- މުއުމިނުއަޅާގެ ހުވަފެން ތެދުވުން.
ފަހު ޒަމާނުގައި މުއުމިނު މީހާގެ ހުވަފެން ތެދުވުން، ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ. މީހާގެ އީމާންކަން ތެދުވާ ވަރަކުން އޭނާގެ ހުވަފެން ތެދުވާނެތެވެ. ފަހެ ދެޞަޙީޙުގައި[1] ، އަބޫހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((إِذَا اقْتَرَبَ الزَّمَانُ؛ لَمْ تَكَدْ رُؤْيَا الْمُسْلِمِ تَكْذِبُ، وَأَصْدَقُهُمْ رُؤْيَا أَصْدَقُهُمْ حَدِيثًا، وَرُؤْيَا الْمُسْلِمِ جُزْءٌ مِنْ خَمْسٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ)) މިއީ މުސްލިމްގެ ޢިބާރާތެވެ. ޙަދީޘްގެ މާނައީ: “ޒަމާން ކައިރި ވެއްޖައުމުން؛ މުސްލިމު މީހާގެ ހުވަފެން ދޮގެއް ނުވާނެއެވެ. އަދި އެބައިމީހުންކުރެ އެންމެ ތެދުހުވަފެން [ފެންނަ މީހާއީ] އެބައިމީހުންގެ ތެރެއިން އެންމެ ހެޔޮ ވާހަކަ ދައްކާ މީހާއެވެ. މުސްލިމު މީހާގެ ހުވަފެނަކީ ނަބީކަމުގެ ސާޅީސް ފަސްބައިކުޅައިން ބައެކެވެ.”
އަދި ބުޚާރީގެ ރިވާޔަތުގައި ވަނީ ((لَمْ تَكَدْ تَكْذِبُ رُؤْيَا الْمُؤْمِنِ تَكْذِبُ… وَمَا كَانَ مِنْ النُّبُوَّةِ فَإِنَّهُ لَا يَكْذِبُ)) މާނައީ: “މުއުމިނު މީހާގެ ހުވަފެން ދޮގުވުމާ ކައިރިވެސް ނުވާނެއެވެ. ހަމަކަށަވަރުން ނަބީކަމުގެ ތެރެއިން ވާކަމަކީ ދޮގުވާނެ ކަމެއް ނޫނެވެ.”
ابن أَبِي جَمْرَة ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “ފަހުޒަމާނުގައި މުއުމިނު މީހާގެ ހުވަފެން ދޮގުނުވާނެ ކަމުގެ މާނައަކީ: ގިނަފަހަރު އެކަން ތަޢުބީރު ކުރުމަށް ނުޖެހި އެކަން މެދުވެރި ވުމެވެ. ފަހެ ކުރިޔާ ޚިލާފަށް އެކަމުގައި ދޮގެއް އެކުލެވިގެން ނުވެއެވެ. އެއީ އެކަމުގެ ތަޢުބީރު ފޮރުވިފައި އޮވެދާނެތީ ތަޢުބީރު ކުރާ މީހާ ތަޢުބީރުކޮށް އޭނާ އެބުނާގޮތަށް އެކަން ނުވުމެވެ. މިގޮތުން ބަލާނަމަ އެކަމުގައި ދޮގެއް އެކުލެވިދާނެކަމުގައި ބަލައިގަނެވިދާނެއެވެ.”
ވިދާޅުވިއެވެ: “ފަހުޒަމާނަށް އެކަން ޚާއްޞަވެފައި އޮތުމުގެ ޙިކުމަތަކީ، މުއުމިނެއް ކަމުގައިވުމީ އެހިނދުގައި ބީރައްޓެހި ކަމެއް ކަމުގައި ވެފައިވުމެވެ. ޙަދީޘްގައި ވާފަދައިންނެވެ. ((بَدَأَ الْإِسْلَامُ غَرِيبًا، وَسَيَعُودُ غَرِيبًا))[2] [ޙަދީޘް] ރިވާކުރެއްވީ [އިމާމު] މުސްލިމް އެވެ. ޙަދީޘްގެ މާނައީ: އިސްލާމްދީން ފެށުނީ ބީރައްޓެހިކޮށެވެ. އެބީރައްހިކަން އަދި އެނބުރި އަންނާނެއެވެ.” މުއުމިނާގެ ހަމަޖެހުމާއި ދިރިއުޅުން އެހިނދުގައި ދަތިވާނެއެވެ. ފަހެ އޭނާގެ ހުވަފެން ތެދުކުރެއްވުމުން އޭނާއަށް މާތްކޮށް ހިތޭހުއްޓެވެ.”[3]
މުއުމިނު މީހާގެ ހުވަފެން ތެދުވާނީ ކޮން ޒަމާނެއްގައިކަން ކަނޑައެޅުމުގައި ޢިލްމުވެރިންގެ ބަސްފުޅުތައް ވަނީ ޚިލާފުވެފައިކަން ކަށަވަރެވެ:[4]
