ފޮތުގެ ތަޢާރަފް
ފޮތުގެ ނަން:
މިފޮތުގެ މުއައްލިފު މި ފޮތައް ދެއްވާފައިވާ ނަމަކީ بُلُوغُ اَلْمَرَامِ مِنْ أَدِلَّةِ اَلْأَحْكَامِ އެވެ. މާނައީ: ޙުކުމްތަކުގެ ދަލީލުތަކުގައި (އެމީހަކު) ބޭނުންވާ ހިސާބަށް (މި ފޮތުގެ ޒަރީއާއިން) ދިޔުމެވެ. ފޮތުގެ މުޤައްދިމާގައި އެކަން ބަޔާން ކުރައްވަމުން މުއައްލިފު ވިދާޅުވެފައި ވެއެވެ. ” މި ފޮތައް އަޅުގަނޑު ކީ ނަމަކީ بُلُوغُ اَلْمَرَامِ مِنْ أَدِلَّةِ اَلْأَحْكَامِ އެވެ. “
ލިޔުއްވި މުއައްލިފު:
މިފޮތް ލޔުއްވީ މަޝްހޫރު މުޙައްދިޘް الإِمَامُ الْحَافِظُ أَحْمَدُ بْنُ عَلِى بْنِ حَجَرِ الكناني الْعَسْقَلَانِي الشَّافِعِيْ – رَحِمَهُ الله -އެވެ.
ކުންޔާ އަކީ أَبُوْ الْفَضْلِ އެވެ.
އުފަންވެ ވަޑައިގެންފައި ވަނީ ހިޖުރައިން 773 ވަނަ އަހަރުގެޝަޢުބާން މަހުގައި މިސްރަށެވެ. އަދި އުޅުއްވާ ބޮޑުވެވަޑައިގެންނެވީ ވެސް މިސްރުގައެވެ.
އުމުރުފުޅުން 20 އަހަރުގައި ހިޖުރައިން 793 ވަނަ އަހަރު އިލްމު އުގެނުމުގެ ދަތުރުތައް ފެއްޓެވިއެވެ. އެގޮތުން ޔަމަނަށާއި މިސްރުގެ އިސްކަންދަރިއްޔާ އަށާއި އަދި ހިޖާޒުކަރައަށް (މިހާރުގެ މައްކާ މަދީނާ ސަރަހައްދަށް) ވެސް ވަޑައިގެންނެވިއެވެ. އަދި އެޔަށްފަހު ޝާމްކަރައަށް (މިހާރުގެ ސޫރިޔާގެ ސަރަޙައްދަށް) އިލްމު އުގެނުމަށް ދަތުރު ކުރެއްވިއެވެ.
އިލްމުގެ މައިދާނުގައި ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި الإِمَامُ الْحَافِظُ ابْنِ حَجَرِ -رَحِمَهُ الله- ޢުމުރުގެ ވަރަށް ކުރީކޮޅު ފޮތްތައް ލިޔުއްވަން ފެއްޓެވިއެވެ. އެގޮތުން ހިޖުރައިން 795ވަނަ އަހަރު مُخْتَصَرُ تَلْبِيْس إِبِلِيْس لِابْنِ الْجَوْزِي އަދި مُقَدَّمَةٌ فِيْ الْعُرُوْضِ މި ދެފޮތް ލިޔުއްވިއެވެ. އެޔަށް ފަހު ވަރަށް ގިނަ ފޮތްތައް ލިޔުއްވިއެވެ. އެގޮތުން އެކަލޭގެފާނު ލިޔުއްވި ފޮތްތަކުގެ ޢަދަދު 282 އަށް ވުރެ ގިނަކަމަށް އެކަލޭގެފާނުގެ ސީރަތުފުޅު ލިޔުއްވާ ޢިލްމުވެރިން ވިދާޅުވެއެވެ.
ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެކަލޭގެފާނު އަވަހާރަ ވީ ހިޖުރައިން 852 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 18 ވަނަވީ ހޮނިހިރު ވިލޭރެއެވެ. އޭރު އެކަލޭގެ ފާނުގެ ޢުމުރު ފުޅަކީ 69 އަހަރެވެ.
الله سُبْحَانَه وَتَعَالَى އެކަލޭގެފާނަށް މަތިވެރިވެގެންވާ ރަޙްމަތަކުން ހެޔޮރަޙްމަތް ލައްވާށިއެވެ. އާމީން.
