[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒަކާތާބެހޭ ފިޤްހު (9): މިލްކުވެރިކަމުގައިވާ މަންފާ ޙާޞިލުނުކުރެވޭ މުދަލުން ޒަކާތްދިނުން

މިލްކުވެރިކަމުގައިވާ މަންފާ ޙާޞިލުނުކުރެވޭ މުދަލުގެ މިސާލުތައް

މިލްކުވެރިކަމުގައިވާ މަންފާ ޙާޞިލުނުކުރެވޭ މުދަލުގެ މިސާލުތަކުގެ ތެރޭގައި؛ ގެއްލިފައިވާ މުދާ، ކަނޑަށް ވެއްޓިފައިވާ މުދާ، ފޭރިގެންފައިވާ މުދާ، ވެރިކަމުގެ ފަރާތުން ނަގާފައިވާ މުދާ ހިމެނެއެވެ. އަދި މީގެ ތެރޭގައި؛ ދަރަނިނެގިފަރާތުން އިންކާރުކުރާ، އަދި އެޙާލަތުގައި ދަރަނީގެ ވެރިފަރާތަށް ހެކިނުދެއްކި ޙައުލު (އެބަހީ؛ އަހަރު) ހަމަވެފައިވާ މުދަލާއި، ވަޅުލެވުނުތަން ނުއެނގި ސަހަރާގެ ތެރެއަށް ގެއްލިފައިވާ މުދާ ހިމެނެއެވެ.(1)

މިލްކުވެރިކަމުގައިވާ މަންފާ ޙާޞިލުނުކުރެވޭ މުދާ ލިބުމުން ޒަކާތްދިނުން

މިލްކުވެރިކަމުގައިވާ މަންފާ ޙާޞިލުނުކުރެވޭ މުދާ އަނބުރާލިބިއްޖެނަމަ، އެ މުދަލުން ޒަކާތްދޭނެގޮތާމެދު ޢިލްމުވެރިންގެ ބަސްފުޅުތައް ތަފާތުވެފައިވެއެވެ. އެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ބާރުގަދަ ދެބަސްފުޅަކީ؛

ފުރަތަމަ ބަސްފުޅަކީ؛ މިލްކުވެރިކަމުގައިވާ މަންފާ ޙާޞިލުނުކުރެވޭ މުދާ އަނބުރާލިބިއްޖެނަމަ، އެ މުދަލުން ޒަކާތްދޭކަށް ނުޖެހޭނެއެވެ. އަދި އެ މުދާ ލިބޭދުވަހުން ފެށިގެން ޙައުލު (އަހަރު) ގުނަން ފަށާނީއެވެ. މިއީ އަބޫ ޙަނީފާގެ މަޛްހަބެވެ.(2) އަދި މިއީ އަޙްމަދުގެ ބައެއް ރިވާޔަތްތަކުގައި އައިސްފައިވާގޮތެވެ.(3) އަދި ބައެއް ސަލަފުން ބޭކަލުންގެ ބަސްފުޅެވެ.(4) އަދި އިބްނު ޙަޒްމުއާއި(5) އިބްނު ތައިމިއްޔާ(6) އިޚްތިޔާރުކުރައްވާފައި ވަނީ މިގޮތެވެ.

ދަލީލުތައް؛
ފުރަތަމައީ؛ ޤުރުއާނުން

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ)) (الحج: 78)  މާނައީ: “އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ.”

ދަލީލުނެގޭ ގޮތް:

ވަގަށް ގެންގޮސްފައިވާ ނުވަތަ ފޭރިގެންފައިވާ މުދާފަދަ މިލްކުވެރިކަމުގައިވާ މަންފާ ޙާޞިލުނުކުރެވޭ މުދަލެއް އަލުން އަނބުރާ އަތަށް ލިބުމުން، ވޭތުވެގޮސްފައިވާ އަހަރުތަކަށް ޒަކާތް ދެއްކުމުގެ ތަކްލީފު އޮތުމަކީ އުނދަގޫވެގެންވާ ދަތިކަމެކެވެ. އެފަދަ ދަތިކަން ﷲ ތަޢާލާ ވަނީ ދޫކޮށްލައްވާފައެވެ.(7)

