ފުރަތަމައީ: އެއްވެސް ވަރަކަަށް ސުންނަތް ޤަބޫލުނުކުރުން
މިގޮތަށް ދެކޭ މީހުން ބުނަނީ ހަމައެކަނި ޤުރުއާނުން ފުދޭނެކަމުގައެވެ. އަދި އިސްލާމްދީނަކީ އެއީ ކަމުގައެވެ. އަދި ސުންނަތަށް ބޭނުންޖެހިގެން ނުވާކަމުގައެވެ. މިގޮތަށް ބުނާ މީހުން ކުރެ ބައެއް މީހުން، ނަމާދާއި ޒަކާތާ އަދި އެފަދަ ކަންކަމުގައި ޢަމަލީ ގޮތުން ބޭނުންޖެހޭ ސުންނަތުން ވާރިދުވެފައިވާ ކަންކަން އިސްތިޘްނާކުރެއެވެ.
މިފިކުރުގެ ކުރިފަޅައިގެން އައިސްފައިވަނީ ޞަޙާބީ ބޭކަލުންގެ ޒަމާނުގެ ފަހު ކޮޅުގައެވެ. އެގޮތުން އެޒަމާނުގައި އުޅުނު ބައެއް މީހުންނާ މިކަމާ ގުޅުން ހުރި ޙާދިޘާތައް ހިނގާފައިވެއެވެ. އަންނަނިވި ނުކުތާތަކުގައި އެވަނީ އޭގެ ބައެއް މިޘާލުތަކެވެ.
1- ޙަސަނުލް ބަޞަރީ ރިވާކުރެއްވިއެވެ. ޢިމްރާނު ބިން ޙުޞައިނު އެކަލޭގެފާނާ އެކުގައި އުޅުއްވާ ބޭކަލުންނާއެކު މަޖުލީހުގައި އިންނެވިއެވެ. ފަހެ އެތަނުން މީހަކު ބުނެފިއެވެ. “ޤުރުއާނުން މެނުވީ އަހަރުމެންނަށް ކިޔައި ނުދޭށެވެ.” ފަހެ، އެމީހެއް ގާތުގައި ގާތް ވުމަށް އެކަލޭގެފާނު ވިދާޅުވިއެވެ. ދެން އެމީހަކު ގާތްވުމުން ވިދާޅުވިއެވެ. ތިބާއާ ތިބާގެ އެކުވެރިންނަށް ޤުރުއާން ހަވާލުކޮށްފައި، މެންދުރު ނަމާދުގެ ހަތަރު ރަކުޢަތާ ޢަޞުރުނަމާދުގެ ހަތަރު ރަކުޢަތާއި މަޣްރިބު ނަމާދުގެ ތިން ރަކުޢަތް އެއިން ތިބާއަށް ފެންނާނެ ހެއްޔެވެ؟ އަދި ދެރަކުޢަތުގައި ކިޔަންވީ އެއްޗެއް ތިބާއަށް އެއިން ފެންނާނެ ހެއްޔެވެ؟” [1]
2- އައްޔޫބު އައްސަޚްތިޔާނީގެ އަރިހުން ރިވާވެގެންވެއެވެ. މުޠައްރިފު ބިން ޢަބްދިﷲ ބިން ޝިއްޚީރުގެ އަރިހުގައި މީހަކު ދެންނެވިއެވެ. “ޤުރުއާނުގައިވާ އެއްޗަކުން މެނުވީ އަހަރުމެންނަށް ކިޔައި ނުދެއްވާށެވެ.” މުޠައްރިފު އޭނާއަށް ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އަހަރުމެން ޤުރުއާނުގެ ބަދަލުގައި އެހެން އެއްޗެއް ބޭނުމެއް ނުވެއެވެ. ނަމަވެސް އަހަރުމެން ބޭނުން މިވަނީ އަހަރުމެންނަށް ވުރެ ރަނގަޅަށް ޤުރުއާން ދަންނަ ފަރާތެއްގެ ބަހެވެ.” ” [2]
3- އަބޫ ޢަމްރު އަލްއައުޒާޢީގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“މީހަކަށް ސުންނަތް ކިޔައިދެވުމުން، އެ ދޫކޮށްލާށޭ ބުނެ އަދި ޤުރުއާނުގައިވާ އެއްޗެއް ކިޔައިދޭށޭ ބުނެފިނަމަ ފަހެ، ދަންނައެވެ. އެއީ މަގުފުރެދިފައިވާ މަގުފުރައްދާ މީހެކެވެ.” [3]
ބޮޑަށް ބެލެވެނީ މިއީ ބައެއް ފަރުދީގޮތުން ދިމާވެފައިވާ ކަންތައްތަކެއް ކަމަށެވެ. ދެވަނަ ޤަރުނުގެ ކުރިން ޖަމާޢީ ގޮތެއްގައި މިފަދަ ކަންކަން ފެތުރިފައި ނުވެއެވެ. އިމާމު ޝާފިޢީގެ “الأم” އޭ ކިޔުނު ފޮތުގައިވާ “جماع العلم” ގައި މެނުވީ މިފިރުޤާއާ ގުޅޭ އެކަށޭނެ މަޢުލޫމާތުތަކެއް އަޅުގަނޑުމެންނާ ހަމައަށް ފޯރާފައި ނުވެއެވެ. އެކަލޭގެފާނު އެފޮތުގައި ވިދާޅުވިއެވެ. “މުޅި ސުންނަތް އެކުއެކީ ޤަބޫލު ނުކުރާ ފިރުޤާ ނަންގަނެވުނު ބާބު”[4] މިފަދައިންނެވެ. ދެން އެއަށްފަހު އެކަލޭގެފާނު رحمه الله އެބައިމީހުންނަށް ރައްދު ދެއްވިއެވެ.
= ނުނިމޭ =
______________________
[1] تقدم تخريجه في الفصل الأول.
[2] تقدم تخريجه في الفصل الأول.
[3] تقدم تخريجه في الفصل الأول.
[4] الأم للشافعي ٧ / ۲٧۳.