ލިޔުއްވި ސަބަބު:
މިފޮތް ލިޔުއްވި ސަބަބުކަމުގައި الإِمَامُ الْحَافِظُ ابْنِ حَجَرِ -رَحِمَهُ الله- ބަޔާން ކުރައްވާފައި ވަނީ އެއީ ޝަރުޢީ ޢިލްމު އުގެނި ދަސްކުރަން ފަށާގަންނަ މީހުންނަށް އެހީތެރިކަމެއްގެ ގޮތުގައި ކަމުގައެވެ. އެފޮތުގެ ޒަރިއާއިން އެ މީހުންގެ ޢިލްމީ މައިދާން ފެށުމުގައި އުޖާލާކަން އިތުރުކޮށްދޭ ފޮތެއްކަމުގައެވެ. އަދި ހަމަ އެހެންމެ ޝަރުޢީ ޢިލްމުގެ މައިދާނުގައި ގިނަދުވަހު ހޭދަކޮށް މައިދާނުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ފުންނާބުއުސް ބޭފުޅުން މުރާޖަޢާކޮށް ރުޖޫޢަވާނެ ފޮތެއްކަމުގައެވެ. އެކަމަށް އިޝާރާތް ކުރައްވާ الإِمَامُ الْحَافِظُ ابْنِ حَجَرِ -رَحِمَهُ الله- އެފޮތުގެ މުޤައްދިމާގައި ވިދާޅުވެފައި ވެއެވެ. ” (އެފޮތް ލިޔެފައިވާނީ) އެފޮތުން ފަށާއިގަންނަ ކިޔަވާކުދިން އެހީ ހޯދާ، އަދި ޢިލްމީގޮތުން ފުންނާބުއުސް ބޭކަލުން އެފޮތާނުލައި ނުފުދޭ ފޮތެއްގެ ގޮތުގައެވެ. “
ފޮތުގައިވާ ޚާއްޞަ ކަންތައްތައް:
ފޮތުގައިވާ ޚާއްޞަ ކަންތައްތައް ވަރަށް ގިނައެވެ. އޭގެތެރެއިން މުހިއްމު ބައެއް ނުކުތާތައް ފާހަޤަކޮށްލާނަމެވެ.
- ކިޔަވާ ކުދިންނަށް ފަސޭހައަކަށް މިފޮތުގައިވާ ޙަދީޘްތަކުގެ ދަރަޖަ މުއައްލިފު ބަޔާންކޮށްފައި ވެއެވެ. އެގޮތުން ޙަދީޘްގެ ފަހަތުގައި ސަޙީޙު ނުވަތަ ހަސަން ނުވަތަޟަޢީފު ދަރަޖައިގެ ޙަދީޘެއްކަން ބަޔާންކޮށްފައި ވެއެވެ.
- ޙަދީޘްތައް ގެނައުމުގައި މުއައްލިފު ލިޔުއްވާފައިވަނީ މާނައަށް އުނިކަމެއްނުވާގޮތައް ކުރުކޮށް، ހަދީޘްގެ އެބާބަކާއި ގުޅޭބައެވެ. އެއީ އެގޮތް ކުރުވެފައި ފައިދާ ބޮޑުވެގެން ދާތީއެވެ.
- ބާބުގެ ދަށުން ގެންނަވާ ޙަދީޘްގައި އިތުރު ރިވާޔަތްތައް ވާނަމަ ކުރުކޮށް ސާފްކޮށް އެނގޭނޭގޮތައް އެބައި އިތުރުކުރައްވާފައިވެއެވެ. އެހެން ހެދުމުން ރިވާޔަތްތައް ގުޅި މަޢުލޫމާތު ފުރިހަމަކޮށްދެއެވެ.
- ހަދީޘްތައް ގެންނަވާފައި ވަނީ މަޝްހޫރު އަދި އުންމަތުގައި އިތުބާރު ލިބިފައިވާ، الإِمَامُ أَحْمَدُ ގެ މުސްނަދާއި ، الإِمَامُ اَلْبُخَارِيُّ އަދި الإِمَامُ مُسْلِم ގެ ދެ ޞަޙީހުއާއި، الإِمَامُ أَبُو دَاوُدَ އާއި الإِمَامُ التِّرْمِذِي އާއި الإِمَامُ النَّسَائِي އަދި الإِمَامُ اِبْنُ مَاجَهْ ގެ ސުނަނުތައް ފަދަ ފޮތްތަކުންނެވެ.
