[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة العلق ގެ ތަފްސީރު 10

 

ދެން އެއަށްފަހު ވަޙީކުރެއްވިއެވެ.

﴿أَرَءَيْتَ إِن كَانَ عَلَى الْهُدَى﴾

މާނައީ: ” ތިބާ ޚަބަރު ދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް ހެއްޔެވެ. “

އެބަހީ: އޭ މުޚާޠަބުކުރެވޭ މީހާއެވެ. ސަޖިދައިގައި މިއޮންނެވި މުޙައްދަމު صلى الله عليه وسلّم އެވަނީ ތެދުމަގުގައިކަމުގައިވާނަމަ ފަހެ، ތިބާ އެކަލޭގެފާނު ތިޔަ މަނާކުރަނީ ކޮން ފަދައަކުން ހެއްޔެވެ!

﴿ أَوْ أَمَرَ بِالتَّقْوَى ﴾

މާނައީ: “ނުވަތަ ތަޤްވާވެރިވުމަށް އަމުރުކުރިނަމަވެސް ހެއްޔެވެ؟”

ބައެއް ތަފްސީރު ޢިލްމުވެރިން ވިދާޅުވިއެވެ. މިތަނުގައި ﴿أو﴾  އައިސްފައިމިވަނީ “އަދި” ގެ މާނައިގައެވެ. އެބަހީ: އަދި “ތަޤްވާވެރިވުމަށް އަމުރުކުރެއްވި” މިފަދައިންނެވެ. ނަމަވެސް މިތަނުގައި ޞައްޙަ ގޮތަކީ ﴿أو﴾ އައިސްފައި އެވަނީ އޭގެ އަޞްލުމާނައިގައެވެ. އެއީ “ނުވަތަ”ގެ މާނައިގައެވެ. އެބަހީ: އެކަލޭގެފާނު ކުރައްވާ ސަޖިދައާއި ނަމާދާއި މިކަންކަމުގައި ތެދުމަގުގައި ވީނަމަވެސް ހެއްޔެވެ. ނުވަތަ އެހެންމީހުންނަށް ތަޤްވާވެރިވުމަށް އަމުރުކުރެއްވިކަމުގައި ވީނަމަވެސް ހެއްޔެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلّم އަކީ އެއްވެސް ޝައްކެތްނެތްގޮތުގައި ތަޤްވާވެރިވުމަށް އަމުރުކުރެއްވި ބޭކަލެކެވެ. ފަހެ، އެކަލޭގެފާނީ ޞާލިޙު އަދި އެހެން މީސްތަކުން އިޞްލާހުކުރެއްވި ބޭކަލެކެވެ،

﴿ أَلَمْ يَعْلَم بِأَنَّ اللَّهَ يَرَى ﴾

މާނައީ: “ހަމަކަށަވަރުން، ﷲ ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ.”

އެބަހީ: މަނާކުރެވުނު ފަރާތްކަމުގައިވާ، ހެޔޮކަމަށް އަމުރުކުރައްވާ މުޙައްމަދު صلى الله عليه وسلّم އެއިލާހު ދެކެވޮޑިގެންވެއެވެ. އަދި ނަމާދުކުރާ މީހާ ހުއްޓުވާ، ހައްދުފަހަނަ އަޅާފައިވާ މީހާވެސް އެއިލާހު ދެކެވޮޑިގެންވެއެވެ.

﴿ أَلَمْ يَعْلَم بِأَنَّ اللَّهَ يَرَى ﴾

މާނައީ: “ހަމަކަށަވަރުން، ﷲ ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ.”

އެއިލާހަށް ދެކެވޮޑިގަތުން ދެގޮތަކުން ނިސްބަތްކުރެއެވެ. އެއީ ޢިލްމުފުޅުން ދެކެވޮޑިގަތުމާއި ބައްލަވާވޮޑިގަތުމެވެ. ކިތަންމެ ފޮރުވިފައިވާ އެއްޗެއްވެސް އެއިލާހު ދެކެވޮޑިގެންވެއެވެ. އަދި ކިތަންމެ ދުރުގައިވާ އެއްޗެއްވެސް އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި ކިތަންމެ ގިނަވިޔަސް މަދުވިޔަސްމެއެވެ. އެހެންކަމުން އަމުރުކުރާ ފަރާތާއި ނަހީކުރާފަރާތާއި ނަމާދުކޮށް ސަޖިދަކުރާ ފަރާތާއި ހައްދުފަހަނައަޅާ ފަރާތްވެސް އެއިލާހު ދެނެވޮޑިގެންވެއެވެ.

ﷲ އަށްޓަކައި ނިކަމެތިވެއްޖެމީހާ ދަންނައެވެ. ކޮންމެ އިންސާނަކަށްވެސް އޭނާ ކުޅަޢަމަލެއްގެ ޖަޒާދެއްވާނެއެވެ. މިޢާޔަތުގައި މިވާ އިންޛާރުގެ ބަހުގެ މަޤްޞަދަކީ މީހަކު ނަމާދުކުރަނިކޮށް މަނާނުކުރުމަށެވެ. އަދި އެމީހެއްގެ ޙާލު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާކަމެވެ. އަދި ނަމާދުކުރަނިކޮށް މަނާކުރާމީހުންގެ ޙާލުވެސް މޮޅަށް ދެނެވޮޑިގެންވެއެވެ. ކޮންމެ މީހަކަށްމެ ޙައްޤު ޖަޒާ އެއިލާހު ދެއްވާނެއެވެ. މިއީ ނަބިއްޔާ صلى الله عليه وسلّم ނަމާދުކުރައްވާއިރު މަނާކުރަމުން ދިޔަ މީހާއަށް ހުރި އިންޛާރެކެވެ. އެބަހީ: ﷲ ތަޢާލާ ބައްލަވާވޮޑިގެންވާކަމާއި އެއިލާހު އޭނާ ދެނެވޮޑިގެންވާކަން އޭނާއަށް ނޭނގެނީ ހެއްޔެވެ. އެއިލާހީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ދުނިޔޭގައި ނުވަތަ އާޚިރަތުގައި އޭނާއަށް އެކަމުގެ ޖަޒާ ލިބިގެންދާނެވެ.

= ނުނިމޭ =

_______________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العلق  ގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް