﴿كَلاَّ إِنَّ الإِنسَنَ لَيَطْغَى * أَن رَّءَاهُ اسْتَغْنَى * إِنَّ إِلَى رَبِّكَ الرُّجْعَى * أَرَأَيْتَ الَّذِى يَنْهَى * عَبْداً إِذَا صَلَّى * أَرَءَيْتَ إِن كَانَ عَلَى الْهُدَى * أَوْ أَمَرَ بِالتَّقْوَى * أَرَءَيْتَ إِن كَذَّبَ وَتَوَلَّى * أَلَمْ يَعْلَم بِأَنَّ اللَّهَ يَرَى * كَلاَّ لَئِن لَّمْ يَنتَهِ لَنَسْفَعاً بِالنَّاصِيَةِ * نَاصِيَةٍ كَذِبَةٍ خَاطِئَةٍ * فَلْيَدْعُ نَادِيَهُ * سَنَدْعُ الزَّبَانِيَةَ * كَلاَّ لاَ تُطِعْهُ وَاسْجُدْ وَاقْتَرِب﴾
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. :
﴿كَلاَّ إِنَّ الإِنسَنَ لَيَطْغَى﴾
މާނައީ: “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ .”
މިލަފްޡަކީ ކީރިތި ޤުރުއާނުގައި އެތައް މާނައެއްގައި އަންނަ ލަފްޡެކެވެ. އޭގެ ތެރޭގައި: ‘ޙައްޤުގޮތުގައި’ ގެ މާނަ ހިމެނެއެވެ. މިއާޔަތުގައި އައިސްފައި އެވަނީ އެމާނައިގައެވެ. އެބަހީ: މިކަމަކީ އެއްވެސް ޝައްކެތްނެތް ގޮތުގައި ﷲ ތަޢާލާ ޘާބިތުކުރައްވާފައިވާ ކަމެކެވެ.
﴿إِنَّ الإِنسَنَ لَيَطْغَى * أَن رَّءَاهُ اسْتَغْنَى﴾
މާނައީ: “ހަމަކަށަވަރުން، އިންސާނާ އަނިޔާވެރިކަމުގައި ހައްދުފަހަނަޅައިދާކަން ކަށަވަރެވެ. އޭނާ އަމިއްލަޔަށް ފުދިގެންފިކަމަށް އޭނާޔަށް ފެނުމުންނެވެ .”
މިތަނުގައި އިންސާނާގެ މުރާދަކީ ވަކި މީހެއްގެ ވާހަކައެއް ނޫނެވެ. ނަމަވެސް އޭގެ މުރާދަކީ މުޅި އިންސާނީ ނަސްލެވެ. އިންސާނުންގެ ތެރެއިން ކޮންމެ މީހަކުވެސް އޭނާ އަމިއްލައަށް ފުދިގެންވާހެން ހީވުމުން ހައްދުފަހަނައަޅައެވެ. މިތަނުގައިވާ الطُّغْيَان އަކީ ހައްދުފަހަނައެޅުމެވެ. ﷲ ގެ ރަޙްމަތުން އޭނާ ފުދިގެންވާކަމަށް އޭނާއަށް ހީވުމުން ހައްދަފަހަނައަޅައިގެން ދެއެވެ. އަދި ފަރުވާލެއް ނުހުރެއެވެ. ކަންކަން ޙާޞިލުކުރުމުގައްޔާއި މުޞީބާތްތަކުން ސަލާމަތްވުމުގައި ﷲ ގެ ޙަޟްރަތަށް ބޭނުންޖެހިފައި ނުވާކަމަށް އެމީހަކަށް ހީވުމުން އޭނާ ﷲ ގެ ޙަޟްރަތުން ނުއެދޭނެއެވެ. އަދި އެކަމަކަށް ފަރުވާލެއްވެސް ނުހުންނާނެއެވެ. ހެޔޮ ޞިއްޙަތުގައިވުމުން ބަލީގެ މަތިން ހަނދާންނެތެއެވެ. މަޑުފުރާމުއްތިވުމުން ބަނޑުހައިކަމުން ހަނދާން ނެތެއެވެ. ލާނޭ ހެދުން ލިބުމުން ޢައުރަ ކަޝްފުވުމުގެ މަތިން ހަނދާން ނެތެއެވެ.
