ހަވަނަ ޙުކުމް
އެއް ލަފުޒުން ނުވަތަ އެއް މަޖުލީހެއްގައި ތިން ވަރިކޮށްފިކަމުގައިވާނަމަ އެވަރިވާނީ ތިންފަށް ވަރިއަކަށް ހެއްޔެވެ؟ ނުވަތަ އެއް ވަރިއަކަށް ހެއްޔެވެ؟
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿الطلاق مَرَّتَانِ﴾ [سورة البقرة:229]
މާނައީ: “ވަރިކުރުންވަނީ ދެފަހަރުއެވެ.”
އެއާޔަތުގައި އެވަނީ ވަރިކުރުންވަނީ ދެފަހަރުކަން ބަޔާންކުރައްވާފައެވެ. ތިންފަހަރު ވަރި ކޮށްފިކަމުގައިވާނަމަ އެއަންހެނާ އެހެން ފިރިހެނަކާ ކައިވެނިކޮށްފުމަށް ދާންދެން ވަރިކުރެވުނު ފިރިހެނާއަށް އެއަންހެންމީހާ ޙަލާލުވެގެންނުވެއެވެ. އެހެންކަމުން، މީހަކު އެއްމަޖުލީހެއްގައި ތިންވަރިކޮށްފިކަމުގައިވާނަމަ އެވަރިވާނީ ތިންފަށް ވަރިއަކަށް ހެއްޔެވެ؟ ނުވަތަ އެއްވަރިއަށް ހެއްޔެވެ؟ މިކަމުގައި ޢިލްމުވެރިންގެ ޚިޔާލު ތަފާތުވުމެއްވެއެވެ.
ފުރަތަމަ ރަޢުޔު
އެފަދައިން އެއްމަޖިލީހެއްގައި 3 ވަރިކޮށްފިކަމުގައިވާނަމަ އެވަރިވާނީ ހަމަ ތިން ވަރިއަށެވެ. އެގޮތަށް ވަރިކުރުން އެއީ ޙަރާމްކަމެއް ކަމުގައިވިޔަސް އަދި މަކުރޫހަ ކަމެއްކަމުގައި ވިޔަސް އެވަރިވާނީ ތިންފަށް ވަރިއަކަށެވެ. މިއީ ގިނަ ޢިލުމުވެރިންގެ ބަހެވެ. އަދި މިއީ ހަތަރު މަޛުޙަހަބުގައި ވާގޮތެވެ. އަދި މިއީ ޞަޙާބީންނާއި ތާބިޢީންގެ ތެރެއިން ގިނައަދަދެއްގެ ބޭފުޅުންގެ ރަޢުޔެވެ.
އެގޮތުން ޖުމްޙޫރު ޢިލްމުވެރިން ވިދާޅުވެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ އެވަނީ ވަރިކުރުމުގައި މިންވަރެއް ކަނޑައަޅުއްވާފައެވެ. އެކަލާނގެ އެވަނީ ފިރިހެނުންނަށް އެމީހުންގެ އަނބިން އެއްފަހަރުވެސް ދެފަހަރުވެސް ވަރިކުރެވިދާނެކަން އަންގަވާފައެވެ. ނަމަވެސް ދެންވަރިކޮށްފިކަމުގައިވާނަމަ ރުޖޫޢަކުރުމުގެ ޙައްޤު ލިބިގެން ނުވާނެކަންވަނީ އަންގަވާފައެވެ. އެހެންނަމަވެސް އިންސާނާ ހައްދުފަހަނަ އަޅައިގޮސް، އެއިންސާނާއަށް ލިބިފައިވާ ރުޚްޞާ (ލުއިފަސޭހަކަން) ނަގައިލާ، އޭނާގެ އަނބިމީހާ އެއްފަހަރާ ތިންވަރިކޮށްފިކަމުގައުވާނަ އެކަންވާނީ ތިންފަށް ވަރިއަކަށެވެ. އެހެނީ އޭނާ އެވަނީ ދެވަރިކޮށް އަދި ތިން ވަރިވެސްކޮށްފައެވެ. ފަހެ އިސްލާމުދީނުގައި ކަނޑައަޅުއްވާފައިވާ ގޮތަކީ އެންމެ ރަނގަޅު އަދި އެންމެ ސުލްޙަވެރިގޮތެވެ. އެހެން ނަމަވެސް އިންސާނާ ހައްދުފަހަނައަޅާ އޭނާއަށް ލިބިފައިވާ ފުރުޞަތު އޭނާ އަމިއްލައަށް ހަނިކުރުމުން އެކަންވާނީ އޭނާގެ އަމިއްލަ ނަފުސަށެވެ.