- އާއްމުގޮތެއްގައި ބާބުތަކުގައި ފުރަތަމަ ގެންނަވާފައި ވަނީ ، الإِمَامُ اَلْبُخَارِيُّ އަދި الإِمَامُ مُسْلِم ގެ ދެ ޞަޙީހުން ނުވަތަ އޭގެން އެއް ފޮތުންނެވެ. އަދި އެޔަށްފަހު އެހެން ފޮތްތަކުން ހަދީޘްގެންނަވާފައި ވެއެވެ. މަޤުޞަދަކީ ބާބުގެ މައިގަނޑު ޙަދީޘެއްގެ ގޮތުގައި ޞައްޙަ ޙަދީޘެއް ވުމަށްފަހު ދެން ހުންނަ ޙަދީޘްތަކަކީ އެޔަށް ބާރުދޭ އަދި ފުރިހަމަކަން އިތުރުކޮއްދޭ ޙަދީޘްތަކަކަށް ވުމެވެ.
- ހަދީޘެއްގައި ބަލިކަމެއް ވާނަމަ އެކަންވެސް ބަޔާންކުރައްވާފައި ވެއެވެ.
- ހަދީޘެއްގައި ތަވާބިޢު ނުވަތަ ޝަވާހިދު ވާނަމަ ކޮންމެވެސް ވަރަކަށް އެޔަށްވެސް އިޝާރާތް ކުރައްވާފައި ވެއެވެ. އޭރުން އެ ޙަދީޘުން ބާބަށް ލިބޭ ބާރު އިތުރުވެގެން ދެއެވެ.
- މުއައްލިފު މިފޮތުގެ ބާބުތަކާއި ޙަދީޘްތައް ތަރުތީބު ކުރައްވާފައި ވަނީ ފިޤުހު ފޮތްތަކުގައި ބާބުތައް އަތުރާލާފައިވާ ބީދައިންނެވެ. އެއީ ދަލީލު ތަކުގެ ޒަރީއާއިން ހުކުމްތައް ބަޔާންވެގެންވާ ފޮތްތަކުގެ ތެރެއިން ވުމަށްޓަކައާއި އެފޮތް ކިޔާ ފަރާތްތަކަށް މުޠާލިޔާކުރަން ފަސޭހައަކަށެވެ.
- ފޮތުގެ އެންމެ ފަހު ބާބުގައި ރިވެތި އަދަބުތަކާއި ގުޅޭ ޙަދީޘްތައް ގެންނަވާ، جَامِعُ فِيْ الآدَابِ (އަދަބުތާއި ބެހޭގޮތުން ޖަމާކުރެވުނު ހަދީޘްތައް ނަންގަނެވުނު ބާބު) މި ނަމުން ނަން ދެއްވިއެވެ. އެއީ އެކަންކަމުގެ ޙުކުމްތައް ދެނެގަތުމަށާއި އެފޮތް ކިޔާ ފަރާތްތަކުގެ އަޚުލާޤާއި ސުލޫކަށް ރަގަޅު އަސަރުތަކެއްކޮށް އެކަމުން ފައިދާ ލިބިގަތުމަށްޓަކައެވެ.
ބައެއް މުހިންމު ޝަރަޙަތައް:
މިފޮތުގައިވާ ޙަދީޘައް އެކިޒަމާންތަކުގައި ޝަރަޙަކޮށްދެއްވާ ބަޔާންކޮއްދެވާ ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތައް ގިނަގުނައެވެ. އެގޮތުން އެކި ޒަމާންތަކުގައި މިފޮތައް ލިޔެވިފައިވާ ބައެއްޝަރަޙަތައް ތިރީގައި ހިމަނާލަމެވެ.
- اَلْبَدْرُ التَّمَامِ فِيْ شَرْحِ بُلُوْغِ الْمَرَامِ؛
ލިޔުއްވީ اَلشَّيْخُ الْقَاضِيْ اَلْحُسَيْن بْنُ مُحَمَّدٍ المغْرِبِي (އަވަހާރަވީ ހިޖުރައިން 1119 ވަނަ އަހަރު.)
- سُبُلُ السَّلَامِ فِيْ شَرْحِ بُلُوْغِ الْمَرَامِ مِنْ أَدِلَّةِ الْأَحْكَامِ؛
ލިޔުއްވީ اَلشَّيْخُ مُحَمَّد بْنُ إِسْمَاعِيْل الصَّنْعَانِي، (އަވަހާރަވީ ހިޖުރައިން 1182 ވަނަ އަހަރު.)
މިއީ މަތީގައި ބަޔާންކުރެވުނު اَلشَّيْخُ الْقَاضِيْ اَلْحُسَيْن بْنُ مُحَمَّدٍ المغْرِبِي ލިޔުއްވި اَلْبَدْرُ التَّمَامِ فِيْ شَرْحِ بُلُوْغِ الْمَرَامِ ގެ މުޚްތަޞަރެކެވެ.
