ދެވަނައީ: އަލްޙާފިޡް އިބްނު ޙިއްބާނު އެކަލޭގެފާނުގެ ސަނަދުން އަބޫ ނަޞްރު ބިން ޙައްމާދު އަލްވައްރާޤުއާ ހަމައަށް ގުޅާލަމުން ބަޔާންކުރެއްވިއެވެ. [1] އެކަލޭގެފާނު ވިދާޅުވިއެވެ.
“ޝުޢުބާ ބިން ޙައްޖާޖުގެ ގޭ ދޮރުމަތީގައި ޙަދީޘް މުރާޖަޢާކުރަން ތިމަންމެން ތިބީމެވެ. ފަހެ، ތިމަން ދެންނެވީމެވެ. އަބޫ އިސްޙާޤުގެ އަރިހުން އިސްރާއީލު ތިމަންމެންނަށް ކިޔައިދެއްވިއެވެ. (އަބޫ އިސްޙާޤު) ރިވާކުރެއްވީ ޢަބްދުﷲ ބުން ޢަޠާގެ އަރިހުންނެވެ. (ޢަބްދުﷲ ބުން ޢަޠާ) ރިވާކުރެއްވީ ޢުޤްބާ ބުން ޢާމިރުގެ އަރިހުންނެވެ. (ޢުޤްބާ ބުން ޢާމިރު) ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ވުޟޫކުރާއިރު ފުރިހަމައަށް ވުޟޫކުރާމީހާ ދަންނައެވެ. ސުވަރުގެއިން އޭނާ ބޭނުން ދޮރުކޮޅަކުން ވަދެވޭނެއެވެ.”‘ [2]
ފަހެ، ތިމަން މިޙަދީޘް ކިޔައިދެނިކޮށް ޝުޢުބާ ނުކުމެވަޑައިގަތެވެ. އަދި ތިމަން ގައިގައި ޖައްސަވާފައި ވިދާޅުވިއެވެ.
“އޭ މިހިރަ މޮޔަމީހާއެވެ. ޢަބްދުﷲ ބުން ޢަޠާގެ އަރިހުން އަބޫ އިސްޙާޤު ރިވާކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެކަލޭގެފާނު ރިވާކުރެއްވީ ޢުޤްބާ ބުން ޢާމިރުގެ އަރިހުންނެވެ. ފަހެ، ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ އަބޫ އިސްޙާޤެވެ. ޢަބްދުﷲ ބުން ޢަޠާ (އެ ޙަދީޘް) ޢުޤްބާ ބުން ޢާމިރުގެ އަރިހުން ރިވާކުރައްވާތީ އަޑުއެއްސެވިން ހެއްޔެވެ؟ (އަބޫ އިސްޙާޤު) ވިދާޅުވިއެވެ. “ޢަބްދުﷲ ބުން ޢަޠާ ވިދާޅުވާތީ ތިމަން އަޑު އެހީމެވެ.” ތިމަންކަލޭގެފާނު (އަނެއްކާވެސް) ދެންނެވީމެވެ. ޢަބްދުﷲ ބުން ޢަޠާ (އެ ޙަދީޘް) ޢުޤްބާ ބުން ޢާމިރުގެ އަރިހުން ރިވާކުރައްވާތީ އަޑުއެއްސެވިން ހެއްޔެވެ؟ ފަހެ، (އަބޫ އިސްޙާޤު) ވިދާޅުވިއެވެ. “ތިބާ ހަނުހުންނާށެވެ.” ފަހެ، ތިމަންކަލޭގެފާނު ދެންނެވީމެވެ. ތިމަންކަލޭގެފާނު ހަނުނުހުންނަވާނަމެވެ. ފަހެ، އެވަޤުތު މިސްޢަރު ބިން ކިދާމު ތިމަންނާއާ ދިމާއަށް ބައްލަވާފައި ވިދާޅުވިއެވެ. “އޭ ޝުޢުބާއެވެ. ޢަބްދުﷲ ބުން ޢަޠާއު އަދި ދުނިޔޭގައި އެބަ ހުންނެވިއެވެ. އުޅުއްވަނީ މައްކާގައެވެ.”