އަދި އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވާ ރިވާޔަތަކުން މިބޭފުޅުން ދަލީލު ނަންގަވައެވެ. “މީހަކު އިބްނު ޢައްބާސްގެ އަރިހަށް އައެވެ. އެމީހާވަނީ އޭނާގެ އަންހެނުން ތިންފަށްވަރިއަކުން ވަރިކޮށްފައެވެ. މުޖާހިދު ވިދާޅުވިއެވެ.
“فسكت ابن عباس حتى ظننت أنه رادها إليه ، ثم قال : يطلّق أحدكم فيركب الحموقة ثم يقول : يا ابن عباس ، يا ابن عباس وإن الله تعالى يقول : (وَمَن يَتَّقِ الله يَجْعَل لَّهُ مَخْرَجاً) [الطلاق:2] وإنك لم تتق الله فلم أجد لك مخرجاً عصيت ربك ، وبانت منك امرأتك”[1]
މާނައީ: “އިބްނު ޢައްބާސް އެމީހާގެ އަނބިމީހާ ރުޖޫޢަކޮށްދެއްވަފާނެކަމަށް ތިމަންކަލޭގެފާނަށް ހީވެއްޖައުމަށް ދާންދެން އެކަލޭގެފާނު ހަނު ހުނެންވިއެވެ. ދެން އެއަށްފަހު އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަނބިމީހާ ވަރިކޮށް މޮޔަބޮލަށް އަރައިގެން އައެވެ. އެއަށް ފަހުގައި ގޮވަމުން އާދެއެވެ. އޭ އިބްނު ޢައްބާސްއެވެ. އޭ އިބްނު ޢައްބާސްއެވެ. ފަހެ ހަމަކަށަވަރުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَمَن يَتَّقِ الله يَجْعَل لَّهُ مَخْرَجاً) [الطلاق:2]
މާނައީ: “އަދި ﷲއަށް ތަޤުވާވެރިވެއްޖެމީހާ ދަންނާށެވެ. އެކަލާނގެ އޭނާއަށް ނުކުންނާނެ މަގުދައްކަވާނެއެވެ.”
ފަހެ ހަމަކަށަވަރުން ކަލޭ ﷲ އަށް ތަޤުވާވެރިއެއް ނުވަމުއެވެ. އަދި އެކަލާނގެ ކަލެއަށް ނުކުންނާނެ މަގުވެސް ނުދަށްކަވައެވެ. އަދި ކަލޭގެ އަނބިމީހާވެސް ކަލެއަށް ގެއްލި ދިޔައީއެވެ.”
ޢުމަރުގެފާނުގެ ޒަމާނުގައި އެގޮތަށް ތިންވަރި އެއްފަހަރާކުރުމުން އެއީ ތިންފަށްވަރިކުރިކަމަށް ނިޔާކުރެއްވުމުން، އެކަމާ އެއްވެސް ޞަޙާބީއަކު އިންކާރުކުރައްވާފައި ނުވާތީ އެއީ ޞަޙާބީ ބޭކަލުން އެކަމަށް އެއްބަސްވެ އިޖުމާޢުވެފައިވާ ކަމެއްކަމަށް މިބޭފުޅުން ވިދާޅުވެއެވެ.
އަދި ركانةގެ ޙަދީޘުން މިބޭކަލުން ދަލީލުނަންގަވައެވެ. އެޙަދީޘްގައިވެއެވެ.
((ركانة أنه طلق امرأته البتة، فقال له صلى الله عليه وسلم: ما أردت إلا واحدة. قال: الله ما أردت إلا واحدة))[2]
މާނައީ: ” ركانة އޭނާގެ އަންހެނުން އެއްފަހަރާ ތިންވަރިން ވަރިކުރިއެވެ. ދެން އޭނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް އައެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އޭނާއަށް ޙަދީޘް ކުރެއްވިއެވެ. ކަލޭގެފާނު އެއްފަހަރަށްވުރެ ގިނަފަހަރު ވަރިކުރުމަށް ގަސްތުކުރެއްވިން ހެއްޔެވެ؟ އޭނާ ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނު އެއްވަރިކުރުމަށް މެނުވީ ގަސްތުނުކުރައްވަމެވެ.” (މިއީ ޝައިޚް އަލްބާލީ ޟަޢީފުކުރައްވާފައިވާ ރިވާޔަތެކެވެ.)
އިމާމު ނަވަވީ އިސްވެދިޔަ ޙަދީޘްއަށް ރިޢާޔަތްކުރައްވާ ވިދާޅުވެފައިވެއެވެ.
