﴿اقْرَأْ وَرَبُّكَ الْأَكْرَمُ﴾
މާނައީ: “ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރައްބަކީ، އެންމެ ދީލަތިވަންތަ ފަރާތެވެ.”
﴿اقْرَأْ﴾
މިތަނުގައި މިކަލިމަ މިވަނީ ތަކުރާރުކުރެވިފައެވެ. ނަމަވެސް ސުވާލަކީ ތަކުރާރުކުރެވިފައި މިވަނީ އިސްވެދިޔަ މާނަ ކަށަވަރުކުރުމަށް ހެއްޔެވެ؟ ނުވަތަ އާކަމެއް ބަޔާންކުރެއްވުމަށް ހެއްޔެވެ؟
މިކަމުގައި ޞައްޙަގޮތަކީ އެއީ އާކަމެއް ބަޔާންކުރެއްވުމަށްކަމެވެ. އެހެނީ ފުރަތަމަ އާޔަތުގައި “ކިޔަވާށެވެ.” މިއަމުރު ގުޅާލެވިފައިވަނީ ﷲ ގެ ރައްބުވަންތަކަމާއެވެ. ނަމަވެސް މިއާޔަތުގައި ގުޅާލެވިފައި މިވަނީ ޝަރީޢަތާއެވެ. ފުރަތަމަ އާޔަތުގައި ގުޅިފައި އެވަނީ ނިޔާކުރެއްވުމަށެވެ. ދެވަނަ އާޔަތުގައި އެވަނީ ޝަރީޢަތާ ގުޅާލެވިފައެވެ. އެހެނީ ގަލަމުން އުނގަންނައިދިނުމަށް ޝަރީޢަތްވަނީ ބަރޯސާވެފައެވެ. ޝަރީޢަތާއި ކީރިތި ޤުރުއާނާއި ސުންނަތާއި ޢިލްމުވެރިންގެ ބަސްފުޅުތައް މިއީ މުޅިންވެސް ލިޔެ ރައްކާކުރެވޭ ތަކެއްޗެވެ. އެހެންކަމުން އެކަލިމަ ދެވަނަ ފަހަރަށް ތަކުރާރުކުރެވިފައި އެވަނީ އެސަބަބަށްޓަކައެވެ.
= ނުނިމޭ =
_______________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العلق ގެ ތަފްސީރުގެ ތަރުޖަމާއެވެ.