މައްކާގެ މުޝްރިކުން ރަސޫލުﷲ صلى الله عليه و سلم އާއި އެކަލޭގެފާނުގެ ޞަޙާބީންނަށް ކުރަމުންދިޔަ އަނިޔާތަކާއި ދުއްތުރާތައް ބޮޑުވި ހިނދު ﷲ ތަޢާލާ ވަނީ މަދީނާއަށް ހިޖުރަ ކުރުމުގެ އިޛުނަފުޅު އެބޭކަލުންނަށް ދެއްވައިފައެވެ. މަދީނާއަކީ އިސްލާމީ ފުރަތަމަ ދައުލަތް ބިނާ ކުރެވުނު ރަށްކޮޅެވެ. މުސްލިމުންގެ ހަނގުރާމައިގެ އެތައް ލަޝްކަރެއް އެރަށްކޮޅުން ތައްޔާރު ކޮށްފައިވެއެވެ. އެކަލޭގެފާނުގެ ޙަޔާތުގެ ފަހުކޮޅު ހޭދަ ކުރެއްވީވެސް މަދީނަތުން މުނައްވަރާގައެވެ. އެކަލޭގެފާނު އަވަހާރަވެ ފަސްދާނުލެވިފައިވަނީ ވެސް ހުދު އެރައްކޮޅުގައެވެ. އެކަލޭގަފާނަށްޓަކައި މަދީނާގެ ބިން ﷲތަޢާލާ ވަނީ މާތްކުރައްވާ ޙުރުމަތްތެރި ކުރައްވާފައެވެ.
ރަސޫލުﷲ صلى الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ. ((إِنَّ إِبْرَاهِيْمَ حَرَّمَ مَكَّةَ وَ إِنِّيْ حَرَّمْتُ الْمَدِيْنَةَ)) رواه مسلم މާނައީ :ހަމަކަށަވަރުން އިބްރާހީމް ޢަލައިހިއްސަލާމް މައްކާ ޙުރުމަތްތެރި ކުރެއްވިއެވެ. އަދި ތިމަންކަލޭގެފާނު މަދީނާ ޙުރުމަތްތެރި ކުރެއްވީމެވެ.”
އެ ބިމަކީ ޞަޙާބީންގެ ތެރެއިން އެތައް ބޭކަލުންނެއް ދިރިއުޅުއްވާ އެބިމުގައި އަވަހާރަވެ ފަސްދާނުލެވިފައިވާ ބިމެކެވެ. މައްކާގެ ހަރަމް ފިޔަވާ އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ 1000 ގުނަ އިތުރު ޘަވާބާއި ދަރުމަލިބޭ މަސްޖިދުން ނަބަވީ ވަނީ އެ މަދީނަގައެވެ. އަދި ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއް ވެސް އެމަދީނާގައި ވެއެވެ.
މިނޫނަސްވެސް މިރަށްކޮޅަކީ އެތަކެއް ގޮތަކުން ޚާއްޞަވެ މާތްވެފައިވާ ރަށްކޮޅެކެވެ. މަދީނަތުލް މުނައްވަރާއަށް މުސްލިމުންގެ ހިތްތަކުގައި ޚާއްޞަ ޤަދަރަކާއި ލޯތްބެއް ދެވިފައިވެއެވެ. ރަސުލާ صلى الله عليه و سلم ދަތުރަކުން އެނބުރި ވަޑައިގަންނަވާ މަދީނާގެ މަލަމަތި ފެނިލެއްވުމުން އެކަލޭގެފާނުގެ ސަވާރީވެސް އަވަސްކުރައްވާ ދުވެލި ބާރު ކުރައްވައެވެ.
އިމާމު އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި އަނަސް رضى الله عنه ގެ ކިބައިން ރިވާކުރައްވާފައިވެއެވެ.
(( أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، كَانَ إِذَا قَدِمَ مِنْ سَفَرٍ، فَنَظَرَ إِلَى جُدُرَاتِ المَدِينَةِ، أَوْضَعَ رَاحِلَتَهُ وَإِنْ كَانَ عَلَى دَابَّةٍ حَرَّكَهَا مِنْ حُبِّهَا ))
މާނައީ: “ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދަތުރުފުޅަކުން އެނބުރި ވަޑައިގަންނަވާއިރު މަދީނާގެ ފާރުތައް(މަލަމަތި) ފެނިވަޑައިގަތުމުން ޖަމަލެއްގެ މަތީގައި ދަތުރުކުރައްވާނަމަ ދުވެލި ބާރުކުރައްވައެވެ. އަދި އެނޫން ސަވާރީއެއްގައި ދަތުރުކުރައްވާނަމަ އެ ސަވާރީއެއް ޙަރަކާތްކޮށްލައްވައެވެ.” (މިފަދައިން ކަންތައް ކުރައްވަނީ އެކަލޭގެފާނު މަދީނާއަށް ހުންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ.)
މަދީނާގެ މާތްކަމުގެ ތެރެއިން ހިމެނޭކަންތައްތަކުގެ ތެރޭގައި މަދީނާއަށް އީމާންކަން އެނބުރި ރުޖޫޢަވުން ހިމެނެއެވެ. ރަސޫލުﷲ صلى الله عليه و سلم ޙަދީޘްކުރައްވާފައިވާ ފަދައިންނެވެ.
((إِنَّ الْإِيْمَانَ لَيَأْرِزُ إِلَى الْمَدِيْنَةَ كَمَا تَأْرِزُ الْحَيَّةَ إِلَى جُحْرِهَا)) رواه البخاري و مسلم މާނައީ: “ހަމަކަށަވަރުން އީމާންކަން މަދީނާއަށް އެނބުރި ރުޖޫޢަވާނެއެވެ. ހަރުފައެއް އޭގެހޮރަށް އެނބުރި ރުޖޫޢަވާ ފަދައިންނެވެ.”
ކަންމިހެން އޮތްއިރުވެސް މަދީނާގެ ބިމުގައި ބިދުޢަތައް ހެދުމާއި މުންކަރާތްތައް ހިންގުމާއި އެބިން ފަސާދަކޮށް ހެދުމަކީ ނުބައި މީހުން އަބަދުވެސް ކުރަމުން އަންނަ ކަންކަމެވެ. އެފަދަ ކަންކަމަށް އިންޒާރު ކުރައްވާ ރަސޫލާ صلى الله عليه و سلم ވަނީ އެކަމުގެ ނުބައިކަން އުއްމަތަށް ބަޔާންވެސް ކޮށްދެއްވައިފައެވެ. އެކަލޭގެފާނު ހަދީޡްކުރެއްވިއެވެ.
(( الْمَدِينَةُ حَرَمٌ، فَمَنْ أَحْدَثَ فِيهَا حَدَثًا، أَوْ آوَى مُحْدِثًا، فَعَلَيْهِ لَعْنَةُ اللهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ، لَا يُقْبَلُ مِنْهُ يَوْمَ الْقِيَامَةِ عَدْلٌ، وَلَا صَرْفٌ ))
މާނައީ :” މަދީނާއަކީ ޙަރަމެކެވެ. ފަހެ އެތަނުގައި ބިދުޢައެއް ހަދައިފިމީހާ ނުވަތަ ބިދުޢަވެރިއަކަށް ހިޔާވަހިކަންދީފިމީހާ (ދަންނައެވެ.) ފަހެ އޭނާއަށް ﷲއާއި މަލާއިކަތުންނާއި އެންމެހާ މީސްތަކުންގެ ލަޢުނަތްވެއެވެ. ޤިޔާމަތްދުވަހުން އޭނާގެ ކިބައިން ފަރުޟެއްވެސް އަދި ސުންނަތެއްވެސްޤަބޫލް ނުކުރައްވާނެތެވެ.” رواه مسلم
ޞަޙީޙުލްބުޚާރީ އާއި މުސްލިމްގައި ޢަލީ رضى الله عنه ގެކިބައިންވެސް މިޙަދީޘް ރިވާވެގެން އައިސްފައިވެއެވެ.
