ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ އެއިލާހު އިންސާނާ ޚަލްޤުކުރެއްވީ ގަނޑުލޭކޮޅެއްގެ ޛަރީޢާއިންކަމުގައެވެ. ދެން އެއަށްފަހު އިންސާނާ އެހެންގޮތްތަކަށް ބަދަލުވެގެންދެއެވެ. އަދި އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވަނީ އޭނާ ޚަލްޤުކުރައްވާފައިވަނީ މަށިންކަމުގައެވެ. އަދި އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވަނީ މުށިތަކެއްފަދަ ހިކިމަށިން ޚަލްޤުކުރައްވާފައިވާކަމެވެ. އަދި އެހެން އާޔަތެއްގައިވަނީ ގަދަޔަށް އޮހޮރެގެންދާ ފެނަކުންނެވެ. އަދި އެހެން އާޔަތެއްގައިވަނީ ދެރަވެގެންވާ ފެނަކުންކަމަށެވެ. މިއީ ފުށުއެރުމެއް ހެއްޔެވެ؟
ޖަވާބު: މިކަމުގައި ފުށުއެރުމެއް ނެތެވެ. އަދި ﷲ ގެ ކަލާމްފުޅުގައި ފުށުއެރުމެއް އޮތުމަކީ ވާނޭ ކަމެއް ނޫނެވެ. އަދި ރަސޫލާ صلى الله عليه وسلّم ގެ އަރިހުން ޞައްޙަކޮށް ޘާބިތުވެފައިވާ ހަދީޘްތަކުގައިވެސް ފުށުއެރުމެއް ނޯންނާނެއެވެ.
ފަހެ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ أَفَلَا يَتَدَبَّرُونَ الْقُرْآنَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّـهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا ﴾ [النساء: 82]
މާނައީ: “ފަހެ، ޤުރުއާނާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ ޤުރުއާނަކީ، ﷲ ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ.”
ނަމަވެސް ﷲ ތަޢާލާ އިންސާނާގެ ފެށުން އައިގޮތް އެކި ގޮތްގޮތަށް ބަޔާންކުރައްވައެވެ. އެހެނީ އެންމެ ފުރަތަމަ އިންސާނާ ޚަލްޤުކުރެއްވުނީ ވެލީންނެވެ. ދެން އެއަށް ފެން އެޅުމުން އެވީ މަށްޓަށެވެ. ދެން މުއްދަތަކަށްފަހު އެވީ ކިސަޑުން އުފެދިފައިވާ މަށްޓަށެވެ. ދެން އެއަށްފަހުވީ މުށިތަކެއްފަދަ ހިކި މަށްޓަށެވެ. އެބަހީ: އޭގައި ޖެހުމުން މުށިން ގޮވާފަދަ އަޑު (ސެރަމިކް އެއްޗެތިން ގޮވާފަދަ އަޑު) އިވޭނެއެވެ. ދެން އެއަށްފަހު މަހާ ކައްޓާ ލެއާ އަދި ނާރުތައް ޚަލްޤުކުރެއްވިއެވެ. މިއީ އާދަމުގެފާނު ޚަލްޤުކުރެއްވުނު ގޮތެވެ. އެކަލޭގެފާނުގެ ދަރިފަސްކޮޅު ޚަލްޤުކުރެއްވެނީ އެންމެ ފުރަތަމަ މަނިތިއްކަކުންނެވެ. އެއީ ދެރަވެގެންވާ ފެނެވެ. އަދި ގަދަޔަށް އޮހޮރެގެންދާ ފެނަކީ އެއީއެވެ.
އެ މަނިތިކި ރަޙިމުގައިވާނީ ސާޅީސް ދުވަހަށެވެ. ދެން ސާޅީސްވުމުން މަޑުމަޑުން ގަނޑު ލޭކޮޅަކަށްވެއެވެ. ދެން އެއަށްފަހު މަޑުމަޑުން ބޮޑުވެ، ހަރުވެއެވެ. އަށްޑިހަދުވަސްވުމުން އެވަނީ މަސްކޮޅަކަށެވެ. އެއަށް مُضْغَة ކިޔަނީ އެއީ އަނގައަށްލާފައި ހަވާލެވޭ ވަރުގެ ބޮޑު މިނުގެ މަސްކޮޅަކަށްވާތީއެވެ. ދެން އެގޮތުގައި އިތުރު ސާޅީސް ދުވަސް އޮންނާނެއެވެ. އޭރުން އެވީ ޖުމްލަ ސަތޭކަވިއްސެވެ. މަހުން ގުނާނަމަ އެވީ ހަތަރު މަހެވެ. ހަތަރުމަސްވުމުން ރަޙިމުތަކާ ޙަވާލުވެވަޑައިގެން ހުންނަ މަލާއިތާ ފޮނުއްވައެވެ. ފަހެ އެބޭކަލަކު ވަޑައިގެން ފުރާނަ އަޅުއްވައެވެ. އަދި ﷲ ގެ އިޛުނަފުޅާއެކު ހަށިގަނޑުގެ ތެރެއަށް ފުރާނަވަދެގެންދެއެވެ. ފުރާނަ ޚަލްޤުކުރައްވާފައިވާ ގޮތާ އޭގެ ޙަޤީޤަތާއި އެ އުފެދިފައިވާ މާއްދާ އަޅުގަނޑުމެންނަކަށް ނޭނގޭނެއެވެ.
