަބުން މީހާ ދުޅަވާން ފަށައެވެ. އެންމެ ފުރަތަމަ ދުޅަވާން ފަށަނީ ބަނޑެވެ. އަދި މިކަމުގެ ސަބަބުން މީހާގެ ސިފައަށް ބަދަލުތައް އަންނާން ފަށައެވެ. ދެން އަގައިންނާއި ނޭފަތުން ފޮނުތަކެއް ނުކުމެއެވެ. އެއީ، މެޔާ ދިމާލުން އަރާ ގޭސްތަކެއްގެ ސަބަބުންނެވެ. ހަށިގަނޑު ނުބައިވަމުން ދާވަރަކަށް އިސްތަށިތަކާއި، ނިޔަފަތިތައް ފައިބަމުން ވެއްޓެމުން ދެއެވެ. އަދި ފައިތިލަ އާއި އަތްތިލަވެސް ހަށިގަނޑުން ނެއްޓެއެވެ. ހަށިގަނޑުގެ ބޭރުފުށަށް މިބަދަލުތައް އަންނަމުން ދާއިރު، ފުއްޕާ މެއާއި، ހިތާއި، ފުރަމޭ ފަދަ އެތެރެހަށީގެ ގުނަވަންތައް ވެސް ނުބައިވަމުން ދެއެވެ. މިވަގުތު ބަނޑަށް ވަނީ ކިހިނެއްތޯއެވެ؟ ގޭސްތަކުގެ ސަބަބުން ބަނޑު ފުފެމުން ފުފެމުން ގޮސް އެންމެފަހުން ހަންގަނޑަށް އޮބިނީވެގެން ކުއްލިއަކަށް ފަޅައިގެން ދަނީއެވެ. މިވަގުތު ވަރަށް ވަރުގަދަ ކުނިވަހެއް ދުވާނެއެވެ. ބޮލުގެ ނާށިގަނޑުން ފެށިގެން ގައިގެ މަސްތައްވެސް އޭރު، ކަށިތަކާ ވަކވަމުން ދާނެއެވެ. ހަންގަނޑު އެއްކޮށް ފައިބާ، ގައިގެ މަސްގަނޑުގެ ކީލިތައްވެސް މުޅީން ފައިބައެވެ. ސިކުނޑިވެސް ނުބައިވާނެއެވެ. އަދި ކުދިން ކުޅެން ގެންގުޅޭކަހަލަ ކުލޭގަނޑެއްގެ ސިފަ ޖެހޭނެއެވެ. އެންމެފަހުން ހަމައެކަނި ކަށިގަނޑަކަށް ވަންދެން މިކަންތައް މިގޮތަށް ކުރިއަށް ދާނެއެވެ.

– ނުނިމޭ –