ފުރަތަމައީ: އެކަން ވާހުށީ ޤިޔާމަތް ކުޑަތަން ވުމުންނެވެ. ޢިލްމުގެ ބޮޑުބައި އުފުއްލެއްވި ޝަރީޢަތުގެ އަޘަރުތައް ވީރާނާވުމުންނެވެ. އެއީ ފިތުނަތައް ގިނަވެ، މީހުންމެރުން ގިނަވެ އަދި ރަސޫލެއް ނުވަތަ ނަބިއްޔެއްގެ ވަސްވެސް ނެތް ޒަމާނުގެ މިޘާލަށް މީސްތަކުން ދިއުމުންނެވެ. ފަހެ އިސްވެ ދިޔަ އުއްމަތްތަކަށް ނަބިއްޔުން މެދުވެރިކޮށް ހަނދާން ކޮށްދެވުން ބީދައިން، ދީނުން އުނިވެފައިވާ ކަންކަން އާކޮށް ހަނދާންކޮށްދޭނޭ ފަރާތަކަށް އެބައިމީހުންނަށްވެސް ވަނީ ބޭނުންޖެހިފައެވެ. އެހެނެއްކަމަކު އަހުރެމެންގެ ނަބިއްޔާއީ އެންމެ ފަހު ނަބިއްޔާ ކަމުގައި ވުމާއި، މިއުއްމަތުގައި ނަބީކަން ނިމިފައި އޮތަތީވެ، އެގޭ ބަދަލުގައި އެބައިމީހުންނަށް އުފާވެރި ކަމާއި އިންޒާރު އެކުލެވޭ، ނަބީކަމުގެ ބައެއް ކަމުގައިވާ ތެދުހުވަފެން ދައްކަވަނީއެވެ. އަދި އަބޫ ހުރައިރާ ރިވާކުރައްވާފައިވާ ޙަދީޘަކުން މިބަހަށް ބާރު ލިއްބައިދެއެވެ. ((يَتَقَارَبُ الزَّمَانُ، وَيُقْبَضُ الْعِلْمُ))[5] މާނައީ: “ޒަމާން ކައިރިވެ ޢިލްމު އުފުއްލެވޭނެއެވެ.”
އިބްނު ޙަޖަރު ރާޖިޙު ކުރައްވާފައިވާ ބަސްފުޅަކީ މިއީއެވެ.
ދެވަނައީ: އެކަން ވާހުށީ މުއުމިނުންގެ ޢަދަދު މަދުވުމުންނެވެ. އަދި ކާފިރުކަމާއި ޖާހިލުކަން އަދި ފާސިޤުކަން ދިރިތިބީންގެ މައްޗަށް ގަދަވެގަތުމުންނެވެ. ފަހެ މުއުމިނު މީހާއަށް ހަމަޖެހުމާއި އެހީތެރިކަން ގެނުވަނީ ތެދު ހުވަފެނުންނެވެ. އެއީ އޭނާއަށްވާ ހެޔޮފޯރުވުމަކާއި އުފާކޮށްދިނުމެކެވެ.
މިބަސްފުޅަކީ، އިސްވެދިޔަ އަބޫ ޖަމްރާގެ ބަސްފުޅާ ދާދި ކައިރި ބަސްފުޅެކެވެ. އަދި މިދެބަސްފުޅުން މުއުމިނު މީހާގެ ހުވަފެން ތެދުވުން ވަކި ޒަމާނަކަށް ކަނޑައަޅައިފައެއް ނުމެވޭމެއެވެ. އަދި ކިއްތޯއެވެ! ދުނިޔޭގެ ނިމުން ކައިރިވެ ދީނުގެ ކަންކަން ނިކަމެތިވަމުން ދާހާވަރަކަށް ތެދުވެރި މުއުމިނާގެ ހުވަފެން ސީދާވެގެން ދެއެވެ.
ތިންވަނައީ: އެއީ މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާ عليه السلام ގެ ޒަމާނަށް ޚާއްޞަ ކަމެކެވެ. އެހެނީ ފުރަތަމަ ވަޑައިގެންވި ޒަމާނަށް ފަހުގައި، މިއުއްމަތުގައި އެންމެ ހެޔޮ ޙާލަތެއްގައި ވާބަޔަކީ އަދި އެންމެ ހެޔޮބަސް ބުނާ ބަޔަކީ އެޒަމާނުގެ މީސްތަކުންނެވެ. ފަހެ އެބައިމީހުންގެ ހުވަފެން ދޮގުކުރެވިގެން ނުވެއެވެ. وَاللهُ أَعْلَم.
=ނުނިމޭ=
____________________________________
[1] ((صحيح البخاري))، كتاب التعبير، باب القيد في المنام، (12 / 404 – مع الفتح)، و ((صحيح مسلم))، كتاب الرؤيا، (15 / 20 – مع شرح النووي).
[2] ((صحيح مسلم))، كتاب اإيمان، باب بيان أن الإسلام بدأ غريبا وسيعود غريبا، (2 / 186 – مع شرح النووي).
[3] [ބައްލަވާ:] ((فتح الباري)) (12 / 406).
[4] [ބައްލަވާ:] ((فتح الباري)) (12 / 406 – 408).
[5] ((صحيح مسلم))، كتب العلم، باب رفع العلم، (16 / 222 – مع شرح النووي).