[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة العلق ގެ ތަފްސީރު 14

﴿ كَلاَّ لاَ تُطِعْهُ وَاسْجُدْ وَاقْتَرِب﴾

މާނައީ: “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ކަލޭގެފާނު އޭނާޔަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! އަދި ސަޖިދަކުރައްވައި ނަމާދު ކުރައްވާށެވެ! އަދި (ﷲ ގެ ޙަޟްރަތަށް) ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ!”

﴿كَلاَّ ﴾ އާ ބެހޭ ގޮތުން ބުނަން އޮތީ ކުރީ އާޔަތުގައިވެސް ބަޔާންކުރި ގޮތަށެވެ.

އަދި ﴿ لاَ تُطِعْهُ ﴾ އާ މެދު ދަންނައެވެ.

މާނައީ: ” ކަލޭގެފާނު އޭނާޔަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! “

އެބަހީ: ކަލޭގެފާނު ނަމާދުކުރުމަށް މަނާކުރާ މިމީހާއަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ. އަދި ކިޔެއް ހެއްޔެވެ. އެއިލާހަށް ކަލޭގެފާނު ސަޖިދަކުރައްވާށެވެ. އަދި އޭނާއަށް އަޅާ ނުލާށެވެ.

ނަބިއްޔާ صلى الله عليه وسلّم އޭނާއާ ކިޔަމަންގަތުން ނަހީކުރެއްވުމުން އޭގެ މާނައަކީ ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ صلى الله عليه وسلّم އޭނާގެ ފުށުން ހިމާޔަތްކުރައްވާނެކަމެވެ. އެބަހީ: ކަލޭގެފާނަށް އަމުރުވެވިގެންވާގޮތަށް ޢަމަލުކުރައްވާށެވެ. އަދި އެމީހާއާމެދު އަޅާ ނުލާށެވެ. އަދި ﷲ އަށް ސަޖިދަކުރައްވާށެވެ. މިތަނުގައި ސަޖިދަކުރެއްވުމުގެ މުރާދަކީ ނަމާދުކުރުމެވެ. ނަމަވެސް ސަޖިދަކުރެއްވުމަށް މިތަނުގައި ބަޔާންކުރައްވާފައި އެވަނީ ސުޖޫދަކީ ނަމާދުގެ ރުކުނަކަށްވާތީއެވެ. އަދި އެއާ ނުލާ ނަމާދު ޞައްޙަ ނުވާނެއެވެ. އެހެންކަމުން ނަމާދުގެ މާނައިގައި ސަޖިދަކުރުން ބޭނުންކުރެއްވީއެވެ.

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿ وَاقْتَرِب﴾

މާނައީ: “އަދި (ﷲ ގެ ޙަޟްރަތަށް) ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ!”

 އެހެނީ ﷲ އާ އެންމެ ކުއްތަންވެގެންވާނެ ފަރާތަކީ ސަޖިދަކުރާ މީހާއެވެ. ނަބިއްޔާ صلى الله عليه وسلّم ޙަދީޘްކުރެއްވިއެވެ.

((أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ، وَهُوَ سَاجِدٌ)) [1]

މާނައީ: “އަޅާ އޭނާގެ ރައްބާ އެންމެ ކުއްތަންވާ ވަޤުތަކީ ސަޖިދައިގައި އޮންނަ ހިނދެވެ.”

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((أَلَا وَإِنِّي نُهِيتُ أَنْ أَقْرَأَ الْقُرْآنَ رَاكِعًا أَوْ سَاجِدًا، فَأَمَّا الرُّكُوعُ فَعَظِّمُوا فِيهِ الرَّبَّ عَزَّ وَجَلَّ، وَأَمَّا السُّجُودُ فَاجْتَهِدُوا فِي الدُّعَاءِ، فَقَمِنٌ أَنْ يُسْتَجَابَ لَكُمْ )) [2]

މާނައީ: “ދަންނާށެވެ. ހަމަކަށަވަރުން ރުކޫޢުގައްޔާއި ސަޖިދާގައި ޤުރުއާން ކިޔެވުން ތިމަންކަލޭގެފާނަށްވަނީ ނަހީކުރެވިފައެވެ. ރުކޫޢާމެދު ދަންނައެވެ. ފަހެ، އޭގައި ތިޔަބައިމީހުންގެ ވެރިރައްބު މަތިވެރިކުރާށެވެ. އަދި ސަޖިދައާމެދު ދަންނައެވެ. ފަހެ، އޭގައި ގިނައިން ދުޢާ ކުރާށެވެ. އޭރުން ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރެއްވުން ގާތްކަން ބޮޑެވެ.”

މިސޫރަތަކީ މަތިވެރިވެގެންވާ ސޫރަތެކެވެ. ﷲ ތަޢާލާ މިސޫރަތް ފައްޓަވާފައިވަނީ އެއިލާހުގެ ރަސޫލާ صلى الله عليه وسلّم  އަށް ދެއްވާފައިވާ ވަޙީގެ ނިޢުމަތުގެ ވާހަކައިންނެވެ. ދެން ނިންމަވާފައިވަނީ ސަޖިދަކުރުމާއި ކުއްތަންވުމުގެ ވާހަކައިންނެވެ. އަޅަމެން އެދެނީ އެއިލާހަށް ކިޔަމަންވުމުގެ ތައުފީޤު އަޅަމެންނަށް ދެއްވުމަށެވެ. އަދި އެއިލާހަށް ކުއްތަންވުމުގެ ތައުފީޤުވެސްމެއެވެ. އަދި އަޅަމެންއެދެނީ އެއިލާހުގެ ތަޤްވާވެރި ވަލީވެރިންކަމުގައި ލެއްވުމަށެވެ. އަދި ކާމިޔާބުވަނިވި ޖަމާޢަތުގެ މީހުންގެ ތެރެއިން ލެއްވުމަށެވެ. އަދި އެއިލާހުގެ ޞާލިޙުއަޅުންގެ ތެރެއިން ލެއްވުމަށެވެ. ހަމަކަށަވަރުން އެއިލާހީ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަވެ ވޮޑިގެންވާ އިލާހެވެ.

= ނިމުނީ =

_______________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العلق  ގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް

[1]  أخرجه مسلم كتاب الصلاة باب ما يقال في الركوع والسجود (482) (215) .

[2]    أخرجه مسلم كتاب الصلاة باب النهي عن قراءة القرأن في الركوع والسجود (479) (207) .