އެކަލޭގެފާނަށް އެފަދަ ތެދުހުވަފެންތައް ފެންނަށް ފެށުމުން އެކަހެރިވެ އުޅުމަށް އެކަލޭގެފާނު ލޯބިކުރައްވަން ފެއްޓެވިއެވެ. އެބަހީ: އަޅުކަންކުރެއްވުމަށްޓަކައި ޖާހިލިއްޔަ މުޖުމަޢާ ދުރަށް ވަޑައިގަންނަވަން ފެއްޓެވިއެވެ. އެގޮތުން އެކަލޭގެފާނަށް ފެނިވަޑައިގަތީ އެފަދައިން އެކަހެރިވެވޭނެ އެންމެ ރަނގަޅު ތަނަކީ ހިރާ ފަރުބަދައިގެ ހޮހޮޅަގައިކަމެވެ. އެއީ އެފަރުބަދައިގެ އެންމެ މަތީގައިވާ ހޮހޮޅައެވެ. ވަރަށް އުނދަގުލުން ނޫނީ އެތަނަށް ނޭރޭއެވެ. އެތަނަށް ވަޑައިގެން އެކަލޭގެފާނު އަޅުކަންކުރުމުގައި އުޅުއްވިއެވެ. އެގޮތުން ގިނަ ރޭތަކައް ވަންދެން އެތަނުގައި އަޅުކަމުގައި އެކަލޭގެފާނު ހޭދަކުރެއްވިއެވެ. އެގޮތުން އެކަލޭގެފާނުގެ ފަރީއްކޮޅު ހިއްޕަވައިގެން އެކަލޭގެފާނު އެތަނަށް ވަޑައިގަންނަވައެވެ. ދެން އަނެއްކާވެސް ގެއަށް ވަޑައިގެން އެތަކެތި ތައްޔާރުކުރެއްވުމަށްފަހު އަނެއްކާވެސް އެނބުރި އެތަނަށް އަޅުކަންކުރެއްވުމަށް ވަޑައިގަންނަވައެވެ.
އެފަދައިން އުޅުއްވަނިކޮށް އެހޮހޮޅައިގާ އިންނަވަނިކޮށް ވަޙީއައިގެން ޖިބްރީލުގެފާނު ވަޑައިގަތެވެ. އަދި އެކަލޭގެފާނަށް ކިޔަވާ ވިދާޅުވުމަށް އަމުރުކުރެއްވިއެވެ. ފަހެ ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނަކީ ކިޔަވާ ވިދާޅުވާ ބޭކަލެއް ނޫނެވެ.” އޭގެ މާނައަކީ ތިމަންކަލޭގެފާނަކީ ކިޔަން އެނގޭ ބޭކަލެއް ނޫނެވެ. އެއްވެސް ޙާލެއްގައި ޖިބްރީލުގެފާނުގެ އަމުރަށް ނުކިޔަމަންތެރިވުމަށް އެކަލޭގެފާނު ބޭނުންފުޅުވެގެން އެފަދައިން ވިދާޅުވީއެއް ނޫނެވެ. ނަމަވެސް އެކަމުގެ ކުޅަދާނަކަން އެކަލޭގެފާނަށް ލިބިގެން ނުވެއެވެ. އެހެނީ އެކަލޭގެފާނަކީ ލިޔަންކިޔަން ނުދަންނަ ބޭކަލެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿فَآمِنُوا بِاللَّـهِ وَرَسُولِهِ النَّبِيِّ الْأُمِّيِّ﴾ [الأعراف: 58]
މާނައީ: ” ފަހެ، ﷲ އަށާއި ލިޔަންކިޔަން ނުދަންނަ ނަބިއްޔާ ކަމުގައިވާ އެއިލާހުގެ ރަސޫލާއަށް ތިޔަބައިމީހުން އީމާންވާށެވެ! “
އަދވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ﴾ [الجمعة: 2]
މާނައީ: “ލިޔަންކިޔަން ނުދަންނަ މީހުންގެ ތެރެޔަށް، އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވީ އެއިލާހެވެ. “
ފަހެ އެކަލޭގެފާނުވީ ލިޔަން ކިޔަން ނުދަންނަ ބޭކަލަކަށެވެ. އެއީ ﷲ ގެ ޙިކްމަތްވަންތަކަމުންނެވެ. އެއީ މިރިސާލަށް އެކަލޭގެފާނު ބޭނުންޖެހިފައިވާ މިންވަރު ހާމަވުމާއި އެކަލޭގެފާނުގެ ތެދުވެރިކަމާމެދު ޝައްކުކުރާ މީހުންނަށް އެކަމުގެ މަގު ބަންދުވެގެން ދިޔުމެވެ.
އަންނަނިވި އާޔަތުގައި ﷲ ތަޢާލާވަނީ މިކަމަށް އިޝާރާތް ކުރައްވާފައެވެ.
﴿وَمَا كُنتَ تَتْلُو مِن قَبْلِهِ مِن كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ ۖ إِذًا لَّارْتَابَ الْمُبْطِلُونَ﴾ [العنكبوت: 48]
މާނައީ: “އަދި އޭގެ ކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވައިވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމުއެވެ. އެކަން އެހެންވީނަމަ، ކާފިރުން ޝައްކު ކުރީހެވެ.”
“ތިމަންކަލޭގެފާނަކީ ކިޔަވާ ވިދާޅުވާ ބޭކަލެއްނޫނެވެ.” މިފަދައިން ވިދާޅުވުމުން ދެފަހަރު ނުވަތަ ތިންފަހަރު ޖިބްރީލުގެފާނު އެކަލޭގެފާނު ފަރުދާކޮށްލެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ.
﴿اقْرَأْ بِاسْمِ رَبِّكَ الَّذِى خَلَقَ * خَلَقَ الإِنسَنَ مِنْ عَلَقٍ * اقْرَأْ وَرَبُّكَ الاَكْرَمُ * الَّذِى عَلَّمَ بِالْقَلَمِ * عَلَّمَ الإِنسَنَ مَا لَمْ يَعْلَمْ﴾
މިފަސް އާޔަތް ބާވާލެއްވުމުން ބިރުވުޅުގަނެގެން ތުރުތުރު އަޅާ ޙާލު ނަބިއްޔާ ވަޑައިގަތީ ޚަދީޖަތުފާނުގެ ގާތަށެވެ. ވަޙީބާވާލެއްވުނު ގޮތާއި އެކަން ފެށިގެން އައިގޮތުގެ ތަފްސީލު ސަޙީޙުލް ބުޚާރީގެ ކުރީކޮޅުގައި ބަޔާންކުރެވިފައިވެއެވެ. އޭގެ ތަފްޞީލު އެނގެން ބޭނުންނަމަ އެފޮތަށް ރުޖޫޢަވާށެވެ. [1]
= ނުނިމޭ =
_______________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العلق ގެ ތަފްސީރުގެ ތަރުޖަމާއެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް
[1] މިސޫރަތް ފެށުނު އިރު އޭގެ މަރުޖިޢުވާނީ ބަޔާންކުރެވިފައެވެ.