ދެވަނައީ؛ ސުންނަތުން

ރަސޫލާ ޞައްލަﷲ ޢަލައިވަސައްލަމަގެ ޙަޔާތްޕުޅުގައި މައްކާގެ ކާފަރުން ވަނީ މުސްލިމުންގެ މުދަލާއި ނަޢަމުސޫފިތައް އަތުލައިގެންފައެވެ. ކާފަރުން އަތުލައިގަތް ތަކެއްޗަށް ޒަކާތްދެއްކުމަށް އެއްވެސް މީހަކަށް އެކަލޭގެފާނު އަންގަވާފައެއްނުވެއެވެ.(8)

ތިންވަނައީ؛ ޒަކާތް ވާޖިބުވެފައިވަނީ މުދަލުގެ ޙަޤީޤަތުގައި ނުވަތަ އެ މުދަލާ ގުޅިގެން ޙާޞިލުވެ އިތުރުވާ މަންފާއާ ގުޅިގެންނެވެ. އެކަމުގެ ދަލީލަކީ؛ އިތުރުވާ މުދަލުން މެނުވީ ޒަކާތް ދައްކަން ނުޖެހުމެވެ. މިގޮތުން ބިންބިމަށާއި، އެފަދަ އިތުރުނުވާ ތަންތަނަށް ޒަކާތް ދައްކާކަށްނުޖެހެއެވެ. އެހެންކަމުން، މި ޙާލަތުގައި މުދަލުގެ ޙަޤީޤަތުގައި ނުވަތަ އެ މުދަލާ ގުޅިގެން މަންފާ ޙާޞިލެއް ނުވެއެވެ. އެއީ، އެ މުދާ ބޭނުންކުރުމުގެ ބާރުވެރިކަން ލިބިފައިނުވާތީއެވެ.(9)

ހަތަރުވަނައީ؛ މިލްކުވެރިކަމުގައިވާ މަންފާ ޙާޞިލުނުކުރެވޭ މުދަލުން މިލްކުވެރިޔާއަކަށް މަންފާ ޙާޞިލެއްނުކުރެވެއެވެ. އެއީ އެމީހާގެ ބާރުވެރިކަން އެ މުދަލުގެ މައްޗަށް ނުފޯރާތީއެވެ. އެހެންކަމުން، މިލްކުވެރިފަރާތަށް އެ މުދަލަކުން މަންފާ ހޯދުމަށް ކުޅަދާނަވެގެންނުވާކަމުގައިވާނަމަ، އެ މިލްކުވެރިފަރާތަކީ (ޒާކާތް ވާޖިބުވާ ފެންވަރުގެ) މުއްސަންޖެއްކަމުގައެއްނުވާނެއެވެ. (ޒާކާތް ވާޖިބުވާ ފެންވަރުގެ) މުއްސަންޖެއްގެ މައްޗަށް މެނުވީ ޒަކާތް ވާޖިބުވެގެންނުވެއެވެ.(10)

ފަސްވަނައީ؛ މުދަލުން ޒަކާތް ވާޖިބުވުމުގެ ޝަރުޠުތަކުގެ ތެރޭގައި؛ ފުރިހަމައަށް މިލްކުވުން ޝަރުޠުވެގެންވެއެވެ. މި ޙާލަތުގައި އެ ޝަރުޠު ފުރިހަމައެއް ނުވެއެވެ. އެހެނީ، އެ މިލްކުވެރިފަރާތް ވަންނާނީ އަތުގައި އެ އެއްޗެއް ނެތި އޭގެ އަޞްލު އެމީހާއަށް މިލްކުވެގެންވާ މިލްކުވެރިންގެ ތެރެއަށެވެ.(11) އެ މުދާ އެވަނީ މިލްކުވެރިފަރާތުގެ އަތުން ބީވެ، އޭނާގެ ބާރުވެރިކަން ނުހިނގާ ހިސާބެއްގައެވެ. ފަހެ، އެހެންކަމުން، އެ މުދަލުން ޒަކާތްދިނުން ވާޖިބުވެގެންނުވެއެވެ. މިނިވަންވުމަށް އެއްބަސްވެފައިވާ އަޅުމީހާގެ އަތުގައި މުދާ ހުރުމުން ޒަކާތްދޭން ނުޖެހޭ ފަދައިންނެވެ.(12)

