[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 49

17760

ނަރަކަވަންތްވެރިން ހަށިގަނޑުގެ ބިޔަބޮޑުކަން

ނަރަކަޔަށް ވަންނަން ޖެހޭ މީހުން އެތަނަށް ވަންނައިރު އެމީހުންގެ ހަށިގަނޑުގެ ބިޔަބޮޑުކަން ﷲ މެނުވީ އެހެން އެއްވެސް ފަރާތަކަށް އެނގިގެން ނުވެއެވެ. އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ ގެ ކިބައިން ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައި ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

((مَا بَيْنَ مَنْكِبَيِ الْكَافِرِ فِي النَّارِ، مَسِيرَةُ ثَلَاثَةِ أَيَّامٍ، لِلرَّاكِبِ الْمُسْرِعِ))1

މާނައީ: ” ނަރަކައިގައި ކާފިރު މީހާގެ ދެކޮނޑު ދެމެދުގައި ސަވާރީ އެއްގައި ބާރަށް ދަތުރުކޮށްފައި ދާމީހެއްގެ ތިންދުވަހުގެ ރާސްތާވެއެވެ.”

އަދި އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

((ضِرْسُ الْكَافِرِ، أَوْ نَابُ الْكَافِرِ، مِثْلُ أُحُدٍ وَغِلَظُ جِلْدِهِ مَسِيرَةُ ثَلَاثٍ))2

މާނައީ: “(ނަރަކައިގައި) ކާފިރު މީހާގެ ކޮލު ދަތް ނުވަތަ އޭނަގެ ފޭރާ ދަތް އުޙުދު ފަރަބަދަހައި ބޮޑުވާނެއެވެ. އަދި އޭނަގެ ގައިގެ ހަމުގެ ބޯމިނުގައި ތިންދުވަހުގެ ރާސްތާވެއެވެ.”

އަދިވެސް އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

((إِنَّ غِلَظَ جِلْدِ الكَافِرِ اثْنَتَانِ وَأَرْبَعُونَ ذِرَاعًا، وَإِنَّ ضِرْسَهُ مِثْلُ أُحُدٍ، وَإِنَّ مَجْلِسَهُ مِنْ جَهَنَّمَ كَمَا بَيْنَ مَكَّةَ وَالمَدِينَةِ))3

މާނައީ: “ހަމަކަށަވަރުން ނަރަކައިގައި ކާފިރު މީހާގެ ހަންގަޑުގެ ބޯމިނުގައި ސާޅީސް ދެމުއް ހުންނާނެއެވެ. އަދި އޭނަގެ ކޮލު ދަތް ވާނީ އުޙުދު ފަރުބަދަ ފަދައިންނެވެ. އަދި އޭނަ އިށީދެ އިންނަ ތަނުގެ ބޮޑު މިނުގައި މައްކާ އާއި އަދި މަދީނާގެ ދެމެދުގެ ދިގުމިނުގެ ރާސްތާ ހުރެއެވެ.”

އަދިވެސް އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

((ضِرْسُ الْكَافِرِ يَوْمَ الْقِيَامَةِ مِثْلُ أُحُدٍ وَعَرْضُ جِلْدِهِ سَبْعُونَ ذِرَاعًا وَعَضُدُهُ مِثْلُ الْبَيْضَاءِ وَفَخِذُهُ مِثْلُ وَرْقَانَ وَمَقْعَدُهُ مِنَ النَّارِ مَا بَيْنِي وَبَيْنَ الرَّبَذَةِ))4

މާނައީ: “ޤިޔާމަތްދުވަހުން ކާފިރުމީހާގެ ކޮލު ދަތް ވާނީ އުޙުދު ފަރުބަދަ ފަދައިންނެވެ. އަދި އޭނަގެ ހަމުގެ ބޯމިނުގައި ހަތްދިހަ މުށް ހުންނާނެއެވެ. އަދި އޭނަ އަތުގެ މުލައްދަނޑި ވާނީ އަލްބައިޟާ ކިޔުނު ފަރުބަދަ ފަދައިންނެވެ. އަދި އޭނަގެ ފައިގެ ފަލަމަސްގަނޑު ވަރްޤާން ކިޔުނު ފަރުބަދަ ފަދައިންނެވެ. އަދި އޭނަ ނަރަކައިގައި އިށީނދެ އިންނަތަން ތިމަން ކަލޭގެފާނާއި(މަދީނާއާއި) އަދި އައްރަބަޛާ5 ކިޔުނު ރަށާއި ދެމެދުގައިވާ ދުރުމިނުގެ ރާސްތާވެއެވެ.”   

ނަރަކައިގައި ކާފިރު މީހުންގެ ހަށިގަނޑު ބޮޑު ކުރެވެވެނީ އޭނަޔަށް ބޮޑަށް ޢަޒާބު ދެއްވުމުގެ ގޮތުންނެވެ.

 =ނުނިމޭ=

 މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ

                                    

[1] رواه مسلم

[2] رواه مسلم

[3] رواه الترمذي

[4] رواه الحاكم و أحمد

[5] އެއީ މަދީނާ ކައިރީގައިވާ ރަށަކަށް ކިޔާނަމެކެވެ.