[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الزلزلة ގެ ތަފްސީރު 2

يَوْمَئِذٍ تُحَدِّثُ أَخْبَارَهَا  “އަދި އެދުވަހުން އެ ބިންގަނޑު، އޭގެ ޚަބަރުތަކުގެ ވާހަކަ ދައްކާނެތެވެ.”

އެދުވަހުގައި ބިންގަނޑު ހެލިގަންނަ ހިނދުގައި، އެ ބިންގަނޑު އޭގެ ޚަބަރުތައް ދޭނެއެވެ. އެ ބިންގަނޑުގެ މަތީގައި މީސްތަކުން ކުޅަ ހެޔޮކަންތައްތަކާއި ނުބައިކަންތައްތަކުގެ ވާހަކައިން ޚަބަރުކުރާނެތެވެ. ބަންގިގޮވާ މީހާ ބަންގިގޮވާހިނދު، އެ އަޑުއަހާ ގަސްގަހާ ގެއްސާއި ހިލައާއި އެހެނިހެން ހުރިހާ ތަކެތިވެސް ޤިޔާމަތްދުވަހުގައި ހެކިވާނޭކަމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޘާބިތުވެފައިވެއެވެ. އެހެންކަމުން ބިންމަތީގައި ހިންގި ކަންކަމާމެދު އެ ބިންގަނޑު ހެކިދެނީއެވެ. އެއީ ﷲ ގެ ޢަދުލުވެރިކަން ބަޔާންކުރެއްވުމުގެ ގޮތުންނެވެ. އެހެނީ މީސްތަކުންނަށް އެނގުންވާ ކަންކަމުގެ މައްޗަށް މެނުވީ ﷲ ތަޢާލާ އެބައިމީހުންނަށް ޢިޤާބު ނުދެއްވައެވެ. އެބައިމީހުން ނުހިއްޕަވަތެވެ. ﷲ ތަޢާލާ ހުރިހާ ކަމެއް ދެނެވޮޑިގެންވެއެވެ. އަދި އެއިލާހުގެ އަޅުތަކުންގެ މައްޗަށް ޙުއްޖަތެއްގެ ގޮތުގައި “ތިބާ މިވެނި އެވެނި ކަމެއް ކުރީމު ނޫންހޭ” ވަޙީކުރެއްވުން، ފުދިގެންވެއެވެ. އެކަމަކު އެއިލާހު އެ ބިންގަނޑު އަދި އެހެނިހެން ތަކެތި އެ ހެކި ދެއްވާގޮތަށް އިރާދަކުރައްވަނީ އެއީ ޢަދުލުވެރިކަން ޤާއިމުކުރެއްވުމުގެ ގޮތުންނެވެ. އަދި މުޖުރިމުން އެކަމަށް އިންކާރު ނުކުރުމަށްޓަކައެވެ. އެހެނީ މުޖުރިމުން އެބައިމީހުން ޝިރުކުކުރިކަމަށް ދެކޮޅު ހަދައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ثُمَّ لَمْ تَكُن فِتْنَتُهُمْ إِلَّا أَن قَالُوا وَاللَّـهِ رَبِّنَا مَا كُنَّا مُشْرِكِينَ ﴿[الأنعام: 23﴾ މާނައީ: “ދެން ތިމަންމެންގެ ރައްބު ﷲ ގަންދީ ބުނަމުއޭ، ޝަރީކުކުޅަ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއޭ، އެއުރެން ބުނުން ނޫން ބަހަނާއެއް އެއުރެން ދައްކާކަށް ނެތެވެ.” އެހެނީ ތައުޙީދުގެ އަހުލުވެރިން ޢަޛާބުން ސަލާމަތްވާތަން އެބައިމީހުންނަށް ފެންނަހިނދު، އެބައިމީހުންވެސް ސަލާމަތްވާނޭކަމަށް ހީކޮށްގެން ޝިރުކުގެ ވާހަކަ ބުނެއެވެ. އެކަމަކު އެދުވަހުން ﷲ ތަޢާލާ އެބައިމީހުން އަނގަތަކުގައި ސިއްކަޖައްސަވާނެއެވެ. އަދި އެބައިމީހުން އަތްތައް އެދުވަހުގައި ވާހަކަ ދައްކާނެއެވެ. އެބައިމީހުންގެ ފައިތަކާއި އެބައިމީހުންގެ ގައިގެ ހަންވެސް އެދުވަހުގައި އެބައިމީހުން ކުޅަ ޢަމަލުތަކާބެހޭގޮތުން ހެކިވާނެއެވެ. ދެން އެހާރުން އެހެން ވާން ފެށުމުން އިންކާރު ކުރުމަކީ އެބައިމީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ކިއެއްތަ އެބައިމީހުން އެކަމުގެ މައްޗަށް އިޤްރާރުވެ އިޢުތިރާފުވާނެއެވެ. އެކަމަކު އެދުވަހުގައި ހިތާމަކުރުމަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ.