ދެވަނަ ބަސްފުޅަކީ؛ އެފަދަ މުދަލެއްގެ މިލްކުވެރިފަރާތަށް އެމުދާ ލިބިއްޖެނަމަ، އެންމެ އަހަރަކަށް މެނުވީ ޒަކާތް ދެއްކުން ވާޖިބުވެގެންނުވެއެވެ. (އެބަހީ؛ އަތަށް ލިބުމާއެކު އެއް އަހަރަށް ޒަކާތް ދައްކާނީއެވެ.) މިއީ މާލިކީ މަޛްހަބުގައި އައިސްފައިވާގޮތެވެ.(13) އަދި ސަލަފުންގެ ތެރެއިންވެސް ބައެއްބޭކަލުންގެ ބަސްފުޅުތައް އައިސްފައިވަނީ މިގޮތަށެވެ.(14) އަދި އިބްނު ޢުޘައިމީން މިގޮތް އިޚްތިޔާރުކުރައްވާފައިވެއެވެ.(15)

ދަލީލުތައް؛

ފުރަތަމައީ؛ ޒަކާތް ވާޖިބުވެގެންވަނީ ކަނޑައެޅިގެންވާ ޚާއްޞަ މުދަލަކަށް،އެ މުދާ އިތުރުކޮށް ފައިދާ ޙާޞިލުކުރެވޭފަދަ ޙާލަތެއްގައި ވާނަމައެވެ. އެހެންމީހެއްގެ އަތުގައިވާ މުދަލަކަށް ނޫނެވެ. އެހެންކަމުން، މިފަދަ މުދާ އެވަނީ އެ މުދަލުގެ މިލްކުވެރި ފަރާތުގެ އަތުން ބީވެ، އެ މުދަލުން ފައިދާ ޙާޞިލުކުރުމުން މަނާވެފައެވެ. އެހެންކަމުން، އަތުން ބީވެ ގޮސްފައިވާ އަހަރުތަކަށް ޒަކާތް ދެއްކުން ވާޖިބެއްނުވާނެއެވެ.(16)

ދެވަނައީ؛ މި ޙާލަތުގައި ޙައުލު (އަހަރު) ގެ ދެކޮޅުގައި މިލްކުވެރިޔާގެ އަތުގައި މުދާ އެބަހުއްޓެވެ. މުދާ ބީވެގެންދިޔުމާއި އަތަށް އަނބުރާ ލިބުމާ ދެމެދު ކިތަންމެ ގިނަ އަހަރެއް ވޭތުވެދިޔަނަމަވެސް މެއެވެ. އެހެންކަމުން، އަހަރުގެ ދެކޮޅުގައި މިލްކުވެރިފަރާތުގެ އަތުގައި މުދާ ހުރީތީވެ، އެއް އަހަރުކަމުގައި ބަލާނީއެވެ. އަދި މުދާ ބީވެގެންދިޔުމާއި އަތަށް އަނބުރާ ލިބުމާ ދެމެދުގައިވާ ދުވަސްތަކަށް ބެލުމެއްނެތެވެ. އެހެނީ، ފޭރޭމީހަކު މުދާ ފޭރިގަތުމަށްފަހު، އަނެއްދުވަހު އަނބުރާ ދީފިކަމުގައިވާނަމަ، އެކަމަކީ އެ ހިނގަމުންދާ އަހަރުގެ ޒަކާތްދޭންނުޖެހޭނެކަމަށް ބެލެވޭނެ ކަމެއް ނޫނެވެ. އަދި މުދާ ފޭރިގަތުމަށްފަހު، އަނބުރާ ނުލިބި އަހަރުވެއްޖެނަމަ، އަނބުރާ ލިބިއްޖެއުމަށްދާންދެން އެ މުދަލަށް ޒަކާތް ދެއްކުން ވާޖިބެއް ނުވާނެއެވެ. އެހެންކަމުން، ބަލާނީ އަހަރުގެ ދެކޮޅުގައި މިލްކުވެރިޔާގެ އަތުގައި މުދާ ހުރުމަށެވެ.(17)

(ނުނިމޭ)

_______________________

(1) ((بدائع الصنائع)) للكاساني (9/2).

(2) ((فتح القدير)) للكمال ابن الهمام (2/164). ((تبيين الحقائق)) للزيلعي (1/256).

(3) ((المغني)) لابن قدامة (3/73)، ((شرح الزركشي على مختصر الخرقي)) (2/520، 521).