“ފަހެ މިކަމުން ދަލީލުކޮށްދެނީ އެގޮތަށް ނިޔަތްގަނެފިކަމުގައި ވާނަމަ އެކަން އެގޮތަށް މެދުވެރިވާނެކަމެވެ. (އެބަހީ: ތިންފަށް ވަރިއަށް ވާނެކަމެވެ.) އެހެން ނޫންނަމަ ركانة ހުވައެއް ނުކުރެއްވީހެވެ. އަދި މިރިވާޔަތާއި ދެކޮޅަށް ރިވާކުރައްވާ ބޭކަލުން ރިވާކުރައްވާގޮތުގައި ركانة ވަރިކުރީ ތިންފަށް ވަރިއަކަށެވެ. ނަމަވެސް އެވަރިވީ އެއްވަރިއަކަށެވެ. ނަމަވެސް އެއީ ޟަޢީފު ރިވާޔަތެކެވެ. އެއީ އެ ރިވާޔަތް ރިވާކުރެވިފައިވަނީ މަޖުހޫލުބައެއްގެ ފަރާތުންނެވެ. އެހެނެއްކަމަކު ޞައްޙަވެގެންވާ ގޮތަކީ ކުރިން ބަޔާންކުރެވުނު ގޮތެވެ.”[3]
ދެވަނަ ރަޢުޔު
ތިންވަރި އެއްމަޖުލީހެއްގައި ކޮށްފިކަމުގައި ވާނަމަ އެވަރި ތިންފަށް ވަރިއަކަށް ނުވާނެއެވެ. އެވަރިވާނީ އެއްވަރިއަކަށެވެ.
ޝައިޚު އިބުނު ބާޒް ވިދާޅުވެފައިވެއެވެ. “މިގޮތަކީ އިބްނުޢައްބާސްގެ އަރިހުން ޞަޙީހުމަގުން އައިސްފައިވާ ގޮތެކެވެ. އަދި މިގޮތާ ޚިލާފުވާގޮތަށްވެސް އެކަލޭގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އަދި މިފަދައިން ޞަޙާބީންގެ ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވެއެވެ. -رضي الله عنهم- އަދި ތާބިޢީންގެ ޖަމާޢަތެއްގެ ބޭފުޅުންވެސް މިފަދައިން ވިދާޅުވެއެވެ. އަދި މިއީ محمد بن إسحاق صاحب السيرة ވެސް އިޚްތިޔާރުކުރެއްވި ގޮތެވެ. އަދި ފަހުގެ ޢިލްމުވެރިންގެ ތެރެއިން މަޝްހޫރު އިމާމެއްކަމުގައިވާ أبو العباس ابن تيمية رحمه الله تعالى ވެސް ފަތުވާދެއްވާފައިވާ ގޮތެވެ. އެދި އެކަލޭގެފާނުގެ މައްޝްހޫރު ދަރިވަރެއްކަމުގައިވާ العلامة المحقق ابن القيم – رحمه الله تعالى – ވެސް ފަތުވާދެއްވާފައިވާ ގޮތެވެ.”[4]
އަދި މިއީ އިމާމު ޝައުކާނީ އާއި ޝައިޚު އުޘައިމީންއާއި ޝައިޚު އަލްބާނީގެވެސް ރަޢުޔެވެ.
މިބޭކަލުން މިކަމުގައި ދަލީލު ނަންގަވަމުން ވިދާޅުވެފައިވެއެވެ. މިކަމުގެ އަސްލު ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ސާބިތުވެފައެވެ. އެއީ އިބުނު ޢައްބާސް ގެއަރިހުން ރިވާވެގެންވާ ރިވާޔަތުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“كان الطلاق على عهد رسول الله صلى الله عليه وسلم وأبي بكر ، وسنتين من خلافة عمر طلاقُ الثلاث واحدة ، فقال عمر بن الخطاب : إن الناس قد استعجلوا في أمرٍ كانت لهم فيه أناةٌ ، فلو أمضيناه عليهم ، فأمضاه عليهم”[5]
މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައާއި އަބޫބަކުރުގެފާނުގެ ޒަމާނުގައާއި އަދި ޢުމަރުގެފާނުގެ ޚިލާފަތުގެ ދެއަހަރުވަންދެން ބަލަމުން އައީ ތިންވަރި އެއީ އެއްވަރިއެއްކަމުގައެވެ. ދެންފަހެ ޢުމަރުގެފާނު ވިދާޅުވިއެވެ. ފަހެ، ހަމަކަށަވަރުން އެކަމުގައި ފަސޭހަކަމެއްލިބިފައިވާ ކަމެއްގައި އެބައިމީހުން އަވަސްއަރުވައިގެންފިއެވެ. އެބައި މީހުންގެ މައްޗަށް އެކަން ކަނޑައެޅެންޏާމު ތިމަންކަލޭގެވާނު އެކަން އެބައިމީހުންގެ މަށްޗަށް ކަނޑައަޅާފީމެވެ. (އެބަހީ: އެއްފަހަރާކުރާ ތިންވަރި ތިންފަށް ވަރިއަށް ކަނޑައެޅުން)” އިސްވެދިޔަ ދަލީލުން އެގިގެންދިޔަ ގޮތުގައި އެގޮތަށް ކުރާވަރި އެއްވަރިއެއްކަމުގައި ބެލުމަކީ ޝަރީޢަތުގައި ސާބިތުވެގެންވާގޮތެވެ. ޢުމަރުގެވާނުގެ ޒަމާނުގައި އޭރުގެ މަޞްލަޙަތަށްޓަކައި އެކަން ބަދަލުކުރެއްވީއެވެވެ.