يَوْمَئِذٍ تُحَدِّثُ أَخْبَارَهَا  މި އާޔަތަކީ ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅުތަކުގެ {إِذَا زُلْزِلَتِ الأَرْضُ زِلْزَالَهَا * وَأَخْرَجَتِ الأَرْضُ أَثْقَالَهَا * وَقَالَ الإِنسَانُ مَا لَهَا * ޖަވާބުއް ޝަރުޠެވެ.

بِأَنَّ رَبَّكَ أَوْحَى لَهَا   މާނައީ: “އެއީ ކަލޭގެފާނުގެ ރައްބު، އެ ބިމަށް އެކަމަށް އަމުރު ކުރެއްވީތީއެވެ.”

އޭގެ މާނައަކީ ހަމަކަށަވަރުންވެސް ﷲ ތަޢާލާ އެބިމަށް އެކަމަށް ވަޙީކުރެއްވުމުގެ ސަބަބުންނެވެ. އެބިންގަނޑު އޭގެ ޚަބަރުތައް ކުރުމަށް އިޛުނަދެއްވުމުގެ ސަބަބުންނެވެ. ﷲ ތަޢާލާއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ. ﷲ ތަޢާލާ ކަމަކަށް އަމުރު ކުރައްވައިފިނަމަ އެކަމެއް ވެދެއެވެ. ޖަމާދާތުތަކަށް ވާހަކަ ދެއްކެވުމަށް އަމުރު ކުރެއްވުމުން އެ ޖަމާދާތުތައް ވާހަކަ ދައްކައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ ﴿ فصلت: 11﴾  މާނައީ: “ދެން ދުމެއްގެ ސިފައިގައި އުޑުވަނިކޮށް، އުޑުހައްދަވައި، ފުރިހަމަކުރެއްވުމަށް އެއިލާހު އިރާދަކުރެއްވިއެވެ. ފަހެ، އެއިލާހު އެ އުޑަށާއި، ބިމަށް ވަޙީކުރެއްވިއެވެ. ރުހުމުގައި، ނުވަތަ ނުރުހުމުގައިވިޔަސް (ފުރާފުރިހަމަވެގެން) އަންނާށެވެ. އެ އުޑާއި ބިން ދެންނެވިއެވެ. ތިމަންމެން ރުހުމުގައި އަތުވެއްޖައީމުއެވެ.”

ﷲ ތަޢާލާ ޤަލަމަށް ވަޙީކުރެއްވިއެވެ. “ލިޔާށެވެ.” ޤަލަމް ދެންނެވިއެވެ. “ރައްބެވެ. ލިޔަންވީ ކޮން އެއްޗެއްތޯއެވެ؟” ވަޙީކުރެއްވިއެވެ. “ޤިޔާމަތާ ޖެހެންދެން ވާނޭ ހުރިހާ ކަމެއް ލިޔާށެވެ.”

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( الْيَوْمَ نَخْتِمُ عَلَى أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُمْ بِمَا كَانُوا يَكْسِبُونَ ).[ يس: ٦٥] މާނައީ: “މިއަދު ތިމަންއިލާހު އެއުރެންގެ އަނގަތަކުގައި ސިއްކަޖައްސަވައި ބަންދުކުރައްވާހުށީމެވެ. އަދި އެއުރެންގެ އަތްތައް ތިމަންއިލާހަށް ބަސް ދަންނަވާނެތެވެ. އަދި އެއުރެން ހޯދައިގަތް ކަންތައްތަކާމެދު އެއުރެންގެ ފައިތައް ހެކިދޭނެތެވެ.”

ﷲ ޢައްޒަ ވަޖައްލަ އެއްޗަކަށް ނުވަތަ ފަރާތަކަށް ބަސްފުޅު ވަޙީކުރައްވައިފިނަމަ އެ އެއްޗެއް ﷲ ޢައްޒަ ވަޖައްލައާ ވާހަކަދައްކައެވެ.

يَوْمَئِذٍ تُحَدِّثُ أَخْبَارَهَا  “އަދި އެދުވަހުން އެ ބިންގަނޑު، އޭގެ ޚަބަރުތަކުގެ ވާހަކަ ދައްކާނެތެވެ.” މި އާޔަތުގައި يَوْمَئِذٍ (އެދުވަހުންނޭ) އޭ އެ ބުނެވެނީ ބިންގަޑު އެންމެފަހުގެ ހެލިގަތުމުން ހެލިގަންނަ ދުވަހަށެވެ.

(ނުނިމޭ)

މިލިޔުމުގެ އެހެނިހެން ބައިތައް