އެއިލާހު ވަޙީކުރެއްވިއެވެ.
﴿ نَاصِيَةٍ كَذِبَةٍ خَاطِئَةٍ ﴾
މާނައީ: “އެއީ ދޮގުވެރި، ކުށްވެރި ނިތްގަނޑެކެވެ.”
މިތަނުގައި ޛިކުރުކުރެވިފައިވާ ނިތްގަނޑަކީ ކުރިންވެސް އިޝާރާތްކުރެވުނު ނިތްގަނޑެވެ. (ޢަރަބި ބަހުގައި މިގޮތަށް ތަކުރާރުވުމުން ދެވަނަ ފަހަރު ތަކުރާރުވެފައިވާ ކަލިމައަށް މިކިޔަނީ ބަދަލެވެ.) ކުރީ އާޔަތުގައިވާ އެ ކަލިމައިގައި ﴿ ال ﴾ އޮވެފައި މިއާޔަތުގައި އެ ކަލިމާގައި ﴿ ال ﴾ ނެތެވެ. އެއީވެސް ޢަރަބި ބަހުގައި ހުއްދަކަމެކެވެ. މިތަނުގައި ނިތްގަނޑުގެ ވާހަކައިން ފެށިފައިވަނީ އެ ޞިފަކުރެއްވުމުގެ ގޮތުންނެވެ. އެއީ ” ދޮގުވެރި، ކުށްވެރި ” މިޞިފަތަކުންނެވެ. އެބަހީ: އެއީ ދޮގުވެރިކަމުގެ ޞިފަލިބިފައިވާ ނިތްގަނޑެކެވެ. އެގޮތުން ޝައްކެތްވެސް ނެތްގޮތުގައި ކާފިރުން ހަދާ އެންމެ ބޮޑު ދޮގަކީ ﷲ އާއެކު އެހެން އިލާހުންތަކެއް ވާކަމަށް އެބައިމީހުން ބުނާ ބުނުމެވެ. ފަހެ، ހަމަކަށަވަރުން އެއީ ދޮގުވެރިކަމާއި ހުތުރުކަންބޮޑު ބަހެކެވެ. އަދި ކުށްކުރާކަމަށް ޞިފަކުރެވިފައިވާ އެވަނީ ޤަޞްދުގައި ކުށަށް އަރައިގަންނާތީއެވެ.
(خاطىء) އަދި (مخطىء) މިދެލަފްޡުގައި ތަފާތެއްވާކަން ދެނެގަންނާށެވެ. (خاطىء) އަކީ ޤަޞްދުގައި ކުށަށް އަރައިގަންނަ މީހާއެވެ. (مخطىء) އަކީ ނޭނގި ކުށަށް އަރައިގަންނަ މީހާއެވެ. މިތަނުން ދެވަނަ މީހާއަށް ޢުޛުރު އޮންނާނެއެވެ. އަދި ފުރަތަމަ މީހާއަކަށް ޢުޛުރެއް ނޯންނާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ لَّا يَأْكُلُهُ إِلَّا الْخَاطِئُونَ ﴾ [الحاقة: 37]
މާނައީ: “ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ.”
އެބަހީ: ޤަޞްދުގައި ފާފަތަކަށް އަރިގަތް މީހުންނެވެ.
އަދިވެސް ވަޙީކުރެއްވިއެވެ.
﴿ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ﴾ [البقرة: 286]
މާނައީ: ” އަޅަމެންގެ ވެރިރައްބެވެ! އަޅަމެން ހަނދާންނެތިއްޖެނަމަ ނުވަތަ ޤަޞްދެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ! “
ފަހެ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. “ތިމަންއިލާހު އެފަދައިން ކުރައްވައިފީމެވެ. (އެބަހީ: އެދުޢާ އިޖާބަކުރައްވައިފީމެވެ.) [1]
ހަމައެފަދައިން القاسط އަދި المقسط އަކީވެސް ޢަރަބިބަހުގައި އެގޮތަށް ބޭނުންކުރާ ދެކަލިމައެވެ. القاسط އަކީ އަނިޔާވެރިޔާއެވެ. އަދި المقسط އަކީ ޢަދުލުވެރިޔާއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿ وَأَقْسِطُوا ۖ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ ﴾ [الحجرات: 9]
މާނައީ: ” އަދި ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! ހަމަކަށަވަރުން، ޢަދުލުވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ.”
އަދިވެސް ވަޙީކުރެއްވިއެވެ.
﴿ وَأَمَّا الْقَاسِطُونَ فَكَانُوا لِجَهَنَّمَ حَطَبًا ﴾ [الجن: 15]
މާނައީ: ” އަދި އަނިޔާވެރިވި މީހުން ދަންނައެވެ! ފަހެ، ނަރަކައިގެ ދަރު ކަމުގައި އެއުރެންވާނެއެވެ. “
އެހެންކަމުން މިތަނުގައި ﴿ خَاطِئَةٍ ﴾ ގެ މުރާދަކީ ޤަޞްދުގައި ފާފައަށް އަރައިގަތުމެވެ.
﴿ فَلْيَدْعُ نَادِيَهُ ﴾
މާނައީ: “ފަހެ، އޭނާޔާއެކު ޖަލްސާކުރާ އެކުވެރިންނަށް އޭނާ ގޮވައިބަލާށެވެ! “
މިތަނުގައި މިވާ ﴿ لْ﴾
އައިސްފައި އެވަނީ ގޮން ޖެހުމުގެ މާނައިގައެވެ. އެބަހީ: އޭނާއަކީ ތެދުވެރިއެއްކަމުގައިވާނަމަ އަދި އޭނާގެ ކިބައިގައި އާރެއް ބާރެއްވާނަމަ ފަހެ އޭނާއާ އެއްމަޖުލީސްކުރާ މީހުންނަށް ގޮވައިބަލާށެވެ. “ނާދީ” އަކީ ވާހަކަ ދައްކާ ބައްދަލުވެލާ އުޅުމަށް މީސްތަކުން އެއްވާ ތަނަށް ކިޔާ ނަމެކެވެ. އަބޫ ޖަހުލަކީ ޤުރައިޝުންގެ ބޮޑުންކުރެ މީހެކެވެ. އެހެންކަމުން އޭނާ މީސްތަކުންނާ އެއްވެ އުޅުނު ނާދީއެއްވިއެވެ. އަދި އެބައިމީހުންގެ ކަންކަމުގައި އޭނާ އެތަނުގައި ވާހަކަދައްކައެވެ. ފަހެ، މިތަނުގައި ﷲ ތަޢާލާ ވަޙީކުރައްވަނީ އޭނާއަކީ ތެދުވެރިއެއްކަމުގައިވާނަމަ އޭނާގެ ނާދީއަށް އޭނާ ގޮވައިބަލާށެވެ. އެއްވެސް ޝައްކެތް ނެތްގޮތުގައި މިއީ ގޮން ޖެހުމެކެވެ. އެއީ މިސާލަކަށް މީހަކު އޭނާގެ ޢަދާވާތްތެރިއާ ދިމާއަށް ބުނާހެންނެވެ. “ތިބާއާއެކު ބަޔަކުވާނަމަ އަންނާށެވެ.” މިފަދަ ބަސްތަކަކީ ގޮން ޖެހުމުގެ މާނަ އެކުލެވިގެންވާ ބަސްތަކެވެ.
= ނުނިމޭ =
_______________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العلق ގެ ތަފްސީރުގެ ތަރުޖަމާއެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް
[1] أخرجه مسلم كتاب الإيمان باب بيان تجاوز الله وتعالى عن حديث النفس (126) (200) .