އަދި އިމާމު أحمد بن حنبل ޞައްޙަ ސަނަދުން، ރިވާކުރައްވާފައިވާ ރިވާޔަތެއްގައިވެއެވެ. އިބުނު ޢައްބާސް އެކަލޭގެފާނުގެ ބައްޕަގެ އަރިހުން ރިވާކޮށްފައިވެއެވެ.
“أن أباه كان طلق امرأته ثلاثاً، فحزن عليها، فردها عليه النبي صلى الله عليه وسلم وقال: إنها واحدة.”[6] މާނައީ: “އެކަލޭގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން ތިންފަށްވަރިއަކުން ވަރިކުރިކަމުގައިވިއެވެ. އަދި އެކަމާ އެކަލޭގެފާނު ވަރަށް ހިތާމަކުރެއްވެވިއެވެ. އެއަށްފަހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގަތެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ އެއްވަރިއެވެ.”
އަދި މިބޭފުޅުން ވިދާޅުވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(الطلاق مَرَّتَانِ) [سورة البقرة:229]
މާނައީ: “ވަރިކުރުންވަނީ ދެފަހަރުއެވެ”
އޭގެ މާނައަކީ އެއްފަހަރައްފަހު އަނެއްފަހަރު ވަރިކުރުމެވެ. އެއްފަހަރާ ދެވަރިކުރުމެއް ނޫނެވެ. އެއްފަހަރާ ތިންވަރިކުރުމަކުން ނުފުދޭނެއެވެ. އެހެނީ މިސާލަކަށް، ލިޔާނުކުރާއިރުގައި ހަތަރު ފަހަރު ހުވާކުރުމަށްވެއެވެ. އެހެންނަމަވެސް މިސާލަކަށް، މީހަކު ހުވާކުރަމުން ބުނެފާނެއެވެ. ހަމަކަށަވަރުން އަހަރެން ހަތަރުފަހަރު ހުވާކޮށްފައިބުނަމެވެ. އަހަރެންވަނީ ތެދުވެރިންގެ ތެރެއިންނެވެ. އެހެންނަމަވެސް އެހުވާ ވެގެންދަނީ އެއް ހުވަޔަށެވެ. ހަމަ އެފަދައިން ޒިނޭ އަށް އިޤުރާރުވެ ހުވާކުރަމުން މިފަދައިން ބުނެއެވެ. އަހަރެން ޒިނޭކުރިކަމަށް ހަތަރުފަހަރު އިޤުރާރުވަމެވެ. އެހެންނަމަވެސް އެވާނީ އެއްފަހަރު އިޤުރާރުވިކަމަށެވެ. އަދި ހަމަ އެއާއެކު ނަމާދަށް ފަހުގައި ޒިކުރު ތަސްބީޙަ ކިޔުމަށް ވާރިދުވެގެން އައިސްފައިވެއެވެ. އެއީ سبحان الله 33 ފަހަރު، الحمد لله 33 ފަހަރު، الله اكبر 33 އެވެ. މީހަކު سبحان الله 33 ފަހަރު ކިޔަމެވެ. މިފަދައިން ބުނުމުން ފުދޭހެއްޔެވެ. ނުފުދެއެވެ. އެހެންނަމަވެސް ޝަރީޢަތުގައި ކަނޑެއެޅިގެންވަނީ ވަކިވަކިން ކިޔުމަށެވެ.