- مِسْكُ الْخِتَامِ
ލިޔުއްވީ اَلشَّيْخُ صِدِّيْق بْنُ حَسَن خَانْ اَلْبُخَارِي القَنُوْجِي، (އަވަހާރަވީ ހިޖުރައިން 1307 ވަނަ އަހަރު.)
ލިޔުއްވާފައި ވަނީ ފާރިސީ ބަހުންނެވެ.
- فَتْحُ الْعَلَّامِ لِشَرْحِ بُلُوْغِ الْمَرَامِ؛
ލިޔުއްވީ اَلشَّيْخُ أَبُوْ الْخَيْرِ نُوْرُ الْحَسَن بْن صِدِّيْق بْنِ حَسَّانِ خَان، (އަވަހާރަވީ ހިޖުރައިން 1336 ވަނަ އަހަރު.)
މިފޮތް ލިޔުމުގައި ގިނަ މަޢުލޫމާތު ނަންގަވާފައި ވަނީ އިސްވެ ދެންނެވުނު سُبُلُ السَّلَامِ މިފޮތުންނެވެ. ދެން އެހެން ފޮތްތަކުން ނަންގަވާ ފުރިހަމަކަން އިތުރު ކުރައްވާފައި ވެއެވެ.
- مُخْتَصَرُ الْكَلَامِ عَلَى بُلُوْغِ الْمَرَامِ؛
ލިޔުއްވީ اَلشَّيْخُ فَيْصَل بْنُ عَبْدُالْعَزِيْزِ آلُ مُبَارَك، (އަވަހާރަވީ ހިޖުރައިން 1376 ވަނަ އަހަރު.)
- فِقْهُ الْإِسْلَامِ شَرْحُ بُلُوْغُ الْمَرَامِ؛
ލިޔުއްވީ اَلشَّيْخُ عَبْدُالْقَادِرِ شَيْبَةِ الْحَمْدِ،
މިފޮތް ލިޔުއްވާފައިވަނީ ދިހަ މުޖައްލަދު (ވޮލިޔުމް)އަށެވެ.
- نَيْلُ الْمَرَامِ شَرْحُ بُلُوْغِ الْمَرَامِ مِنْ أَدِلَّةِ الْأَحْكَامِ،
ލިޔުއްވީ اَلشَّيْخُ مُحَمَّد بُنْ يَاسِيْن بْنِ عَبْدُالله
މިއީ މޫސަލްގެ ޢިލްމުވެރިއެވެ. މިފޮތް ލިޔުއްވާފައިވަނީ ފަސް މުޖައްލަދަށެވެ.
- تَوْضِيْحُ الْأَحْكَامِ مِنْ بُلُوْغِ الْمَرَامِ؛
ލިޔުއްވީ اَلشَّيْخُ عَبْدُالله بْنُ عَبْدُالرَّحْمن البَسَّام،
މިފޮތް ލިޔުއްވާފައިވަނީ ހަ މުޖައްލަދަށެވެ.
- إِتْحَافُ الْكِرَامِ تَعْلِيْق عَلَى بُلُوْغِ الْمَرَامِ؛
ލިޔުއްވީ اَلشَّيْخُ صَفِيُّ الرَّحْمن الْمُبَارَكْفُوْرِي،
މިފޮތް ލިޔުއްވާފައިވަނީ އެއް މުޖައްލަދަށެވެ.
- حَاشِيَةُ الدَّهْلَوِي عَلَى بُلُوْغِ الْمَرَامِ؛
ލިޔުއްވީ اَلشَّيْخُ أَحْمَدُ بْنُ حَسَن الدَّهْلَوِي،(އަވަހާރަވީ ހިޖުރައިން 1337 ވަނަ އަހަރު.)
މިފޮތް ލިޔުއްވާފައިވަނީ އެއް މުޖައްލަދަށެވެ.
- فَتْحُ ذِيْ الْجَلَالِ وَالْإِكْرَامِ بِشَرْحِ بُلُوْغِ الْمَرَامِ؛
ލިޔުއްވީ اَلشَّيْخُ مُحَمَّد بْنُ صَالِح الْعُثَيْمِيْن،(އަވަހާރަވީ ހިޖުރައިން 1421 ވަނަ އަހަރު.)
މިފޮތް ލިޔުއްވާފައިވަނީ 15 މުޖައްލަދަށެވެ.