(4) އައްޒަރްކަޝީ ވިދާޅުވެފައިވެއެވެ. “(މިފަދައިން) ޢުޘްމާނުގެފާނާއި، އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމްގެ ކިބައިން ރިވާވެފައިވެއެވެ. މިލްކުވެރިކަމުގައިވާ މަންފާ ޙާޞިލުނުކުރެވޭ މުދަލުން ޒަކާތްދޭން ނުޖެހޭނެކަމަށް އެ ދެބޭކަލުން ވިދާޅުވެފައިވެއެވެ.” ((شرح الزركشي على مختصر الخرقي)) (2/521). އަލްކަމާލު ބުނުލް ހުމާމް ވިދާޅުވެފައިވެއެވެ. “އަހަރެމެންނަށް ވަނީ ޢަލީ ރަޟިޔަﷲ ޢަންހުގެ ބަސްފުޅެވެ. (އެއީ) މިލްކުވެރިކަމުގައިވާ މަންފާ ޙާޞިލުނުކުރެވޭ މުދަލުން ޒަކާތްދޭކަށް ނުޖެހޭނެއެވެ.” ((فتح القدير)) (2/166).

(5) އިބްނު ޙަޒްމު ވިދާޅުވެފައިވެއެވެ. “ގެއްލިފައިވާ ނުވަތަ ފޭރިގެންފައިވާ ނުވަތަ ވީނުވީތަނެއް ނޭނގޭ މުދަލުގެ މިލްކުވެރިމީހާގެ މައްޗަށް އެ މުދަލުން ޒަކާތްދޭކަށް ނުޖެހޭނެއެވެ. އެއީ ކޮންމެ ވައްތަރެއްގެ މުދަލެއް ނަމަވެސްމެއެވެ. އެ މުދާ ކޮންމެވެސް ދުވަހަކުން އަނބުރާލިބިއްޖެނަމަ، އެ ލިބުނު ދުވަހުން ފެށިގެން ޙައުލު (އަހަރު) ގުނަން ފަށާނީއެވެ. އަދި ވޭތުވެދިޔަ ދުވަސްތަކަށް ޒަކާތްދޭކަށް ނުޖެހޭނެއެވެ. ފަހެ، މުދާ ފޭރުނުމީހާ، އެ މުދަލަށް ޖާމިނުވެ، ޒަކާތްދެއްކި ކަމުގައިވީނަމަވެސް، އަދި އެ މުދަލުގެ ވެރިމީހާގެ ފަރާތުން ޒަކާތްދެއްކުމަށް ޖާމިނުވިކަމުގައިވީނަމަވެސް (އެމުދަލުން) ޒަކާތްދިންކަމުގައެއް ނުވާނެއެވެ. އެހެނީ، މުދަލުގެ ވެރިފަރާތުން، އެމީހާގެ އެހެންމުދާތައް ނޫން، ހަމައެކަނި އަނބުރާލިބުނު މުދަލަށް ޒަކާތްދިނުމަށް ބޭނުންވެއްޖެނަމަ، އެމީހަކަށް ހަމައެކަނި އެމުދަލަށް ޒަކާތް ނެރެވިދާނެކަމާމެދަކު މުޅި އުއްމަތުގައި ޚިލާފެއް އައިސްފައެއްނުވެއެވެ. އަދި އަނބުރާލިބުނު މުދާ ނޫން އެމީހާ ނުވިއްކާހުރި މުދަލުން ނުވަތަ އަމިއްލަ އިޚްތިޔާރުގައި ކުރިން ޒަކާތްދައްކާފައިވާ މުދަލުން ޒަކާތް ދޭކަށް ނުޖެހޭނެއެވެ. އެހެނީ، މިޙާލަތުގައި އެމީހަކު އެ ޒަކާތްނެރެނީ ހަމައެކަނި އަނބުރާލިބުނު މުދަލަށެވެ. ފަހެ، މިއިޖުމާޢުގެ ސަބަބުން ބާރުނުފޯރާ ހިސާބެއްގައިވާ މުދަލުން ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ. އަދި މިގޮތަށް މި މައްޞަލަ ޞައްޙަވާއިރު، ފޭރިގެންފައިވާ ނުވަތަ ގެއްލިފައިވާ، ނުވަތަ އެމުދަލެއް ބޭނުންނުކުރެވޭ ހިސާބެއްގައިވާ މުދަލަކަށް ޒަކާތް ދެއްކުމަކީ އެމީހަކަށް ކުޅަދާނަކަމަކަށް ނުވާނެއެވެ. އެހެންކަމުން، އެ މުދަލަކަށް ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ. މިއީ ފަސޭހައިން ލިބޭނެގޮތަކަށް ވަޅުލާފައިވާ ނުވަތަ މީހެއްގެ އަތަށް ރައްކާކުރުމަށް ޙަވާލުކޮށްފައިވާ މުދާފަދަ މުދަލަކަށް ނުވާނެއެވެ. އެހެންކަމުން، ފުރިހަމަ ހެއްކާއެކު ޒަކާތްދެއްކުމުގެ ތަކުލީފު ފިލާފައިވަނިކޮށް، އެ ތަކުލީފު ޖެހޭނީ ނައްޞަކުން ނުވަތަ އިޖުމާޢުއަކުން ދަލީލު ލިބިގެންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަޔާތްޕުޅުގައި، ކާފަރުން ވަނީ މުސްލިމުންގެ މުދާތައް އަތުލައިގެންފައެވެ. ކާފަރުން އެ އަތުލައިގަތް މުދަލަށް ޒަކާތް ދެއްކުމަށް އެކަލޭގެފާނު އެއްވެސް ބޭކަލަކަށް އަންގަވާފައެއްނުވެއެވެ. ވައްކަންކޮށްގެން ގެންގޮސްފައިވާ މުދަލުންނާއި، ފޭރިގެން ގެންގޮސްފައިވާ މުދަލުންނާއި، ލެވުނުތަނެއް ނޭނގުނު މުދަލުން ޒަކާތްދެއްކުމަށް ބުނުމަކީ އުނދަގޫކަމަކަށްވާނެކަމެކެވެ. އެފަދަ އުނދަގޫތައް ﷲ ވަނީ ޢަފޫކުރައްވާފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ((وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ)) (الحج: 78) މާނައީ: “އަދި ދީނުގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ.” ((المحلى)) (4/208)  رقم (690).

