-
مُتْعَةُ الْمُطَلَّقَة (ވަރިކުރެވޭ އަންހެނާއަށް ފިރިމީހާގެ ފަރާތުންދޭ މުދަލާއި ވަރީ)ގެ ތަޢާރަފު
ވަރީގެ ތަޢާރަފު:
ބަހުގެ ގޮތުން: – އެއްޗެއް ދޫކޮށްލުން ނުވަތަ ފޮނުވާލުމެވެ.
– އަދި އެއްޗެއް ނުބަނދެ ދޫކޮށްލުމުގެ މާނައިގައިވެސް ބޭނުންކުރެއެވެ. [1]
އިޞްޠިލާޙީ ގޮތުން: އެކި މަޛްހަބުތަކުގެ ޢިލްމުވެރިންވަނީ އެކި ތަޢާރަފުތައް މިކަމަށް ދެއްވާފައެވެ. ނަމަވެސް އެބޭފުޅުންގެ ބަސްފުޅުތަކުގެ މާނަ އެއްގޮތްކަން ބޮޑެވެ. އެހެންކަމުން އެތަނުން އެއް ތަޢުރީފު ޛިކުރުކޮށްލާނަމެވެ.
ހަނަފީ މަޛްހަބުގެ ޢިލްމުވެރިއެއްކަމުގައިވާ އިބްނު ހުމާމް ވިދާޅުވިއެވެ.
އެއީ ވަކި ޚާއްޞަ ލަފްޒުތަކެއް ބޭނުންކޮށްގެން ކައިވެނީގެ ގޮށް މުހާލުމެވެ. [2]
އަދި ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިއެއްކަމުގައިވާ ރަމްލީ ވިދާޅުވިއެވެ.
އެއީ ވަރީގެ ލަފްޒު ބޭނުންކޮށްގެން ނުވަތަ އެފަދަ ލަފްޒެއް ބޭނުންކޮށްގެން ކައިވެނީގެ ގޮށް މުހާލުމެވެ. [3]
މުތުޢާގެ ތަޢާރަފު:
ބަހުގެ ގޮތުން: – مُتْعَةُ ނެގިފައިވަނީ مَتَاع އިންނެވެ. އެއީ ތަކެތި ނުވަތަ މަންފާއެވެ. އެއީ އެތަކެތިން ފައިދާ ޙާޞިލުކޮށް ގެންގުޅުމަށް ބޭނުންކުރާ އެންމެހާ ތަކެއްޗެވެ. [4]
އިޞްޠިލާޙީ ގޮތުން: މިކަމުގެވެސް ގިނަ ތަޢާރަފުތަކެއް ކުރެވިފައިވެއެވެ. އެގޮތުން ގިނަ ތަޢާރަފުތަކުގައިވާ ގޮތުން އެއީ ވަރިކުރުމަށްފަހު އަނބިމީހާއަށް ފިރިމީހާގެ ފަރާތުން ދޭ މުދަލެކެވެ. އެއީ މުދަލެއް ނުވަތަ އެނޫން އެއްޗެއްކަމުގައިވެސް ވެދާނެއެވެ. [5]
ވަރިކުރެވޭ އަންހެނުން ބެހިގެންވާ ބައިތައް ބައިތައް:
ކައިވެނީގެ ރަން ކަނޑައެޅިފައިވުމާ އަދި ފިރިމީހާއާއެކު އެއްދާންކުރުމާ ގުޅޭގޮތުން ބަލާލާއިރު ވަރިކުރެވޭ އަންހެނުން 4 ބަޔަކަށް ބެހިގެންވެއެވެ.
- ކައިވެނީގެ ރަން ކަނޑައެޅުމަށްފަހު، އެއްދާންކުރުމަށްފަހު ވަރިކުރެވިފައިވާ އަންހެނާ
- ކައިވެނީގެ ރަން ކަނޑައެޅުމަކާ ނުލައި، އެއްދާންކުރުމަށްފަހު ވަރިކުރެވިފައިވާ އަންހެނާ
- ކައިވެނީގެ ރަން ކަނޑައެޅުމަށްފަހު، އެއްދާންކުރުމުގެ ކުރިން ވަރިކުރެވިފައިވާ އަންހެނާ
- ކައިވެނީގެ ރަން ކަނޑައަޅާފައިނުވާ، އެއްދާންކުރުމުގެ ކުރިން ވަރިކުރެވިފައިވާ އަންހެނާ
މިބައިމީހުންނަށް ވަރިކުރުމަށްފަހު މުދާ ދިނުމާމެދު ޢިލްމުވެރިންވަނީ ޚިލާފުވެފައެވެ. އޭގެ ތަފްޞީލު ދެން ހުރި ބައިތަކުގައި އަންނާނެއެވެ. إن شاء الله.
ވަރިކުރުމަށްފަހު މުދަލެއް ދިނުން ޝަރުޢުކުރެއްވުމުގެ ޙިކުމަތް:
މިކަމުގައިވެސް އެކި ޙިކުމަތް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. އޭގެ ތެރެއިން އެއްކަމަކީ ވަރިކުރުމަށްފަހު އަންހެނާ ހިތްހަމަޖައްސާލުމަށް ދެވޭ މުދަލެކެވެ.
= ނުނިމޭ =
ލިޔެ ޖަމާކުރީ
އައްޝައިޚް ޔާމީން ނާޞިރު
އައްޝައިޚް ޢިމްރާން މުޙައްމަދު
________________________
މިލިޔުމުގެ އެހެނިހެން ބައިތައް
[1] انظر: لسان العرب (۱٠/۲۲٦-۲۲٩)
[2] انظر: شرح فتح القدير (۳/۳۲٥)
[3] انظر: نهاية المحتاج إلى شرح المنهاج (٦/٤۲۳)
[4] انظر: القاموس المحيط (٩٨٥) ولسان العرب (٨/۳۲٨) وتاج العروس (۲۲/ ۱٨۳)
[5] انظر: الفقه المقارن للأحوال الشخصية (۲۱۲) وأحكام الأسرة في الإسلام (۳٨٨)