- فَتْحُ الْوَهَّابِ شَرْح عَلَى بُلُوْغِ الْمَرَامِ؛
ލިޔުއްވީ اَلشَّيْخُ مُحَمَّد أَحْمَدُ الدَاهُ الشِّنْقِيْطِي،
- الشَّيْخُ إِبْرَاهِيْمُ بْنُ أَبِي الْقَاسِمِ بْنِ إِبْرِاهِيْم جَعْمَان الذُؤَالي ލިޔުއްވި ޝަރަހަ،
އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 897 ވަނަ އަހަރު.
- مِنْحَةُ الْكِرَاِم بِشَرْحِ بُلُوْغِ الْمَرَامِ
ލިޔުއްވީ اَلشَّيْخُ الْحَافِظُ جَمَالُ الدِّيْنِ يُوْسُف بْنُ شَاهِيْن، (އަވަހާރަވީ ހިޖުރައިން 899 ވަނަ އަހަރު.)
- الشَّيْخُ عَبْدُالرَّحْمن بْنُ مُحَمَد الحَمِيْمِي اليَمَنِي ލިޔުއްވި ޝަރަހަ،
އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 1067 ވަނަ އަހަރު.
- تَنْبِيْهُ الكِرَامِ عَلَى أَحَادِيْثَ فِيْ بُلُوْغِ الْمَرَام؛
ލިޔުއްވީ اَلشَّيْخُ عَبْدُالله بْنُ صَالِح العُبَيْلَان،
މިއީ بُلُوْغُ الْمَرَامِ ގައިވާ ޙަދީޘްތަކާއި ގުޅޭގޮތުން ޝެއިޚުގެ ރައުޔާއި ސަމާލުކަންދޭންވީ ކަންކަމަށް ރިޢާޔަތްކުރައްވާ ލިޔުއްވާފައިވާ 32 ޞަފްޙާގެ ކުޑަ ރިސާލާއެކެވެ.
- وَحُيُ الْكَلَامِ مِن بُلُوْغِ الْمَرَام؛
ލިޔުއްވީ اَلشَّيْخُ شَاكِرُ بْنُ مَحْمُوْدً،
މިއީ 1348 ވަނަ އަހަރު اَلْعِمَارِيِّة ޗާޕްޚާނާއިން ޗާޕްކުރައްވާފައިވާ 92 ޞަފްޙާގެ ފޮތެކެވެ.
الشَّيْخُ الْمُحَدِّثُ العَّلَامَة اَلْأَلْبَانِي މިފޮތާއި ބެހޭގޮތުން ތަޢުރީފްކުރައްވާ އެކަލޭގެފާނުގެ ދަރިވަރުނަށް ވަޞިއްޔަތްކުރައްވަމުން އެފޮތާއިމެދު ވިދާޅުވިއެވެ. ” الحَافِظُ ابْنُ حَجَر ގެ بُلُوْغُ الْمَرَام އަކީ ޙުކުމްތަކުގެ ދަލީލުތަކާއި ގުޅޭގޮތުން ލިޔެވިފައި އެންމެ ރަނގަޅު އެއްފޮތެވެ. އެހެނީ ހަދިޘްތަކުގެ ސައްޙަކާމއި ޟަޢީފުކަމަށްވެސް މުއައްލިފު އިޝާރާތް ކުރައްވަފައި ވެއެވެ. “
އިސްލާމީ އުންމަތުގެ ޢިލްމުވެރިން ކުރައްވާފައިވާ މިފަދަ މަތިވެރި މަސައްކަތްތަކުން ފައިދާ ޙާޞިލްކުރުމުގެ ތައުފީޤު އަޅަމެންނަށް މިންވަރު ކުރައްވާށި. އާމީން
(ނޯޓް: މިބައިގެ މުހިންމުކަން ބޮޑުކަމަށް ފެންނާތީ ފޮތުގެ ތަޢާރަފް އެއީ އަންނަ ނިވި ދެ މަސްދަރުގެ އަލީގައި އަޅުގަނޑު ޖަމާކޮށްފައި ވާމައުލާތެވެ. މިއީ بُلُوْغُ الْمَرَام މިފޮތުގެ ތެރެއިން ވާބައެއް ނޫނެވެ.)
މަސްދަރު:
- تَوْضِيْحُ الْأَحْكَامِ مِنْ بُلُوْغِ الْمَرَامِ (ލިޔުއްވީ اَلشَّيْخُ عَبْدُالله بْنُ عَبْدُالرَّحْمن البَسَّام، )
- الألوكة ވެބަސައިޓް (http://www.alukah.net/sharia/0/26216/)
-ނުނިމޭ-