ރާޖިޙުވެގެންވާގޮތް
ރާޖިޙުވެގެންވާ ގޮތަކީ ޖުމްޙޫރު ޢިލްމުވެރިންގެ ބަހެވެ. ދެވަނަ ރަޢުޔުގެ ބޭފުޅުން ގެނެސްފައިވާ ދަލީލުތަކެއް ޖުމްޙޫރު ޢިލުމުވެރިންގެ ބަސްފުޅާއި ޞަޙާބީންގެ އިޖުމާޢުއަށްވުރެ ގަދައެއް ނޫނެވެ.
މި މައްސަލައިގައި އުފެދިފައިވާ އިޚްތިލާފުތަކަށް ބަލާލާއިރުގައި، ފުރުތަމަ ކަމެއްގެގޮތުން ފާހަގަ ކޮށްލެވެނީ އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވާ ރިވާޔަތެވެ. އެރިވާޔަތުން އެނގި ސާފުވެ ބަޔާންވެގެންދާގޮތުގައި، ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމްގެ ޒަމާނުގައާއި، އަބޫބަކުރުގެފާނުގެ ޒަމާނުގައާއި އަދި ޢުމަރުގެފާނުގެ ޚިލާފަތުގެ ފުރަތަމަ ދެއަހަރު ނިޔާކުރެވެމުން އައީ، ތިންވަރި އެއްފަހަރާ ކުރުމުން އެއީ އެއްވަރި ކަމަށެވެ. އެގޮތަށް ނިޔާކުރަށްވާފައިވުމުން އެނގިގެންދަނީ، އެގޮތަށް ކަންތައްކުރުން އިސްލާމްދީނުގައި ސާބިތުވާކަމެވެ. ހަމައެއާއެކު ޢުމަރުގެފާނުގެ ޚިލާފަތުގައި، އެގޮތަށްކުރާ ވަރި އެއީ، ތިންފަށް ވަރިކަމަށް ކަނޑައެޅުމުން އަދި އެކަމާ އެއްވެސް ޞަޙާބީއަކު އިންކާރުކުރައްވާފައިނުވުމުން، އެގޮތަށް ކަންތަށް ކުރުމަކީ ބިދުޢައެކޭ ބުނެވޭނެ ޖާގައެއްވެސް ނެތެވެ. ހަމައެއާއެކު އެ ރިވާޔަތުން އެނގޭގޮތުގައި، ޢުމަރުގެފާނު އެގޮތަށް ކަންތަށް ކުރައްވާފައިވަނީ އެޒަމާނުގައި މުސްލިމުންގެ އާންމު މަޞްލަޙަތު އެގޮތަށްވާތީއެވެ. ނަމަވެސް ފަހުގެ ޢިލްމުވެރިންގެ ތެރެއިން މަޝްހޫރު ހުރިހާ ޢިލްމުވެރިންކަހަލައިން ފަތުވާދެއްވާފައިވަނީ ޢުމަރުގެފާނު ނިޔާކުރެއްވި ގޮތާއި ޚިލާފަށް އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި އެކަލޭގެފާނުކަންތަށް ކުރައްވާފައިވާ ގޮތަށެވެ. މިބޭފުޅުން އެފަދައިން ފަތުވާދެއްވާފައިވަނީ މިޒަމާނުގައި މަޞްލަހަތު އެގޮތުގައި ވާތީކަމަށް ޤަބޫލުކުރެވެއެވެ.
އިބުނު ބާޒް ވިދާޅުވެފައިވެއެވެ.
“هذا الذي أفتي به لما فيه من التيسير على المسلمين”[7]
“މިފަދައިން އެބޭފުޅުން ފަތުވާ ދެއްވާފައިވަނީ އެކަމުގައި މުސްލިމުންނަށް ފަސޭހަކަން ވާތީއެވެ.”
والله أعلم
=ނުނިމޭ=
____________________________
[1] الأحكام القرآن للجصاص
[2] سنن أبي داود تحقيق الألباني:ضعيف //، المشكاة ( 3283 )، ضعيف سنن ابن ماجة ( 444 / 2051 )، الإرواء ( 2063 )، ( 7 / 142 )، ضعيف سنن الترمذي ( 204 / 1193 ) //
[3] فتاوى الشبكة الإسلامية معدلة
[4] مجموع فتاوى العلامة عبد العزيز بن باز رحمه الله
[5] صحيح مسلم الطلاق (1472),سنن النسائي الطلاق (3406),سنن أبي داود الطلاق (2199).
[6] سنن أبي داود الطلاق (2196).
[7] مجموع فتاوى العلامة عبد العزيز بن باز رحمه الله