ފަހެ، ތިމަންކަލޭގެފާނު މައްކާއަށް ވަޑައިގަތުމަށްޓަކައި ނުކުމެވަޑައިގަތީމެވެ. އަދި އެތަނުންތިމަންކަލޭގެފާނަށް ޢަބްދުﷲ ބުން ޢަތާއާ ބައްދަލުވިއެވެ. ފަހެ، ތިމަންކަލޭގެފާނު ދެންނެވީމެވެ. ވުޟޫއާ ބެހޭ ޙަދީޘެވެ. (އެބަހީ: އެ ޙަދީޘާ ބެހޭގޮތުން ވިދާޅުވެ ދެއްވާށެވެ.) (ޢަބްދުﷲ ބުން ޢަތާ) ވިދާޅުވިއެވެ. “އެއީ ޢުޤްބާ ބިން ޢާމިރުގެ އަރިހުންވާ ޙަދީޘެކެވެ.” ދެން ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ﷲ ތިބާއަށް ރަޙުމަތް ލައްވާށިއެވެ. އެކަލޭގެފާނުގެ އަރިހުން ކަލޭގެފާނު އަޑުއެއްސެވީމު ހެއްޔެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. “ނޫނެކެވެ. ތިމަންކަލޭގެފާނަށް ކިޔައިދެއްވީ ސަޢުދު ބިން އިބްރާހީމެވެ.”
ދެން މާލިކު ބިން އަނަސް ޙައްޖުގައި އުޅުއްވަނިކޮށް ތިމަންކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތީމެވެ. އަދި ސަޢުދު ބިން އިބްރާހީމް އާ ބެހޭގޮތުން އެކަލޭގެފާނުގެ އަރިހުގައި ސުވާލު ދެންނެވީމެވެ. ފަހެ، އެކަލޭގެފާނު ތިމަންކަލޭގެފާނަށް ވިދާޅުވިއެވެ. “އެކަލޭގެފާނު މި އަހަރު ޙައްޖަށް ވަޑައިނުގަންނަވައެވެ.”
ދެންފަހެ ތިމަންކަލޭގެފާނު ޙައްޖުން ނިމިގެން ވަޑައިގަތީ މަދީނާއަށެވެ. ފަހެ، އެތަނުން ސަޢުދު ބިން އިބްރާހީމާ ބައްދަލުވުމުން ދެންނެވީމެވެ. ވުޟޫއާ ބެހޭ ޙަދީޘެވެ. (އެބަހީ: އެ ޙަދީޘާ ބެހޭގޮތުން ވިދާޅުވެ ދެއްވާށެވެ.) (ސަޢުދު ބިން އިބްރާހީމް) ވިދާޅުވިއެވެ. އެ ޙަދީޘް އައީ ކަލޭގެފާނުގެ ރަށުންނެވެ. (އެބަހީ: ބަޞްރާއިންނެވެ.) ތިމަންކަލޭގެފާނަށް ކިޔައިދެއްވީ ޒިޔާދު ބިން މިޚްރާޤެވެ.”
ފަހެ، ތިމަންކަލޭގެފާނު އެނބުރި ބަޞްރާއަށް ވަޑައިގަތީއެވެ. ދެން ޒިޔާދު ބިން މިޚްރާޤާ ބައްދަލުވިއިރު ތިމަންކަލޭގެފާނުވަނީ ކުލަ ބަދަލުވެ ހެދުން ބާވެ އިސްތަށިވެސް ގިނަވެފައެވެ. (ޒިޔާދު ބިން މިޚްރާޤް) ވިދާޅުވިއެވެ. “ތިޔަ ވަޑައިގަތީ ކޮން ތަނަކުން ހެއްޔެވެ؟” ދެން އެ ވާހަކަ ތިމަންކަލޭގެފާނު އެކަލޭގެފާނަށް ކިޔައިދެއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. “އެ ޙަދީޘަށް ކަލޭގެފާނު ބޭނުމެއް ނުވާނެއެވެ.” ތިމަންކަލޭގެފާނު ދެންނެވީމެވެ. ކޮންމެހެންވެސް ވިދާޅުވެދެއްވާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ނޫނެކެވެ. ކަލޭގެފާނު ގައިން ޠާހިރުވެ، ހެދުންކޮޅު ދޮންނެވުމުން މެނުވީ ކިޔައި ނުދެއްވާނަމެވެ.” ދެން ތިމަންކަލޭގެފާނު ފެންވަރާ ތަނަކަށް ވަންނަވާ ތިމަންކަލޭގެފާނުގެ ހެދުންކޮޅު ދޮވެގެން ވަޑައިގަތީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. “އެޙަދީޘް