އިމާމު މުސްލިމު ޞަޢުދު ބިން އަބީވައްޤާޞް رضى الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.
((إِنِّي أُحَرِّمُ مَا بَيْنَ لَابَتَيِ الْمَدِينَةِ أَنْ يُقْطَعَ عِضَاهُهَا، أَوْ يُقْتَلَ صَيْدُهَا)) [رواه مسلم]
މާނައީ :”ހަމަކަށަވަރުން ތިމަންކަލޭގެފާނު ދެ ލާބައިގެ ދެމެދުގައިވާ މަދީނާގެ ބިން، އެތަނުގެ ގަސްކެނޑުމާއި ޖަނަވާރުތައް ޝިކާރަކުރުން ހަރާމް ކުރެއްވީމެވެ.”
ކަންމިހެން އޮތްއިރު އެތަނުގައި ދިރިއުޅެމުންދާ މުސްލިމުން ނުވަތަ ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ޙަމަލާދިނުމާއި އެމީހުން މަރާ މަދީނާގައި ބިރުވެރިކަމާއި ފަސާދަ އުފެއްދުމުގެ ހަރާމްކަން ބޮޑުވެގެންވެއެވެ. އުއްމަތުގައި މީސްތަކުން ކާފަރުކުރުމުގެ ފިކުރު ބޮޑުވެ ޖިހާދުގެ ނަމުގައި އިސްލާމީ އަޤީދާއާއި ދަލީލްތަކުގެ ނުބައި މަފްހޫމުގައި އެއްވެސް އުސޫލެއްނެތި މުސްލިމުން މަރަމުންދާ މެރުމުގެ ނުރައްކާ މިއަދު މަދީނާއަށް ފޯރާފައިވުމަކީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. ހަތް އުޑުގެ މަތީން އަމާންކުރެވިފައިވާ މިރަށްކޮޅުގައި ބޮން ގޮއްވާ މީހުންގެ ފުރާނައާއި މުދާ ދުއްވާލަމުންދަނީ އިސްލާމްދީނުގެ އަދާވާތްތެރިންކަމާއި މެދު އެއްވެސް މުސްލިމަކު ދެބަސް ނުވާނެއެވެ. މަދީނާގެ އަހުލުވެރިންނާއިމެދު ނުބައިކަންކަން ރާވާ މީހާއާއިމެދު ރަސޫލާ صلى الله عليه و سلم ބަޔާންކޮށްދެއްވައިފައިވެއެވެ.
ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙްގައި ޞަޢުދުބިން އަބީ ވައްޤާޞް رضى الله عنهގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ތިމަންކަލޭގެފާނު ނަބިއްޔާ صلى الله عليه و سلم ޙަދީޘްކުރައްވަނިކޮށް އަޑު އެއްސެވީމެވެ.
((لاَ يَكِيدُ أَهْلَ المَدِينَةِ أَحَدٌ، إِلَّا انْمَاعَ كَمَا يَنْمَاعُ المِلْحُ فِي المَاءِ ))
މާނައީ:” މަދީނާގެ އަހުލުވެރިންނާ ދެކޮޅަށް (ގެއްލުމެއް ދިނުމަށް) ރާވާ ކޮންމެ މީހަކު، ފެނުގެ ތެރެއަށް ލޮނު ގިރިގެންދާ ފަދައިން ހަލާކުވެ ދިޔުމަށް މެދުވެރި ކުރައްވައެވެ.”
މާތް ﷲ ނުބައި މީހުންގެ ނުބައި ޢަމަލުތަކާއި މަކަރުން މަދީނާ ރައްކާތެރި ކުރައްވާށި! އަދި އިސްލާމީ ބިންތައް ދީނުގެ އަދާވަތްތެރިންގެ ޙަމަލާތަކުން ސަލާމަތްކުރައްވާށި! އާމީން