ހަށިގަނޑާމެދު ދަންނައެވެ. ފަހެ، އޭގެ އަޞްލަކީ ވެއްޔެވެ. ދެން އަންހެނުންގެ ރަޙިމުގެ ތެރޭގައި އުފެދިގެން އަންނަނީ މަނިތިއްކެއްގެ ސަބަބުންނެވެ. ނަމަވެސް ފުރާނަ އެފެދިފައިވާ މާއްދާ އަޅުގަނޑުމެންނަކަށް ނޭނގޭނެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿ وَيَسْأَلُونَكَ عَنِ الرُّوحِ ۖ قُلِ الرُّوحُ مِنْ أَمْرِ رَبِّي وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا ﴾ [الإسراء: 85]
މާނައީ: “ފުރާނައިގެ ވާހަކައިން އެއުރެން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފުރާނައަކީ (ހަމައެކަނި) ތިމަންކަލޭގެފާނުގެ ވެރިރައްބުގެ ދެނެވޮޑިގަތުމުގެ ތެރެއިންވާ އެއްޗެކެވެ. އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) ޢިލްމުގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ.”
ފަހެ، މަލާއިކަތާ ބަނޑުގައިވާ ކުއްޖާއަށް ފުރާނަ އެޅުއްވުމުން އެކުއްޖާ ޙަރަކާތްކުރަން ފަށައެވެ. އެހެނީ އޭނާ އެންމެ ފުރަތަމަ ބޮޑުވަމުން އައީ ގަސްފަދަ އެއްޗިސް ބޮޑުވަމުން އައިފަދައިން އިޙްސާސްތަކަކާ ނުލައެވެ. ފުރާނައެޅުއްވުމަށްފަހު އަދި ޙަރަކާތްކުރަން ފެށުމަށްފަހު އޭނާ ބެލެވޭނީ އާދަމުގެ ދަރީންގެ ތެރެއިންނެވެ. އެހެންކަމުން ހަތަރުމަސްފުރުމުގެ ކުރިން އެކުއްޖާ ބައިގެންގޮއްސިނަމަ ކޮންމެ ތަނެއްގައިވެސް ވަޅު ލެވިދާނެއެވެ. އަދި ހިނަވާ ކަފުންކޮށް ކަށުނަމާދުކުރަން ނުޖެހޭނެއެވެ. އަދި އެކުއްޖާ ޤިޔާމަތްދުވަހުން އަލުން ނުދިރުއްވޭނެއެވެ. އެހެނީ އެއީ އާދަމުގެ ދަރިއަކަށް ނުވާތީއެވެ.
ނަމަވެސް ހަތަރުމަސްފުރުމަށްފަހު ބައިގެންދާ ކުދިންނާމެދު ދަންނައެވެ. އެފަދަ ކުދިން ހިނަވާ ކަފުންކޮށް، އެކުދިންގެ މައްޗަށް ކަށުނަމާދު ކުރަން ޖެހޭނެއެވެ. އަދި އެކުދިން ވަޅުލާންޖެހޭނީ ޤަބުރުސްތާނެއްގައެވެ. އެހެނީ އެއީ އިންސާނެއްކަމުގައިވާތީއެވެ. އަދި އެކުދިންނަށް ނަންވެސް ކިޔަންވާނެއެވެ. ޤިޔާމަތްދުވަހުން އެކުދިންނާ މުޚާޠަބުކުރެވޭނީ އެނަމުންނެވެ. އަދި އެފަދަ ކުދިންގެ މަތިން ޢަޤީޤާ ކަތިލަންވާނެއެވެ. ނަމަވެސް ވިހެއުމަށްފަހު ހަތްދުވަސް ފުރިގެން އަޤީޤާ ކަތިލަން ބާރުއެޅިފައިވާ މިންވަރަށް އެފަދަ ކުދިންގެ މަތިން ކަތިލުމަށް އައިސްފައި ނުވެއެވެ.
ކޮންމެއަކަސް ބަނޑުގައި އޮންނަ ދަރިފުޅު އެކި މަރުޙަލާތައް ކަޑައްތުކޮށްފައި ފުރިހަމަ އިންސާނަކަށްވެއެވެ. ދެން އެއަށްފަހު ޢާންމުގޮތެއްގައި ނުވަމަސްވުމުން ﷲ ގެ އިޛުނައާއެކު ދުނިޔޭގެ އަލިކަމަށް ނުކުމެއެވެ.
އިންސާނާގެ ހަތަރު ގޯއްޗެއްވާކަން މިފުރުޞަތުގައި ފާހަގަ ކޮށްލާނަމެވެ.
ފުރަތަމަ ގޯތި: އޭނާގެ މަންމަގެ ބަނޑުގައިވުން.
ދެވަނަ ގޯތި: ދުނިޔޭގައިވުން.
ތިންވަނަ ގޯތި: ބަރުޒަޚުގައިވުން.
ހަތަރުވަނަ ގޯތި: ސުވަރުގޭގައި ނުވަތަ ނަރަކާގައިވުން. އެއީ ފަހު ގޯއްޗެވެ.
= ނުނިމޭ =
_______________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العلق ގެ ތަފްސީރުގެ ތަރުޖަމާއެވެ.