(6) އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. “ފަހުން އަދާކުރުމަށް މީހަކަށްދީފައިވާ ދަރަނިން، ނުވަތަ ދަތިއުނދަގުލުން ދަރަނިދެއްކޭފަދަމީހަކަށް، ނުވަތަ ފަހުން ދޭނަމޭ ބުނެ ދަރަނި އަދާކުރުން ދިގުދައްމާމީހަކަށް، ނުވަތަ ދަރަނިއަދާކުރަން ދެކޮޅުހަދާމީހަކަށް ދީފައިވާ ދަރަނިން ޒަކާތްދިނުން ވާޖިބެއް ނުވާނެއެވެ. އަދި ފޭރިގެންނާއި ވައްކަންކޮށްގެން ގެންދިޔަ މުދަލަކަށާއި، ގެއްލިފައިވާ މުދަލަކަށާއި، ވަޅުލުމަށްފަހު ވީނުވީތަނެއް ނޭނގުނު މުދަލަކަށާއި، މުދާވީ ކާކުގެ އަތުގައިކަން ނޭނގޭ މުދަލަކަށް ޒަކާތްދިނުން ވާޖިބުވެގެންނުވެއެވެ. އަދި އަތަށް އަނބުރާލިބުނު ނަމަވެސް ޒަކާތްދޭކަށް ނުޖެހޭނެއެވެ. މިއީ އަޙްމަދުގެ ކިބައިން އައިސްފައިވާ ރިވާޔަތެއްގައި ވާގޮތެވެ. އަދި ބައެއް ޞަޙާބީ ބޭކަލުން މިގޮތް އިޚްތިޔާރުކުރައްވައި ޞައްޙަ ކުރައްވާފައިވެއެވެ. އަދި މިއީ އަބޫ ޙަނީފާގެ ބަސްފުޅުވެސްމެއެވެ.” ((الفتاوى الكبرى)) (5/369).

(7) ((المحلى)) لابن حزم (4/208) رقم (690).

(8) ((المحلى)) لابن حزم (4/208) رقم (690).

(9) ((شرح الزركشي على مختصر الخرقي)) (2/521)، ((فتح القدير)) للكمال ابن الهمام (2/166).

(10) ((بدائع الصنائع)) للكاساني (2/9).

(11) ((حاشية ابن عابدين)) (2/259، 260).

(12) ((المغني)) لابن قدامة (3/73).

(13) ((المنتقى شرح الموطأ)) لأبي الوليد الباجي (2/113)، ((شرح مختصر خليل)) للخرشي (2/180).

(14) ޝަމްސުއްދީން އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ. “ޢުމަރު ބިން ޢަބްދުލްޢަޒީޒާއި، އަލްޙަސަންއާއި، އައްލައިޘުއާއި، އަލްއަޥްޒާޢީއާއި، މާލިކުގެ ކިބައިން އައިސްފައިވެއެވެ. (އެފަދަ އަތުން ބީވެގޮސްފައިވާ މުދަލެއް) އަތަށް ލިބުމުން އެއް އަހަރަށް ޒަކާތް ދޭނީއެވެ. އެހެނީ، ޙައުލު (އަހަރު) ގުނަން ފެށިފައިވަނީ މިލްކުވެރިޔާގެ އަތުގައި އެ މުދާ ހުއްޓައެވެ. ދެން އޭގެފަހުގައި އަނެއްކާވެސް އަތަށް އެ މުދާ އަރައިފިނަމަ، ވާޖިބުވެގެންވަނީ އެއް އަހަރުގެ ޒަކާތް ދެއްކުމެވެ.” ((الشرح الكبير)) (2/443).