ކިޔައިދެއްވީ އަބޫ ރައިޙާނާގެ އަރިހުން ޝަހްރު ބިން ޙައުޝަބެވެ.” ތިމަންކަލޭގެފާނު ދެންނެވީމެވެ. މި ޙަދީޘް މި ވަނީ ސަނަދު ގާތްވުމަށްފަހު ދެން ދުރުވެފައެވެ. (އެބަހީ: ފެށިއިރު ހީކުރިގޮތަށް ގާތް ސަނަދަކުން އައިސްފައެއް ނޫނެވެ.) އެ ނައްތަވާލައްވާށެވެ. ތިޔައީ އެއްވެސް އަޞްލެއް ނެތް ވާހަކައެކެވެ.” ” [3]
= ނުނިމޭ =
______________________
[1] كتاب المجروحين (1 / 28 – 29)
[2] އަޅުގަނޑަށް ފެނިފައިވާ މަޞްދަރުތަކުގައި މިލަފްޡުން މިޙަދީޘް އައިސްފައި ނުވެއެވެ. ނަމަވެސް އިބްނު ޢުމަރު رضي الله عنه ގެ އަރިހުން ތިރްމިޛީ ރިވާކުރެއްވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((مَنْ تَوَضَّأَ فَأَحْسَنَ الوُضُوءَ ثُمَّ قَالَ: أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ، وَاجْعَلْنِي مِنَ الْمُتَطَهِّرِينَ، فُتِحَتْ لَهُ ثَمَانِيَةُ أَبْوَابِ الجَنَّةِ يَدْخُلُ مِنْ أَيِّهَا شَاءَ)). ۱ / ٧٧ -٧ كتاب الطهارة – باب فيما يقال بعد الوضوء. وانظر: طرق الحديث وتخريجه في إرواء الغليل للألباني ۱ / ۱۳٤ ح ٩٦.
[3] މިދެ މިޘާލުގައި ފެނިގެން މިދިޔައީ ސަލަފުންގެ ބޭކަލުން ވެވަޑައިގަން ބޮޑު ޤުރުބާނީއެވެ. އެއީ ދީން ޤަބޫލުނުކުރާ މީހުންނާއި މުނާފިޤުންގެ ކިބައިން ސުންނަތް ޙިމާޔަތްކުރުމަށް އެބޭކަލުން ކޮށްފައިވާ ކަންތައްތަކެކެވެ. އަދި ﷲ ގެ ރަސޫލާ صلى الله عليه وسلم އަށް ނިސްބަތްކޮށް ހަދާފައިވާ ދޮގުތަކުން އެކަލޭގެފާނު ދިފާޢުކުރެއްވުމަށެވެ. މިދެއިމާމުން ކުރައްވާފައިވާ ކަންތައްތަކަކީ އެބޭކަލުން ކުރެއްވި ގިނަގުނަ ކަންތައްތަކުން މަދު މިންވަރެކެވެ. މާތް ﷲ އެބޭކަލުންނަށް ރުއްސުން ލައްވާށިއެވެ. އެކަންކަމަކީ ދީނަށް ޚިދުމަތްކުރުމުގެ ތެރެއިން ހިމެނޭ ކަންތައްތަކެވެ. މިޘާލުތަކުން ދައްކުވާދެނީ އެބޭކަލުންގެ ކިބައިގައިވާ ކެތްތެރިކަމާއި ޢިލްމު ހޯދުމުގައި ޘާބިތުކަމާއެކު ކުރެއްވި މަސައްކަތްތަކެވެ. އަދި އެކި މައްސަލަތައް ދިރާސާކުރެއްވުމުގައި ފަރުވާ ބެހެއްޓެވި މިންވަރެވެ. އަދި ކަންކަން ރަނގަޅު ކުރެއްވުމަށް އުފުލެއްވި ބުރައެވެ. އަދި އެއަށްފަހު އެފެތުރެއްވުމުގައްޔާއި އުނގަންނަވާދެއްވުމުގައި ކުރި ބުރަ މަސައްކަތްތަކެވެ. ފަހެ، މިއަދުގެ ދީން ކިޔަވާ ކުދިންގެ ކިބައިގާ މިކަންކަން ކޮބާ ހެއްޔެވެ. ﷲ ގެ ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށް ޚިދުމަތްކުރުމުގައްޔާއި އެފެތުރުމުގައްޔާއި އުނގަންނަވާދިނުމުގައި ކޮށްދެވެނީ ކޮންކަމެއް ހެއްޔެވެ!