ހައްދުފަހަނަ އެޅުމަކީ އިންސާނާގެ ތަބީޢަތުގައިވާކަމެކެވެ. ނަމަވެސް އެކަމުން ސަލާމަތްވަނީ މުއުމިނުންނެވެ. އެހެނީ އެންމެ ހިނދުކޮޅަކަށްވެސް ﷲ ގެ ޙަޟްރަތުން ފުދިގެންވާކަމަށް އޭނާ ހީނުކުރެއެވެ. އޭނާވަނީ އަބަދުމެ ﷲ އަށް ބޭނުންވެގެންނެވެ. ކޮންމެ ކަމަކަށްމެ ﷲ ގެ ޙަޟްރަތުން އެދެއެވެ. އަދި ކޮންމެ ނުރުހުންތެރިވާކަމެއްގައި އެއިލާހުގެ ޙަޟްރަތުން (ރައްކާތެރިކަމަށް) އެދެއެވެ.
މުއުމިނުމީހާ ދެކޭނީ ﷲ ތަޢާލާ އޭނާ ދޫކޮށްލުމުން، އޭނާގެ ކަންކަން އޭނާގެ އަމިއްލަ ނަފްސާއި ޙަވާލުވެއްޖެނަމަ އެޙަވާލުވީ ބަލިކަށި ނިކަމެތި މީހެއްކަމަށެވެ. އަދި އޭނާއަށް އަމިއްލަ ނަފްސަށް ގެއްލުމެއް ނުވަތަ ފައިދާ އެއްވެސް ނުކޮށްދެވޭނެކަމެވެ. މުއުމިނުންނަކީ އެއީއެވެ. ނަމަވެސް އިންސާނީ ތަބީޢަތުގައި ހައްދުފަހަނަ އެޅުމުގެ ސިފަ ހުރެއެވެ.
އަދި ﷲ ތަޢާލާ ވަޙީބަސްފުޅުގައިވެއެވެ.
﴿ وَحَمَلَهَا الْإِنسَانُ ۖ إِنَّهُ كَانَ ظَلُومًا جَهُولًا ﴾ [الأحزاب: 72]
މާނައީ: “އަދި އިންސާނާ އެ އަމާނާތް އުފުލިއެވެ. ހަމަކަށަވަރުން، އެ އިންސާނާވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ.”
ދެން އެއަށް ފަހު ހައްދުފަހަނަ އެޅުމާމެދު އިންޛާރުކުރައްވާ ވަޢީދުގެ ބަސް ވަޙީކުރެއްވިއެވެ.
﴿ إِنَّ إِلَى رَبِّكَ الرُّجْعَى ﴾
މާނައީ: ” ހަމަކަށަވަރުން، އެނބުރި ދިޔުންވަނީ، ކަލޭގެފާނުގެ ވެރިރައްބުގެ ޙަޟްރަތަށެވެ. “
އެނބުރި ދިޔުމަކީ: މަރުވުމެވެ. ކިތަންމެ ހައްދުފަހަނައަޅައި ބޮޑާވެ މަތިވެގެން އުޅުނަސް ފަހެ އޭނާގެ ނިމުދިޔުން އޮތީ ﷲ ގެ ޙަޟްރަތަށެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ إِلَّا مَن تَوَلَّىٰ وَكَفَرَ * فَيُعَذِّبُهُ اللَّـهُ الْعَذَابَ الْأَكْبَرَ * إِنَّ إِلَيْنَا إِيَابَهُمْ * ثُمَّ إِنَّ عَلَيْنَا حِسَابَهُم ﴾ [الغاشية: 23 – 26] .
މާނައީ: “ފުރަގަސްދީ، ކާފިރުވި މީހަކަށް މެނުވީއެވެ. [23] ފަހެ، ﷲ އެމީހަކަށް ބޮޑުވެގެންވާ ޢަޛާބުން ޢަޛާބުދެއްވާނެތެވެ. [24] ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންއިލާހުގެ ޙަޟްރަތަށެވެ. [25] ދެން އެއުރެންގެ ޙިސާބުބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންއިލާހަށެވެ. [26] “
= ނުނިމޭ =
_______________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العلق ގެ ތަފްސީރުގެ ތަރުޖަމާއެވެ.