(15) އިބްނު ޢުޘައިމީން ވިދާޅުވެފައިވެއެވެ. “ދޭނަމޭ ބުނެ ދަރަނި ދިނުން ދިގުދައްމާ މީހާއަށާއި، އުނދަގުލުން ދަރަނި އަދާކުރެވޭފަދަ މީހަކަށް ދީފައިވާ ދަރަނި ދަންނައެވެ. އެފަދަ ދަރަންޏަކަށް ޒަކާތް ދޭކަށް ނުޖެހޭނެއެވެ. އެފަދަ މީހެއްގެ އަތުގައި އެ ދަރަނި ދިހަ އަހަރު ވަންދެން ހުރިނަމަވެސްމެއެވެ. އެހެނީ، ދަރަނީގެ މިލްކުވެރިފަރާތަށް އެވަނީ އެމުދަލަށް ބާރުފޯރުވުމުގެ ބާރުވެރިކަން ގެއްލިފައެވެ. އެހެންނަމަވެސް، އެ ދަރަނި އަނބުރާ އަތަށް ލިބިއްޖެނަމަ، އެ ލިބުނު އަހަރަށް އެއްފަހަރު ޒަކާތް ދައްކާނީއެވެ. ވޭތުވެދިޔަ އަހަރުތަކަށް ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ. ޝައިޚު މުޙައްމަދު ބިން ޢަބްދުލްވައްހާބާއި އެބޭފުޅާގެ ކާފަދަދަރިދަރިކަލުން (رحمهم الله) ނާ ބެހޭގޮތުން ލިޔުއްވާފައިވާ ޙާޝިޔާގައި އައްޝައިޚް އަލްޢަންޤަރީ މި ބަސްފުޅު ގެންނަވާފައިވެއެވެ. އަދި މިއީ އިމާމް މާލިކު ރަޙިމަހުﷲ ގެ ބަސްފުޅުވެސްމެއެވެ. އަދި ރާޖިޙު ގޮތަކީވެސްމިއެވެ. އޭގފަހުގައި ވިދާޅުވެފައިވެއެވެ. މި ވައްތަރުގެ މުދަލުގެ މިސާލުތަކުގެ ތެރޭގައި؛ ވަޅުލުމަށްފަހު ވަޅުލެވުނުތަން ހަނދާންނެތިފައިވާ މުދާ ހިމެނެއެވެ. ފަހެ، މީހަކު އެމީހާގެ މުދާ ވަގަށް ނަގައިފާނެތީވެ، މުދާ ވަޅުލުމަށްފަހު، ވަޅުލެވުނުތަން ހަނދާންނެތުނީއެވެ. މި ޙާލަތުގައި މުދާ ވަޅުލެވުނުތަން ހަނދާންވެގެން އެ މުދާ ފެނިއްޖެނަމަ، ހަމައެކަނި އެ އަހަރަށް ޒަކާތް ދައްކާނީއެވެ. ހަމަމިފަދައިން، ވަގަށް ގެންގޮސްފައިވާ މުދަލެއް ވަގަށް ގެންދިޔަމީހާގެ އަތުގައި އެތައް އަހަރެއްވަންދެން ހުރުމަށްފަހު، އެ މުދާ އަނބުރާ ލިބިއްޖެނަމަ، އެއް އަހަރަށް ޒަކާތް ދައްކާނީއެވެ. އެއީ އުނދަގުލުން ދަރަނި އަދާކޮށް ޚާލާޞްކުރެވޭނެ މުއްދަތެއް ނޭނގޭ މީހަކަށް ދީފައިވާ ދަރަނި ފަދއިންނެވެ.” ((الشرح الممتع)) (6/27، 28).

(16) ((المنتقى شرح الموطأ)) لأبي الوليد الباجي (2/113).

(17) ((المنتقى شرح الموطأ)) لأبي الوليد الباجي (2/113).

_____________________

ޒަކާތާބެހޭ ފިޤްހުގެ ކުރީގެ ލިޔުންތައް